ފޭސްބުކުން ވަނީ ފަލަސްޠީނަށް ތާއީދުުރާ ޕޯސްޓުތައް ސެންސަރުކޮށްފައި: ފޭސްބުކްގެ ކުރީގެ އިސް މުވައްޒަފެއް

މީސްމީޑިޔާގެ އެންމެ މަޝްހޫރު ވަސީލަތް، ފޭސްބުކަށް އަޕްލޯޑްކުރާ ތަކެތި ސެންސަރުކުރުމާއި، އިސްރާއީލު ކޮޅަށް މާބޮޑަށް ޖެހިފައިވާ ކަމުގެ ތުހުމަތުތައް ކުރެވެމުން ދަނިކޮށް، ފޭސްބުކުން އެކަން ކުރާކަމަށް އެތަނުގައި ކުރިން މަސައްކަތްކުރި މުވައްޒަފަކު ބުނެފިއެެވެ.

އޭނާ ހާމަކުރި ގޮތުގައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގި 11 ދުވަހުގެ އުދުވާނަށް ފަހު ފޭސްބުކާއި އެކުންފުނީގެ ދަށުން ހިންގާ އިންސްޓަގްރާމުން ދިޔައީ ފަލަސްޠީނުގެ އެކްޓިވިސްޓުންނާއި، ފަލަސްޠީނަށް ތާއީދުކޮށް ލިޔާ މީހުންގެ ޕޯސްޓްތައް ސެންސަރުކުރަމުންނެެވެ.

ފޭސްބުކްގެ ކުރީގެ ހެޑް އޮފް ޕޮލިސީ ފޯ މިޑްލް އީސްޓް އެންޑް ނޯތު އެފްރިކާ އަޝްރަފް ޒައިތޫން ހާމަކުރި ގޮތުގައި 10 މޭ ގައި ޣައްޒާއާ ދެކޮޅަށް އިސްރާއީލުގެ އުދުވާން ފެށުނު ފަހުން ފަލަސްޠީނުގެ ކުންފުނިތަކުން ފޮނުވާ ސީދާ މެސެޖްތައް (ޑީއެމްތައް) އަދި އިންސްޓްރަގްރާމަށް އަޕްލޯޑްކުރާ ތެކެތި ފޭސްބުކުން ދިޔައީ ބްލޮކްކުރަމުންނެެވެ.

އޭނާ މިމޭރުމުން ވާހަކަދައްކާފައި މިވަނީ މީސްމީޑިޔާ އެކްޓިވިސްޓުން މާކުރީއްސުރެ ފޭސްބުކާ ދިމާއަށް ތުހުމަތުގެ އިނގިލި ދިއްކުރަމުން ދަނިކޮށެވެ.

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްގައި މިޝިގަަން ތަމްސީލުކުރައްވާ މެންބަރު ރަޝީދާ ޠުލައިބުވެސް ވަނީ ފަލަސްޠީނުގެ އަޑުކަނޑުވާލުމަށް މަސައްކަތްނުކުރުމަށް ފާއިތުވި މޭ މަހުގެ ފަހުކޮޅު ލިއުއްވި ސިޓީއެެއްގައި ފޭސްބުކަށް ގޮވައިލައްވާފައެެެވެ. ޠުލައިބަކީ ފަލަސްޠީނުގެ އާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެެވެ.

"އަަހަރެން (މި ސިޓީ) މިލިޔަނީ ދާދި ފަހުން އިސްރާއީލު ސަރުކާރުން ފަލަސްޠީނު މީހުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް ހޭލުންތެރިކަން އުފެއްދުމަށް ތިޔަބޭފުޅުންގެ ޕްލެޓްފޯމްތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ އެކައުންޓުތައް ފޭސްބުކް، އިންސްޓަގްްރާމް، ޓުވިޓާ އަދި ޓިކްޓޮކުން ބަންދުކުރަމުން ދާތީ އެކަމާމެދު ކަންބޮޑުވުން ފާޅުުކުރުމަށް." ފޭސްބުކާއި ޓުވިޓާއާއި ޓިކްޓޮކަށް ރަޝީދާ ޠުލައިބު ފޮނުއްވި ސިޓީގައި ވެއެވެ.

މަސްޖިދުލް އަޤްސާއާ ބެހޭގޮތުން އަޕްލޯޑްކޮށްފައި ހުރި ތަކެތި ފޭސްބުކުން ދާދިފަހުން ނެގިނެގުމަކީ ކުރެވުނު ކުށެއް ކަަމަށް ފޭސްބުކް ވަނީ އެއްބަސްވެފައެެވެ. އަދި ދެން އެފަދަ ކަމެއް ނުވާނެ ގޮތަށް މަސައްކަތްކުރާނެ ކަމަށް ވެސް ބުނެފައި ވެއެެވެ.

އަޝްރަފް ޒައިތޫން ހާމަކުރި ގޮތުގައި އިސްރާއީލާއި ދެކެޅު ލިޔުންތައް ނެގުމަކީ ފޭސްބުކުން އަލަށް ކުރި ކަމެއް ނޫނެވެ. މީގެ ކުރިންވެސް އެމީހުންގެ ސިޔާސަތާ ޚިލާފުކަަމަށް އެމީހުން ގަބޫލުކުރާ ލިޔުންތައް ނަގާފައި އެބަހުއްޓެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.