ލައިލަތުލްޤަދްރި ވިލޭރޭ އިޙްޔާކުރުމުގެގޮތުން ކުރާނީ، ކޮންކޮން ކަންކަމެއް؟

ލައިލަތުލްޤަދްރި ވިލޭރޭ އިޙްޔާކުރުމުގެ ގޮތުންކުރާނީ، ކޮން ކަމެއްތޯ މިއީ ވަރަށްގިނަ ބަޔަކު ސުވާލުކުރާ ކަމެކެވެ. މި މަތިވެރި ރޭ އިޙްޔާކޮށް ދިރުވުމުގެގޮތުން ކުރާނެ ކަންކަމާމެދު ޢިލްމުވެރިންވަނީ ތަފުސީލުކޮށް ވާހަކަދައްކަވާފައެވެ. މިގޮތުން އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.

ދަމުނަމާދު ކުރުން: ލައިލަތުލްޤަދްރި ވިލޭރޭ އިޙްޔާކުރުމުގެގޮތުން ކުރެވޭނެ އެންމެ މަތިވެރި އަޅުކަމަކީ، ދަމުނަމާދު ކުރުމެވެ. ލައިލަތުލްޤަދްރި ވިލޭރޭ ޤިޔާމުކުރުމަކީ، އެ މީހެއްގެ ވޭތުވެދިޔަ ކުދިފާފަތައް ފުއްސެވޭނެ ކަމެއްކަމުގައި ރަސޫލު اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ.

އެ ކަލޭގެފާނަށް اللَّهُ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ އަރިހުން އަލްއިމާމުލް ބުޚާރީއާއި، އަލްއިމާމު މުސްލިމު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. عَنْ أَبِي هُرَيْرَةَ رَضِىَ اللهُ عَنْهُ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: {مَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّم مِنْ ذَنْبِهِ.} (رَوَاهُ البُخَارِيُّ، وَ مُسْلِمُ) (1)  މާނައީ: [އެ ކަލޭގެފާނަށް اللَّهُ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ރަސޫލު اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  ޙަދީޘްކުރެއްވިއެވެ. {ފުރިހަމަ އީމާންކަމާއެކު (اللَّهُ ގެ ޙަޟުރަތުން ދަރުމައާއި ސަވާބަށްއެދި) ލައިލަތުލްޤަދްރި ވިލޭރޭ (އިޙްޔާކޮށް) ޤިޔާމުކޮށްފިމީހާ (ދަންނާށެވެ!) އޭނާގެ އިސްވެދިޔަ (ކުދި) ފާފަތައް ފުއްސެވޭ ހުށްޓެވެ.}

ޤުރްއާންކިޔެވުން: ދަމުނަމާދުގައި ކިޔަވާ ކިޔެވުމުގެ އިތުރަށްވެސް ގިނަގިނައިން ކީރިތި ޤުރްއާން ކިޔެވުން މުސްތަޙައްބުވެގެންވެއެވެ. އެހެނީ، ކީރިތި ޤުރްއާނުގެ އެންމެ އަކުރެއް ކިޔުމުންވެސް، ދިހަ ހެޔޮކަން ލިބޭނެކަމަށް ރަސޫލު اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ.

އެ ކަލޭގެފާނަށް اللَّهُ ރުއްސުންލެއްވި ޢަބްދު اللَّهِ ބުނު މަސްޢޫދުގެ އަރިހުން ޞައްޙަ ސަނަދަކުން އަލްއިމާމުއް ތިރްމިޛީއާއި، އެހެން ބައެއް ބޭކަލުން ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. عَنْ عَبْدِ اللهِ بْنِ مَسْعُودٍ رَضِىَ اللهُ عَنْهُ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:  {مَن قَرَأَ حَرْفًا مِن كِتَابِ اللهِ، فَلَهُ بِهِ حَسَنَةٌ، وَالْحَسَنَةُ بِعَشْرِ أَمْثَالِهَا، لَا أَقُولُ الم حَرْفٌ، وَلَكِن أَلِفٌ حَرْفٌ، وَلَامٌ حَرْفٌ، وَمِيمٌ حَرْفٌ.} (رَوَاهُ التِّرْمِذِيُّ) (2) މާނައީ: [އެ ކަލޭގެފާނަށް اللَّهُ ރުއްސުންލެއްވި ޢަބްދު اللَّهِ ބުނު މަސްޢޫދުގެ އަރިހުން ރިވާވެގެންވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލު اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. {اللَّهُ ގެފޮތުން (އެބަހީ: ކީރިތި ޤުރްއާނުން) އެންމެ އަކުރެއް ކިޔަވައިފި މީހަކަށް، އޭގެ ސަބަބުން ހެޔޮކަމެއް ލިބެވޭހުށްޓެވެ. ކޮންމެ ހެޔޮކަމެއްވަނީ، އެއާ އެއްފަދަ ދިހަގުނައަށް އިތުރުކުރެއްވިގެންނެވެ. الم އަކީ އެއް އަކުރު ކަމަކަށް ތިމަންކަލޭގެފާނު ވިދާޅެއްނުވާނަމެވެ. ނަމަވެސް އަލިފަކީ އަކުރެކެވެ. ލާމަކީ އަކުރެކެވެ. މީމަކީ އަކުރެކެވެ.}

 ތަސްބީޙަ، ތަޙްމީދު، ތަހްލީލު، ތަކްބީރު، ކިޔުން ގިނަކުރުން

ތަސްބީޙަ ކިޔުމަކީ (سُبْحَانَ اللَّهِ)  މިފަދައިން ކިޔުމެވެ. ތަޙްމީދަކީ (الْحَمْدُ لِلَّهِ) މިފަދައިން ކިޔުމެވެ. ތަހްލީލަކީ (لَا إِلَهَ إِلَّا اللَّهُ) މިހެން ކިޔުމެވެ. ތަކްބީރުކިޔުމަކީ (اللَّهُ أَكْبَرُ)  މިފަދައިން ކިޔުމެވެ.

މި ކަލިމަތަކަކީ، ކޮންމެ ވަގުތެއްގައިވެސް އެ ކަލިމަތައް ގިނަގިނައިން ކިޔުން އެދެވިގެންވާ، އެ ކަލިމަތަކުގެ މަންފާ ގިނަގުނަވެގެންވާ ކަލިމަތަކެކެވެ. އެހެންކަމާއެކު، ލައިލަތުލްޤަދްރި ވިލޭރޭފަދަ މަތިވެރި ރެއެއްގައި، މި ކަލިމަތައް ގިނަގިނައިން ކިޔުމަށް ފަރުވާބެހެއްޓުންވެއެވެ.

އެ ކަލޭގެފާނަށް اللَّهُ ރުއްސުންލެއްވި އަނަސުގެފާނުގެ އަރިހުން ރަނގަޅު ސަނަދަކުން އަލްއިމާމު އަޙްމަދާއި، އެހެން ބައެއް ބޭކަލުން ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. عَنْ أَنَسٍ رَضِىَ اللهُ عَنْهُ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَخَذَ غُصْنًا فَنَفَضَهُ، فَلَمْ يَنْتَفِضْ، ثُمَّ نَفَضَهُ فَلَمْ يَنْتَفِضْ، ثُمَّ نَفَضَهُ فَانْتَفَضَ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: {إِنَّ [سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ] تَنْفُضُ الْخَطَايَا كَمَا تَنْفُضُ الشَّجَرَةُ وَرَقَهَا.} (3) މާނައީ: [އެ ކަލޭގެފާނަށް اللَّهُ ރުއްސުންލެއްވި އަނަސުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، އެއް ފަހަރަކު ރަސޫލު اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  ގަހެއްގެ އޮފިގަނޑުގައި ހިއްޕަވައި ހަލުވައިލެއްވިއެވެ. ފަހެ، އެއިން އެއްވެސް ފަތެއް ނުވެއްޓުނެވެ. އެއަށްފަހު އަނެއްކާވެސް ހަލުވައިލެއްވިއެވެ. ފަހެ، އެއިން އެއްވެސް ފަތެއް ނުވެއްޓުނެވެ. އެއަށްފަހު އަނެއްކާވެސް ހަލުވައިލެއްވިއެވެ. ފަހެ، ފަތްތައް ފައިބައިގަތެވެ. ފަހެ، (އެހިނދު) ރަސޫލު اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  ޙަދީޘްކުރެއްވިއެވެ. {ހަމަކަށަވަރުން، [سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ] މި ކަލިމަތައް ކިޔުމަކީ، ގަހެއްގެ ފަތްތައް ފައިބައިގެން ދާފަދައިން މީހާއަށް ކުރެވިފައިވާ (ކުދި) ފާފަތައް ފުހެވިގެންދާނެ ކަމެކެވެ.}

މީގެއިތުރަށް ކިޔައިލުމަށް ދޫމައްޗަށް ފަސޭހަ، މީޒާނުގައި ބުރަދަންބޮޑު، ރަޙުމާނުވަންތަ اللَّهُ ގެ ޙަޟުރަތުގައި ލޮބުވެތިކަންބޮޑު ކަލިމަތަކެއްކަމުގައި އަންގަވާފައިވާ އަންނަނިވި ކަލިމަތައް ގިނަގިނައިން ކިޔުން އެދެވިގެންވެއެވެ.

އެ ކަލޭގެފާނަށް اللَّهُ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ އަރިހުން އަލްއިމާމުލް ބުޚާރީއާއި، އަލްއިމާމު މުސްލިމު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. عَنْ أَبِي هُرَيْرَةَ  رَضِىَ اللهُ عَنْهُ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:  {كَلِمَتَانِ خَفِيفَتَانِ عَلَى اللِّسَانِ، ثَقِيْلَتَانِ فِي الْمِيزَانِ، حَبِيْبَتَانِ إِلَى الرَّحْمَنِ: [سُبْحَانَ اللَّهِ، وَبِحَمْدِهِ، سُبْحَانَ اللَّهِ الْعَظِيمِ.]} (رَوَاهُ البُخَارِيُّ، و مُسْلِمُ) (4) މާނައީ: [އެ ކަލޭގެފާނަށް اللَّهُ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލު اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  ޙަދީޘްކުރެއްވިއެވެ. {ދޫމައްޗަށް ފަސޭހަ، މީޒާނުގައި ބަރުދަންބޮޑު، ރަޙުމާނުވަންތަ ރަސްކަލާނގެ ޙަޟުރަތުގައި ލޮބުވެތިކަންބޮޑު ދެ ކަލިމައެއްވެއެވެ. (އެއީ) [سُبْحَانَ اللَّهِ وَبِحَمْدِهِ، سُبْحَانَ اللَّهِ الْعَظِيمِ.] [އެންމެހައި ޙަމްދުތަޢުރީފު ލިބިވޮޑިގެންވާ اللَّهُގެ ހުސްޠާހިރުވަންތަކަމާއެވެ. اللَّهُގެ ހުސްޠާހިރުވަންތަކަމާއި މަތިވެރިވަންތަކަމުގެ ބޮޑުކަމާއެވެ.މި ދެ ކަލިމައެވެ.}

މުއުމިނުތަކުންނަށް ފާފަފުއްސެވުން އެދި ދުޢާކުރުން

ނަންގަނެވުނު ޛިކުރުތައް ކުރުމުގެއިތުރަށް، ތިމާއާއި ތިމާގެ ގާތްތިމާގެ މީހުންނާއި، އެންމެހައި މުސްލިމުތަކުންގެ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން އެދިގެން، ދުޢާކުރުންފަދަ ކަންކަން ކުރުމަކީ، ލައިލަތުލްޤަދްރި ވިލޭރޭ އިޙްޔާކުރުމުގެގޮތުން ކުރެވިދާނެ ކަންކަމެވެ.

اللَّهُ ވަޙީކުރައްވާފައިވެއެވެ. {وَالَّذِينَ جَاءُوا مِنْ بَعْدِهِمْ يَقُولُونَ رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَحِيمٌ} (5) މާނައީ: {އަދި އެއުރެންގެ ފަހުން އައި މީހުން ބުނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށާއި، އަދި އަޅަމެންނަށްވުރެ ކުރިން އީމާންވި، އަޅަމެންގެ އަޚުންނަށް ފާފަފުއްސަވާނދޭވެ! އަދި އީމާންވި މީހުންނަށް އަޅަމެންގެ ހިތްތަކުގައި ޙަސަދަ ވެރިކަމެއް ނުލައްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ނުހަނު އޯގާވަންތަ، ރަޙީމުވަންތަ ރަސްކަލާނގެއެވެ.}

އެ ކަލޭގެފާނަށް اللَّهُ ރުއްސުންލެއްވި ޢުބާދަތު ބުނުއްޞާމިތުގެ އަރިހުން ރަނގަޅު ސަނަދަކުން އަލްއިމާމުއް ޠަބަރާނީ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. عَنْ عُبَادَةَ بْنِ الصَّامِتِ رَضِىَ اللهُ عَنْهُ، قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: {مَنِ اسْتَغْفَرَ لِلْمُؤْمِنِينَ وَالْمُؤْمِنَاتِ، كَتَبَ اللهُ لَهُ بِكُلِّ مُؤْمِنٍ وَمُؤْمِنَةٍ حَسَنَةٌ.} (رَوَاهُ الطَّبَرَانِيُّ) (6)  މާނައީ: [އެ ކަލޭގެފާނަށް اللَّهُ ރުއްސުންލެއްވި ޢުބާދަތު ބުނުއްޞާމިތުގެ އަރިހުން ރިވާވެގެންވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލު اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވީތީ ތިމަންނާ އަޑުއެއްސެވީމެވެ. ޙަދީޘްކުރެއްވިއެވެ. {މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެންތަކުންނަށް ފާފަފުއްސެވުންއެދި ދުޢާކޮށްފި މީހާ ދަންނާށެވެ! ކޮންމެ މުއުމިނު ފިރިހެނަކާއި، ކޮންމެ މުއުމިނު އަންހެނެއްގެ ފަރާތުން اللَّهُ ތަޢާލާ އެ މީހަކަށް ހެޔޮކަމެއް ލިޔުއްވާނެތެވެ.}

އަލްއިމާމުއް ޠަބަރާނީގެ [މުސްނަދުއް ޝާމިއްޔީން] ތަޙްޤީޤުކުރެއްވި އައްޝައިޚު ޙަމްދީ ޢަބްދުލްމަޖީދު ވިދާޅުވެފައި ވަނީ، މިއީ ޟަޢީފު ރިވާޔަތެއްކަމަށެވެ. އެހެންނަމަވެސް، އޭނާގެ އުސްތާޛު، އައްޝައިޚު އަލްއަލްބާނީ ވިދާޅުވާ ގޮތުގައި މިއީ، ރަނގަޅު ސަނަދަކުން ރިވާވެގެންވާ ރިވާޔަތެކެވެ. ބައްލަވާ!  (7)

އަނެކުންނަށް ހެޔޮދުޢާ ކުރުމުގައިވާ މަންފާގެ މަތިވެރިކަން

އެ ކަލޭގެފާނަށް اللَّهُ ރުއްސުންލެއްވި އަބުއްދަރުދާއުގެފާނުގެ އަރިހުން އަލްއިމާމު މުސްލިމު ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ. عَنْ أَبِى الدَّرْدَاء رَضِىَ اللهُ عَنْهُ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَقُولُ: {دَعْوَةُ الْمَرْءِ الْمُسْلِمِ لأَخِيهِ بِظَهْرِ الغَيْبِ مُسْتَجَابَةٌ، عِنْدَ رَأْسِهِ مَلَكٌ مُوَكَّلٌ، كُلَّمَا دَعَا لأَخِيهِ بِخَيْرٍ، قَالَ الْمَلَكُ الْمُوَكَّلُ بِهِ: [آمِيْنَ ، وَلَكَ بِمِثْلٍ.]} (رَوَاهُ مُسْلِمٌ) (8) މާނައީ: [އެ ކަލޭގެފާނަށް اللَّهُ ރުއްސުންލެއްވި އަބުއްދަރުދާއުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ރަސޫލު اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  ގިނަގިނައިން ޙަދީޘްކުރައްވައެވެ. {މުސްލިމަކު އޭނާގެ އަޚާއަށްޓަކައި، އޭނާއަށް ނޭނގޭގޮތުގައި ކުރާ ދުޢާއަކީ، އިޖާބަކުރެއްވެނިވި ދުޢާއެއް ކަމުގައިވެއެވެ. އޭނާގެ ބޮލާއި ދިމާގައި ޙަވާލުކުރެއްވިގެންވާ މަލާއިކަތަކު ވާހުށްޓެވެ. (އެބަހީ: އޭނާ އެ ކުރާ ދުޢާއަށް އާމީންވިދާޅުވެ، އެ ކަމުގައި ބައިވެރިވެވަޑައިގަތުމަށް ޙަވާލުކުރެއްވިގެންވާ މަލާއިކަތަކު އޭނާގެ ބޮލާއިދިމާ މަތީގައި ހުންނަވާހުށްޓެވެ.) އޭނާ، އޭނާގެ އަޚާއަށްޓަކައި (އޭނާއަށް ނޭނގޭގޮތުގައި) ދުޢާކުރާ ކޮންމެ ފަހަރަކު، ޙަވާލުކުރެއްވިގެންވާ މަލާއިކަތާ އާމީން ވިޅުވާނެތެވެ. އަދި (ވިދާޅުވާހުށްޓެވެ.) ތިބާއަށް ވެސް ތިޔަ ދުޢާކުރިފަދައިން ހުށްޓެވެ.}

ލައިލަތުލްޤަދްރިވިލޭރެއަށް ޚާއްޞަ ދުޢާ ގިނަގިނައިން ކިޔުން

ޙައިޟުވެރިޔާއާއި ނިފާސްވެރިޔާއަށް ނަމާދުކުރުމާއި، ޠަވާފުކުރުމާއި، ރޯދަހިފުމާއި، މިސްކިތުގައި އިޢުތިކާފުކުރުމާއި، ޤުރްއާން ކިޔެވުމާއި، އެ ފޮތުގައި ބީހުން ފިޔަވައި، އެހެން ކޮންމެ އަޅުކަމެއް ކުރުން ހުއްދައެވެ. ވީމާ އެފަދަ ޢުޛުރުވެރިންވެސް، ލައިލަތުލްޤަދްރި ވިލޭރޭގެ ބަރަކާތްތެރިކަން ލިބިގަތުންއެދި، އެރެއަށް ޚާއްޞަވެ ބަޔާންވެގެންވާ ދުޢާއާއި، ނަންގަނެވިދިޔަ ޛިކުރުތައް ގިނަގިނައިން ކިޔުން އެދެވިގެންވެއެވެ.

އެ ކަމަނާއަށް اللهُ ރުއްސުންލެއްވި އުއްމުލްމުއުމިނީނަ ޢާއިޝަތުގެފާނުގެ އަރިހުން ޞައްޙަ ސަނަދަކުން އަލްއިމާމުއް ތިރްމިޛީއާއި، އެހެން ބައެއް ބޭކަލުން ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. عَنْ عَائِشَةَ رَضِىَ اللهُ عَنْهَا، قَالَتْ: قُلْتُ، يَا رَسُولَ اللهِ، أَرَأَيتَ إِن عَلِمْتُ أَيَّ لَيلَةٍ لَيلَةَ الْقَدْرِ مَا أَقُولُ فِيهَا؟ قاَلَ: {قُولِي: [اللَّهُمَّ إِنَّكَ عَفُوٌ كَرِيْمٌ تُحِبُّ الْعَفْوَ فَاعْفُ عَنِّي]} (9)  މާނައީ: [އެ ކަމަނާއަށް اللهُ ރުއްސުންލެއްވި އުއްމުލްމުއުމިނީނަ ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އެ ކަމަނާ ވިދާޅުވިއެވެ. (ރަސޫލު اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަށް) ތިމަންކަމަނާ ދެންނެވީމެވެ. އޭ اللهُ ގެ ރަސޫލާއެވެ. ލައިލަތުލްޤަދްރި ވިލޭރެއަކީ ކޮން ރެއެއްކަން ތިމަންކަމަނާއަށް އެނގިވަޑައިގެންނަމަ (އެބަހީ: ލައިލަތުލްޤަދްރި ވިލޭރެއާ ބައްދަލުވެއްޖެނަމަ) ތިމަންކަމަނާ ވިދާޅުވާނީ ކީކޭތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ކަމަނާ މިފަދައިން ވިދާޅުވާށެވެ. [اللَّهُمَّ إِنَّكَ عَفُوٌ كَرِيْمٌ تُحِبُّ الْعَفْوَ فَاعْفُ عَنِّي] އެބަހީ: {ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގިނައިން ޢަފޫކުރައްވައި ފާފަފުއްސަވާ ދީލަތިވަންތަ އަދި ޢަފޫކުރެއްވުމަށް ލޯބިކުރައްވާ ރަސްކަލާނގެއީމުއެވެ. ފަހެ، އިބަރަސްކަލާނގެ މިއަޅާގެ ފާފަ ފުއްސަވާނދޭވެ!}

ހަނދާންބެހެއްޓެވުންހުށްޓެވެ. ލައިލަތުލްޤަދްރި ވިލޭރެއަކީ، ކަނޑައެޅިގެން ވަކި ރެއެއްކަން އެނގޭކަށް ނެތެވެ. އެންމެ ބޮޑަށްވެސް އެނގެން އޮންނަނީ، އެއީ ރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުގެތެރެއިން ރެއެއް ކަމުގައެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި އެއީ، ރަމަޟާންމަހުގެ ރޭތަކުގައި އެކިފަހަރު އެކި ރޭ ކަމުގައި ވެދާނެ ރެއެކެވެ.

ބައެއް މީހުން ހަމައެކަނި އޮނަހިރި ރޭތައްކަމަށްވާ 21، 23، 25، 27، 29 މި ރޭތައް އަދި މީގެތެރެއިންވެސް 27 ވިލޭރޭ ފާހަގަކޮށް، އެހެން ރޭތައް އިހުމާލުކުރެއެވެ. އެއީ، މިފަދަ މަތިވެރި އަޅުކަމެއްގައި، މިހާ ދަރުމަހުރި ކަމެއް ލިބިގަތުމަށް މަސައްކަތްކުރުމުގައި ކަންކުރުން އެކަށީގެންވާ ގޮތެއް ނޫނެވެ. އަލްއިމާމުލް ބުޚާރީއާއި، އަލްއިމާމު މުސްލިމު ރިވާކުރައްވާފައިވާގޮތުގައި ރަމަޟާންމަހުގެ ފަހުދިހަޔަށް އަޅައިގަތުމުން، ރަސޫލު اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އިޢުތިކާފު ކުރައްވައި، ގަދައަޅުއްވައި އަޅުކަމާއިގެން މަސައްކަތްޕުޅުކުރައްވައި އުޅުއްވިއެވެ.

އެ ކަމަނާއަށް اللهُ ރުއްސުންލެއްވި އުއްމުލްމުއުމިނީނަ ޢާއިޝަތުގެފާނުގެ އަރިހުން އަލްއިމާމުލް ބުޚާރީއާއި، އަލްއިމާމު މުސްލިމު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. عَنْ عَائِشَةَ رَضِيَ اللهُ عَنْهَا، قَالَتْ: “كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، “إِذَا دَخَلَ الْعَشْرُ، أَحْيَا اللَّيْلَ، وَأَيْقَظَ أَهْلَهُ، وَجَدَّ وَشَدَّ الْمِئْزَرَ.” (رَوَاهُ البُخَارِيُّ، و مُسْلِمُ وَ اللَّفْطُ لَهُ) (10)  މާނައީ: [އެ ކަމަނާއަށް اللهُ ރުއްސުންލެއްވި އުއްމުލްމުއުމިނީނަ ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އެ ކަމަނާ ވިދާޅުވިއެވެ. ރަމަޟާންމަހުގެ ފަހުދިހަޔަށް އަޅައިގަތުމުން، ރަސޫލު اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެ ރޭތައް އިޙްޔާކުރައްވައި ދިރުއްވައެވެ. އެކަލޭހެފާނުގެ އަހުލުންނަށް ވިދާޅުވެ ތަންމަތިން ނަންގަވައެވެ. އަދި އެކަލޭގެފާނުގެ އުނަގަނޑުފުޅުގެ ވާފަށް ބާރުކުރަށްވައެވެ. (އެބަހީ: އަނބިއަނބިކަނބަލުންނާ އެކަހަރިވެވަޑައިގެން، ޢާއްމުކޮށް އެކަލޭގެފާނުގެ އަޅުކަމުގެ ކަންކަމާއިގެން މަޝްޣޫލުވެވަޑައިގެން އުޅުއްވާ މިންވަރަށްވުރެ މާބޮޑަށް އެ ރޭތަކުގައި އަޅުކަމާއިގެން މަޝްޣޫލުވެވަޑައިގެން އުޅުއްވައެވެ.) މިތާނގައި މިވަނީ މުސްލިމުގެ ރިވާޔަތުގައިވާ ޢިބާރާތެވެ.

ޔާ اللهُ، އަޅަމެންނަށް ކުރިމަތިވެފައިމިވާ މި ނުރައްކާތެރި ކޮރޯނާ ވަބާއާއި، އެ ކަމާ ގުޅިގެން މެދުވެރިވަމުންދާ އެންމެހައި ގެއްލުންތަކުން މުސްލިމުންނާއި، އެންމެހައި މީސްތަކުން ސަލާމަތް ކުރައްވައި ރައްކާތެރި ކުރައްވާނދޭވެ! ދެބަސްވުންތަކާއި ފިތުނަވެރިކަމުގެ ގެއްލުންތަކުން މުސްލިމުން ސަލާމަތްކުރައްވާނދޭވެ! އިބަރަސްކަލާނގެ ރުހިވޮޑިގެންވާ މާތްވެގެންވާ އިސްލާމްދީނަށް ގަދަކަންދެއްވައި، ދީނުގެ ޢަދުއްވުންގެ މަކަރުވެރި ރޭވުންތަކުން އިސްލާމްދީނާއި މުސްލިމުން ސަލާމަތްކުރައްވައި، އިސްލާމްދީން ނަޞްރުވެރި ކުރައްވައި މަތިވެރިކުރައްވާނދޭވެ! އިސްލާމީ ޤައުމުތަކުގެ ވެރިންނަށް އިބަރަސްކަލާނގެ ރުހިވޮޑިގެންވާމަގަށް ތައުފީޤުދެއްވައި އެއުރެންގެ ޢަމަލުތައް އިޞްލާޙުކުރައްވާނދޭވެ! އާމީން!!

_________________________

ޙަވާލާތައް

(1) البخاري، الجامع المسند الصحيح للبخاري. مرجع سابق. كِتَابُ الإِيمَانِ، بَابٌ: تَطَوُّعُ قِيَامِ رَمَضَانَ مِنَ الإِيمَانِ. برقم: (37). ج 1. ص 16. ، وَ  مسلم بن الحجاج.  المسند الصحيح المختصر. مرجع سابق. كِتَابُ صَلَاةِ الْمُسَافِرِينَ وَقَصْرِهَا، بَابُ التَّرْغِيبِ فِي قِيَامِ رَمَضَانَ، وَهُوَ التَّرَاوِيحُ. برقم: 173 – (759). ج 1. ص 523.

(2) الترمذي، الجامع الصحيح سنن الترمذي. مرجع سابق. برقم: (2910). ج 5. ص 175.

(3) مسند أحمد بن حنبل. مرجع سابق. برقم: (12534). ج 20. ص 13.

(4)  البخاري، الجامع المسند الصحيح للبخاري. مرجع سابق. كِتَابُ الدَّعَوَاتِ، بَابُ فَضْلِ التَّسْبِيحِ. برقم: (6406). ج 8. ص 86. ، وَ مسلم بن الحجاج.  المسند الصحيح المختصر. مرجع سابق. كتاب الذِّكْرِ وَالدُّعَاءِ وَالتَّوْبَةِ وَالِاسْتِغْفَارِ، بَابُ فَضْلِ التَّهْلِيلِ وَالتَّسْبِيحِ وَالدُّعَاءِ. برقم: 31 – (2694). ج 4. ص 2072.

(5) (سورة الحشر: 10)

(6) الطبراني، سليمان بن أحمد بن أيوب اللخمي، (1409ه1989م). مسند الشاميين (ط 1). حمدى عبد المجيد السلفِى (تحقيق). بيروت: مؤسسة الرسالة. برقم: (2155). ج 3. ص 234.

(7) الألباني، محمد بن الحاج نوح بن نجاتي ناصر الدين، (1408ه1988م). صحيح الجامع الصغير و زياداته (ط 3). بيروت: المكتب الإسلامي. برقم: (6026). ج 2. ص 1042.  

(8) مسلم بن الحجاج، المسند الصحيح المختصر. مرجع سابق. كتاب الذِّكْرِ وَالدُّعَاءِ وَالتَّوْبَةِ وَالِاسْتِغْفَارِ،  بَابُ فَضْلِ الدُّعَاءِ لِلْمُسْلِمِينَ بِظَهْرِ الْغَيْبِ.  برقم: 88 – (2733). ج 4. ص 2094.

(9) الترمذي، الجامع الصحيح سنن الترمذي. مرجع سابق. برقم: (3513). ج 5. ص 534.

(10)  البخاري، الجامع المسند الصحيح للبخاري. مرجع سابق. كِتَابُ فَضْلِ لَيْلَةِ القَدْرِ، بَابُ العَمَلِ فِي العَشْرِ الأَوَاخِرِ مِنْ رَمَضَانَ. برقم: (2024). ج 3. ص 47. ، وَ مسلم بن الحجاج.  المسند الصحيح المختصر. مرجع سابق. كِتَابُ الِاعْتِكَافِ، بَابُ الِاجْتِهَادِ فِي الْعَشْرِ الْأَوَاخِرِ مِنْ شَهْرِ رَمَضَانَ. برقم: 7 – (1174). ج 2. ص 832.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.