ނަހީކުރައްވާފައިވާ ބޮޑެތި ފާފަތަކުން ދުރުވެތިބޭނަމަ، ކުރެވޭ ކުދިކުދި ފާފަތައް ފުއްސަވާހުއްޓެވެ.

 އިންސާނުންނަކީ އެނގިގެންނާއި ނޭނގި ކުށްފާފަތަކަށް އަބަދާއި އަބަދު އަރައިގަންނަ ބަޔެކެވެ. ބޮޑެތިފާފަތަކާއި ކުދި ފާފަތަކެވެ. ބޮޑެތި ފާފަތަކަކީ ކޮބައިކަން އަންގައިދެއްވުމާއެކު، ބޮޑެތި ފާފަތަކުން އެއްކިބާވެ ތިބޭނަމަ، ކުރެވޭ ކުދި ފާފަތައް ފުއްސަވާނެކަމަށް އަންގަވާފައިވެއެވެ.

އެންމެ ބޮޑެތި ފާފަތަކަކީ ކޮބައިކަން ބަޔާންކުރައްވައި ރަސޫލު اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ. {اجْتَنِبُوا السَّبْعَ الْمُوبِقَاتِ، قَالُوا: يَا رَسُولَ اللَّهِ وَمَا هُنَّ؟ قَالَ: {الشِّرْكُ بِاللَّهِ، وَالسِّحْرُ، وَقَتْلُ النَّفْسِ الَّتِي حَرَّمَ اللَّهُ إِلاَّ بِالْحَقِّ، وَأَكْلُ الرِّبَا، وَأَكْلُ مَالِ اليَتِيمِ، وَالتَّوَلِّي يَوْمَ الزَّحْفِ، وَقَذْفُ الْمُحْصَنَاتٍ الْمُؤْمِنَاتِ الغَافِلاَتِ.} (مُتَّفَقٌ عَلَيهِ) މާނައީ: {ހަލާކުކުރަނިވި (ބޮޑެތި) ހަތް ފާފައިން ތިޔަބައިމީހުން ރައްކައުތެރި ވާށެވެ!} އަޞްޙާބުން ދެންނެވޫއެވެ! އޭ اللَّهُގެ ރަސޫލާއެވެ. އެއީ ކޮން ކަންތައްތަކެއް ތޯއެވެ؟ ޙަދީޘްކުރެއްވި އެވެ. {(އެއީ) اللَّهُއަށް ޝަރީކުކުރުމާއި، ސިޙުރުހެދުމާއި، ޙުރުމަތްތެރިކުރައްވައިފައިވާ ނަފުސެއް ޙައްޤަކާނުލައި މެރުމާއި، ރިބާކެއުމާއި، ޔަތީމުންގެ މުދައުކެއުމާއި، މުސްލިމުން اللَّهُގެ މަގުގައި ޖިހާދުކުރުމަށް މުޝްރިކުންގެ ލަޝްކަރަކާ ބައްދަލުވާހިނދު، މަރަށް ބިރުން މައިދާންދޫކޮށް ފިލަން ދިޔުމާއި، ޢިއްފަތްތެރި، ޣަފުލަތްތެރި (އެބަހީ: ފާފައެއްކުރުމުގެ ޚިޔާލު ވެސް ނެތް) މުއުމިނު އަންހެނުންނަ (ށާއި ފިރިހެނުންނަ) ށް ޤަޛުފުކުރުމެވެ.} (އެބަހީ: ޒިނޭކުރިކަމަށް ތުހުމަތުކޮށް އެފަދަ ބަހެއް ބުނުމެވެ.)

اللَّهُވަޙީކުރައްވާފައިވެއެވެ. {إِنْ تَجْتَنِبُوا كَبَائِرَ مَا تُنْهَوْنَ عَنْهُ نُكَفِّرْ عَنْكُمْ سَيِّئَاتِكُمْ وَنُدْخِلْكُمْ مُدْخَلًا كَرِيمًا} (النساء: 31) މާނައީ: {ތިޔަބައިމީހުންނަށް އެކަންކަން ނަހީކުރައްވާފައިވާ ބޮޑެތި ފާފަތަކުން ތިޔަބައިމީހުން ދުރުހެލިވެ ތިބޭނަމަ، ތިޔަބައިމީހުންގެ ކުދިކުދި ފާފަތައް ތިޔަބައި މީހުންގެ ކިބައިން، ތިމަންރަސްކަލާނގެ ފުއްސަވާހުށީމެވެ. އަދި، މާތްވެގެންވާ ތަނަކަށް، (އެބަހީ: ސުވަރުގެޔަށް) ތިމަންރަސްކަލާނގެ، ތިޔަބައިމީހުން ވައްދަވާހުށީމެވެ.}

އަޅަމެންނީ اللَّهُއަށް ބިރުވެތިވެ، ބޮޑެތި ފާފަތަކާއި ކުދި ފާފަތަކުން އެއްކިބާވެގެންވާ ބަޔަކުކަމުގައި ލައްވާށިއެވެ. އާމީން!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.