ދުނިޔެއާމެދު ހެއްލުންތެރި ނުވުން

"މި ދުނިޔޭގެ ދިރިއުޅުމަކީ ގަދަ ހަނގުރާމައެއްފަދަ ކަމެކެވެ. އެއް ދުވަހު ތިބާއަށް ހިނިތުންވުމާއި އުފާވެރިކަން، ބާއްޖަވެރިކަމާއި ކާމިޔާބުގެ ހުރިހާ ރަހަތަކެއް ލިބިދެއެވެ. ހަމައެފަދައިން ދުނިޔޭގެ އަނެއް ދުވަހަކީ މާޔޫސްކަމާއި ހިތާމަތައް، އަބާއްޖަވެރިކަމާއި ނާކާމިޔާބުގެ މަންޒިލެއްކަމުގައި ވެގެންދެއެވެ.

އެއްދުވަހު ތިބާއާ އެއްކޮޅަށް ކަންކަން ނިމެމުން ފަހިވަމުން ހިނގައިދެއެވެ. އަނެއްދުވަހަކީ ތިބާއާ ދެކޮޅަށް ހުރިހާކަމެއް ބަދަލުވެގެންދާ ދުވަހެއް ކަމަށް ވުމަކީ ވެސް ދުރުގައިވާ ކަމެއް ނޫނެވެ.

ދުނިޔޭގެ ދުވަސްތަކުގެ ކުރިމަތީގައި އުއްމަތްތައް އުފުލި މަތިވެރިވެގެންދެއެވެ. ހަމައެފަދައިން ކާމިޔާބުގެ އެންމެ އުސް ކުރިބޯށިތަކާ ހަމައަށް ވާސިލުވުމަށްފަހު، ނިކަމެތިވެ ހަލާކުވެ، ފަނާވެގެންދެއެވެ. އިންސާނީ ތާރީޚުގައި އުއްމަތްތަކާއި ބޮޑެތި ބޮޑެތި ބާރުހުރި ރަސްރަސްކަލުންގެ ވެރިކަން ނެތި ފަނާވެގެން ދިޔަގޮތުގެ މިސާލުތައް ފެންނާން އެބަހުއްޓެވެ.

ދުނިޔޭގެ ދުވަސްތަކަކީ، اللهُ ގެ ކުޅަދުންވަންތަވެރިކަމުގެ މަތިވެރިކަމުގެ ޙަޤީޤަތް އޭގައި ފޮރުވިފައިވާ މަތިވެރި އިލާހީ ސިއްރެކެވެ.

ތިބާއަށް ތިޔާގިކަމާއި ތަނަވަސްކަން ލިބިގެން ވަނީނަމަ، އޭގެ އިދިކޮޅުކަމުގައިވާ ފަޤީރުކަމާއި ނިކަމެތިކަން ކުރިމަތި ނުވެ ހިނގައިދާނެކަމަށްދެކެ ޣާފިލުނުވާށެވެ.

ހަމައެފަދައިން ތިބާއަކީ ފަޤީރުކަމާއި ނިކަމެތިކަމުގެ އަހުލުވެރިޔަކުކަމުގައިވަނީނަމަ، މާޔޫސްވެ ނާއުއްމީދު ވެސް ނުވާށެވެ. اللهُ ގެ ޙަޟުރަތުން އުއްމީދުކަނޑައިނުލާށެވެ.

اللهُ ގެ ރަޙުމަތްފުޅާއެކު ތިބާއަކީ އެކިއެކި ބަލިތަކާއި އާފާތްތަކުން ސަލާމަތްވެގެންވާ މީހަކު ކަމުގައިވަނީނަމަ، އެ މަތިވެރި ނިޢުމަތަށް ޝުކުރުވެރިވާށެވެ. ތިމާއަށް އާފާތެއް ބޮޑު މުސީބާތެއް ކުރިމަތިނުވާނެކަމަށް ހީކޮށް ކިބުރުވެރިނުވާށެވެ.

ތިބާއަކީ ބަލިތަކާއި ނުކުޅެދުންތެރިކަމުގެ ޝިކާރައަކަށްވެފައިވާ މީހަކު ނަމަ، ދުނިޔޭގެ މަދަރުސާއިން ފިލާވަޅު ލިބިގަންނާށެވެ. ފަހަރެއްގައިވެސް ގޮތްހުސްވެ، ތިމާގެ އަމިއްލަ ނަފުސު ހަލާކަށް އެއްލައިނުލާށެވެ. ބޮޑެތި ބަލިތަކާއި ނުކުޅެދުންތެރިކަން މެދުވެރިކުރެއްވި ކިތައްކިތައް އިންސާނުން އެ މުސީބާތުން ނަޖާކުރައްވައި ސަލާމަތް ކުރައްވާފައި ވާކަން ދަނެ، اللهُ ގެ ޙަޟުރަތުން ވާގިއެދޭށެވެ.

ދުވަހަކުވެސް ބައްދަލުވެވިފައިނުވާ މެހުމާނަކަށް އިސްތިޤުބާލުކުރާ ފަދައިން، އަދި ދުރުގައިވާ ލޮބުވެތި ރަޙުމަތްތެރިއަކާ ބައްދަލުކުރުމަށް އެދޭފަދައިން މާދަމާއާ ބައްދަލުކުރަން މަސައްކަތްކުރާށެވެ.

މި ދުނިޔޭގައި ތިބާއަށްވެސް އަދި އެހެން ކޮންމެ މީހަކަށްވެސް ލިބިގެންވަނީ ކަނޑައެޅި ނިމިފައިވާ ދުވަސްތަކެއްކަން ހަނދާންނައްތައިނުލާށެވެ.

ތިމާގެ އަމިއްލަ ނަފުސަށް އެދޭފަދައިން އަނެކުންނާމެދުވެސް ހެޔޮއެދުމާއެކު، މި ދުނިޔެއިން ތިބާއަށް ލިބިފައިވާ ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ގަދައަޅައި މަސައްކަތްކުރުމުގައި ދެމިހުންނާށެވެ!"

ޝައްކެއްނެތެވެ. ލިޔުންތެރިޔާ ވަރަށް ފުރިހަމައަށް ދުނިޔޭގެ ދުވަސްތައް ސިފަކޮށްދެއްވާފައި ވެއެވެ. އެހެންކަމާއެކު މި ސިފަކުރެއްވުމާ ގުޅޭގޮތުން، ކީރިތިޤުރްއާނާއި މާތްނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސުންނަތުގެ ބައެއް ދަލީލު ހުށަހަޅައިލުމަކީ ނެތް ކަމެއްނޫނެވެ.

އެއްޙާލަތުން އަނެއްޙާލަތަށް ދުވަސްތައް ބަދަލުކުރެއްވުން

ދުނިޔޭގެ ދުވަސްތައް ސިފަކުރައްވައި، ކީރިތި ޤުރްއާނުގައި اللهُ ބަޔާންކުރައްވާފައިވާ މިސާލުތަކަކީ، އެއިން ޢިބުރަތް ލިބިގަތުންހުރި މިސާލުތަކެކެވެ. މީސްތަކުންގެމެދުގައި ދުނިޔޭގެ ދުވަސްތައް އެއްޙާލަތުން އަނެއް ޙާލަތަށް ބަދަލުކުރައްވަމުން ގެންދަވާނެކަން އަންގަވައި، اللهُ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. {وَتِلْكَ الْأَيَّامُ نُدَاوِلُهَا بَيْنَ النَّاسِ} (1)  މާނައީ: {އެއީ، ދުވަސްތަކެކެވެ. ތިމަންރަސްކަލާނގެ އެ ދުވަސްތައް މީސްތަކުންގެ މެދުގައި އެކިގޮތްގޮތަށް ބަދަލުކުރައްވަމެވެ.}

މިފަދަ އެހެން އާޔަތެއްގައިވެއެވެ. {إِنَّمَا مَثَلُ الْحَيَاةِ الدُّنْيَا كَمَاءٍ أَنْزَلْنَاهُ مِنَ السَّمَاءِ فَاخْتَلَطَ بِهِ نَبَاتُ الْأَرْضِ مِمَّا يَأْكُلُ النَّاسُ وَالْأَنْعَامُ حَتَّى إِذَا أَخَذَتِ الْأَرْضُ زُخْرُفَهَا وَازَّيَّنَتْ وَظَنَّ أَهْلُهَا أَنَّهُمْ قَادِرُونَ عَلَيْهَا أَتَاهَا أَمْرُنَا لَيْلًا أَوْ نَهَارًا فَجَعَلْنَاهَا حَصِيدًا كَأَنْ لَمْ تَغْنَ بِالْأَمْسِ كَذَلِكَ نُفَصِّلُ الْآيَاتِ لِقَوْمٍ يَتَفَكَّرُونَ} (2) މާނައީ: {ދުނިޔޭގެ ދިރިއުޅުމުގެ މިސާލުވާކަން ކަށަވަރީ، ތިމަންރަސްކަލާނގެ އުޑުން ވެއްސެވި ފެނެއްގެ މިސާލުކަމުގައެވެ. ފަހެ، އިންސާނުންނާއި، ނަޢަމްސޫފި ކައިއުޅޭ ބާވަތްތަކުގެ ތެރެއިން ބިމުގެ ގަސްގަހާގެހި، އެ ވާރޭފެނާއެކުވެ، އެންމެފަހުން އެ ބިމަށް ރީތިކަމާއި، އާރޯކަންލިބި (މާމެލާމެއްޔާއި މޭވާތަކުން) ޒީނަތްތެރިވެ، އެ ބިމުގެ އަހުލުވެރިން އެ ތަކެތީގެ މައްޗަށް ބާރު ހިންގުމަށް ކުޅަދާނަވެގެންވާކަމަށް ހީކޮށްގެން ތިއްބައި (އެތަކެތި ހަލާކުވެދިއުމަށް) ރޭގަނޑެއްގައި، ނުވަތަ ދުވާލެއްގައި، ތިމަންރަސްކަލާނގެ އަމުރުފުޅު އައެވެ. ފަހެ، އެހިނދު ކޮށާލައިފައިވާ ގޮވާންތަކެއް ފަދައިން، ތިމަންރަސްކަލާނގެ އެތަކެތި ލެއްވީމެވެ. އެތަކެތި އިއްޔެ ނުވެސް ނެތްކަހަލައެވެ. ފިކުރުކުރާ ބަޔަކަށް، ތިމަންރަސްކަލާނގެ އާޔަތްތައް ތަފުޞީލުކޮށްދެއްވަނީ އެފަދައިންނެވެ.}

އެ ކަލޭގެފާނަށް اللهُ ރުއްސުންލެއްވި އަބޫސަޢީދުލް ޚުދްރީގެ އަރިހުން އަލްއިމާމު މުސްލިމު ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ. عَنْ أَبِي سَعِيدٍ الخُدْرِيِّ رَضِىَ اللهُ عَنْهُ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: {إِنَّ الدُّنْيَا خَضِرَةٌ حُلْوَةٌ، وَإِنَّ اللهَ مُسْتَخْلِفُكُمْ فِيهَا، فَنَاظِرٌ كَيْفَ تَعْمَلُونَ، أَلَا فَاتَّقُوا الدُّنْيَا، وَاتَّقُوا النِّسَاءَ فَإِنَّ أَوَّلَ فِتْنَةِ بَنِي إِسْرَائِيلَ كَانَتْ فِي النِّسَاءِ.} (3) މާނައީ: [އެ ކަލޭގެފާނަށް اللهُ ރުއްސުންލެއްވި އަބޫސަޢީދުލް ޚުދްރީގެ އަރިހުން ރިވާވެގެންވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. މާތްނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. {ހަމަކަށަވަރުން، ދުނިޔެއަކީ ފޮނިކަމާއި ފެހިކަން އެކުލެވިގެންވާ (އެބަހީ: އެ މައްޗަށް މީހުންގެ ހިތްތައް ލެނބޭފަދަ ރީތި ކުލަތަކާއި ކަންތައްތައް އެކުލެވޭ) ތަނެކެވެ. އަދި ހަމަކަށަވަރުން، اللَّهُތަޢާލާ، ތިޔަބައިމީހުން އެ ތާނގައި ޚަލީފާވެރި ކުރެއްވިއެވެ. ފަހެ، (ދުނިޔޭގައި) ތިޔަބައިމީހުން ކަންކުރަނީ ކިހިނަކުންތޯ އެކަލާނގެ ބައްލަވާހުއްޓެވެ. ފަހެ، ތިޔަބައިމީހުން ދުނިޔެއާމެދު ބިރުވެތިވާހުށިކަމެވެ! އަދި އަންހެނުންގެ ފިތުނަވެރިކަމުގައިޖެހި ހަލާކުވެދިޔުމާމެދު ތިޔަބައިމީހުން ބިރުވެތިވެ ރައްކައުތެރިވާހުށިކަމެވެ. ފަހެ، ހަމަކަށަވަރުން، ބަނީއިސްރާއީލުންގެ މެދުގައި އުފެދުނު އެންމެ ފުރަތަމަ ފިތުނައަކީ، އަންހެނުންނާމެދު އުފެދުނު ފިތުނައެވެ.}

(ނޯޓް: އަލްއިމާމުއް ނަވަވީ ރަޙިމަހު اللهُ،ގެ މަޝްހޫރު ފޮތް، [ރިޔާޟުއްޞާލިޙީން] ގައި މި ޙަދީޘް ގެންނަވާފައިވެއެވެ. އެ ފޮތުގެ ޝަރަޙަ ކުރެއްވި ޢިލްމުވެރިޔަކު ކަމުގައިވާ ޙާފިޡު ޞަލާޙުއްދީނު ޔޫސުފު ލިޔުއްވާފައި ވެއެވެ.

[ތާޒާ މޭވާއަކީ، އޭގައިވާ ފުރިހަމަ ކުލަތަކާއި، މީރު ވަހުގެ ސަބަބުން އެއަށް ބަލާ މީހުންގެ ހިތްތަކަށް އުފާވެރިކަން ލިއްބައިދޭ އެއްޗަކަށްވީ ފަދައިން، ދުނިޔޭގެ މުދަލަކީ ވެސް އިންސާނުންގެ ހިތްތައް އެ ފަރާތަށް ލަންބުވާ އެއްޗެކެވެ. ދުނިޔޭގައިވާ ހުރިހައި އެއްޗެއްގެ ތެރެއިން ވެސް އަންހެނުންނަކީ، އެ ފަރާތަށް ފިރިހެނުންގެ ހިތްތައް ލެނބުންބޮޑު ބަޔަކުކަމުގައި ލައްވައިފައިވެއެވެ. ޝަރީޢަތުގެ އިމުން ބޭރުގައި ދުނިޔޭގެ މުދަލާއި އަންހެނުންގެ ފަރާތަށް އެނބުރިއްޖެ މީހަކީ، ހަމަކަށަވަރުން، ހަލާކަށް ހުށަހެޅިއްޖެ މީހަކުކަމުގައި ނޫނީ ނުވާހުއްޓެވެ. އެހެންނަމަވެސް، اللهُ ކަނޑައަޅުއްވައިފައިވާ އިމުން ބޭރުނުވެ، ދުނިޔެއިން މަންފާ ލިބިގަންނަ މީހުންނަކީ، ހަލާކާއި ގެއްލުމުން ސަލާމަތްވާނެ ބަޔެކެވެ.] (4) [މުތަރުޖިމު])

ޔާ اللَّهُ، އަޅަމެންނަށް ކުރިމަތިވެފައިމިވާ މި ނުރައްކާތެރި ކޮރޯނާ ވަބާއާއި، އެ ކަމާ ގުޅިގެން މެދުވެރިވަމުންދާ އެންމެހައި ގެއްލުންތަކުން މުސްލިމުންނާއި، އެންމެހައި މީސްތަކުން ސަލާމަތް ކުރައްވައި ރައްކާތެރި ކުރައްވާނދޭވެ! ދެބަސްވުންތަކާއި ފިތުނަވެރިކަމުގެ ގެއްލުންތަކުން މުސްލިމުން ސަލާމަތްކުރައްވާނދޭވެ! އިބަރަސްކަލާނގެ ރުހިވޮޑިގެންވާ މާތްވެގެންވާ އިސްލާމްދީނަށް ގަދަކަންދެއްވައި، ދީނުގެ ޢަދުއްވުންގެ މަކަރުވެރި ރޭވުންތަކުން އިސްލާމްދީނާއި މުސްލިމުން ސަލާމަތްކުރައްވައި، އިސްލާމްދީން ނަޞްރުވެރި ކުރައްވައި މަތިވެރިކުރައްވާނދޭވެ! އިސްލާމީ ޤައުމުތަކުގެ ވެރިންނަށް އިބަރަސްކަލާނގެ ރުހިވޮޑިގެންވާމަގަށް ތައުފީޤުދެއްވައި އެއުރެންގެ ޢަމަލުތައް އިޞްލާޙުކުރައްވާނދޭވެ! އާމީން!!

______________________

ޙަވާލާތައް

(1) (سورة آل عمران: 140)

(2) (سورة يونس: 24)

(3) المسند الصحيح المختصر. مرجع سابق. برقم: 99 – (2742). ج 4. ص 2098.  

(4) حافظ صلاح الدين يوسف، (1418ه 1997م). رياض الصالحين ترجمه وفوائد، (د ط). الرياض: دارالسلام ببلشرز. ج 1. ص 108.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.