މުސްލިމެއްގެ އައިޑެންޓިޓީއަކީ މީހާގެ އަމާނާތްތެރިކަން

އަމާނާތްތެރި ކަމަކީ، މުސްލިމުންގެ ކިބާގައި ކޮންމެހެން ވެސް ހުންނަންވާނެ ސިފައެއް ކަން ބަޔާންކޮށް، ކީރިތި ޤުރްއާނާއި، މާތްނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ބަސްފުޅުތަކުގެ އަލީގައި މި ދެތިން ދުވަހު ލިޔަމުން ގެންދެވިފައިވާ ހިނދު، އެ މީހެއްގެ ކިބާގައި އަމާނާތްތެރިކަން ނެތިއްޖެ މީހަކާމެދު އިސްލާމްދީނުގައި ދެކޭ ގޮތް ވެސް ބަޔާންކޮށްލުން މުހިއްމުކަމުގައި ދެކެމެވެ.

އަލްބުޚާރީ އާއި މުސްލިމު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: {آيَةُ الْمُنَافِقِ ثَلَاثٌ: إِذَا حَدَّثَ كَذَبَ، وَإِذَا وَعَدَ أَخْلَفَ، وَإِذَا اؤْتُمِنَ خَانَ، وَزَادَ مُسْلِمٌ فِى رِوَايَةٍ : {وَإِنْ صَامَ وَصَلَّى وَزَعَمَ أَنَّهُ مُسْلِمٌ.} މާނައީ: [ހަމަކަށަވަރުން، ރަސޫލުاللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. {މުނާފިޤުންގެ ޢަލާމާތް ތިނެކެވެ. (އެއީ) ވާހަކަދެއްކުމުގައި ދޮގުހެދުމާއި، ވަޢުދެއް ކޮށްފިނަމަ އެއާ ޚިލާފުވުމާއި، އަމާނާތެއް ޙަވާލުވެއްޖެނަމަ އެއަށް ޚިޔާނާތްތެރިވުމެވެ.} މުސްލިމުގެ އެއް ރިވާޔަތެއްގައިވެއެވެ. (ޙަދީޘްކުރެއްވިއެވެ.) {އެއީ، އެ މީހަކު ރޯދަހިފައި، ނަމާދުކޮށް އޭނާއީ، މުސްލިމަކު ކަމުގައި ހީކުޅަ ނަމަވިއަސް ވެހެވެ.}] އެބަހީ: ނަމާދުކޮށް، ރޯދަހިފައި މުސްލިމަކު ކަމުގައި ދެކޭ މީހެއްގެ ކިބާގައި ވެސް މިއިން ސިފައެއް ހުރެއްޖެނަމަ، އެ ވާނީ މުނާފިޤު ކަމުގެ ސިފައެއް ހުރި މީހަކު ކަމުގައެވެ.

ޝައްކެއްނެތެވެ. އަމާނާތްތެރިކަމުގެ މައްޗަށް އިސްލާމްދީނުގައި ދެއްވާފައިވާފަދަ މުހިއްމުކަމެއް އެހެން އެއްވެސް ދީނެއްގައި ނުވެއެވެ. އެހެންކަމާއެކު މުސްލިމެއްގެ އައިޑެންޓިޓީ އަކީ، ނުވަތަ މުސްލިމެއްކަން ދެނެގަތުމުގެ އެންމެ ޚާއްޞަ އެއް ސިފައަކީ، އެ މީހެއްގެ އަމާނާތްތެރި ކަމެވެ. ދީނީ ކަންކަމާއި، ދުންޔަވީ ކަންކަމުގައެވެ. ފަރުދީ ކަންކަމާއި، އިޖްތިމާޢީ ކަންކަމުގައިމެއެވެ.

މިއަދު މުސްލިމުންގެ ޙާލަތާމެދު ވިސްނައިލާއިރު ބަލައިލި ކޮންމެ ދިމާއަކުން ފެންނަނީ ކަންބޮޑުވާންޖެހޭފަދަ ކަންތައްތަކެވެ. ތިމާއީ މަރުވާނެ މީހެއްކަމާއި، ތިމާގެ ޢަމަލުތަކާމެދު اللهُގެ ޙަޟުރަތުގައި ޒިންމާވާން ޖެހޭނެކަމަށް ދެކޭނަމަ، ނުފެންނާނެ ކަންތައްތައް އިސްލާމީ މުޖުތަމަޢުތަކުން ފެންނަކަމީ، މީސްތަކުން ދީނާއި ދުރަށް ގޮސްފައިވާ މިންވަރު އަންގައިދޭ ކަމެކެވެ.

މިފަދަ ނުރަނގަޅު ކަންކަމުން اللهُ ތަޢާލާ އަޅަމެން ސަލާމަތްކުރައްވާށިއެވެ. އާމީން!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.