ފްރާންސްގެ ރިޔާސީ އިންތިޚާބުގައި އިއްޔެ ބޭއްވި ދެވަނަ ބުުރު ފަސޭހަކަމާއެކު ކާމިޔާބުކުރައްވައި ރައީސު އިމާނުއެލް މެކްރޯން ރިޔާސީ ދެވަނަ ދައުރެއް ކަަށަވަރުކުރައްވައިފިއެވެ. މިއާއެކު، އޭނާ ވެވަޑައިގެންފައި ވަނީ ފްރާންސުގެ ތާރީޚުގައި ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތް 3 ވަނަ ރައީސަށެވެ. މީގެ ކުރިން އެކަން ކުރައްވާފައި ވަނީ 1981 އިން 1995 އަށް ރައީސުކަން ރައީސުކަން ކުރެއްވި ފްރާންސްވާ މިޓެރާންއާއި، 1995 އިން 2007 އަށް ރައީސުކަން ކުރެއްވިި ޖާކް ޝީރާކްއެވެ.
ފްރާންސުގެ އިންޓީރިއާ މިނިސްޓްރީން ރޭގެ ވަގުތެއްގައި ހާމަކުރި ރަސްމީ ނަތީޖާތަކުން ދައްކާ ގަތުގައި މެކްރޯން ވަނީ ވޯޓުގެ %58.55 ކާމިޔާބުކުރައްވާފައެވެ. ދެވަނަ ބުރުގައި އޭނާއާއި ވާދަކުރެއްވި ކަނާތުފިޔައިގެ ހައްދު ފަހަނައަޅާފައިވާ ކެންޑިޑޭޓް މަރީން ލެ ޕެންއަށް ކާމިބާކުރެއްވުނީ %41.45 އެވެ. މިއީ ގިނަ ބަޔަކު ހީކުރި ވަރަށްވުރެ ތަފާތު ބޮޑު ނަތީޖާއެކެވެ.
މިނަތީޖާއާއެކު، ދުނިޔޭގެ ގިނަ ގައުމުތަކުން އުފާވެރިކަމުގެ ޝުއޫރު ފާޅުކުރަމުން ދާއިރު، ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ގައުމުތަކުން ވަނީ ހަމަޖެހުމުގެ ނޭވާއެއް ލައިފައެވެ. ކަނާތުފިޔައިގެ މީހަކު ފްރާންސުގެ ރައީސަކަށް ހޮވި، އީޔޫއާ އިދިކީލަ ސިޔާސަތެއް ފްރާންސުން އިޚްތިޔާރުކޮށްފާނެތީ، ގިނަ ގައުމުތަކުން ތިބީ ކަންބޮޑުވެ، ނޭވާ ހިފަހަައްޓައިގެންނެވެ. މި ނަތީޖާއަށް ފަހު އީޔޫގެ ރައީސު އުރްސުލާ ވޮން ޑަ ލެެޔެން ވިދާޅުވެފައި ވަނީ "އަހަރުމެން ގުޅިގެން ފްރާންސާއި ޔޫރަޕު ކުރިއަށް ގެންދާނަން." ކަމުގައެވެ.
އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލާފައިވަނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ %72 އެވެ. މިއީ 1969 ވަނަ އަހަރަށް ފަހު ރިޔާސީ އިންތިޚާބެއްގެ ދެވަނަ ބުރުގައި ވޯޓުލީ އެންމެ ދަށް އަދަދެވެ.
ފްރާންސުގައި ނިމިގެން މިދިޔަ ރިޔާސީ އިންތިޚާބަކީ އެގައުމުގެ މުސްލިމުންނަށް އުފާވެރިކަން ގެނެސްދިން އިންތިޚާބެއް ނޫނެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި މުސްލިމުންގެ ތިންބައިކުޅަ ދެބަޔަށްވުރެ ގިނަ މީހުން ވޯޓުލީ ކަނާތުފިޔައިގެ ޖޯން-ލުކް މެލެންޝޯންއަށެވެ. އެހެންނަމަވެސް، %21.95 ވޯޓާާއެކު ތިންވަނަ ލިބުމުން އޭނާއަށް ވަނީ ދެވަނަ ބުރު ކަށަވަރުނުވެފައެވެ.
އެހެންކަމުން، ހިތާ ދެކޮޅަށްވެސް މުސްލިމުންގެ ގިނަ ބަޔަކު މެކްރޯންއަށް ވޯޓުދިނީ "ދެ ގެއްލުމުން ކުޑަގެއްލުން" އިޚްތިޔާރުކުރަންވެގެންނެވެ. ފްރާންސްގެ އާބާދީގެ ގާތްގަނޑަކަށް %5.6 (4 މިލިއަނެއްހާ މީހުން) އަކީ މުސްލިމުން ކަމުގައި ވާއިރު، މެކްރޯން ރައީސުކަމަށް ވަޑައިގަތުމަށް ފަހު އޭނާ ވަނީ މުސްލިމުންނަށް ދަތިކުރުމަށް ގިނަ ފިޔަޅުތަކެއް އަޅުއްވާފައެވެ. އޭނާގެ ދައުރުގައި މުސްލިމުންގެެ ގިނަ ޖަމްއިއްޔާތަކެއް އުވާލާފައި ވާއިރު، 718 މިސްކިތަކާއި ދީނީ މަދަރުސާއެއް ވަނީ ބަންދުކޮށްފައެވެ. އަދި އުވާލި މުސްލިމް ޖަމްއިއްޔާތަކުގެ މިލްކިއްޔާތުގައިވާ 46 މިލިޔަން ޔޫރޯ ވަނީ ސަރުކާރަށް ނަގާފައެވެ.
ފްރާންސުގެ ތާރީޚުގައި އެގައުމުގައި ވެރިކަން ކުރައްވާ އެންމެ ޒުވާން ރައީސު (44 އަަހަރު) ވަނީ މި ރިޔާސީ އިންތީޚާބަށް ފަހު ގައުމު އެކަތިގަނޑަކަށް ހައްދަވައި އެއްބައިވަންތަކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ދެވަނަ ބުރުގައި އޭނާއާއި ވާދަކުރި ކަނާތުފިޔައިގެ ލީޑަަރު ލެ ޕެން މި އިންތިޚާބުން ބަލިވިޔަސް އޭނާ މި އިންތިޚާބުގައި ހޯދި ނަތީޖާއަކީ ގިނަ ބަަޔަކު ކަންބޮޑުވާ ނަތީޖެއެވެ. އޭނާ މި ނަތީޖާ ސިފަކޮށްފައި ވަނީ "ބޮޑު ކާމިޔާބީއެއް"ގެ ގޮތުގައެވެ. އޭނާގެ މަގުބޫލުކަން މިގޮތަށް އިތުރުވަމުންދާނަމަ، ދެން އޮންނަ ރިޔާސީ އިންތިޚާބެއްގައި އޭނާ ރައީސުކަމަށް ހޮވުމަކީ ދުރުކަމެއް ނޫނެވެ.