عَنْ جَابِر رضي الله عنه أَنَّ النَّبِيَّ ـ صلى الله عليه وسلم ـ قَالَ " عُمْرَةٌ فِي رَمَضَانَ تَعْدِلُ حِجَّةً ". (سنن ابن ماجه، كتاب المناسك)
ޖާބިރު ގެ އަރިހުން ރިވާވެގެން ވެއެވެ. ނަބިއްޔާ ޙަދީޘުކުރެއްވިއެވެ. ރަމަޟާންމަހުގައި ވެވޭ ޢުމްރާ ޙައްޖަކާ އެެއްވަރުވެގެން ވެއެވެ. (ސުނަނު އިބްނު މާޖާ، ޙަދީޘު: 2995)
މި ޙަދީޘު މި ޢިބާރާތުން ރިވާކުރައްވާފައި ވަނީ އިބްނު މާޖާ އެވެ. އެހެން ނަމަވެސް، ތަފާތު ޢިބާރާތްތަކުން މިޙަދީޘު ޞަޙީޙު މުސްލިމް، ޞަޙީޙުލް ބުޚާރީ، ޖާމިޢުއް ތިރްމިޛީ އަދި ސުނަނު އަބީދާވޫދުގައި ރިވާވެގެން ވެއެވެ.
ރަމަޟާންމަހަކީ އެމަހުގައި ކުރެވޭ އަޅުކަމުގެ ދަރުމަ މާތް ﷲ އެތައް ގުނައަކަށް އިތުރުކޮށްދެއްވާ މައްސަަރަކަށް ވާއިރު، އެމަހުގައި ވެވޭ ޢުމްރާގެ ދަރުމަވެސް މިވަނީ އެފަދައިން އިތުރުކޮށްެދެއްވާފައެވެ. އެއީ ރަމަޟާން މަހުގައި ކުރެވޭ ޢުމްރާ ޙައްޖަކާ އެެއްވަރުވުމެވެ.
ޢުމްރާ ޙައްޖާ އެއްވަރުވުމުގެ މާނައަކީ ހުރިހާ ގޮތަކުން ޙައްޖަކަށް ވުމެއް ނޫނެވެ. އަދި ޙައްޖުގެ ބަދަލުގައި ޢުމްރާ ފުދުމެއްވެސް ނޫނެެެވެ. އެބަހީ، ރަމަޟާން މަހުގައި މީހަކު ޢުމްރާވިޔަސް އޭނާ ފަރުޟު ޙައްޖު އަދާކުރި ކަމުގައި ނުވާނެއެވެ. އޭނާ ޙައްޖުވެވޭ ވަރުގެ ޞިއްޙަތެއްގައިހުރެ، އެވަރުގެ ތަނަވަސްކަމެއް ލިބިއްޖެނަމަ އޭނާގެ މައްޗަށް ޙައްޖު ވާޖިބުވާނެއެވެ. އެހެންކަމުން، މި ޙަދީޘުގައި ޢުމްރާ ޙައްޖާއި އެއްވަރުވުމުގެ މާނައަކީ ރަމަޟާން މަހު ވެވޭ ޢުމްރާއަށް ޙައްޖެއްގެ ދަރުމަ ދެއްވުމެވެ.
ރަމަޟާން މަހުގައި ޢުމްރާ އަދާކުރުމުން ދަރުމަ އިތުރުވެގެންދާ އެތައް ކަމެއް އޭގައި ހިމެނެއެވެ. ރަމަޟާން މަހުގައި ކުރާ ޢުމްރާގެ ޠަވާފުގެ ދަރުމަވެސް އެތައް ގުނައަކަށް އިތުރުވާއިރު، ޢުމްރާއަށްޓަކައި ކުރާ ހޭދައިގެ ދަރުމަވެސް އެތައްގުނައަަކަށް އިތުރުވެގެން ދާނެއެވެ. އަދި މައްކާގެ ޙަރަމްފުޅުގައި ކުރާ ނަމާދުގެ ދަރުމަ އެހެން މައްސަރުތަކަށްވުރެ އިތުރުވެންދާއިރު، ރަމަޟާން މަހު ޢުމްރާވާ މީހާއަށް އެ ދަރުމަވެސް ލިބިގެން ދާނެއެވެ.
އެހެންކަމުން، ރަމަޟާން މަހުގައި ޢުމްރާވުމަކީ، އެކަމުގެ ތަަނަވަސްކަން ލިބިގެންވާ މީހާ ކުރުން އެދެވިގެންވާ އަޅުކަމެކެވެ.