އަމީރާ ސުލްޠާނާގެ ނާރެސް - 18

(18 އޭޕްރީލް 2022 ގެ ބަޔާ ގުޅޭ)

ރަނގަޅަށް ވިސްނާލާފަ، އަޅުގަނޑަށް ނިންމުނީ، އިރުކޮޅަކު ނިދައިލުމަށްވުރެ ބޮޑަށް، އަޅުގަނޑަށް މިވަގުތު ބޭނުންވަނީ، ކުޑަ ރާފޮދެއްކަމުގައެވެ. ފަރަންސޭސި ރަލުގެ ފުރާހުރި ތަށްޓެއް ބޯލައިގެން އަޅުގަނޑަށް އެލިބޭ ހަމަޖެހުން އެހެން އެއްވެސް އެއްޗަކުން ނުލިބޭނެއެވެ. ސާރާ އައިސް އަޅުގަނޑު މައިތިރިކުރި ދުވަހުގެ ފަހުން އެތައްދުވަހެއްވީއިރުވެސް، އަޅުގަނޑު އަދި ރާފޮދެއްގައި އަތެއްނުލަމެވެ. ކޮންމެ ދުވަހެއްވެސް އަޅުގަނޑުގެ ސިކުނޑިން ގުނަމެވެ. ފާއިތުވެދިޔަ 28 ދުވަހާއި 29 ރޭ ވޭތުވެގެން އެދިޔައީ، ކުޑަކުޑަ އެތިފޮދެއްވެސް އަޅުގަނޑުގެ އަރުތެރެޔަށް ނުގޮހެވެ. މިއީ އަޅުގަނޑުގެ އަމިއްލަ ނަފްސަށްވެސް ޤަބޫލުކުރަން އުނދަގޫވި ކަމެކެވެ. ކިތަންމެ ވަރަކަށްވެސް ބޮވައިގަނެއެވެ. ބޭނުންވެސް ވެއެވެ. އެހެނަސް، އަޅުގަނޑު ކެތްކޮށްލީ، ކުރިމަތިވެގެން އެއައި ރަމަޟާން މަހަށްޓަކައެވެ.

ރަމަޟާންމަހުގެ ތެރޭގައި އެއްވެސް ފާފައެއް ނުކޮށް، ވެވުނިއްޔާ ހެޔޮ ޢަމަލެއްކުރުމަށްފަހު، މިހާރު ދެން އެމަސްވެސް ނިމުމަކަށް އަންނަނީއެވެ. އަޅުގަނޑު އަބަދުވެސް ހުންނަނީ، އެންމެފަހުވަގުތު އިބިލީހުގެ ވަސްވާހަށް ހެއްލި ފާފައަކަށް އަރައިގަނެވިދާނެތީ ބިރުންނެވެ. ހިތަށް ލިބުނ ު ކެކުޅުމާއެކު، އައިސްފައިވާ ރުޅީގައި ހުރިހައިކަމެއް ހަނދާން ނެތުނު ކަހަލައެވެ. ކޮޓަރީގެ އެއްކަނެއްގައި ހުރި ކުޑަ މޭޒެއްމަތީ ބަހައްޓައިފާހުރި، އެއްކަލަ ރާފުޅިއާ އަޅުގަނޑުގެ ލޯ އަނެއްކާވެސް ސީދާ ވެއްޖެއެވެ. ރޯދަމަހު، ރާފޮދެއް ނުބޯހަނދާން އައުވެއްޖެއެވެ.

ރޯދައަކާ ރޯދައެކެވެ. ރޯދަމަސްމަތިން ހަނދާން ނެތުނެވެ. އަދި ރާނުބޯން، ސާރާގާތުވެފައިވާ ވަޢުދުގެ މަތިންވެސް ހަނދާނެއްނެތެވެ. ގައިމަތީ އަޅައިފައިއޮތް ރަޖާ، މަޑުމަޑުން ނަގައި ދުރުގައި ބޭއްވީމެވެ. އަދި މަޑުމަޑުން ތެދުވެ، ހަފަރާތަށް ބަލަމުން، އެއްކަލަ ރާފުޅިއާދިމާއަށް ހިނގައިގަތީމެވެ. އެއީ ގާތްގަނޑަކަށް ފުރިފައިހުރި ފުޅިއެކެވެ. އަވަސް އަވަހަށް ފުޅިނަގައި، ހެދުމާއެކު ބޮނޑިކޮށްލީމެވެ. ދެން ހޯދައިލެވުނީ ސިނގިރެޓެކެވެ. އަޅުގަނޑަކީ ވަރަށްގިނައިން ސިނގިރެޓްބޯ މީހަކީމެވެ. އެކަމަކު އެދުވަހުގެ ފަތިސްވަގުތުން ފެށިގެން އަޅުގަނޑުހުރީ ސިނގިރެޓެއް ނުބޮޔެވެ. އެނދުކައިރީ ބަހައްޓައިފައިހުރި ގަޑިޔަށް ބަލައިލީމެވެ. އަދިވެސް އިރުއޮއްސޭން މަދުވެގެން އެއްގަޑިއިރު ހުންނާނެއެވެ. އެހައިގިނައިރު ވަންދެން ދެނެއް ނުހުރެވޭނެއެވެ. އަނެއްގަޑިއިރުވަންދެން، ރޯދަނުވީއްލައި އަޅުގަނޑަކަށް ނުހުރެވޭނެއެވެ. އަނެއްކޮޅުން ހަށިގަނޑަށް ބޭނުންވާ އެއްޗެއް ނުލިބި އެކަމުގެ އަނދިރިކަންވެސް އެބަ ކުރިމަތިވެއެވެ. ސާރާގެ އެނދުމައްޗަށް އަޅުގަނޑު ވެއްޓުނެވެ. އެކަމަކުވެސް ތެދުވެގެން، ސިނގިރެޓެއް ފެނޭތޯ މުޅި ކޮޓަރިތެރެ ހޯދީމެވެ. ލައްކަ މަސައްކަތކުރިފަހުން، ރޮތުމަންސް ސިނގިރެޓްގެ ޕެކެޓްތަކެއް، އަސަދުގެ ވަތްގަނޑުން ފެނިއްޖެއެވެ. އެއީ ބޭރުން އެތެރެކޮށްފައިހުރި އަގުބޮޑު ސިނގިރެޓެކެވެ. ރަންކުލައިގެ ލައިޓަރެއްވެސް ކައިރީގައި އޮތެވެ. ވަރަށް ވިސްނާފައި، ފިލާހުރެގެން ރާފޮދަކާއި ސިނގިރެޓެއް ބޯލެވޭނެ ތަނެއް ހޯދީމެވެ. ސާރާގެ ކޮޓަރިތެރޭގައި އެކަމެއްނުކުރެވޭނެއެވެ. އަޅުގަނޑު އަރާމުކޮށްލަނީތޯ ބަލަން، ސާރާ ނުވަތަ ކަރީމުވެސް އައިއްސާނެއެވެ. އަސަދުގެފާޚާނާތެރޭ ފިލާހުރުމަށް އަޅުގަނޑު ނިންމީމެވެ. ޅިޔަނު، އަސަދުގެ ފާޚާނާއަށް މީގެކުރިން ދުވަހަކުވެސް އަޅުގަނޑެއް ނުވަންނަމެވެ. އެއީ ވަރަށްބޮޑު ފާޚާނާއެކެވެ. އެކަމަކާ އަޅުގަނޑު، ޙައިރާނެއް ނުވަމެވެ. ފާޚާނާގެ ސިންކުގެ އިސްކުރުން ފެންތަށްޓެއް ނެގީމެވެ. އަދި އެތާހުރި ބެންޗެއްގައި މަޑުމަޑުން ޖައްސައިލީމެވެ.

ތުރުތުރު އަޅައަޅާއޮތް ދެއަތުން، މިއަދުގެ ފުރަތަމަ ސިނގިރެޓް ރޯކޮށްލީމެވެ. ސިނގިރޭޓުގެ ދުންބޮނޑި ފުއްޕާމެޔަށް ދުއްވާލުމަށްފަހު، މައްޗަށް ދުންތައް ފޮނުވައިލަމުން، ރާފުޅީގެ ރިހިކުލައިގަހުރި އުނގުރި ނެގީމެވެ. އަދި ތަށްޓަށް އަޅައި ތުނބާ ހަމަކޮށްލީމެވެ. އަޅުގަނޑަށް މިބޮވެނީ އަސަދުގެ ރަލެވެ. އަދި އޭނާގެ ސިނގިރެޓެވެ. ކުޑައިރުކޮޅަކުން ޙަޔާތުގެ ހަމަޖެހުން އަންނަން ފަށައިފިއެވެ. ހިތުގައިހުރި އުދާސްކަން ނެތިގޮސް ހިތަށް އަރާ އެއްވެސް އެއްޗެއްނެތި، އެހިތަށް ހަމަޖެހުން ގެނެސްދިނެވެ.

އަޅުގަނޑު، ވަގުވަގަށް މިކުރާކަމެއްކުރަން ފިލައި އިންދާ، މީހަކު ހިނގާފައި އަންނަ ފިޔަވަޅުގެ އަޑު އިވެން ފަށައިފިއެވެ. ހީވީ ކަރަންޓްގައި ޖެހި ޝޮކެއްލިބުނު ހެނނެވެ. ގައިން ހީބިހި ނަގައިގެންފިއެވެ. ފެންވަރަން ބަންދުވާގޮތަށް، މާގަނޑު ލާފައިހުރި ބޮޑު ކޮޓަރިއެއްކަހަލަ ކިއުބިކަލްގެ ތެރެޔަށް އަޅުގަނޑު، ކުއްލިޔަކަށް ދެމިގަތީމެވެ. އެކަމަކު ރާފުޅި ތަޅުންމަތީ ބަހައްޓާފައި އާދެވުނުކަން ހަނދާންވީ މާލަހުންނެވެ. އޭރު، އަޅުގަނޑު ރޯކޮށްގެންހުރި ސިނގިރެޓް އަދިވެސް އަނދަ އަނދާ އޮތެވެ. ފެންވަރާ މާގަނޑު ކައިރީ ތަޅުންގަނޑާލައި ފިއްތާލައި، ސިނގިރޭޓް ނިއްވައިލީމެވެ. އެކަމަކު، ސިނގިރެޓުން އަރައަރާހުރި ދުންތައް އޭރުވެސް މައްޗަށް އަރައިގެން ދެއެވެ.

ދޮރުހުޅުވާލިތަނުން، ތަޅުންގަނޑުގައި އެބިޔަ ދޮރު، ކޭހިގެންދިޔައެވެ. ކިއުބިކަލްގެ ތެރެއިން، ފެންނަ ގޮތުގައި ކޮޓަރީގެ ދޮރުމަތީ އެހުރީ ބޮޑު، ބިޔަމީހެކެވެ. ކާކުކަމެއް ނޭނގެއެވެ. ލަފާކޮށްލާކަށްވެސް ނޭނގެއެވެ. އެއީ ނަޞީބަކުން، އަސަދުހުރީ، ކިއުބިކަލްގެ ބިއްލޫރިތަކުގައި ސްޓިކަރއެއް ހަރުކޮށް، ބިއްލޫރި ފުސްކޮށްފައެވެ. ލޯޖަހައިގެން ވަރަށްބޮޑަށް ބަލައިލީމެވެ. އެއީ ކާކުކަން އަޅުގަނޑަށް އެނގެން ޖެހޭތީއެވެ. ވަރަށް މަސައްކަތުން، އެއީ ކާކުކަން އެނގިއްޖެއެވެ. އެއީ އަޅުގަނޑުގެ ބޭބެ އެވެ. ޢަލީއެވެ. އެކަމަކު، ޢަލީ މިތަނަށްއައިސް އެކުރަނީ ކީއްހެއްޔެވެ. އަޅުގަނޑަށް ޖާސޫސް ކުރަނީބާވައެވެ. ނުވަތަ އަރުވައިލެވުނުވަރު ކުޑަވީމަ، އަޅުގަނޑާ އިތުރަށް ދިމާކޮށްލަން އައީކަމަށްވެސް ވެދާނެއެވެ. އަޅުގަނޑު، މިކުރިކަމެއްކުރުމުގެ ކުރިން، އެކަމަށް ވިސްނައިލަންވެސް ވާނެއެވެ. ޢަލީއަކީ ވަރަށް ނުރައްކާ މީހެކެވެ. މަޔެއްބަފައެއް، އެއްބަނޑެއް ތިމާގެއެއް ނުބަލާނެއެވެ.

އަޅުގަނޑަކަށް މާރީތިކޮށެއް ނުފެނެއެވެ. އެކަމަކު ބޭބެގެ ޖުއްބާ ކަކުލާހަމަޔަށް ނިގައި ހަރުވާލުތިރިކޮށްލި ހިސާބުން، އަޅުގަނޑު ދެލޯމަރައިލީމެވެ. ބޭބެ، ކުޑަކަމުދާން ފެށީއެވެ. ކޮށްޅަށް ހުރެގެންނެވެ. ދުވާނެ ވަސްގަނޑުގެ މަތިން ހަނދާންވެފައި، އަޅުގަނޑުގެ ދެއަތުން ނޭފަތްމަތީ އަތްއެޅީމެވެ. ކަންފަތްވެސް ނިވައިކުރީމެވެ. އަޑުފަށްގަނޑު ބާރުކަމުންނެވެ. އެތައް އިރެއްވަންދެން ކުޑަކަމުދާން ހުއްޓެވެ. ދުވާލުހަތަރުދަމު ފެންފޮދެއްނުބޮއެ ހުރެ، މިހާ ހަވީރުވެފަހުއްޓާ އެހައި ގިނައިން ކުޑަކަމަކު ނުދެވޭނެއެވެ. ހަމަޔަޤީނެވެ. ދުވާލުގެ ގަޑީގައި އެހެރީ އެއްޗެތި ބޮއެފައެވެ. ޢަލީއެއީ ސިއްރުންފުރިގެންވާ ނުރައްކައުތެރި މީހެކެވެ. އެހެންމީހުންނަށް ދޮންކަޅުވެސް އަންގައިނުލައި ޢަލީ ބޭނުންވާކަމެއް ފުރިހަމަކުރާނެއެވެ. ރޯދަމަސްވެސް ޢަލީ އެހައި މުހިންމުކޮށެއްް ނުނަގައެވެ. އެކަމަކު، އެހެންމީހުންނަށް އެކަން ނޭނގޭގޮތަށް ހުރިހައިކަމެއްވެސް އޭނާ ކުރާނެއެވެ. ޢަލީ ކުޑަކަމުދާން ހުއްޓައި ކިއުބިކަލް ތެރެއިން ކުރިމައްޗަށް ފުންމައިގަތީމަ، ޢަލީއަށްވާނެގޮތް ހިތަށް އަރާފައި އަޅުގަނޑުގާތަށް ހިނިއައެވެ.

ޢަލީ އެކުރިކަމެއްކޮށް ނިމިގެން، ތަށި ފްލަޝްކުރުމަށްފަހު ވެސް، ވަރަށްގިނައިރު ކޮޅަށް ހުއްޓެވެ. އޭނާއެހުރީ ކުރިމަތީހުރި ބޮޑު ލޯގަނޑަށް ބަލަހައްޓައިގެން ފަރިބަލާށެވެ. ތުނބުޅީގައި އަތުން ފުނާއަޅައިލިއެވެ. އަދި ބުމައިގެ އިސްތަށީތައްވެސް އިނގިލިތަކުން އެއްވަރުކޮށްލިއެވެ. އަދި ބޮޑުކޮށްހުރި ދެތުންފަތް ކުޅުން ތެތްމައިލައި އަނގަ ކައިލިއެވެ. އަޅުގަނޑަށް ލިބުނު މަޖާކަން ހިފެހެއޓެނީ ހަމަކިރިޔާއެވެ. އަނގަމަތީ އަތްއަޅައި، ހިނިގަނޑު ފަޅައިގެންނުގޮސް ސަލާމަތްވޭތޯ ވަރަށް މަސައްކަތް ކުރީމެވެ. ނަޞީބުވަރަށް ދެރައެވެ. ފާކާނާއިން ނުކުންނަން ދަމުން، ރަނގަޅަށްވިއްޔާ މުޅި ފާޚާނާ ތެރެޔަށް ކަޅިއެއް އެއްލީއެވެ. އެއްކަލަ ރާފުޅީގައި ޢަލީގެ ކަޅިގޮސް ހުއްޓުނެވެ. ބަލާކަށްނުހުރެ، އެދިޔަގޮތަށްގޮސް ރާފުޅި ނެގިއެވެ. އަދި ތުންޖެހިގޮތަށް އެއްނޭވައިން ފުޅިއެއްކޮށް ބޮއެ ހުސްކޮށްލިއެވެ. އަދި އެފުޅީގައިވާ ލޭބަލް ނައްޓައިލިއެވެ. އަދި ހުސްފުޅި ޑަސްޓްބިންއަށް އެއްލައިލައިފާ ފާޚާނާއިން ނުކުމެގެން ހިނގައްޖެއެވެ.

އަޅުގަނޑު، ފާރުގައި ލެނގިލީމެވެ. ޢަލީ ހުސްކޮށްލާފައި އެދިޔައީ އަޅުގަނޑު ބޯންހުރި ފުޅިއެވެ.  ބޯލެވުނު އެތިފޮދު މަދުވީމަ ކަންނޭނގެއެވެ. އަޅުގަނޑަށް ކޮށްފައިވާ ހިތްހަމަނުޖެހުމުގެ އަސަރުތައް އަދިވެސް މުޅިއަކުން ފިލައިގެންނެއް ނުދެއެވެ. ލޮލުން ފާއްދައިލަމުންދިޔަ ކަރުނަ ފުހެލަމުން ދެންކުރަންވީ ކަމަކާމެދު ވިސްނުން ހިންގައިލީމެވެ. ޢަލީއަށްވެސް އަދި އަޅުގަނޑަށްވެސް ޝައިޠާނާ ހިލިހިލާޖަހައި ބަންދެއްނުކުރެވޭނެއެވެ. ކުޑައިރުކޮޅަކުން، އަޅުގަނޑު ބޭރަށް ނުކުތީމެވެ. އަޅުގަނޑު ޤަބޫލުކުރާގޮތުގައި އަޅުގަނޑަކީ، ޢަލީއަށްވުރެ ނަފްސާނީގޮތުން މާ ހިތްވަރުގަދަ މީހަކީމެވެ. މުޅި ރަސްމިއްޔާތު ނިމުނުއިރުވެސް، މުނީރާ އިނީ ވަރަށް ހަމަހިމޭންކަމާއެކު، އޭނާގެ ފިރިމީހާގެ ކިޔަމަންތެރިކަމުގެ ދަށުގައި، ކުކުޅު މަސްކޮޅަކާ ކުޅޭށެވެ. އަޅުގަނޑުގެ ކޮއްކޮއިން އަދި ދައްތައިންނާ އެތައް މެސެޖެއް ބަދަލުކުރީމެވެ. ލޮލުންނާއި ހިނިތުންވުމުންނެވެ. އެންމެންވެސް ތިބީ މުނީރާގެ މައްސަލައިގާ ހަދާނެގޮތް ބޮޑުވެފައެވެ. އެހެންނަމަވެސް، މުނީރާގެ ޙަޔާތުގައި ކުރިމަތިވާ އެއްވެސް ކަމެއްގައި އަޅޅުގަނޑުމެން އެކަކަށް ކުރެވޭނެ އެއްކަމެއްވެސް ނެތެވެ. އެއީ ހާދީގެ މިލްކެކެވެ. މުނީރާއަށް ރަނގަޅަކަށް ކަމެއްވިޔަސް އަދި އެހެންގޮތަކަށްވިޔަސް، އެކަމެއްވާނީ ﷲ ގެ މިންވަރުފުޅުންނެވެ. މުނީރާގެ ޙަޔާތުގެ ޙާލަތު ބަދަލުކުރެއްވުމުގައި ﷲ ގެ ކުޅަދުންވަންތަކަމަށް އެދުން ފިޔަވައި ކުރެވޭނެ އެހެން އެއްވެސް ކަމެއް ނެތެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.