(18 އޭޕްރީލް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ސީމާ ބުނަނީ އޭނާގެ ފިރިމީހާ އަގަރުވާލަކީ ޝައްކު ކުރެވޭކަހަލަ ކަންތައްތަކެއް ކުރަމުންދާ މީހެއް ކަމުގައެވެ. ޑޮރޮތީ ބުނަނީ އިންދަރްޖީތު ޕެހެލްގާމަށް އަންނަން ސީމާ އަންގައިފައި ވަނީ ކޮންމެވެސް ކަހަލަ މަޅިއެއްގައި ޖެއްސުމަށް ކަމަށެވެ. އެމީހާ ބުނަނީ އިންދަރްޖީތު މަރާލުމަށްޓަކައި އޭނާއަށް ފައިސާ ދިނީ ޑޮރޮތީކަމުގައެވެ. ޑާރަގް ބުނަނީ ތިރީސްހާސް ޑޮލަރު ހިފައިގެން އޭނާގެ ކަންތައްތަކުން ވަކިވެ އޭނާގެ މަގުން އެއްކިބާވުމަށެވެ. މިހުރިހާ މީހުންގެ ތެރެއިން އެންމެ މުހިއްމު މީހެއްކަމުގައި މިވަނީ ޑާގަރްއެވެ. އޭނާ ބުނާއެއްޗެއް އެބުނަނީ ހަމަ ސާފުސާފުކޮށެވެ. އަދި އެކުރާކަމެއް އެކުރަނީ އެކަމެއް ޤަބޫލުކޮށްގެންނެވެ."
ދެ އަންހެނުންނާއި ފިރިހެނެއްގެ މެދުގައި އިންދަރްޖީތުގެ ސިކުނޑި ޝަޓްލް ކޮކެއްގެ ސިފައިގައި ދެކޮޅަށް ދެކޮޅަށް ދަތުރުކުރަމުން ދަނީއެވެ. އެހެން އޮއްވާ އޭނާއަށް ނިދިއްޖެއެވެ. ނިދުނު އިރެއްވެސް އޭނާއަކަށްވެސް ނޭނގުނެވެ. އޭނާއަށް އެނގުނީ ހޭލެވުނުއިރެވެ. އެއީ، ގާތްގަނޑަކަށް ހަވީރު ހަތެއްޖަހާކަންހާއިރެވެ. އޭނާއަށް ހޭލެވުނީ ކޮންމެވެސް މީހަކު އޭނާގެ ކޮޓަރީގެ ދޮރުގައި ޓަކިދޭ އަޑަށެވެ. އިންދަރްޖީތު މަޑުމަގުން އެނދުން ތެދުވެއްޖެއެވެ. އަދި ކޮޓަރީގެ ދޮރުކައިރިއަށް ގޮސް ހުއްޓިއްޖެއެވެ. ކޮންމެވެސް މީހަކު އަނެއްކާވެސް ދޮރުގައި ޓަކި ދިނެވެ. އިންދަރްޖީތު ހިމޭނުން ހުއްޓެވެ. އަދި އޭނާގެ ފިސްތޯލަ އަތަށްލައި ތައްޔާރުވެލިއެވެ. އަނެއްކާވެސް ބޭރުން ޓަކި ދީފިއެވެ. އިންދަރްޖީތު މިފަހަރުވެސް ހަމަ އެއްވެސް އެއްޗެއް ނުބުނެ ހިމޭނުން ހުރީއެވެ. އޭނާ މިކޮޓަރީގައި އޮތްކަން ޣުލާމް ރަސޫލަށް ނޫން އެހެން އެކަކަށްވެސް ނޭނގޭނެއެވެ. ކޮޓަރީގެ ދޮރުގައިވަނީ ބޭރުން ތަޅުވެސް އަޅުވާފައެވެ. އެހެންވީއިރު އޭނާގެ ކޮޓަރީގައި ޓަކިދޭނީ ކާކު ހެއްޔެވެ؟ އިންދަރްޖީތުގެ ހިތަށް މިކަހަލަ ޚިޔާލުތަކެއް ވަންނަމުން ދަނިކޮށް ބޭރުގައި ހުރި ތަޅުހުޅުވާ އަޑުވެސް އޭނާއަށް އިވިއްޖެއެވެ.
އެއާއިއެކު ބޭރުން ބުނާއަޑު އިވުނެވެ. "ސާހިބާ ކުރިމަތީގައި މިހިރަ ކޮޓެޖްގައި އުޅުއްވާ މޭމް ސާހަބް ކަލާއާ ބައްދަލުކުރައްވަން ވެގެން ދުރުވެ އެބަހުންނެވި..." ޣުލާމްރަސޫލް ބުނާއަޑު އިވުނެވެ.
"މޮޔަމީހާ" އިންދަރްޖީތު ހިތާހިތުން ބުނެލިއެވެ. "އޭނާ މިތަނަށް އައިވާހަކަ އެއްވެސް މީހެއްގާތުގައި ނުބުނާށޭ ބުނެފައި އޮއްވާ މިވަރުގެ ގޯހެއް ޣުލާމް ރަސޫލް މިހެންހެދީ ކީއްވެގެން ބާވައެވެ."
ކޮޓަރީގެ ދޮރު ހުޅުވާލައިފިއެވެ. ދޮރުމަތީގައި ސީމާ ހުއްޓެވެ. ރަތްކުލައިގެ ޝިފޯން ސާޅީއެއްގައެވެ. ނިތްކުރީގައި ހަމައެކުލައިގެ ތިއްކެއް ޖަހާފައި ހުއްޓެވެ. އިންދަރްޖީތު އަތުގައި އޮތް ފިސްތޯލަ ޖީބަށްލިއެވެ.
"ސާހިބާ... މާފްކުރައްވާ..." ޣުލާމް ރަސޫލު ބުންޏެވެ.
"އަޅުގަނޑު ކުރާނެ ކަމެއްނެތް.. މޭމް ސާހަބް ބުނުއްވީ ކަލާކޮޓަރީގައި އޮންނެވިކަން އޭނާއަށް ރަނގަޅަށް އެނގިލައްވާކަމަށް އަދި ކަލާއާ ބައްދަލުވާން ކޮންމެހެން ބޭނުންކަމަށް..ފަހަރެއްގައި ކުރިއްސުރެ އޭނާއަށް އެކަން އެނގިލައްވާފައި އޮތީކަމަށް ވެދާނެތީ ދޮރުހުޅުވުން އެންމެ ރަނގަޅުވާނެކަމަށް އަޅުގަނޑު ހީކުރީ...!"
"އެންމެރަނގަޅު... އެއްވެސްކަމެއް ނޫން.. ދެން ކަލާ ދިޔަޔަސް އެންމެ ރަނގަޅު.." އިންދަރްޖީތު ކޮޓަރީގެ ދޮރު އެތެރެއިން ބަންދުކޮށްލައިފިއެވެ. ހަވީރު ނިމެމުން ދަނީއެވެ. އަދި ރޭގަނޑުގެ އަނދިރިކަން ވެރިވާން ފަށައިފިއެވެ. ކޮޓަރިތެރެ ވެސް ވަނީ ފުދޭވަރަކަށް އަނދިރިވެފައެވެ. އިންދަރްޖީތު ގަޑިއަށް ބަލާލާފައި ގަމީސްލައިގެން ސީމާއާއި ދިމާއަށް ބަލާލިއެވެ.
"ކަލާވެސް ރަނގަޅު... އިންދަރް..." ސީމާ ކޮޓަރީގެ ބޮކި ދިއްލާލުމުން ބުންޏެވެ. "ޕެހެލެގާމްގެ ހަވީރަކީ މަޝްހޫރު ހަވީރެއް. މީހުންތައް ނުކުމެ ހިނގާބިނގާ އުފާކޮށް އުޅޭވަގުތެއް. އެކަމަކު ކަލާ ތިޔަ އޮންނެވީ އަނދިރީ ކޮޓަރިއެއްގައި..."
އިންދަރްޖީތު އެއްވެސް އެއްޗެއް ނުބުނެ ހިމޭންކަމާއިއެކު އެނދުގައި އިށީނދެއްޖެއެވެ. އަދި ސިނގިރޭޓެއް ރޯކޮށްލައިފިއެވެ. ސީމާ ހިނގާލާފައި ގޮސް ކުޑަދޮރު ހުޅުވާލަމުން ބުންޏެވެ. "ހަމަޖެހިފައި އޮތީ ކަލާ މިއަދު މެންދުރުފަހު އަޅުގަނޑުމެންގެ ގެއަށް ދުރުވަން ނޫންތޯ؟ އެހެންވީ އަޅުގަނޑު ކާން ހަދައިގެން ކަލާއަށް ޓަކައި ވަރަށް ގިނައިރު އިންތިޒާރު ކުރަން އިނިން.. ކަލަ ކޭންބައްލަވާ ހިތްވާކަހަލަ އެއްޗެތި އަޅުގަނޑުގެ އަމިއްލަ އަތުން ކައްކައިގެން ހުރީ.." ސީމާ އިންދަރްޖީތުގެ އަތުގައި ހިފާލާފައި ބުންޏެވެ.
އިންދަރްޖީތު އޭނާގެ އަތް ސީމާގެ އަތުގެ ތެރެއިން ވަކިކޮށްލިއެވެ. އަދި ބުންޏެވެ. "ކަލާ ކުޑައިރުކޮޅަކު މަޑުކޮށްލައްވާ... އަޅުގަނޑު ތައްޔާރުވެލާނަން..." އަތުގައި އޮތް ސިނގިރޭޓް ނިއްވާލާފައި އިންދަރްޖީތު އެނދުން ތެދުވެއްޖެއެވެ. އަދި އަވަސް އަވަހަށް ބާތުރޫމަށް ވަދެ އެތާނގެ ދޮރު ލައްޕާލަމުން ބުންޏެވެ. "އެއްވެސް މީހަކު އަޅުގަނޑު ހޯދަން އަތުވެއްޖެނަމަ ލައުންޖުގައި މަޑުކޮށްލާށޭ ބުނޭ...."
ބާތުރޫމްގެ ދޮރު އެތެރެއިން ބަންދުކޮށްލުމާއެކު އިންދަރްޖީތު ކޮންމެވެސް ރާގެއް އަޅުވާލައިފިއެވެ. އަދި ފެންއިސްކުރު ދޫކޮށްލާފައި އިސްކުރުގެ ދަށަށް ބާލިދީއެއް ލައިފިއެވެ. އަދި މައްޗަށް އަތް ދިއްކޮށްލާފައި ދޮރުގެ މަތީގައި ބަހައްޓާފައި ހުރި ކުޑަކުޑަ ޓްރާންސިސްޓަރ ރޭޑިއޯއެއްގެ ބަޓްންއަކަށް އޮބާލާފިއެވެ. އެއާއެކު ފިލްމީ ލަވައެއްގެ އަޑު އިވިގެން ދިޔައެވެ. އޭނާ އެލަވައިގެ އަޑު ބާރުކޮށްލިއެވެ. އޭނާގެ ފަޓްލޫންގެ ދެ ޖީބުގައި ދެ ފިސްތޯލަ އޮތްކަން ޔަގީންކޮށްލިއެވެ. އެއަށްފަހު ބާތުރޫމްގެ ބޮކި ނިވާލިއެވެ. އަދި ބާތުރޫމުން ބޭރަށް ހުޅުވޭގޮތަށް ހުރި ކުޑަދޮރު ހުޅުވާލިއެވެ. ރޭޑިއޯއިން އައިސްއައިސްހުރި ލަވައިގެ އަޑާއި، ބާލިދީއަށް ފެންއެޅޭ އަޑުގެ ސަބަބުން ކުޑަދޮރު ހުޅުވާލި އަޑެއް ބޭރަށް އިވޭވަރެއް ނުވިއެވެ. އިންދަރްޖީތު މަޑުމަޑުން ކުޑަދޮރުން ބޭރަށް ފައިބަން ފަށައިފިއެވެ. އޭނާގެ ނަސީބު ރަނގަޅުކަމުން ބާތުރޫމްގެ ބޭރުން ގެންގޮސްފައިވާ ޕައިޕްގައި އޭނާގެ އަތްޖެހިއްޖެއެވެ. އެއާއެކު އޭނާ އޭގައި ވަރަށް ބާރަށް ހިފަހައްޓައިފިއެވެ. އަދި އޭނާގެ ފައިގެންގޮސް އޭނާގެ ކޮޓަރީގެ ކުޑަދޮރާ ދިމާއިން ތިރީގައިހުރި ބާކޮޅެއްގައި ހިފަހައްޓައިފިއެވެ. އަދި ސިއްރުސިއްރުން ބޯ އުފުލާލާފައި ކުޑަދޮރުން ކޮޓަރީގެ ތެރެއަށް ބަލާލިއެވެ. ކޮޓަރިތެރޭގައި ސީމާ ހުއްޓެވެ.
ކޮޓަރިތެރޭގައި ސީމާ ހުއްޓެވެ. ނަމަވެސް މިހާރު އޭނާ ހުރީ އެކަންޏެއް ނޫނެވެ. އޭނާގެ އިތުރުން އެހެން ފަސް މީހަކުވެސް މިހާރު ކޮޓަރީގައި އެބަތިއްބެވެ. އެއިން ކޮންމެ މީހެއްގެ އަތުގައިވެސް ފިސްތޯލައެއް އޮތެވެ. އެ ހުރިހާ ފިސްތޯލަތައް ދިއްކޮށްފައިވަނީ ބާތުރޫމް ދިމާލަށެވެ. އިންދަރްޖީތަށް ކުރެވުނު ޝައްކު މުޅީން ތެދަށްވީއެވެ. ޑޮރޮތީ ބުނެފައިވަނީ ރަނގަޅަށެވެ. އިންދަރްޖީތު ޕެހެލްގާމަށް އަންނަން ސީމާ އަންގާފައިވަނީ އޭނާ މަރާލަންވެގެންނެވެ. އިންދަރްޖީތު ޕައިލްގައި ހިފަހައްޓައިގެން ތިރިއަށް ހިނގައްޖެއެވެ.
ބާތުރޫމްގައި ލަވަޖަހަމުން ދެއެވެ. ބަލީދީއަށް ފެންއެޅި ފުރިއްޖެއެވެ. ބާލިދީ ފުރިގެން ފެން ބޭރަށް އޮހޭއަޑު ވެސް އިވެއެވެ. ރޭޑިއޯއިން އަންނަ ލަވަތަކުން މިހާރު ހިންދީ ފިލްމީ ލަވައައުން ހުއްޓިއްޖެއެވެ. މިހާރު އިވެނީ ތަމަޅަ ލަވައަންނަ އަޑެވެ. ސީމާއާއި އޭނާއާއެކު އައިސްތިބި މީހުން އިންދަރްޖީތުގެ އިންތިޒާރުގައި ތިބޭތާ ލައްކަ ގިނައިރުވެއްޖެއެވެ. ނަމަވެސް ހިންދީ ލަވަތައް ނިމިގެން ތަމަޅަލަވަ އަންނަން ފެށީމާ، ކޮންމެވެސް ކަހަލަ ގޯހެއް އެބައުޅެއޭ ސީމާއަށް ހީވެއްޖެއެވެ. އެހެންކަމުން މަޑުމަޑުން ބާތުރޫމް ދޮރު ކައިރިއަށް ޖެހިފައި ޓަކިދެމުން ގޮވާލިއެވެ. "ޑާރލިންގް.. ފެންވަރުއްވާ ނުނިމޭތޯ؟ އިންދަރް ޑާރލިންގް!" ސީމާގެ އަޑުގައި ހިސާބެއްގެ ހާސްކަމެއް ވެސް ހުއްޓެވެ.
ބާތުރޫމުން ބާލިދީން ފެންއޮހޭ އަޑު ނޫން އެހެން އަޑެއް ނީވެން ފެށީމާ ސީމާ އޭނާ ކައިރީގައި ތިބި މީހުންނަށް އިޝާރާތްކޮށްލިއެވެ. އޭގެތެރެއިން ދެ މީހަކު ކުރިއަށް ޖެހިލާފައި ބާތުރޫމްގެ ދޮރުގައި ތަޅައިގަތެވެ. އެއާއެކު ދެ މީހުން ފަހަތަށް ޖެހިލާފައި ވަރަށް ބާރަށްގޮސް ދޮރުފަތުގައި ޖެހިގަތެވެ. އެ ދޮރުފަތް ހުޅުވިއްޖެއެވެ. ބާތުރޫމްގައި އެއްވެސް މީހަކު ނެތެވެ.
(ނުނިމޭ)
Vvv.reethi