މުސްލިމުންނަށްޓަކައި اللَّهُގެ ދީލަތިވަންތަކަމުގެ ކޮޅެއްނެތެވެ. އީމާންކަމާއި ހެޔޮނިޔަތާއެކު ކުރާ ކޮންމެ ކަމަކަށް ދަރުމައާއި ސަވާބުދެއްވައެވެ. قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: {إِنَّكَ أَنْ تَذَرَ ذُرِّيَّتَكَ أَغْنِيَاءَ، خَيْرٌ مِنْ أَنْ تَذَرَهُمْ عَالَةً يَتَكَفَّفُونَ النَّاسَ، وَلَسْتَ بِنَافِقٍ نَفَقَةً تَبْتَغِي بِهَا وَجْهَ اللَّهِ، إِلَّا آجَرَكَ اللَّهُ بِهَا حَتَّى اللُّقْمَةَ تَجْعَلُهَا فِي فِي امْرَأَتِكَ.} (رَوَاهُ الْبُخَارِىُّ، وَمُسْلِمٌ)
މާނައީ: ރަސޫލު اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. {ތިބާގެ ދަރީންނީ މީސްތަކުންނަށް އާދޭސްކޮށް ސަލާންޖަހައި އުޅެންޖެހޭފަދަ ބަޔެއްގެގޮތުގައި އެއުރެން ދޫކޮށްލުމަށްވުރެ، އެއުރެންނީ ފުދުންތެރި ބަޔެއްގެ ގޮތުގައި ތިބާ އެއުރެން ދޫކޮށްދިއުން އެއީ ތިބާއަށް ހެޔޮކަންބޮޑު ގޮތެވެ. ތިބާ اللَّهُގެ ވަޖުހުފުޅު އަދައިގެން އެއްވެސް ހޭދައެއް ކޮށްފިނަމަ، އެއީ އެކަމަށްޓަކައި ތިބާއަށް اللَّهُހެޔޮދަރުމަދެއްވާނެ ކަމެއްކަމުގައިމެނުވީ ނުވެއެވެ. އެއީ ތިބާގެ އަނބިމީގެ އަނގަޔަށް ލަވައިދޭ އެންމެ ސުވަލެއްކަމުގައި ވީނަމަވެހެވެ.}
އަލްއިމާމު މުސްލިމު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. أَنَّ نَاسًا قَالُوا: يَا رَسُولَ اللَّهِ، ذَهَبَ أَهْلُ الدُّثُورِ بِالأُجُورِ، يُصَلُّونَ كَمَا نُصَلِّى، وَيَصُومُونَ كَمَا نَصُومُ، وَيَتَصَدَّقُونَ بِفُضُولِ أَمْوَالِهِمْ، قَالَ: {أَوَ لَيْسَ قَدْ جَعَلَ لَكُمْ مَا تَصَدَّقُونَ بِهِ؟ إِنَّ بِكُلِّ تَسْبِيْحَةٍ صَدَقَةً، وَكُلِّ تَكْبِيْرَةٍ صَدَقَةً، وَكُلِّ تَحْمِيدَةٍ صَدَقَةً، وَكُلِّ تَهْلِيلَةٍ صَدَقَةً، وَأَمْرٌ بِالْمَعْرُوفِ صَدَقَةٌ، وَنَهْىٌ عنِ الْمُنْكَرِ صَدَقَةٌ، وَفِي بُضْعِ أَحَدِكُمْ صَدَقَةٌ.} قَالُوا: يَا رَسُولَ اللَّهِ أَيَأْتِي أَحَدُنَا شَهْوَتَهُ، وَيَكُونُ لَهُ فِيهَا أَجْرٌ؟! قَالَ: {أَرَأَيْتُمْ لَو وَضَعَهَا فِي حَرَامٍ أَكَانَ عَلَيهِ وِزْرٌ؟ فَكَذَلِكَ إِذَا وَضَعَهَا فِي الْحَلاَلِ كَانَ لَهُ أَجْرٌ”.}
މާނައީ: [ހަމަކަށަވަރުން، (އަޞްޙާބުންކުރެ) ބަޔަކު މީހުން ދެންނެވިއެވެ. އޭ اللَّهُގެ ރަސޫލާއެވެ! މުދާވެރިންވަނީ، ގިނަ ދަރުމަ ލިބިގަތުމުގައި، ކުރިއަރައި ގޮސްފައެވެ!! (ހަމައެއާއެކު) އެބައިމީހުން ނަމާދުކުރަނީ، އަޅުގަނޑުމެން ވެސް ނަމާދުކުރާ ފަދައިންނެވެ. އަދި އެބައިމީހުން ރޯދަހިފަނީ، އަޅުގަނޑުމެން ވެސް ރޯދަހިފާ ފަދައިންނެވެ. އަދި އެބައިމީހުންގެ އަތުގައި އިތުރުވެފައިހުންނަ މުދަލުން ޞަދަޤާތްކުރެއެވެ. ޙަދީޘްކުރެއްވިއެވެ. {(ތިޔަހެން ނުބުނާށެވެ!) ހަމަކަށަވަރުން، ތިޔަބައިމީހުން ޞަދަޤާތްކުރާނެ ގޮތެއް ނުދައްކަވާހެއްޔެވެ؟ ހަމަކަށަވަރުން، ކޮންމެ ތަސްބީޙައަކީ ޞަދަޤާތެކެވެ. އަދި ކޮންމެ ތަކުބީރަކީ، ޞަދަޤާތެކެވެ. އަދި ކޮންމެ ތަޙްމީދަކީ، ޞަދަޤާތެކެވެ. އަދި ކޮންމެ ތަހްލީލަކީ، ޞަދަޤާތެކެވެ. އަދި ހެޔޮކަމަކަށް އަމުރުކުރުމަކީ ޞަދަޤާތެކެވެ. އަދި މުންކަރާތެއް ނަހީކުރުމަކީ ޞަދަޤާތެކެވެ. އަދި ތިޔައިން މީހެއްގެ (ލަދުވެތި) ގުނަވަނުގައި ޞަދަޤާތެއް ވެއެވެ.} (އަޞްޙާބުން) ދެންނެވޫއެވެ. އޭ اللَّهُގެ ރަސޫލާއެވެ! އަޅުގަނޑުމެންކުރެ މީހަކަށް ޝަހުވަތްތެރިކަން އަންނަ އައުމުގައި އެކަމުގެ ސަބަބުން އޭނާއަށް ހެޔޮދަރުމަ ލިބޭނެތޯއެވެ؟! ޙަދީޘްކުރެއްވިއެވެ. {ނިކަން ދެކެބަލާށެވެ! އެކަން ޙަރާމުގޮތެއްގައި ފުއްދައިފިނަމަ އެއީ، އެ މީހަކު
ފާފަވެރިވާނެކަމެއް ނޫންހެއްޔެވެ؟ ފަހެ، ހަމަ އެފަދައިން، އެކަން ޙަލާލުގޮތުގައި ފުއްދައިފިނަމަ އެއީ، އެ މީހަކަށް ދަރުމަ ލިބޭނެ ކަމެކެވެ.}