ފެނަކައިގެ މަސައްކަތްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުއްޓުމެއްނެތި ދަނީ ކުރިއަށް

ފެނަކައިގެ މަސައްކަތްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުއްޓުމެއްނެތި ދަނީ ކުރިއަށް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެގޮތުން ހދ. ފިނޭގައި ޒަމާނީ ނެޓްވޯރކެއް ގާއިމްކޮށް ފަހުގެ އާ އިންޖީނުގެއިން ޚިދުމަތްދޭން ފަށައިވާ ކަމަށާއި އެރަށު އައު އިންޖީނުގެއިން ޚިދުމަތް ދޭން ފަށާފައިވަނީ މި އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ކަމަށް ބުންޏެވެ.

މީގެ އިތުރުން އެ ކުންފުނިން މިހާރުކުރަމުން އަންނަ މަސައްކަތްތަކުގެ ތަފްޞީލު ހާމަކޮށް ބުނީ ހއ. ކެލާގައި ނެޓްވޯރކް އަޕްގްރޭޑް ކުރުމަށް ޓްރާންސްފޯމަރ ބަހައްޓާ 04 ހަޓް އިމާރާތް ކުރުމުގެ މަސައްކަތް މިހާރުކުރިއަށްދާ ކަމަށެވެ. އަދި ބ. ދޮންފަނު ކަރަންޓު ހާލަތު ރަނގަޅު ކުރުމަށް 250 ކިލޯވޯޓްގެ ޖެންސެޓެއް އެ ރަށަށް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނައިރު، މި މަސައްކަތް މިއަދުނިންމާލެވި ޖެންސެޓް ހިންގަން ފެށޭނެ ކަމަށް ބުނެއެވެ.

ހަމަމިއާއެކު ޏ. ފުވައްމުލަކަށް ގެންގޮސްފައިވާ އައު 1.2 މެގަވޯޓްގެ ޖެންސެޓް ބެހެއްޓުމަށް ބޭނުންވާ ޓްރާންސްފޯމަރ ހަޓްގެ ފުރާޅުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި މި ވަގުތު ޖެންސެޓް ބަހައްޓާ ބެޑްގެ ފައުންޑޭޝަނާއި ސަރވިސް ޓޭންކް ބަހައްޓާ ބެޑްގެ މަސައްކަތް ނިންމާފައިވާ ކަމަސް ފެނަކައިން ބުނެއެވެ.

ރަށްރަށުގައި މިހާރު ކުރިއަށްދާ މަސައްކަތްތަކާބެހޭގޮތުން ފެނަކައިން ބުނީ ބ. ހިތާދޫގައި ޒަމާނީ ނެޓްވޯރކެއް ޤާއިމްކުރުމާއި ފަހުގެ އާ އިންޖީނުގެ ރިލޮކޭޝަން މަސައްކަތް މިހާރު ކުރެވެމުންދާއިރު، ކޭބަލް އެޅުމުގެ މަސައްކަތް މި ހަފްތާ ތެރޭގައި ނިމިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ގދ. މަޑަވެލީގައި ވޯލްޓޭޖް ޑްރޮޕް ވާ ސަރަޙައްދުގެ ނެޓްވޯރކް މަސައްކަތް ނިމި ވަގުތީގޮތުން ޙައްލުކުރެވިފައިވާ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.