ތ. ގާދިއްފުށި ބްރާންޗަށް އައު މެނޭޖަރެއް ހަމަޖެއްސީ އުސޫލުގެތެރެއިން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
އެ ކޯޕަރޭޝަނުން މިހެން ބުނީ އެރަށުގެ ފަނަކަ ބްރާންޗުގައި މެނޭޖަރެއްގެ މަގާމުގައި މީހަކު ހުއްޓާ، އިތުރު މެނޭޖަރެއް ހަމަޖެއްސިކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތރެމުންދާ ޚަބަރާއި ގުޅިގެންނެވެ.
ފެނަކައިން ނެރުނު ބަޔާނެއްގައި ބުނީ ކުންފުނީގެ ހިންގުމަށް ގިނަ ބަދަލުތަކެއް ގެނެސް، ހަރުދަނާ ކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން ބްރާންޗުތަކާއި ހަވާލުވެ ހުންނަ މެނޭޖަރުން ބަދަލުކުރުމަކީ ހެދިފައިވާ އުސޫލުގެދަށުން ކުރަމުން އަންނަކަމެއް ކަމަށެވެ.
އެގޮތުން ގާދިއްފުއްޓަށް ވެސް މެނޭޖަރެއް ހަމަޖައްސާފައިވަނީ އެ އުސޫލުން ކަމަށް ފެނަކައިން ބުނެއެވެ. އަދި ކުރިން ހުރި މެނޭޖަރުގެ މަގާމު ބަދަލުކޮށް އެފަރާތަށް އެންގުމަށްފަހު ކަމަށް ވެސް ފެނައިން ބުނެއެވެ.
މީގެ އިތުރުން އެ ކުންފުނިން ހިންގާ މަޝްރޫއުތަކާއި ދެމުންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ހަރުދަނާ ކުރުމަށް ކުރަމުންދާ އެއްވެސް މަސައްކަތެއް އުސޫލާއި ހިލާފަށް ނުކުރާނެކަމުގެ ޔަގީންކަން ހުރިހާ ކަސްޓަމުންނަށް ފެނަކައިން ވަނީ ދީފައެވެ.