ދުޝްމަން ލޯބިވެރިޔާ - 11

(11 އޭޕްރީލް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ދޫލަމައްޗަށް އެޅިފައި ހުރި ހުރިހާ ތަނަކަށް މިގޮތަށް ކެމިކަލް އާއި ފެނުގެ ތިކިތައް ޖައްސަމުން ގޮސް ކުޑައިރުކޮޅެއްގެ ތޭރޭގައި އެ  ދޫލަ މުޅީން ސާފުވެއްޖެއެވެ. ދެން އޭނާ ތުވާއްޔެއް ހިފައިގެން އައިސް ދޫލަ ހިއްކަން ފަށައިފިއެވެ.

މިކަންތަކުން ނިމިގެން އޭނާ ހެދުން ބަދަލުކޮށްލައިގެން މޫނާއި އަތާއި ފައި ރަނގަޅަށް ދޮވެލިއެވެ. މިއަދުގެ ހަތަރުދަން ދިޔައީ އޭނާއަށް ފެންވަރާނެ ވަގުތެއްވެސް ނުލިބިއެވެ.  ރޭގަނޑުގެ މިހާ އިރު އެތަން ވަރަށް ފިންޏެވެ. އެހެންކަމުން ހޫނުފެން ހުރުމާއެކުވެސް އޭރުވެސް އޭނާއަށް ފެންވަރާކަށް ނުކެރުނެވެ. ގަޑިން އޭރު ގާތްގަނޑަކަށް މެންދަމު ބާރަޖަހަނީއެވެ. އިންދަރްޖީތު ކޮޓަރީގެ ބޮކި ނިއްވާލިއެވެ. އަދި އޭނާއަށް ކޮޓަރީގައި ހުރި އަދަރާދަ ގޮނޑި ކޮޓަރިން ބޭރަށް ހުޅުވާލެވެން ހުރި ކުޑަ ދޮރާއި ދިމާއަށް އަނބުރާލާފައި، ސިނގިރޭޓެއް ރޯކޮށްލައިގެން އެގޮނޑީގައި އިށީނދެއްޖެއެވެ. އަދި ދެފައި ނަގާ ކުޑަދޮރު މައްޗަށްލައިފިއެވެ. އެޔާއެކު ފަޓްލޫނުގެ ދެ ޖީބުގައިވާ ދެ ފިސްތޯލަ ނަގާފައި ބަލަން ފެއްޓިއެވެ.

ދެ ފިސްތޯލަ ވެސްވަނީ ވަޒަން ލާ ފުރާލާފައެވެ. އެ ދެ ފިސްތޯލަ އޭގެ ހިމޭން ވާހަކަ ދެއްކުމުން އިންދަރްޖީތުގާތުގައި "އަހަރެމެން މިތިބީ ކަލެއަށް އެހީވެ ދިނުމަށް ތައްޔާރަށޭ" ބުނަމުންދާ ކަހަލައެވެ.  ދެ ފިސްތޯލައަށް ބަލާލުމަށް ފަހު އަނެއްކާވެސް ފަޓްލޫނުގެ ދެ ޖީބަށް އެ ދެ ފިސްތޯލަ ލައިފިއެވެ. "މިވަގުތު ކަލޭމެންގެ ބޭނުމެއްނެތް. ނަމަވެސް ކަލޭމެންގެ އެހީއަށްޓަކައި ޝުކުރިއްޔާ" އޭ ބުނިކަހަލައެވެ.

ރޭގަނޑުގެ ފިނިކަން ހައްތާދަނީ އިތުރުވަމުންނެވެ. ވައިރޯޅިވެސް ދަނީ ބާރުވަމުންނެވެ. ޕެހެލްގާމް ވަނީ ނިދާފައެވެ. އިންޖަރްޖީތަށް ކުރިމަތިން ފެންނަންހުރި ހުރިހާ ކޮޓެޖް ބޮކިތައް މަޑުމަޑުން ނިވެމުން ނިވެމުންގޮސް ނިވިއްޖެއެވެ. އޭރު ވެސް ސީމާ ވެސް ނިދައްޖެއެވެ. އޭނާ ކޮޓަރީގެ ބޮކި ވެސް ނިވިއްޖެއެވެ. އިންދަރްޖީތު އެހެން އިނދެގެން އާފުރެން ފަށައިފިއެވެ. ގަޑިން މިހާރު އެކެއް ޖަހަނީއެވެ. "ސީމާއަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމައެވެ. ކްލެރާގެ ކޮޓަރި ކައިރިއަށް ގޮސް ޓަކިޖަހާލަންވީ ނޫން ހެއްޔެވެ." އިންދަރްޖީތު ހިތަށް އަރަމުން ދިޔައެވެ. ނަމަވެސް އޭނާ ކްލެރާގެ ކޮޓަރީގެ ނަންބަރު ވެސް އޭނާ ކުރެން އަހައެއް ނުލައެވެ. އެވަގުތު އޭނާއަށް ކުއްލިއަކަށް އިވުނީ އޭނާގެ ކޮޓަރީގެ ދޮރުކައިރިން ކޮންމެވެސް މީހަކު ޙަރަކާތްތެރިވާ އަޑެވެ. ދޮރުފަތެއް ލައްޕާލާފައި ތަންޑެއް އެޅުވިއަޑު އިވުނުހެން ވެސް ހީވިއެވެ. އިންދަރްޖީތު އިން ގޮނޑިން އަވަސް އަވަހަށް ތެދުވެގެން އައިސް ވަރަށް ހުޝިޔާރުވެ ހުރެ ކޮޓަރީގެ ދޮރު ހުޅުވާލާފާއި ކޮރިޑޯރުގެ ތެރެއަށް ބަލާލިއެވެ. އޭނާއަށް ފެނުނީ ކްލެރާއެވެ. ވަރަށް ބާރަށް ހިނގައިފައި ބޭރަށް ދަނީއެވެ. "އޭނާއަށް ފޯނުކުރި ރަޙްމަތްތެރިޔާއާ ބައްދަލުވާން ދަނީކަން ނޭނގެއެވެ." އިންދަރްޖީތުގެ ހިތަށް އެރިއެވެ. ކޮންމެއަކަސް މިރޭ އޭނާއަށް ޖެހޭނީ ކޮންމެ އަގެއްގައި ވެސް ނިދި ދޫކޮށްލާފާ ހޭލާ ހުންނާށެވެ. މާދަމާ އޭނާ ޓޫރިސްޓް ބަންގްލޯ ދޫކޮށްލާފާ މިތަނާ ކައިރި ހިސާބަކުން އެހެން ތަނެއް ހޯދާނީއެވެ. މިހާރު އޭނާގެ ދުޝްމަނުންނަށް މިތަނާބެހޭ ގޮތުން ހުރިހާ ޚަބަރެއް ލިބިފައިވާނެކަން ނޭނގެއެވެ. އަދި އޭނާގެ ފޮށީގެ ސަބަބުން  ވަނީ މީހަކު ވެސް މަރުވެފައެވެ. އެހެންވީމާ އޭނާގެ ދުޝްމަނުން އަދި އިހަށްވުރެ ވެސް މިހާރު ތިބޭނީ އޭނާއާ މެދު ފަރުވާތެރި ވެގެންނެވެ. އޭނާގެ ދުޝްމަނުންނަށްވާނީ ޑާގަރްގެ މީހުންނެވެ. އަދި މިއަދު ހަވީރު ޖީޕަށް އެރި މީހާ އޭނާއަށް އަންގާފައިވަނީ މިރޭގެ އިރު އަރަންވާ އިރަށް ޕެހެލްގާމުން ފޭބުމަށްކަން ވެސް އޭނާ ހިތަށް އަރަމުންދިޔައެވެ.

މިހާރު ވަނީ ވަރަށް ތުނިތުނިކޮށް ވާރޭވެހެން ފަށައިފައެވެ. އިރުކޮޅަކު އެގޮތަށް އޮތުމަށް ފަހު ބޯ ވާރޭއަށް ބަދަލުވެއްޖެއެވެ. އިންދަރްޖީތު އެތެރެއަށް ގޮސް ބޭރަށް ހުޅުވާފައިވާ ކުޑަދޮރުގެ ކައިރިއަށް ހުއްޓިއްޖެއެވެ. އޭނާ ގަސްދުކުރީ ވާރޭވެހޭތީ އެކުޑަދޮރު ބަންދުކޮށްލާށެވެ. ނަމަވެސް އޭނާއަށް ކުއްލި ސިހުމެކެވެ. އޭނާގެ ނަޒަރު ހުއްޓުނީ ސީމާގެ ކޮޓަރިއަށެވެ. ސީމާގެ ކޮޓަރީގެ ކުޑަދޮރު ކައިރީގައި ހުރި ބައްތި ވަނީ ދިއްލާފައެވެ.

ހައެއް

ސީމާގެ ކޮޓެޖާ ހަމައަށް ދެވުނު އިރު  އިންދަރްޖީތުވަނީ ވާރެއިން ހަމަރަނގަޅަށް ފޯވެފައެވެ. އޭނާ ލައިގެން ހުރި ނޫކުލައިގެ ސުވަޓަރާއި ފަޓްލޫނު ފޯވެގެން ގޮސް ފެންނަނީ ކަޅުކުލައިގެ އެއްޗެއްގެ ގޮތުގައެވެ. ފައިވާން ވެސް ވަނީ ފެނުން ފުރިފައެވެ. ސީމާގެ ކޮޓެޖްގެ ފެންޑާ މައްޗަށް އެރުމާއެކު، އޭނާގެ ޖީބުގައި އޮތް ފިސްތޯލައެއް ނަގައި އަތަށްލިއެވެ. އަދި ގޭގެ ދޮރު ކައިރިއަށް ގޮސް މަޑުމަޑުން ދޮރުގައި ޓަކިދިނެވެ. ކޮންމެފަދަ ޙަމަލާއެއް އަތުވެދާނެކަމަށް އޭނާ ހުރީ ފުރިހަމައަށް ތައްޔާރުވެގެންނެވެ. ރޭގަނޑު މެންދަމުން އަލިވެ އެއްގަޑި ބައިހާއިރު، ސީމާގެ ކޮޓަރީގެ ބައްތި ދިއްލައިގެން އެފަދަ ސިގްނަލެއް ސީމާ އޭނާއަށް ދޭނީ، ސީމާއަށް ޙައްލުނުކުރެވޭ ފަދަ ބޮޑުކަމެއް އޭނާއަށް ކުރިމަތިވެގެންކަން އިންދަރްޖީތަށް އެނގެއެވެ.

"ކާކު...." އެތެރެއިން އަޑެއް އިވުނެވެ.

އިންދަރްޖީތު ވަރަށް ހިމޭންވެލާފައި އިރުކޮޅަކު ހުރުމަށް ފަހު ބުންޏެވެ. "އަހަރެން"

ކުއްލިއަކަށް ދޮރު ހުޅުވިއްޖެއެވެ. އިންދަރްޖީތު އަތުގައި އޮތް ފިސްތޯލަ އެ ދޮރު ހުޅުވިމީހާއާ ދިމާއަށް ދިއްކޮށްލިއެވެ. ނަމަވެސް އެމީހަކީ އެހެން މީހެއް ނޫނެވެ. ހަމަ ސީމާއެވެ.

" ކިހިނެތްވީތަ؟"  އިންދަރްޖީތު ސުވާލުކުރިއެވެ.

"އެއްވެސް ކަމެއް ނުވޭ"

" އެހެންވިއްޔާ އަހަންނަށް ގޮވީ ކީއްކުރަން ؟ ބައްތި ދިއްލީ ކީއްވެގެން؟"

" އާނހާ .. ކަލާ ތިޔަ ހުންނެވީ.. ހާދަބޮޑަށް ތެމިފައި... އެންމެފުރަތަމަ ވީހާ އަވަހަކަށް ހެދުން ބަދަލުކޮށްލައްވާ. އެހެންނޫނީ މާބޮޑަށް ފިނިވެގެން ބަލިވެލައްވާގޮތްވެސް ދިމާވެދާނެ. މިހާ އަވަހަށް މިހާ ބޯކޮށް ވާރޭ ވެހޭނެކަން އެނގޭނަމަ... އަޅުގަނޑު ކަލާއަކަށް ނުގޮވީމުސް..." ސީމާ އިންދަރްޖީތު އަތަށް ފިނިމޫސުމުގައި ބޭނުންކުރާކަހަލަ  ކެހެރި ގައުންއެއް ދެމުން ބުންޏެވެ.

" އަހަރެންނަށް އަދިވެސް ކަލޭގެ މަޤްޞަދެއް ނޭނގޭ.. ރޭގަނޑުގެ މިހާ ދަންވަރު.. އެއްވެސް ކަމަކާ ނުލާ އަހަރެންނަށް މިގޮތަށް އަންނަން ގޮވުމުގެ ބޭނުމަކީ ކޮބާ؟ "އިންދަރްޖީތު އެތެރެއަށް ވަދެ ގޮނޑިއެއްގައި އިށީންނަމުން ބުންޏެވެ.  އޭނާ އަތުގައި އޮތް  ދެ ފިސްތޯލަ އަނެއްކާވެސް ނައިޓް ގައުންގެ ދެ ޖީބަށް ލައިފިއެވެ.

" ކަލާއަށް ހުރިހާކަމެއް އެނގިލައްވާނެ...އިންދަރްޖީތު.. ކަލާއަށް ހަމަ ކޮންމެކަމެއްވެސް އެނގިލައްވާނެ.." އިންދަރްޖީތު ހިމޭންވެލިއެވެ. "ކަލާ ތިޔަހުންނެވީ އަޅުގަނޑާ ދާދި ކައިރީގައި އެކަމަކުވެސް ނުހަނު ދުރުގައި.. ކަލާއާ ވާހަކަ ދައްކާލާހިތްވީ ކަލާއާ ވާހަކަ ދައްކަދައްކާ ހުންނަ ހިތްވީ... އަޅުގަނޑަކީ މިހާރު މީހަކާ އިނދެގެން އުޅޭ މީހެއް.. އެކަމަކު އެކަން ފިޔަވައި އަޅުގަނޑުގެ މާޒީއެއް އެބައޮތް. އެ މާޒީގެ ހަނދާންތަކެއްވެސް ވޭ.. އެހަނދާންތަކެއް އަޅުގަނޑަކަށް ހަނދާން ނައްތައެއް ނުލެވުނު. އަދި ނުވެސް ލެވޭނެ. މާދަމާ ހެނދުނުން އަޅުގަނޑު މިތަނުން ދާންވީ. އެއީ ކަލާ ބުނުއްވާފައިވާ ގޮތް. ދެންފަހަރެއްގައިވެސް ކަލާއާއި ބައްދަލުވެވޭނޭ ކަމެއް ނުވަތަ ނުވެވޭނޭ ކަމެއްވެސް ނޭނގެ. އަދި ކަލާއާ ބައްދަލުވެވޭނީ ކޮންގޮތަކަށް ކަމެއް ނުވަތަ ކޮންފަދަ ޙާލަތެއްގައި ކަމެއްވެސް ނޭނގެ. ވީމާ މިރޭ އަޅުގަނޑު ހިތަށް މިއަރަނީ ކަލާއާ ވާހަކަ ދައްކާލަން. އަޅުގަނޑުގެ ހިތް އެކީއެކަށް ކަލާގެ ކުރިމަތީގައި ހުޅުވާލައިގެން ވާހަކަދައްކަން. ކަލާގެ މޭމަތީގައި ބޯޖައްސާލައިގެން އޮވެ ރޯލަން..

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.