
ޕްރައިމަރީ ހެލްތުކެއަރގެ ނިޒާމު އާރޯކޮށް އަލުން ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުން ކަމަށް ހެލްތު މިނިސްޓަރ އަހަމްދު ނަސީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
ހެލްތު މިނިސްޓަރ ވިދާޅުވީ ކެއިން ބުއިމާއި މާޙައުލުގެ ޒަރީއާއިން ކުރިމަތިވާ ޞިއްޙީ މައްސަލަތައް ދެނެގަތުމަށް، ވަކިން ޚާއްޞަކޮށް ކެންސަރު ބައްޔަށް ރާއްޖޭގައި މީހުން ހުށަހެޅޭ ސަބަބުތައް ދެނެގަތުމަށް، ޑަބްލިޔޫ.އެޗް.އޯ އާ ގުޅިގެން ދިރާސާކުރަމުންދާ ކަމަށެވެ.
" ރައީސުލްޖުމްހޫރިއްޔާ އިބްރަހީމް މުޙައްމަދު ޞާލިޙު، ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު، އެންމެ ބޮޑަށް އަހައްމިއްޔަތުކަން ދެއްވާފައިވާ ކަންކަމުގެ ތެރޭގައި، ތިމާވެއްޓާއި އިންސާނުންގެ ޞިއްޙަތު ރައްކާތެރިކުރުން ހިމެނޭ. ވަކިން ޚާއްޞަކޮށް 'ހަށިހެޔޮ ދުޅަހެޔޮ' ރައްޔިތެއް ބިނާ ކުރުމަށާ ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަމާ، ބޭސްފަރުވާގެ ކަންކަން ކަށަވަރުކުރުމަށް، މި ސަރުކާރުން އަލަށް ފެށި މަޝްރޫޢުތަކުގެ ކާމިޔާބުން، ޞިއްޙީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ދަނީ އަންނަމުން." ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.