
މިސަރުކާރަށް ނުވަތަ އެމްޑީޕީއަށް ވެރިކަން ލިބޭނީ ވެފައިވާ ވައުދުތައް ފުއްދައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ވިދާޅުވެއްޖެއެވެ.
އީވާ މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި އިންތިއަށް ތާއީދު ހޯދުމަށް ށ.އަތޮޅަށް ކުރާ ދަތުރުގައި ށ. ނަރުދޫ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުންނެވެ.
"ރައްޔިތުންނާއި ހަމައަށް ވޯޓު ހޯދަން އިންތިޚާބާއި ދިމާކޮށް ދާންކެރޭނީ ވައުދުތައް ފުއްދިފައިވާނަމަ. ނުފުއްދިވާނަމަ ރައްޔިތުންނާއި ހަމައަށް ދިޔަޔަސް ކުރެވޭނެ ކަމެއް ނޯންނާނެ." އީވާ ވިދާޅުވިއެވެ.
މީގެ އިތުރުން އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ގުޅުވައިގެން ރަށްރަށުގެ ތަރައްޤީ މަޑު ޖެހި ހުއްޓިދާނެކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވާ އީވާ ވިދާޅުވީ ވެފައިވާ ވަދުތައް ފުއްދެނީ ވެސް އަދި ވައުދުތައް ނުފުއްދޭވާހަކަ ދެއްކެނީ ވެސް އެމްޑީޕީން އެކަންކަން ހުށަހެޅުމުންކަމަށެވެ.
އީވާ ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބައި ގުޅުވައި ތަރައްޤީ މަޑުޖެހި ކަންކަންވާނަމަ ކުރިއަށް އޮތް ބޮޑު އިންތިޚާބާއިމެދު ވިސްނަންޖެހޭނެކަމަށެވެ. އަދި އެމްޑީޕީ ބައިބައި ކޮށްލުމަށާއި ބައިބައި ވެދާނެގޮތަކަށް ކުރެވޭ އެއްވެސް ކަމަކަށް ޖާގަ ނުދޭނެކަމަށް ވެސް އީވާ ވިދާޅުވިއެވެ.
އީވާ މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް ޞާލިހާއި ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުންގެ މެދުގައި ވަނީ ވަރަށްބޮޑު ވާދަވެރިކަމެއް އުފެދިފައެވެ. އަދި ދެފަރާތުން ވެސް އަންނަނީ ބަހުގެ ހަމަލާތައް ވެސް ރައްދުކުރަމުންނެވެ.