އަމީރާ ސުލްޠާނާގެ ނާރެސް - 7

(7 އޭޕްރީލް 2022 ގެ ބަޔާ ގުޅޭ)

"ތިކަމުގައި ގޮތެއްނިންމަން އަހަރެން، މުނީރާއަށް ދޫކޮށްލާނަމެވެ." ޢަލީ ގަދަކަމުން ކަހަލަގޮތަކަށް ބުނެލިއެވެ. އަޅުގަނޑަށް ލިބުނު އުފައުވެރިކަން ބުނެދޭންވެސް ނޭނގެއެވެ. އެންމެ ދެރަވެގެން މިހިނދުކޮޅަށްނަމަވެސް، މުނީރާގެ ފުރާނަޔަށް ދިރުމެއްލިބޭނެ އުއްމީދެއްގެ ހުޅުކޮޅު ދިއްލިގެންދާތަން ފެނުނީމައެވެ. އުފަލުންގޮސް ބުނެވޭނެ އެއްޗެއް ނޭނގިދާނެތީ، ކުއްލިޔަކަށް، އަޅުގަނޑު އަނގަމަތީ އަތް އެޅީމެވެ. އެއަށްފަހު، އަމިއްލަ ނަފްސު ކޮންޓްރޯލްވެއްޖެކަން ގައިމުވީމަ، ތަމާމަށް ބަލައިލާ ލޮލުން ފައުޅުވި  ވިދުވަރު ހާމަކޮށްލީމެވެ. އަދި ދެއަތުން ބޮލުގެ ދެފަރާތުގައި ހިފައި، މީހަކު ﷲ އަށް ސަޖިދަކުރުމަށް ތިރިވާފަދަ ގޮތަކަށް ތަޅުންގަނޑުމައްޗަށް ތިރިވީމެވެ.

ތައްމާމަށްވެސް، އެއިވުނު އަޑު ޤަބޫލުކުރާނީތޯ ނޫނީ، އަލުން އެބުނި އެއްޗެއް ތަކުރާރުކޮށްލަދިނުމަށް ޢަލީކުރެން އަހައިލާނީތޯ، މިދެކަމުންކުރެ ކުރާނީ ކޮންކަމެއްކަން ނޭނގިފައި އިރުކޮޅަކު އިނެވެ. ނަމަވެސް، އަޅުގަނޑަށް މިކުރި އަސަރުން، އެއީ ހަމަ ޢަލީބުނި އެއްޗެއްކަން ތައްމާމަށްވެސް ޤަބުލުކުރަން މަޖްބޫރުވިއެވެ. ތައްމާމަށް ހީކުރެވުނީ، މެންދުރުނަމާދުގެ ވަގުތު ޖެހިއްޖޭ އަޅުގަނޑު ބުނަން އުޅޭ ކަހަލަގޮތަކަށެވެ.  ތައްމާމު، އޭނާގެ ގަޑިޔަށް ބަލައިލިއެވެ. އަދި  ބޯ އެގޮތްމިގޮތަށް ހޫރައިލިއެވެ. ވަރަށް ސިއްރުން، ލޯބިގޮތަކަށް، އަނެއްމީހާގާތު މީހަކު ވާހަކައެއް ބުނާގޮތަށް އަޅުގަނޑަށް ބުނެވުނެވެ.

"މުނީރާ ގޮތެއްނިންމަން ފުރުޞަތުދޭން ޢަލީ ނިންމައިފިއެވެ." ތައްމާމުގެ މޫނުމަތި،  ވަރަށް މާނަފުން ހިނިތުންވުމަކުން ތާޒާވެގެން ދިޔައެވެ.

ފުރަތަމަ ފަހަރަށް، އަޅުގަނޑުގެ ހިތުގައި ޢަލީގެ މައްޗަށް ހަމްދަރުދީގެ އިޙުސާސެއް އުފެދުނެވެ. ތައްމާމަކީ ކިހާ އެކަނިވެރި އުއްމީދެއްނެތް އިނސާނެއް ހެއްޔެވެ. އަޅުގަނޑު މިއީ މުނީރާގެ މަންމަ ނަމަ، އަޅުގަނޑަށް ލިބުނު އުފާވެރިކަން ކޮޅުންލައި ބަންޑުންވީސްކަން ކަށަވަރެވެ. އެއީ އެހައިވެސް އުފައުވެރިކަމުން ފުރިގެންވީ ޚަބަރެކެވެ. ތައްމާމުގެ ހިތަށްލިބޭ ހަމަޖެހުމާއި އުފައުވެރިކަމުގެ އިޙްސާސްތައް އޭގެ ޒާތުގައި މަސައްކަތް ނުކުރަނީ، ވޭތުވެދިޔަތާނގައި ތައްމާމުގެ ޙަޔާތުގައި ފިރިމީހާގެ ފުށުން ލިބުނު ނާއުއްމީދުންކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ކިތަންމެ ބޮޑު އުފަލެއްލިބުނަސް ހިތަކަށް އޭގެ އެއްވެސް އަސަރެއްނުކުރެއެވެ. އަދި ކިތަންމެ ބޮޑު އަނިޔާއެއް ނުވަތަ މާޔޫސްކަމެއް ދިމާވިޔަސް އެކަމަކުންވެސް މާބޮޑު އިޙްސާސެއް ހިތަކަށް ނުލިބެއެވެ. ފިރިހެނެއްގެ ހަރުކަށި ވަޙުޝީ ޢަމަލުތަކަށް، ކުޑައިރުއްސުރެ ކިޔަމަންގަނެގެން އުޅެން ވެފައިވާ މަޖްބޫރުން، ހަށިގަނޑުގެ ހުރިހައި އިޙްސާސްތަކެއް އެވަނީ ނިޒާމުން ބޭރުވެ ވާޖިބުން ކައްސައިލައިފައެވެ. މުޅި ޢުމުރަށެވެ. މުސްކުޅިވީ ދުވަހު ހިތަށް ދިރުމެއް ލިބޭނީ ދަރިންނާމެދު ކުރެވޭ ފޮނި އެއްމީދުންނެވެ. އެކަމެއްވެސް ވާކަށް ނެތެވެ. ދަރިންނާމެދުވެސް ކުރެވެނީ ދިރުމެއްނެތް އުއްމީދެކެވެ.

"އަހަރެން މުނީރާއަށް ގޮވައިލާނަމެވެ."  ދޮރުހުޅުވިފައި ލެއްޕިގެންދިޔައިރު ޢަލީގެ ބަރު ފިޔަވަޅުތަކުގެ އަޑު އަޅުގަނޑުމެންނަށް ސާފުކޮށް އިވެއެވެ. ޢަލީ އެތަނުން ނުކުމެގެން ދިޔަތަނާ، ކޮޓަރިތެރޭތިބި ތިންމީހުން، އަޅުގަނޑުމެން ދާދިމިދާކަށްދުވަހު މިޞްރަށްކުރި ދަތުރުގެ ވާހަކަ ފަށައިފިއެވެ. އެދެއްކި ވާހަކަތައް އިވިފައި ކުޑަކޮށް ފޫހިވެސް ވިއެވެ. އަޅުގަނޑު ހީކުރީ، ޢާއިލާގެ ވިޔަފާރިއާބެހޭގޮތުން އަޅުގަނޑަށް ނޭނގޭ ވާހަކަތަކެއް، އެމީހުން ދައްކާނެ ކަމަށެވެ. އެހައި ސިއްރު ނޫނަސް، އަޅުގަނޑު، ދެވަނަފަހަރަށް ތަކުރާރުކުރަން ނުޖެހޭކަހަލަ ވާހަކަތަކެއްގެ އަޑު އިވިދާނެ ކަމަށެވެ. އެކަމަކު، ކަންވީކީ އެހެނެއްނޫނެވެ.

މާގިނައިރެއްނުވެ، ޢަލީ އެނބުރި ކޮޓަރިޔަށް ވަތްއަޑު އިވުނެވެ. ޢަލީގެ އަޑުގައިވަނީ އަމިއްލަ ނަފުސަށް ކުރާ އިތުބާރާއި ޔަޤީންކަމުގެ ލަހުޖާއެކެވެ.

"މުނީރާއެވެ! މިތިބީ މުނީރާގެ ބޭބެއިންނެވެ. އިޙްތިރާމާއި ލޯބި ރައްދު ކުރެއެވެ. އެމީހުން މިގެޔަށް އެއައީ، އަމިއްލަޔަށް ވަގުތު ހޯދައިގެން، މުނީރާގެ ކައިވެންޏަށް މަރުޙަބާ ކިޔައި ތަހުނިޔާ ރައްދު ކުރުމަށެވެ." އަސަދާއި ކަރީމް އަދި އަޙްމަދުވެސް މުނީރާގެ ސަމާލުކަން ގެނެސްދިނުމަށްޓަކައި ކަރުކެހިލިއެވެ. އެހެންނަމަވެސް، މުނީރާ އެއްވެސް އެއްޗެކޭ ނުބުނެއެވެ. މުނީރާގެ އެއްވެސް ޖަވާބެއްނެތެވެ.

ފިރިހެނުންނާބެހޭގޮތުން، މުނީރާގެ ވިސްނުމާއި ފިކުރުހުންނަ ގޮތް އެނގޭމީހަކަށްވާތީ، ގަދަކަމުން ފިރިހެނުންގެ މައްޗަށް މުނީރާގެ ހިތަށް ވައްދުވާފައިވާ އިޙުސާސްތައް، ޖަވާބަކަށް ތައްޔާރެއްނޫނެވެ. ޢަލީގެ ވާހަކަ ކުރިޔަށް ދިޔައެވެ.

"ދަރިފުޅާ މުނީރާއެވެ! ދަރިފުޅަކީ އިޙްތިރާމް ލިބިގެންވާ ނިޔަނެތި އަނތްބަކަށް ވުމަށް ހާދީ އޮތީ އެދިފައެވެ. މިޢާއިލާއާއި ހާދީއާއެކު އޮތް ގާތް ރަޙުމަތްތެރިކަމުގެ ގުޅުމަކީ މުނީރާއަށް ވަންހަނާވެގެންވާނެ ކަމެއްނޫނެވެ. އަދި ދަރިން ލިބިއްޖެނަމަ، އެކުދިންބެލުމަކީ ހާދީއަށް އެކަމުގެޤާބިލްކަން ލިބިގެންވާނެ ކަމެއްކަންވެސް ދަރިފުޅަށް އެނގޭނެއެވެ. މުނީރާއާ ހާދީގެ ކައިވެނިކުރެވިގެންދިއުން މިންވަރުކުރެއްވުން އެދި، ﷲ އަށް އަހުރެން ދުޢާކުރަމެވެ. މުނީރާއެވެ! ބުނެބަލާށެވެ! މުނީރާ އެއްބަސްވާ ނަމައެވެ."

މުނީރާގެ ބަހެއްއިވޭތޯ އަޅުގަނޑު މަޑުކުރީމެވެ. އެތައްއިރެއްވީއިރުވެސް އަޑެއްބަޑެއް ނީވެ ހަމަހިމޭންކޮށް އޮތެވެ.

"މުނީރާ!" އަދިވެސް އަޑެއްބަޑެއްނީވެ އިރުގަނޑެއްވުމަށްފަހު، ދެންވެސް އިވުނީ ޢަލީގެ އަޑެވެ.  އޭނާގެ އަޑުގައިވަނީ ޔަޤީންކަމާއި ގޮތްދޫނުކުރުމެވެ.

"ﷲ ގެ ކުޅަދުންވަންތަ ކަމާއެވެ! މުނީރާގެ ހިމޭންކަމުން މާނަކޮށްދެނީ، މިކައިވެންޏަށް މުނީރާ ރުހި ޤަބޫލުކަމެވެ." ޢަލީހުރީ އުފަލުން ފޮޅިފައެވެ. އަދިވެސް އިތުރަށް ބުނެލިއެވެ.

"ދަރިފުޅާއެވެ! އެނބުރި ކޮޓަރިއަށް ދާށެވެ! ތިނިންމުމުން، ބައްޕަޔަށް ހަމަޖެހުމާއި އުފައުވެރިކަން ގެނެސްދީފިއެވެ."

އަޅުގަނޑުގެ މޫނުމަތިން ދާ ހިއްލައިލިއެވެ. އަދި މުޅިގައިން ހީބިހި ނަގައިގަތެވެ. ޢަލީ އެހެދި އުކުޅަކީ، ފިރިހެނުން އެފަދަކަންކަން ނިންމުމުގައި ބޭނުންކުރާ އެންމެ ޙީލަތްތެރި އުކުޅެވެ. މުނީރާއަށް ރައްދުގައި އެއްޗެއްނުބުނެވޭފަދަ ގޮތަކަށެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެކަލޭގެފާނުގެ ދަރިކަނބަލުން ފާތިމަތުގެފާނާ މުޚާތަބުކޮށް ވިދާޅުވި ބަސްފުޅު އަކުރުން އަކުރަށް، ޢަލީ ތަކުރާރުކޮށްފިއެވެ. އެހެނަސް ނުބައި ނިޔަތަކާ އެކުގައެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އެބަސްފުޅަކީ، ފާތިމަތުގެފާނު، އެކަމަނާގެ ބޭބެއެއްކަމުގައިވާ ޢަލީގެފާނާ ކައިވެނިކުރެއްވިގެންދިޔަ ދިއުމުގައި ބޭނުންކުރެއްވި ބަސްފުޅު ތަކެކެވެ. ފާތިމަތުގެފާނުވެސް، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅަށް ރައްދުގައި އެއްވެސް ބަސްފުޅެއް ވިދާޅުނުވެ ހަނު ހުނެނެވީއެވެ. އެންމެހައި ރަނގަޅު މުސްލިމުން، އެކަން ރަނގަޅުގޮތުގައިނަގާ މީސްތަކުންނަށް އެނގޭނެގޮތުގައި، ފާތިމަތުގެފާނު އެއްޗެކޭ ވިދާޅުނުވީ ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އެބަސްފުޅުގައި އޮތް ރަނގަޅާއި ނުބައި ވަޒަނކުރެއްވުމަށް ފަހުގައެވެ. އެހެންނޫނަސް، ރަސޫލު ޞައްލަﷲ ޢަލއިހި ވަސައްލަމަ، އެކަލޭގެފާނުގެ ދަރިކަނބަލުންނަށް ދެރަގޮތެއް ނުހައްދަވާނެ އެވެ. ޢަލީ އެހެން ހެއްޔެވެ ؟ ޢަލީ އޭނާގެ އަންހެންދަރިފުޅުގެ އަނގަ ބަންދުކުރީ ބޭނުންކުރި އުކުޅަކުންނެވެ.

ކޮޓަރީގެ ދޮރު ޖެހުނެވެ. އެކަން ހިނގައި އެދިޔަގޮތުން، ކަރީމާއި އަޅުގަނޑުގެ ޅިޔަންކުދިންނަށް އިތުރަށް ބުނާނެ އެއްވެސް އެއްޗެއް ނެތުނީއެވެ. އިދިކޮޅަށް އެއްޗެއް ބުނެފިނަމަ، އެމީހުން ޤަބޫލުކުރާގޮތުގައި އެބުނާ ބަހެއް އެބުނެވެނީ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާ ދެކޮޅަށެވެ. މިހުންނަނީ، އިސްލާމީ ރިވެތި އުސޫލުތަކުން ފުރިހަމަވެގެންވީ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތް، މިޒަމާނުގައި ތަރުޖަމާކުރާ ގޮތެވެ. ޖާހިލިއްޔަ ޒަމާނަށްވުރެ ޙާލު ބޮޑެވެ. އެއީ ކޮންކަހަލަ ޢަޤީދާއަކާއި އިންސާފެއް ހެއްޔެވެ؟

ޢަލީ، އެމީހުންނަށް ޝުކުރު އަދާކުރިއެވެ.

"އަހަރެންގެ ޢާއިލާއާމެދު ތިޔަކުދިން ތިކަންބޮޑުވި ކަންބޮޑުވުމަށް އަހަރެންގެ ހިތުގެ އަޑިން ޝުކުރިއްޔާއެވެ. އަހަރެންނަކީ ވަރަށް ނަޞީބު ރަނގަޅު މީހެކެވެ. ލަސްނުވެ އަދި އަންނައްޗެވެ."

ހުރިހައި މީހުން ތަނުން ނުކުތުމާއެކު، އަނެއްކާވެސް ދޮރު ޖެހުނު އަޑު އިވުނެވެ. އަހަރެންގެ ކޮއްކޮއިން ހިތްނުތަނަވަސްވެ ޕިސް ޕިސް ލައްވަމުން ނުކުތްތަން ފެނުނެވެ. ހިތާމައިން ފުރިގެންވާ ޙާލު، ހާސްވެ ކަންބޮޑުވުމާއެކު އަޅުގަނޑު، އަނެއްކާވެސް ގަބުވިއެވެ. ފާރުގައި ލައްގަނެވިގެން އެތައްއިރަކު ހުރެވުނެވެ. އެއީ ކިހިނެއްވާނެ ކަމެއް ހެއްޔެވެ؟

މުނީރާ ގޮވައިގެން ޢަލީ އައި އައުމުގައި މުނީރާއަށް އިންޒާރުދީ އެކުއްޖާ ފަކީރު ބިރުގަންނަވައިލީ ބާވައެވެ؟ ނުވަތަ، އެކަމާ ހާސްވެ ކަންބޮޑުވެފައިހުރި މުނީރާ، އޭނާގެ ބަހެއްބުނުމުގެ ޙައްޤު ގެއްލި، އަނގަމަޑުންލައިގެން ހުރީ ބާވައެވެ؟ އަޅުގަނޑުގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. އަޅުގަނޑު، ތައްމާމާދިމާއަށް ބަލައިލީމެވެ. އަދި ބޯހޫރާލައި ހިތުގެ އުދާސްތައް ރައްދުކުރީމެވެ. ރޭވި ހުރިހައިކަމެއް ފެނަށްދިޔައީއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.