ރޯދަ މަޖާ: ބިރުވެރި ޚަބަރު

ބިރުވެރި ޚަބަރު

ކުރެހުމުގެ މައިދާނުގައި ކުރިއަށް ދާން މަސައްކަތް ކުރާ މީހަކު އޭނާގެ ބައެއް ކުރެހުން ވިއްކަން ބޭނުން ވެގެން ފިހާރައަކާ ހަވާލު ކޮށްފިއެވެ. ދެތިން ދުވަސް ފަހުން ޚަބަރު ބަލައިލާން ފިހާރައަށް ދިޔައިރު އެއްވެސް ކުރެހުމެއް ފެންނާކަށް ނެތެވެ. އޭނާ ފެނުމާއެކު ފިހާރައިގެ ސޭޓު ބުންޏެވެ.

"އުފާވެރި ޚަބަރަކާއި ބިރުވެރި ޚަބަރެއް އެބައޮތް. ފުރަތަމަ ދޭން ވީ ކޮން ޚަބަރެއް؟"

ކުރަހާ މީހާ ބުންޏެވެ. "އުފާވެރި ޚަބަރު."

ސޭޓު ބުންޏެވެ. "މީހަކު އައިސް ކަލޭގެ ހުރިހައި ޚަބަރެއް ގެންފި. އޭނާ ފުރަތަމަ ކުރީ ސުވާލެއް. ސުވާލަކީ ކުރެހި މީހާ މަރުވެއްޖެއްޔާ އެ ކުރެހުމުގެ އަގު ދެގުނައަށް ބޮޑު ވާނެ ހެއްޔޭ. މާނައަކީ އެ ކުރެހުން އޭނާއަށް ދެގުނަ ބޮޑު އަގުގައި ވިއްކިދާނެ ހެއްޔޭ. އަހަރެން ބުނިން ދެގުނައެއް ނޫނޭ. ތިން ގުނައަށް ބޮޑު ވާނެއޭ."

ކުރަހާ މީހާ ބުންޏެވެ. "ތިޔައީ ވަރަށް އުފާވެރި ޚަބަރެއް. ބިރުވެރި ޚަބަރަކީ ކޮބާ؟"

ސޭޓު ބުންޏެވެ. "ބިރުވެރި ޚަބަރަކީ ކުރެހުން ގަތް މީހަކީ ކަލެއަށް ބޭސްކުރާ ޑަކްޓަރު."

ކަސްޓަމަރު ދައްކާނީ ތެދު ވާހަކަ

ފިހާރައެއްގެ މެނޭޖަރަކު ތަންކޮޅެއް ދުރުގައި ހުރެގެން ފިހާރައަށް ވަން ކަސްޓަމަރަކާއި ކައުންޓަރުގައި އިން ކުއްޖާޔާ ޒުވާބުކުރާތަން ބަލަމުން ދިޔައެވެ. އިރުކޮޅަކު ޒުވާބު ކުރުމަށް ފަހު އެ މީހާ ނުކުމެގެން ދިޔައީމާ މެނޭޖަރު ކައުންޓަރު ދޮށަށް އައިސް ބުންޏެވެ.

"ކަލޭ މިތަނަށް އައި ކަސްޓަމަރަކާ ޒުވާބުކުރި ތަން އަހަރެން ހުރީ ބަލަން. މި ފިހާރައިގެ މޮޓޯގެ މަތީން ކަލޭ ހަނދާން ނެތުނީތަ؟ އެ މޮޓޯއަކީ ކަސްޓަމަރު ދައްކާނީ ތެދު ވާހަކައޭ."

އެ ކުއްޖާ ވާހަކަދައްކަން އުޅުނެވެ. "އެކަމަކު..."

މެނޭޖަރު އެ ކުއްޖާގެ ވާހަކަ މެދުކަނޑައިލިއެވެ. "އެކަމަކު މިކަމަކުއެއް ކިޔާނެ ކަމެއް ނެތް. ކަސްޓަމަރަކީ އަހަރެމެންނަށް ފައިސާ ދޭ މީހާ. އޭނާ ކޮންމެ އެއްޗެކޭ ބުންޏަސް ވާނީ ތެދަކަށް."

އެ ކުއްޖާ މަޑުމަޑުން ބުނެލިއެވެ. "އެންމެ ރަނގަޅު. ތިޔަ ވާހަކަފުޅު އަޅުގަނޑު ހަނދާނުގައި ބާއްވާނަން."

މެނޭޖަރު ބުންޏެވެ. "އޭނާޔާ ޒުބާކުރީ އޭނާ ކީކޭ ބުނީމާތަ؟"

އެ ކުއްޖާ ބުންޏެވެ. "އޭނާ ބުނީ މި ފިހާރައިގެ މެނޭޖަރަކީ ބޮޑު މޮޔައެކޭ."

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.