ރޯދަމަޖާ: ވައްތަރު މީހުން ހޮވުމުގެ މުބާރާތް

ދުނިޔެއަށް މިހައި ތަނަށް ފޮނުއްވައިފައިވާ މީހުންގެ ތެރެއިން ދެ މީހަކު މުޅީން އެއް ގޮތް ނުވާނޭ ކަމަށް ބައެއް މީހުން ބުނެއެވެ. އެހެންނަމަވެސް ވަރަށް ބޮޑަށް ވައްތަރު ދެ މީހުން ނުވަތަ އެއަށް ވުރެ ގިނަ މީހުން ފެނުމަކީ ވަރަށް ގިނައިން ދިމާވާ ކަމެކެވެ. ވައްތަރު ވަނީ ހަމަ އެކަނި ސިފައެވެ. ވިސްނުމާއި ޚިޔާލާއި ފިކުރާއި ޙަރަކާތްތައް މުޅީން އެއް ގޮތެއް ނުވެއެވެ.

ރާއްޖޭގައިވެސް ބޭރު ދުނިޔޭގެ ބައެއް ފިލްމީ ތަރިންނާ ވައްތަރު މީހުން އުޅޭ ކަމަށް ބުނެއެވެ. ރިތިކް ރޯޝަން، މައިކަލް ޖެކްސަން، ލިއޮނާރޑޯ ފަދަ މީސްމީހުންނާ ވައްތަރު މީހުން ފެނިގެން އެ މީހުންގެ ފަހަތުން ބައެއް އަންހެން ކުދީން ދުވެ އުޅޭ ވާހަކަ އެކި ދުވަސްވަރު އިވިފައި އެބަ ހުއްޓެވެ. ފިލްމީ ތަރިންނަކީ މާ ރީތި ބައެކޯލައެވެ. ޚާއްޞަކޮށް ހިންދީ ފިލްމު ކުޅޭ މީހުންނަކީ މާ ރީތި ބައެކޯލައެވެ. އެ މީހުން ރީތި ކުރަނީ ކިތައް މީހުންގެ މަސައްކަތުން ކަމެއް ގިނަ މީހުންނަކަށް ނޭނގެއެވެ. ފުށް ޖައްސާ ވަރާއި މޫނުގައި ހާކާ އެކި ބާވަތުގެ އެއްޗެހީގެ ޚަބަރެއް ގިނަ މީހުންނަކަށް އެނގިފައެއް ނޯވެއެވެ. އެހެންވީމާ އިސްކިރީނުން ފެންނަ ކުލަވަރަށް ހެއްލެނީއެވެ. މި ދަންނަވަނީ ރީތި މީހުން ނޫޅޭ ވާހަކައެއް ނޫނެވެ. ދަންނަވަން މި އުޅެނީ އިސްކިރީނުން އެ ފެންނަ ހުރިހައި މަންޒަރަކީ ޙަޤީޤަތެއް ނޫނޭއެވެ.

އެއް ވައްތަރު މީހުންގެ ސަބަބުން ވަރަށް ގިނަ ހެއްވާ ކަންތައްތައް ހިނގައިފައި އެބަ ހުއްޓެވެ. މިސާލަކަށް ރާއްޖޭގެ މަޝްހޫރު ލިޔުންތެރިޔާ އަދި އަޅުގަނޑުމެން އެންމެންގެ އެދުރު މުލީ ޢަބްދު ޞާދިޤާއި މާފަންނު މުރިނގު މުޙައްމަދު ޞާދިޤުގެ އޮޅުމުގެ ސަބަބުން ވަރަށް ގިނަ ލަނޑު ދެ ޞާދިޤަށްވެސް ލިބިވަޑައިގެންފައިވާ ކަމަށް ޢަބްދު ޞާދިޤު ލިޔުއްވައިފައި ވެއެވެ. މި ދެންނެވި ދެ ބޭފުޅުންގެ ސިފަ އެހައި ބޮޑަކަށް އެއް ގޮތެއް ނޫނެވެ. ވައްތަރީ ނަމެވެ. އެއީވެސް ފަހު ނަމެވެ. އާދެ، ޞާދިޤެވެ. އެކަމަކު އެއް ޞާދިޤަށް ލިބެންވާ އުޖޫރަ އަނެއް ޞާދިޤަށް، އެއް ޞާދިޤަށް ލިބެންވާ އަދަބު އަނެއް ޞާދިޤަށް ލިބޭގޮތްވީ ކަމަށް ޢަބްދުﷲ ޞާދިޤް ވިދާޅުވިއެވެ.

އިނގިރޭސި ވިލާތުގައި ހިނގި ކަމެއްގެ ވާހަކަ ދަންނަވައިލާނަމެވެ. ޗާރލީ ޗެޕްލިން އަކީ ކޮން ބޭފުޅެއްކަން ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެއެވެ. އޭނާއަކީ ހެއްވާ ފިލްމު ހެއްދެވުމުގައި ރަން ވަނައެއް ހޯއްދަވައިފައިވާ ފިލްމީ ތަރިއެކެވެ.

އެއްުވަސްވަރެއްގައި އިނގިރޭސި ވިލާތުގައި އާދަޔާ ޚިލާފު މުބާރާތެއް ބާއްވައިފިއެވެ. އެއީ ޗާރލީ ޗެޕްލިން އާ އެންމެ ބޮޑަށް ވައްތަރު މީހުން ހޮވުމުގެ މުބާރާތެކެވެ. މި މުބާރާތުގައި އެކި ގޮތް ގޮތަށް މޭކަޕް ކޮށްގެން އެތައް ބަޔަކު ބައިވެރި ވިއެވެ.

ވާ ގޮތެއް ބައްލަވައިލެއްވުމުގެ ގޮތުން ޚުދު ޗާރލީ ޗެޕްލިންވެސް މި މުބާރާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. އެހެންނަމަވެސް އަސްލު ނަމެއް މުބާރާތް އިންތިޒާމު ކުރި ފަރާތަކަށް ނާންގަވައެވެ.

މުބާރާތުގެ ވަނަތައް ހޮވީ ކަމަށް އެކަށީގެންވާ ފަނޑިޔާރުންގެ ކޮމިޓީއަކުން ވަރަށް ރަނގަޅަށް ބަލައިފައެވެ. ބެލި ކަންތައްތަކުގެ ތެރޭގައި ބުރުސޫރައާއި ވާހަކަ ދެއްކުމާއި ހިނގުމާއި އެކި ޙަރަކާތްތައް ހުންނަ ގޮތް ހިމެނެއެވެ.

މި ހުރިހައި ކަމަކަށް ފަހު ނުކުތް ނަތީޖާ އަކީ ވަރަށް ގިނަ ބޭފުޅުންނަށް ޤަބޫލުފުޅު ކުރައްވާން ދަތިފުޅު ނަތީޖާ އަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

އާދެ، އެ މުބާރާތުން ޗާރލީ ޗެޕްލިން އަށް ލިބިވަޑައިގަތީ ތިން ވަނައެވެ. މާނައަކީ އޭނާ އަށް ވުރެ އޭނާޔާ ވައްތަރު ދެ މީހުން ދުނިޔޭގައި އުޅުނެވެ!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.