ތެދުވެރިކަމުގެ ޙަޤީޤަތަކީ ކޮބައިކަން ބަޔާންކުރައްވައި اللَّهُ ވަޙީކުރެއްވި ބަސްފުޅެއްގައިވެއެވެ. {وَالَّذِينَ آمَنُوا بِاللَّهِ وَرُسُلِهِ أُولَئِكَ هُمُ الصِّدِّيقُونَ وَالشُّهَدَاءُ عِنْدَ رَبِّهِمْ لَهُمْ أَجْرُهُمْ وَنُورُهُمْ وَالَّذِينَ كَفَرُوا وَكَذَّبُوا بِآيَاتِنَا أُولَئِكَ أَصْحَابُ الْجَحِيمِ.} (الحديد: ١٩) މާނައީ: {اللَّهُއާއި، އެކަލާނގެ ރަސޫލުންނަށް އީމާންވިމީހުން (ދަންނާށެވެ!) އެއުރެންނީ އެއުރެންގެ ވެރިރަސްކަލާނގެ ޙަޟުރަތުގައި ޞިއްދީޤުންނާއި، ޝަހީދުންނެވެ. އެއުރެންގެ ދަރުމައާއި، އެއުރެންގެ ނޫރު، އެއުރެންނަށް ހުށްޓެވެ. އަދި ކާފިރުވެ، ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުޅަމީހުން (ދަންނާށެވެ!) އެއުރެންނީ ނަރަކައިގެ އަހުލުވެރިންނެވެ.}
މި ބަސްފުޅުން އެނގޭގޮތުގައި ޙަޤީޤީ ތެދުވެރިންނަކީ، اللَّهُއާއި، އެކަލާނގެ ރަސޫލުންނަށް އީމާންވި މީހުންނެވެ. ފުރިހަމަ މުއުމިނުންގެ ގޮތަކީ، ތިމާއަށް ކިތަންމެ ބޮޑު ގެއްލުމެއް ކުރިމަތިވެދާނެ ކަމެއްކަމުގައި ފެންނަ ކަމެއްގައިވެސް ޙަޤީޤަތާ ޚިލާފު ބަހެއް ނުބުނުމެވެ. ތެދުވެރިވުމެވެ. އެހެނީ ތެދުވެރިކަމަކީ ހުރިހާ ގެއްލުމަކުން މީހާ ސަލާމަތްކޮށްދޭނެ ކަމެއްކަން އޭނާއަށް ޤަބޫލުކުރެވޭނެއެވެ. ކަމެއްގައި އެއް ދޮގު ހަދައިފިނަމަ، އެކަމުން އަރައިގަތުމަށްޓަކައި އިތުރު އެތައް ދޮގުތަކެއް ހަދަންޖެހޭނެކަން ދަންނާނެއެވެ.
މި މާނާގައި ރަސޫލު اللَّهِ صَلَى اللَّهُ عَلَيهِ وَسَلَّمَ ޙަދީޘްކުރެއްވި ބަސްފުޅެއްގައި ވެއެވެ. {تَحَرَّوُا الصِّدْقَ، وَإِنْ رَأَيْتُمْ أَنَّ الْهَلَكَةَ فِيهِ، فَإِنَّ فِيهِ النَّجَاةَ.} (رَوَاهُ رَوَاهُ ابْن أبي الدُّنْيَا بِسَنَدٍ ضَعِيفٍ وَالْمَعْنَى صَحِيحٌ) މާނައީ: {ތިޔަބައިމީހުން ތެދުވެރިކަމުގައި ދަގައަޅައި ސާބިތުވެ ތިބޭހުށިކަމެވެ. އެއީ އެ ކަމެއްގައި ތިމާއަށް ކިތަންމެ ބޮޑު ގެއްލުމާއި ހަލާކު އޮތްކަމެއްކަމުގައި ފެނުނު ނަމަވެހެވެ. ފަހެ، ހަމަކަށަވަރުން ސަލާމަތްތެރިކަން ވަނީ ތެދުބުނުމުގައެވެ.} (މިއީ އިބްނުއަބިއްދުންޔާ ޟަޢީފު ސަނަދަކުން ރިވާކުރައްވާފައިވާ ޙަދީޘެކެވެ. ނަމަވެސް މިޙަދީޘުގެ މާނައާއި މަޤްޞަދަކީ މުޅިންމެ ތެދު ޙަޤީޤަތެވެ.)
ތެދުވެރިކަމުގެ މަތިވެރިކަމާއި އެއީ ހެޔޮކަންކަމަށް މަގުދައްކާ ކަމެއްކަމާއި، ހެޔޮކަމަކީ، މީހާ ސުވަރުގެއަށް ދިއުމަށް މަގު ފަހިކޮށްދޭ ކަމެއްކަމާއި ދޮގަކީ ނުބައިކަންކަމަށް މަގުފަހިކުރާ ކަމެއްކަމާއި ކޮންމެ ނުބައިކަމަކީ ނަރަކައަށް މީހާ ގެންދާނެ ކަމެއްކަން ކަށަވަރުކޮށްދެއްވައި ރަސޫލު اللَّهِ صَلَى اللَّهُ عَلَيهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ. قَالَ رَسُولُ اللَّهِ صَلَى اللَّهُ عَلَيهِ وَسَلَّمَ: {إِنَّ الصِّدْقَ يَهْدِي إِلَى الْبِرِّ، وَإِنَّ الْبِرِّ يَهْدِي إِلَى الْجَنَّةِ، وَإِنَّ الرَّجُل لَيَصْدُقُ حَتَّى يُكْتَبَ عِنْدَ اللَّهِ صِدّيقًا، وَإِنَّ الْكَذِبَ يَهْدِي إِلَى الْفُجُورِ، وَإِنَّ الْفُجُورَ يَهْدِي إِلَى النَّارِ، وَإِنَّ الرَّجُلَ لَيَكْذِبَ حَتَّى يُكْتَبَ عِنْدَ اللَّهِ كَذَّابًا.} (مُتَّفَقٌ عَلَيهِ) މާނައީ: ރަސޫލު اللَّهِ صَلَى اللَّهُ عَلَيهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. {ހަމަކަށަވަރުން، ތެދުވެރިކަން ހެޔޮކަމަށް މަގުދައްކައެވެ. އަދި ހަމަކަށަވަރުން، ހެޔޮކަން، ސުވަރުގެއަށް މަގުދައްކައެވެ. އަދި ހަމަކަށަވަރުން، ތެދުވެރިމީހާ، اللَّهُ ގެ ޙަޟުރަތުގައި ޞިއްދީޤަކުކަމުގައި (އެބަހީ:ތެދުވެރިކަންބޮޑު މީހަކުކަމުގައި) ލިޔުއްވިއްޖައުމަށް ދާނދެން ތެދުބުނުން އާދަކޮށް އެކަމުގައި ދެމިހުރެއެވެ. އަދި ހަމަކަށަވަރުން، ދޮގުވެރިކަން ނުބައިކަންތަކަށް މަގުދައްކައެވެ. އަދި ހަމަކަށަވަރުން، ނުބައިކަންތައް، ނަރަކައަށް މަގުދައްކައެވެ. އަދި ހަމަކަށަވަރުން، ދޮގުވެރިމީހާ، اللَّهُ ގެ ޙަޟުރަތުގައި ކައްޛާބަކުކަމުގައި (އެބަހީ:ދޮގުވެރިކަންބޮޑު މީހަކުކަމުގައި) ލިޔުއްވިއްޖައުމަށް ދާނދެން ދޮގުބުނުން އާދަކޮށް އެކަމުގައި ދެމިހުރެއެވެ.}
اللَّهُ އަށް އީމާންވެ މި ދުނިޔޭގެ ޙަޔާތުގައި އެބައިމީހުން އުޅުމަށް اللَّهُއާއި އެކަލާނގެ ރަސޫލާ صَلَى اللَّهُ عَلَيهِ وَسَلَّمَ އަންގަވާފައިވާގޮތުގައި ދިރިއުޅުން ހޭދަކުރާ ތެދުވެރިންނަށް ދެއްވާނެ މަތިވެރިދަރަޖަ ބަޔާންކުރައްވައި اللَّهُ ވަޙީކުރައްވާފައިވެއެވެ. {وَمَنْ يُطِعِ اللَّهَ وَالرَّسُولَ فَأُولَئِكَ مَعَ الَّذِينَ أَنْعَمَ اللَّهُ عَلَيْهِمْ مِنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ وَحَسُنَ أُولَئِكَ رَفِيقًا.} (النساء: ٦٩) މާނައީ: {اللَّهُއަށާއި، ރަސޫލާއަށް ކިޔަމަންވާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންވަނީ، اللَّهُ އެބަޔެއްގެ މައްޗަށް ނިޢުމަތްދެއްވި މީހުންކަމުގައިވާ ނަބިއްޔުންނާއި، ޞިއްދީޤުންނާއި، ޝަހީދުންނާއި، ޞާލިޙުންނާ އެކުގައެވެ. އެބޭކަލުންނީ އެކުވެރިން ކަމުގައިވުމަށް ހާދަ ރަނގަޅު ބަޔެކެވެ.}
މުސްލިމުންގެ އަދުގެ ޙާލަތަށް ބަލައިލާއިރު ގިނަ ބައެއްގެކިބާގައި ތެދުވެރިކަމުގެ ސިފައަށްވުރެ ބޮޑުވެފައިވަނީ ކޮންމެ ކަމެއްގައިވެސް ދޮގުހެދުމެވެ. އެއީ ކަނޑައެޅިގެން ދޮގެއްކަން އެންމެނަށް އެނގޭ ކަންކަމުގައިވެސް، އެކި ސިފަސިފާގައި ދޮގުހަދައި ތިމާމެންގެ ބަސް ޤަބޫލުކުރުވަން މަސައްކަތްކުރުމުގެ ނަތީޖާއަކަށް ވެފައިވަނީ މުޖުތަމަޢުތަކުގައި އޮންނަންޖެހޭ ހަމަޖެހުމާއި އިތުބާރު ގެއްލި ދިޔުމެވެ.
ކީރިތި اللَّهُ މިފަދަ ނުރަނގަޅު ސިފަތައް އަޅަމެންގެތެރެއިން ނެތިކުރައްވައި، އަޅަމެންނީ ފުރިހަމަ މާނާގައި ތެދުވެރި މުއުމިނުންކަމުގައި ލައްވާށިއެވެ. އާމީން!