ވާހަކައިގެ ތަފާތު

ޢަބްދުﷲ ބިން މުބާރަކް ވިދާޅުވިއެވެ. އެއްފަހަރަކު ޙަމްދޫން ބިން އަޙްމަދަށް ސުވާލެއް ދެންނެވުނެވެ. "އަޅުގަނޑުމެން ދައްކާ ވާހަކައަށް ވުރެ އަޅުގަނޑުމެންގެ ކާބަފައިން ދައްކާފައިވާ ވާހަކައިގެ ފައިދާ ބޮޑީ ކީއްވެގެންތޯއެވެ؟"

ޙަމްދޫން ވިދާޅުވިއެވެ. "އެއީ އެބޭކަލުން އިސްލާމްދީނުގެ ޝަރަފަށްޓަކައި ވާހަކަފުޅު ދައްކަވައިފައި ވާތީއެވެ. އެބޭފުޅުން ވާހަކަފުޅު ދެއްކެވީ ރޫޙާނިއްޔަތު އާލާ ކުރައްވާށެވެ. ރަޙްމާންވަންތަ އިލާހުގެ ރުއްސެވުން ހޯއްދަވާށެވެ. އަހަރެމެން ވާހަކަދައްކަނީ އަހަރެމެންގެ އަމިއްލަ ޤަދަރު އުފުލޭނެގޮތް ހަދާށެވެ. ދުނިޔޭގެ އެދުމުގައެވެ. މަޚްލޫޤުން ރުއްސާށެވެ."

ޙަޤީޤަތުގައި އަޅުގަނޑުމެންގެ ވެއްޓުމުގެ އެންމެ ބޮޑު އެއް ސަބަބަކީ މިއީއެވެ. އަޅުގަނޑުމެންގެ އަމިއްލަ އެދުން މާ ބޮޑު ވެގެން ދިއުމެވެ. ތިމާގެ ޢިއްޒަތާއި، ޤަދަރު އެހެން ހުރިހައި ކަމަކަށް ވުރެ ކުރިއަށް ނެރެގެން އުޅެން ފެށުމެވެ. އަޅުގަނޑުމެންނަކީ ވަކި ފަރާތެއްގެ ބާރުގެ ދަށުގައިވާ ބައެއްކަން ހަނދާން ނައްތާލައި، އަމިއްލަ އެދުންތަކުގެ ފަހަތުން ދުވެވެނީ މާ ބާރަށެވެ. ހަމައެއް ލަމައެއް ބެލުމެއް ނޯވެއެވެ. ތެދެއް ދޮގެއް ބެލުމެއް ނޯވެއެވެ. މީހެއްގެ އަބުރަކަށް ބެލުމެއް ނޯވެއެވެ. ދައްކާ ވާހަކައިގެ ސަބަބުން ތިމާގެ އަމިއްލަ ނަފްސު މަތިވެރިވާނަމަ އެ ނިމުނީއެވެ. އެހެންމީހަކު ހަލާކުވެގެން ދިޔަޔަސް ވަރިހަމައެވެ. ހެއްދެވި ފަރާތް ނުރުހުނަސް، ކުރިމަތީގައި ހުންނަ މީހާ ރުހިއްޖެއްޔާ އެ އޮތީ ވެފައެވެ.

މި އުސޫލު ދޫކޮށް ތެދުވެރި ވެގެން ނޫނީ ސަލާމަތެއް ނުވާނެއެވެ. ރުއްސަން ޖެހޭ ފަރާތަކީ ﷲ އެވެ. ސަލާމަތް ކުރެއްވޭނެ ފަރާތަކީ އެއީއެވެ. އިންސާނަކު ރުއްސައިގެން ކުރާނީ ވަގުތީ ފައިދާއެކެވެ. ދުނިޔޭގެ ޤަދަރަކީ ވަގުތީ އެއްޗެކެވެ. މިއީ ތެދެއްކަން ސާބިތުކުރަން ހެކި ދެއްކުމުގެ ބޭނުމެއް ނެތެވެ. ރެޔާއި ދުވާލު އެތައް ފަހަރަކު މިއީ ތެދެއް ކަމުގެ ހެކި، އަޅުގަނޑުމެންނަށް މި ދަނީ ފެންނަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.