މިމަވްޟޫއަށް އިންސާފުކުރުމުގެ ކުރިން، ރަޝިޔާ އުފެދުނު ގޮތާއި ޔޫއެސްއެސްއަރ ނުވަތަ ރޫސީވިލާތް އުފެދި، އެއިއްތިޙާދު ފުޅައުވެގެންދިޔަގޮތުގެ މައްޗަށް ބަލައިލުމަކީ މުހިންމު ކަމެކެވެ. ރަށިޔާއާއި ޔުކުރޭންގެ ތާރީޚުން ވަރަށްގިނަ ފިލާވަޅު ލިބިގެންދާތީއެވެ. ދެޤައުމުގެ ގުޅުމާއި ސިޔާސީ ވާދަވެރިކަން އުފެދި ހަތުރުންނަށް ވެގެންދިޔަ ތާރީޚީ ހެކިތަކެއް ހިމެނިފައިވާތީއެވެ.
ރޫސީވިލާތް އުފެދުން
ރަޝިޔާ އުފެދިގެން އައީ، އެތައް ޒަމާނެއްވީ ރޮމަނޯފް ރަސްކަން ވައްޓާލައި، ދާޚިލީ ހަނގުރާމަޔަކަށްފަހު، 1921 ގައެވެ. މި ހަނގުރާމަ، އިންޤިލާބީ ޙަރަކާތެއްގެ ގޮތުގައި ފެށުނީ 1917 ވަނައަހަރުއެވެ. 1921 ގައި އެންމެ ފުރަތަމަ އުފެދުނީ، ސޮވިއެޓް ޔުނިއަންގެ ގޮތުގައެވެ. އެއަށްފަހު، ޖެހިގެން އައިއަހަރު، ޔޫއެސްއެސްއާރ ނުވަތަ، ޔުނިއަން އޮފް ސޮވިއެޓް ސޯޝަލިސްޓް ރިޕަބްލިކް އުފެދުނެވެ. މި އިއްތިޙާދު އުފެއްދުމުގައި ބައިވެރިވީ 6 ޤައުމެކެވެ. އެއީ، ރަޝިޔާއާއި ޔުކްރޭން، ބެލޫރަސް އާއި ޓްރާންސްކޯކާނިއާ ނުވަތަ މިހާރުގެ ޖޯޖިއާ އަދި އާރމޭނިއާ އާއި އާޒަރުބައިޖާނެވެ. އޭރުވެސް އެއީ ދުނިޔޭގެ އެންމެ ބޮޑު ޤައުމުކަމަށް ވެގެންދިޔައެވެ. މިއިއްތިޙާދަކީ، ޖުމްހޫރިއްޔަތެއްގެ ގޮތުގައި މާރކްސިސްޓް ވެރިކަމެއް ފުރަތަމަ ފަހަރަށް ދުނިޔޭގައި ޤާއިމްކުރި އިއްތިޙާދެވެ.
މިއިއްތިޙާދުގެ ފުރަތަމަ 5 އަހަރުގެ ތަރައްޤީގެ މަޝްރޫޢުތަކުގައި ހިމެނިގެން ދިޔައީ އިއްތިޙާދުގެ މެދުގައި އެއްބައެއްވަންތަކަން ޤާއިމްކުރުމުގެ ފިކުރެވެ. އިއްތިޙާދުގެ ޤައުމުތަކުގައި އުފެއްދޭ ދަނޑުވެރިކަމުގެ ބާވަތްތައް އިތުރުކޮށް، އެދާއިރާއިން އެއްޤައުމު އަނެއްޤައުމާ ގުޅުވައިލެވި، ޒަމާނީ ތަރައްޤީގެ ކުރިއެރުންތަކުގެ ވިއުގައެއް ޤާއިމްކުރެވުނެވެ. ކޮމިއުނިސްޓް ފިކުރުގައި، ވަކިވަކި ދަނޑުވެރިންގެ ކުދި އަދި ބޮޑެތި ބިންތައް، ސަރުކާރުގެ ދަނޑުވެރިކަމުގެ ވިއުގައިގެ ތެރެޔަށް ލުމުން، އުފެއްދުންތެރިކަން އިތުރުވެ، ޤައުމީ އުފެއްދުންތެރިކަން މާ ބޮޑުވާނެއެވެ. އެކަމުގެ ނަތީޖާ ނުކުތީ އެފިކުރާ ދެކޮޅަށެވެ. ރަށްފުށުގައި އުފެދިފައިއޮތް މި ސިޔާސަތާދެކޮޅު ވިސްނުމާއެކު، ކަންތައްތައް ހަމަޔަކަށްނޭޅުވިގޮސް، ދަނޑުވެރިކަން ދަށަށްދިޔައެވެ. މިކަމާގުޅިގެން، ކާބޯތަކެތީގެ ރައްކައުތެރިކަން ގެއްލި އިޤްތިޞާދީ ގެއްލުންތަކަކާ ކުރިމަތިވިއެވެ. 1932 އާ 1933 އާދެމެދު ދެއަހަރުދުވަހުގެ ބަނޑަށްޖެހުމެއް ތަޖުރިބާކުރަން ޖެހުނެވެ. މި ބޮޑުތަދުގައި އެތައްމިލިއަންބަޔަކު މަރުވިއެވެ. އެހެނަސް، އޭރުއޮތް ސްޓާލިންގެ މާރކްސިސްޓް ސަރުކާރުން ދުނިޔެއަށް އެކަން އޮޅުވައިލިއެވެ. އަދި އެކަން ސިއްރުކޮށްފައި އޮތުމަށްފަހު، ބޮޑުތަދުގެ ޙަޤީޤަތް ހާމަވީ 1937 ގައި ނެގުނު ބޯހިމެނުމުގެ ހިސާބުންނެވެ. ޔުކުރޭނުގައި އެކަނިވެސް ހަތަރުހާސް މިލިއަނެއްހާ މީހުން މަރުވެފައި ވެއެވެ. އެއީ އެޤައުމުގެ އޭރުގެ އާބާދީގެ 13 އިންސައްތައެވެ. އޭރު، ވެރިކަމުގައިހުރި ސްޓާލިން، 6 ލައްކަމީހުން މަރާފައި ވެއެވެ. އިތުރު އެތައްމިލިއަންބަޔަކު، ޤައުމުން ބޭރުކުރެވިފައި ވެއެވެ. އަދި ހައްޔަރުކުރެވޭ މަރުކަޒުތަކުގައި ގަދަކަމުން ވަޒީފާ އަދާކުރުމަށް މަޖުބޫރު ކުރެވިފައި ވެއެވެ. އެދައުރުގެ ދެވަނަ 5 އަހަރުގެ މަޝްރޫޢުތައް އަމާޒުވެގެންދިޔައީ ހަތިޔާރު އުފެއްދުމާއި ޢަޝްކަރީ ބާރުވެރިކަން އިތުރުކުރުމުގެ މައްޗަށެވެ.
ފިނި ހަނގުރާމަ
88 މެއި 1945 ގައި ދެވަނަ ބޮޑުހަނގުރާމަ ނިމި، ނާޒީ ޖަރުމަނުން އަމާންދިނުމާގުޅިގެން، ހަނގުރާމައިގާ ނަގާކީ، ރޫސީވިލާތާއި އެމެރިކާ އަދި އިނގިރޭސިވިލާތުން، ބައިބެހުމުގެ މަސައްކަތް ފެށިއެވެ. މިމަސައްކަތް ފެށުނުއިރުވެސް، މި 3 ޤައުމުގެމެދުގައި އޮތީ ހިތްހަމަނުޖެހުމާއި ކަންބޮޑުވުން އުފެދިފައެވެ. ރޫސީވިލާތުން، މިހަނގުރާމައިގާ ޖަރުމަނުގެ އަތްދަށުން ސަލާމަތްކުރި، އިރުމަތީ ޔޫރަޕްގެ ޤައުމުތަކުގައި ކޮމިޔުނިސްޓް ފިކުރަށް ތަބާވާ ވެރިކަން ޤާއިމްކުރުމުގެ މަސައްކަތް 1948 ގައި ފެއްޓިއެވެ. އޭރުވެސް، އިރުމަތީ ޔޫރަޕާއި ދުނިޔޭގެ އެހެން ކަންކޮޅުތަކުގައި ކޮމިޔުނިސްޓް ވެރިކަން ޤާއިމްވެގެންދާތަން ފެނުމަކީ އިނގިރޭސި ވިލާތާއި އެމެރިކާއަށް ހިތްހަމަޖައްސާލަން ފަސޭހަ ކަމަކަށް ނުވިއެވެ.
ނޭޓޯ އުފެދުން
ނޭޓޯ ނުވަތަ ނޯތު އެޓްލާންޓިކް ޓްރީޓީއަކީ، އެމެރިކާއާއި ކެނެޑާ އަދި ޔޫރަޕްގައި އެބައިމީހުންގެ ތާއީދުއޮތް ޤައުމުތަކުގައި އުފެދުނު އިއްތިޙާދެކެވެ. މިއިއްތިޙާދު އުފެދުމުގައިވެސް އޮތީ ރޫސީވިލާތާ ދެކޮޅު ވިސްނުމާއި ފިކުރެވެ. އެހެނީ އެއިއްތިޙާދު އުފެދިގެންއައީ ހުރިހައި ގޮތަކުންވެސް ރޫސީވިލާތާއި ރޫސީވިލާތާ ގުޅިފައިވާ ޤައުމުތަކާ ދެކޮޅަށެވެ. ހުޅަނގުގެ ޤައުމުތަކުން، ސިޔާސީގޮތުން ރޫސީވިލާތާ ދެކޮޅުކަން އަންގައިދިނުމަށް އުފެއްދުނު ޙަރަކާތެއްގެ ގޮތުގައެވެ. މިޙަރަކާތައް ރައްދުދިނުމުގެ ގޮތުން ރޫސީވިލާތުންވެސް މަޑެއްކޮށެއް ނުއޮތެވެ. 1955 ގައި ވޯސޯޕެކްޓްގެ ނަމުގައި އިއްތިޙާދެއް އުފެއްދިއެވެ. ޔޫރަޕްގެ އިރުމަތީ ސަރަޙައްދުގައި ބާރެއްގެގޮތުގައި މިއިއްތިޙާދު އުފައްދައި ނޭޓޯގެ މޫނުމަތީ ތަފާލެއް އެޅިއެވެ. ވޯސޯޕެކްޓްގެ މިބާރުވެރި އިއްތިޙާދު، 1991 ގައި ރޫސީވިލާތް ރޫޅުމާހަމަޔަށް ދެމިއޮތެވެ.
1953 ގައި ސްޓާލިން މަރުވުމާގުޅިގެން ކުރުސްޗޮފް ރޫސީވިލާތުގެ ވެރިކަމާ ޙަވާލުވިއެވެ. ފިނި ހަނގުރާމައިގެ އެންމެ ހަލަބޮލި ދައުރުގައި ރޫސީވިލާތް ހިންގީ ކުރުސްޗޮފެވެ. 1953 ގައި ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީކަމަށް އައިސް، 1958 ގައި ޕާޓީގެ ރައީސްކަމަށް އައެވެ. ކިއުބާގެ މިސައިލްގެ މައްސަލަ އުފަންކުރުވީ ކުރުސްޗޮފެވެ. ފްލޮރިޑާ އައްސޭރިފަށާ 90 މޭލުގެ ދުރުމިނުގައި، ކިއުބާގައި ނިއުކުލިއަރ ހަތިޔާރު ޤާއިމްކުރިއެވެ. އެއަށްފަހު ރައްޔިތުން ބާރުވެރިކުރުމުގެ ޕްރޮގްރާމެއް ހިންގިއެވެ. ވެރިކަމުގެ ބާރުތައް ދޫކޮށްލައި މަސްއޫލިއްޔަތު އުފުއްލައިގެން މަސައްކަތްކުރާ ފަރާތްތަކާ ބައެއް ބާރުތައް ޙަވާލުކުރިއެވެ. ކުރުސްޗޮފަކީ، ސްޓާލިންގެ، މީހުން މެރުމާއި ވާދަވެރިން ހައްޔަރުކުރުމުގެ ސިޔާސަތަށް ތާއީދުކުރާމީހެއްނޫންކަން ކަށަވަރުކޮށްދިނުމަށްޓަކައި، އިދިކޮޅު ސިޔާސީ މީހުން ބަންދުން ވީއްލައި، ލޭބަރ ކޭމްޕްތައް ބަންދުކޮށް، ސެންސަރުކުރުން އުވައިލައި، ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތަށް ހެޔޮބަދަލުތަކެއް ގެނައެވެ.
ނަމަވެސް، އަވަށްޓެރި ޗައިނާއާއި ރޫސީވިލާތުގެ ގުޅުން ގޯސްވެ، ކާބޯތަކެތީގެ ދަތިކަން މުޅި އިއްތިޙާދަށް ކުރިމަތިވުމާގުޅިގެން، އޭނާގެ އަމިއްލަ ޕާޓީ، ކޮމުނިސްޓްޕާޓީގެ މެންބަރުން، ކުރުސްޗޮފް މަޤާމުން ދުރުކުރިއެވެ. އެއީ 1964 ގައެވެ.
ރޫސީވިލާތުގެ ޒަމާނީ ޢަޝްކަރީ އަދި ޖައްވީ ތަރައްޤީ
ރޫސީވިލާތުގެ ރޮކެޓް އުފެއްދުމާއި ޖައްވީ ޙަރަކާތްތައް ފެށުނީ 1930 ގެ އަހަރުތަކުގައި، ވާދަވެރި ހަތިޔާރާއި އައުއުފެއްދުންތަކަށް ސްޓާލިން ގެންގުޅުނު ވިސްނުމުގެ ތެރެއިންނެވެ. އެންމެ ފުރަތަމަ މި ޕްރޮގްރާމް އޮތީ ޢަޝްކަރީ ސިއްރު ޙަރަކާތެއްގެ ގޮތުގައެވެ. އެހެންނަމަވެސް 1950 ގެ އަހަރުތަކުގައި، ބާރުގަދަ ޤައުމުތަކުގެ މެދުގައި އޮތް ވާދަވެރި ޢަޝްކަރީ އަދި ޖައްވީ ޙަރަކާތްތަކުގައި ރޫސީވިލާތް ހޯދާފައިވާ ކާމިޔާބީ ހާމަވެ، އަނެއްކާވެސް ބޮޑެތި ބާރުތަކުގެ މެދުގައި ކޯޅުންތައް އުފެދުނެވެ.
ރޫސީވިލާތުގެ ޖައްވީ ޕްރޮގްރާމް
ރޫސީވިލާތުން އުފެއްދި ފުރަތަމަ ސެޓެލައިޓް ސްޕުޓްނިކް 1 ޖައްވަށް އުދުއްސައިލީ 4 އޮކްޓޯބަރ 1957 ގައެވެ. އެއީ ބިމުގެ ތިރި އޯބިޓުން އުދުއްސައިލެވުނު ފުރަތަމަ ސެޓެލައިޓެވެ. ޓެކްނޮލޮޖީގެ ރޮނގުން ރޫސީވިލާތުން މިހޯދި ކާމިޔާބީއަށް ހުޅަނގުން ބެލީ ޙަސަދަވެރި ގޮތެއްގައެވެ. އެމެރިކާއިން ބެލިގޮތުގައި ޓެކްނޮލޮޖީގެ ރޮނގުން، ފިނި ހަނގުރާމައިގާ އެމެރިކާ ފަހަތަށް ޖައްސައިލައި، ރޫސީވިލާތުން ކާމިޔާބު ހޯދައިފިއެވެ. އޭގެފަހުން، އަނެއްކާވެސް، ޖައްވީ މުބާރާތުގައި ރޫސީވިލާތުން އިތުރު ކާމިޔާބީއެއް ހޯދައި ހުޅަނގު، ޚާއްޞަކޮށް އެމެރިކާ ލަދުގަންނަވައިލިއެވެ. އެއީ 1961 ގައި ރޫސީވިލާތުގެ ކޮސްމަނޯޓު، ޔޫރީ ގަގަރިން ޖައްވަށް ދަތުރުކުރުމާ ގުޅިގެންނެވެ. މިއީ ބިމުން ޖައްވަށް ދަތުރުކުރި ފުރަތަމަ އިންސާނާއެވެ. މިކަމަށް ޙަވާލާދީ، އެމެރިކާގެ ރައީސަކަށް ހުރި ޖޯން އެފް ކެނެޑީ ފިސާރި ކެރިގެން ރައްދު ދިނެވެ. އެއްވެސް ފިކުރެއްނެތި، ކެނެޑީ އިޢުލާންކުރެއްވީ، އެ ދިހައިގެ ތެރޭގައި އެމެރިކާއިން، ހަނދަށް އިންސާނަކު ފޮނުވާނެ ކަމުގައެވެ. މިކަން އެމެރިކާއިން ކާމިޔާބު ކުރިވެސް މެއެވެ. އެއީ 20 ޖުލައި 1969 ގައި، ޖައްވީ އުޅަނދެއްގައި، ނީލް އާމްސްޓްރޯންގ ހަނދަށްގޮސް ހިނގައިފައިވާތީއެވެ. ނީލް އާމްސްޓްރޯންގަކީ ހަނދުގައި ހިނގި ފުރަތަމަ އިންސާނާއެވެ.
ގަރުބަޗޯފް
މިޚައިލް ގަރުބަޗޯފަކީ، ވަރަށްކުރީއްސުރެ ކޮމިއުނިސްޓް ޕާޓީގެ ސިޔާސީ ޙަރަކާތްތަކުގައި އުޅުނު ޝަޚުޞިއްޔަތެކެވެ. ގަރުބަޗޯފް ވެރިކަމަށް އައީ 1985 ގައެވެ. ގަރުބަޗޯފަށް ލައްވައިލީ، މިސްރާބެއްނެތް އިޤްތިޞާދަކާއި ސިޔާސީ ހަލަބޮލި މާޙައުލެކެވެ. ރޫސީވިލާތް ހަމަމަގަށް އަޅުވައި، ސިޔާސީގޮތުންނާއި އިޤްތިޞާދީގޮތުން ބާރުވެރި ޤައުމަކަށް ހެދުމަށްޓަކައި ދެ ޕޮލިސީއެއް ގަރުބަޗޯފް ތަޢާރުފް ކުރިއެވެ. ފުރަތަމަ ޕޮލިސީއަކީ، ސިޔާސީ މަޝްރަޙު ހަމަމަގަށް އެޅުވުމަށް ހުޅުވައިލެވިފައިވާ ސިޔާސަތެކެވެ. ރައްޔިތުންގެ ޒާތީ ތަޞައްވުރާއި އަމިއްލަ މިނިވަންކަމާ މި ޕޮލިސީގައި ކަންތައްތަކެއް ފާހަގަ ކުރެވިފައި ވެއެވެ. ދެވަނަ ޕޮލިސީއަކީ، ޚިޔާލު ފައުޅުކުރުމާއި އަމިއްލަ ވިސްނުމަށް މިނިވަންކަން ދިނުމަށް އެކުލަވައިލެވުނު ޕޮލިސީއެކެވެ. މަނާކުރެވިފައިވާ ފޮތްތަކާއި ސިއްރުފުލުހުންނާ ގުޅިފައިވާ ކަންކަމެވެ. ހުޅުވައިލެވުނު ސިޔާސަތުގެ ދަށުން، ސިއްރުފުލުހުންނާބެހޭ ކަންކަން ހުޅުވައިލެވުނު ނަމަވެސް ކޭޖީބީ ގެ ތަޞައްވުރު، 1991 ގައި ރޫސީވިލާތް ރޫޅުމާހަމަޔަށް އޮތީ ހިފެހެއްޓިފައެވެ. ނޫސްތަކުގައި ސަރުކާރާ ދެކޮޅު ޚިޔާލު ފައުޅުކުރުމުގެ މިނިވަންކަން ދެވުނެވެ. އަދި ކޮމިއުނިސްޓް ޕާޓީއާއެކު ސިޔާސީ އެހެންޕާޓީތައް އިންތިޚާބުތަކުގައި ވާދަކުރުމުގެ ފުރުޞަތުވެސް ހުޅުވައި ލެވުނެވެ.
ދެވަނަ ޕޮލިސީގައި، މިހާރު ޗައިނާގައި އޮތްފަދަ، ހުޅުވައިލެވިފައިވާ އިޤްތިޞާދަކަށް ރޫސީވިލާތް ބަދަލުކޮށް، ކޮމިއުނިސްޓް – ކެޕިޓަލިސްޓް ނިޒާމަކަށް ރޫސީ އިޤްތިޞާދު ބަދަލުކޮށްލުން ހިމެނެއެވެ. އެހެންނަމަވެސް، ޕާޓީގެ ޕޮލިސީ ތައް ނިންމާ، ޕޮލިޓްބިއުރޯއިން އިޤްތިޞާދީ ޙަރަކާތްތައް ކޮންޓްރޯލް ކުރާގޮތަށެވެ. ހަމައެއާއެކު، އަމިއްލަ ފަރާތްތަކުން، އިޤްތިޞާދުގައި އަދާކުރާ ދައުރު ފުޅާކޮށް، އުފެއްދުންތެރިކަމާއި ތަރައްޤީގައި އެބައިމީހުންގެ އަމިއްލަ ނިންމުންތަކަށް ފުރުޞަތުދީފައި ވެއެވެ.
އެއަށްފަހު، އަވަށްޓެރި ޤައުމުތައް މިއިއްތިޙާދާ ގުޅެމުން ގެންދިޔައެވެ. އަދި އެއިއްތިޙާދު، ނުވަތަ ރޫސީވިލާތް ، އިރުމަތީ ޔޫރަޕްގެ ބޮޑު ސަރަޙައްދަކަށް ފެތުރިގެން އައިސް، އޭސިއާ ބައްރުގެ އުތުރާ ހަމަޔަށް ފެތުރިގެންވާ ބޮޑު ޤައުމަކަށްވެގެން ދިޔައެވެ. ރަޝިޔާއަކީ 1980 ގެ އަހަރުތަކުގައި ބޮޑުބާރެއްގެގޮތުގައި އޮތް ރޫސީވިލާތް ނުވަތަ ޔުނިއަން އޮފް ސޮވިއެޓް ސޯޝަލިސްޓް ރިޕަބްލިކްގައި ހިމެނޭ މައި ޤައުމެވެ. އެ ސަރަޙައްދުގެ 17 ޤައުމެއް މި އިއްތިޙާދުގައި ބައިވެރިވިއެވެ. އެއީ ދުނިޔޭގައި އޭރު އޮތް އެންމެބޮޑު އިއްތިޙާދެވެ. ނުވަތަ ޤައުމެވެ. 17 މިލިއަން އަކަ ކިލޯމީޓަރުގެ ބޮޑު ސަރަޙައްދެކެވެ. ދުނިޔޭގައި އޮތް ބޮޑުދެބާރުން އެއްބާރެވެ. އިޤްތިޞާދީ ގޮތުންނާއި ހަތިޔާރާއި ޓެކްނޮލޮޖީގެ ގޮތުން ކުރިއެރުންތަކެއް ހޯދާފައި ވެއެވެ.
ރޫސީވިލާތް ރޫޅިގެން ދިއުން
1960 އަދި 1970 ގެ އަހަރުތަކުގައި، ރޫސީވިލާތުން، ކޮމިއުނިސްޓް ޕާޓީގެ ބައިވެރިން، މުއްސަނދިކަމާއި ބާރުވެރިކަން ހޯދާފައި ވެއެވެ. އެހެންނަމަވެސް އެތައް މިލިއަންބަޔަކު ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހުނެވެ. ރޫސީވިލާތުން، ކޮންމެ އަގެއްދީފައިނަމަވެސް، ޒަމާނީ ތަރައްޤީއަށްކުރި ދަތުރުގައި، ވިލާތުގެ ތެރޭގައި ކާބޯތަކެތީގެ ޖަމާ މަދުވުމާއި ޟަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ނުލިބުން ހިމެނިގެންދިޔައެވެ. އެއީ ރައްޔިތުންނަށް އެންމެބޮޑަށް އަސަރުކުރާނެ ޙާލަތެވެ. އެއީ 1980 ގެ އަހަރުތަކެވެ. އޭރު އެމެރިކާގެ ރައީސަކަށްހުރީ ރޮނަލްޑް ރޭގަންގެ ރައީސްކަމުގައެވެ. އޭރު ރޫސީވިލާތުގެ ވެރިޔަކަށް ހުންނެވީ މިޚައިލް ގަރުބަޗޯފެވެ. ރޮންލަޑް ރޭގަންގެ ވެރިކަމުގައި، ރޫސީވިލާތުގެ އިޤްތިޞާދު ދުނިޔެއާ ވަކިކޮށްލިއެވެ. އަދި ތެލުގެ އަގު ދުވަހަކުވެސް ދަށަށްނުދާ މިންވަރަށް ދަށަށް ވައްޓާލިއެވެ. އަދި އެމެރިކާގެ ބައިވެރިންގޮތުގައިތިބި، އިތުރު އެހެން ޤައުމުތަކުން ރޫސީވިލާތާ ދިމާކުރިއެވެ. އެއީ ފިނި ހަނގުރާމައިގާ އެމެރިކާގެ ބައިވެރިންނެވެ. ތެލުގެ އަގު ދަށްވުމާއެކު، ރޫސީވިލާތުގެ އާމްދަނީ ދަށަށް ދިޔައެވެ. ގަރުބަޗޯފަށް ރޫސީވިލާތުގެ އިޤްތިޞާދު ނެގެހެއްޓޭފަދަ ސިޔާސަތުތަކެއް ތަންފީޒެއް ނުކުރެވުނެވެ. ގަރުބަޗޯފުގެ އިޤްތިޞާދީ ސިޔާސަތުވެސް ފެއިލްވެގެންގޮސް، ވަކިވުމުގެ ޙަރަކާތްތައް އުފެދުނެވެ. ރޫސީ އިޤްތިޞާދު ރަނގަޅުކުރުމަށް ގަރުބަޗޯފް ކުރެއްވި މަސައްކަތްތައް ލަސްވެ، ނަތީޖާ ފެންނަމުން ނުދާތީ، މުޅި އިއްތިޙާދުގެ ތެރޭގައި، ރޫސީވިލާތް ނިސްބަތްވާ ޤައުމުތަކުގެ ޒުވާންޖީލުގެ މެދުގައި ވަކިވެގަތުމުގެ ރޫޙު އުފެދިގެން ދިޔައެވެ. ރައްޔިތުންގެ ޟަރޫރީ ބޭނުންތައް ފުއްދައިދިނުމުގައި ރޫސީވިލާތުން ފެއިލްވިއެވެ. އަދި ހެދުންލައި ނުވަތަ އުނުއޮރިޔާން ނިވައިކުރުމާއި ފައިވާނަށް އެރުންފަދަ އެންމެ އާދައިގެ ބޭނުންތައް ފުއްދައިދިނުމަށް ރޫސީ އިޤްތިޞާދު ނުކުޅެދުނެވެ. ރޫސީ ސަރުކާރު ހިންގާ ޕޮލިޓްބިއުރޯގެ މެމްބަރުންގެ މުއްސަނދިކަން އިތުރުވެ، ޢާންމު ރައްޔިތުންގެ ފަޤީރުކަން ބޮޑުވިއެވެ. ބަނޑުހައިހޫނުކަމުގެ ޙާލަތުން ރޫސީވިލާތް އަރައިނުގަނެވި، ކޮމިއުނިސްޓް ޕާޓީގެ ފިކުރަށް ޒުވާންޖީލު ނުރުހުންވެ، ދެކޮޅުވެރި ޚިޔާލުތައް އުފެދިގެން ދިޔައެވެ. ޒުވާންޖީލު، އެބައިމީހުންގެ ކާބަފައިން ޤަބޫލުކޮށްގެންތިބި ކޮމިއުނިސްޓް ޕާޓީގެ ފިކުރަކަށް ތާއީދެއް ނުކުރެއެވެ.
ޕޮލޭންޑްގައި 1989 ގައި ގެނެވުނު ސިޔާސީ އިންޤިލާބުގެ އަސަރު، މުޅި އިރުމަތީ ޔޫރަޕަށް ފެތުރިގެންދިޔައެވެ. ދެޖަރުމަނު ބައިކުރެވިފައި އޮތް ، ބާރލިންގެ ބޮޑުފާރު، 1989 ގައި ވައްޓައިލެވުމާގުޅިގެން، ޚާއްޞަކޮށް ޞުލްޙަވެރި އިންޤިލާބުތައް އަންނަމުންދިޔައެވެ. އަދި ރޫސީވިލާތުގެ އިއްތިޙާދު ރޫޅުމުގެ ކޮޅުމަތި ފެންނަމުން ދިޔައެވެ. ކޮމިއުނިސްޓް ޕާޓީގެ ތެރޭގައިވެސް ހަމަނުޖެހުން އިތުރުވެގެންދިޔައެވެ. ޕާޓީގެ އިސް މެނަބްރުން ގެނައި ޞުލްޙަވެރި އިންޤިލާބަކުން ގަރުބަޗޯފު ވެރިކަމުން ބޭލިއެވެ. އަދި ޕާޓީގެ އެތެރޭގައި ޑިމޮކްރެޓިކް ވިސްނުމެއް އުފެދުނެވެ. މިކަމުގެ މޭސްތިރިޔަކަށް ހުރީ ބޮރިސް ޔެލްސިންއެވެ.
ފިނިހަނގުރާމަޔަކީ ހުޅަނގާއި ރޫސީވިލާތް، ދުނިޔޭގެ ބޮޑުދެބާރުގެ ގޮތުގައި އޮތުމަށް ހުރަސްއެޅި، އެހަނގުރާމައިގާ ރޫސީވިލާތް ބަލިވެގެންދިޔަ ހަނގުރާމައެކެވެ. އެމެރިކާގެ މަކަރާއި ޙީލަތުން، އެކިއުކުޅު ބޭނުންކޮށްގެން، ފިނިހަނގުރާމަ ކާމިޔާބުކުރިއިރު، ރޫސީވިލާތް އޮތީ ރޫޅިފައެވެ. ފިނި ހަނގުރާމައިގާ ރޫސީވިލާތަށް ލިބުނު ގެއްލުމުގެ ހުރިހައި ޒިންމާއެއް ރައްދުވަނީ ގަރުބަޗޯފުގެ ފެއިލްވެގެންދިޔަ ސިޔާސަތު ތަކަށެވެ. އެކަމަކު މިއަދު، ގަރުބަޗޯފު އެގެންދަނީ އެމެރިކާގައި ހުރެ، އެމެރިކާގެ ޔުނިވަރސިޓީއެއްގައި ރޫސީ އިޤްތިޞާދީ އިޖްތިމާޢީ އަދި ސިޔާސީ ކަންކަމުގެ މައްޗަށް ލެކްޗަރ ދެމުންނެވެ.
25 ޑިސެމްބަރ 1991 ގައި، ޔޫއެސްއެސްއާރގެ ލީޑަރުކަމުން ގަރުބަޗޯފް އިސްތިޢުފާ ދިނެވެ. އަދި 31 ޑިސެމްބަރ 1991 ގައި ޔުނިއަން އޮފް ސޮވިއެޓް ސޯޝަލިސްޓް ރިޕަބްލިކް ރޫޅިގެން ދިޔައެވެ. ރޫސީވިލާތް ރޫޅުމާގުޅިގެން، ރަޝިޔާއަކީވެސް އަމިއްލަ މިނިވަން ޤައުމަކަށްވެގެންދިޔައެވެ. އޭރު ރޫސީވިލާތަށް ނިސްބަތްވާ 15 ޤައުމެއް އޮތެވެ. ފަހަރަކު ޤައުމެއް ރޫސީވިލާތުން ވަކިވަމުން އައިސް ހުރިހައި ޤައުމެއް ރޫސީވިލާތާ ވަކިވެގެންދިޔައެވެ. މިއައި ބަދަލުގައި އެއްޤައުމު އަނެއް ޤައުމާ ދެމެދު، ބައެއް ދޭދޭ ޤައުމުތަކުގެ މެދުގައި ހަމަނުޖެހުމާއި ހަނގުރާމަ ހިނގާފައި ވެއެވެ. ރޫޅިގެންދިޔައިރު، އެއިއްތިޙާދުގައި 15 ޤައުމެއް ހިމެނެއެވެ. އެއީ، ރަޝިއާ، ޔުކްރޭން، ޖޯޖިއާ، އާމޭނިއާ، އާޒަރުބައިޖާން، ކަޒަކިސްތާން، އެސްޓޯނިއާ، ލެޓްވިއާ، ލިތުއޭނިއާ، މޯލްޑޯވާ، ތަޖިކިސްތާން، ތުރުކަމިސްތާން، އުޒުބަކިސްތާން، ބެލޫރަސް އަދި ކިރުގިސްތާނެވެ. މިޤައުމުތަކުގެ މެދުގައި އޮތް އިއްތިޙާދު ރޫޅައިލީ ނޭޓޯވެސް ހިމެނޭގޮތަށް، ހުޅަނގުގެ ޚާއްޞަކޮށް އެމެރިކާގެ ޙީލަތާއި މަކަރުވެރިކަމުންނެވެ. އެމެރިކާގެ ރައީސް ރޮނަލްޑް ރޭގަންގެ ވެރިކަމުގައެވެ.
ރަޝިއާ އާއި ޔުކުރޭންގެ މައްސަލަ
ޔުކުރޭނަކީ، އެންމެ ފުރަތަމަ ސޮވިއެޓް ޔުނިއަން އެފުދުމުގައިވެސް ރަޝިއާގެ ބައިވެރިއެކެވެ. ޖެހިގެން އޮތް އަވަށްޓެރި ޤައުމެކެވެ. އިޤްތިޞާދީ އަދި ސިޔާސީ ކަންކަމުގައި ވާގިވެރި ދައުލަތެކެވެ. ޢަޝްކަރީ ޙަރަކާތްތަކާއި ހަތިޔާރު އުފެއްދުމުގައި ވާގިވެރިއެކެވެ. 1986 ގައި ޗަރުނަބީލް ނިއުކުލިއަރ ޕްލާންޓް ގޮވިއިރު، އެތަންހުރީ ޔުކުރޭނުގައެވެ. މިއީވެސް ދެޤައުމުގެ ދެމެދުގައި އޮތް ޚާއްޞަ ގުޅުމުގެ ހެއްކެކެވެ.
ޔުކްރޭން – ރަޝިއާ ހަނގުރާމަ ފެށުމުގެ ކުރިން، ރަޝިއާގެ ރައީސް ޤަބޫލުކޮށްފައިވާ ގޮތުގައި، ރަޝިއާއިން ވާގިދީގެން ބައިބައިވެފައިވާ ޑޮންބަސްގެ ޑޮނެސްކް އަދި ލުހާންސްކް ސަރަޙައްދަކީ، ރައްޔިތުންގެ މިނިވަން ޖުމްހޫރިއްޔާ ތަކެކެވެ. މިސަރަޙައްދުތަކުގައި ރަޝިއާގެ ޞުލްޙަ ބަލަހައްޓާ ސިފައިން ތިބެއެވެ. މައްސަލަ ހޫނުވެ، ޞުލްޙަވެރިކަމާއެކު އެކަން ޙައްލުކުރުމަށް އޮތް އުއްމީދު ފަނޑުވެގެންދިޔައީ، މިކަމާބެހޭގޮތުން، ޔުކްރޭނުގެ ޚާރިޖީވަޒީރު ދެއްވި ބަޔާނަކާ ގުޅިގެންނެވެ. އެބަޔާނުގައި ބުނެފައިވަނީ، އެއީ ދެވަނަ ބޮޑު ހަނގުރާމަޔަށްފަހު، ޔޫރަޕްގައި ފާޅުކޮށް ހިންގި އެންމެ ލަދުޙަޔާތްކުޑަ ޢަމަލުކަމުގައެވެ.
ދެން ވާނެގޮތެއް ނޭނގެއެވެ. ޕުޓިންއަކީ ގޮތްދޫކުރާ ލީޑަރެއްނޫނެވެ. މިހަނގުރާމަ ފެށުމުގައި ތާރީޚާއި މިހާރުގެ އެސަރަޙައްދުގެ ޙާލަތާ ގުޅެއެވެ. އެއްކަމަކީ، ޔުކްރޭނުން ރަޝިއާ ދޫކޮށް، ރަޝިއާގެ ޒަމާންވީ ދުޝްމަނުންކަމުގައިވާ ހުޅަނގާއި ނޭޓޯއާ ދިމާއަށް މިސްރާބު ޖެހުމެވެ. މިއީ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހީނަރުވަމުން ދާ ކަމެކެވެ. އޭގެ އިތުރަށް، އެމެރިކާއިން ތާއަބަދު، އެ އަލިފާންގަނޑަށް އޮންނަނީ ތެޔޮ އަޅައަޅައެވެ.
ރަޝިއާއާއި ޔުކްރޭނަކީ، އެތައްހާސް އަހަރެއްކުރީއްސުރެ، އެއްގަލަށް ނާރާ ދެޤައުމެކެވެ. ޔުކްރޭނަކީ، 1991 ގައި ޔޫއެސްއެސްއާރ ރޫޅުމާހަމަޔަށް، ޔޫރަޕަށް ބޭނުންވާ ކާބޯތަކެތީގެ ބޮޑުބައެއް އުފައްދާ ޤައުމެކެވެ. އެއީ އެއިއްތިޙާދުގައި ބާރުގަދަ ޤައުމެކެވެ. އެއިރުންފެށިގެން ޔުކްރޭނުން ހުޅަނގުގެ ކޮޅަށް ބުރަވަމުންދާކަމުގެ ވަސް ރަޝިއާއަށް ދުވައެވެ. އެކަމަށް އަބަދުވެސް ރަޝިއާ އޮންނަނީ ލޯހުޅުވައިގެންނެވެ. ނޭޓޯއާ ގުޅުމުގެ ޝަޢުޤުވެރިކަން ފާޅުގައި ޔުކްރޭނުން ހާމަކުރުމާގުޅިގެން، ރަޝިއާއާ ދުރަށް ޔުކްރޭން ދާކަމުގެ އިޙުސާސް ރަޝިއާއިން ކުރެއެވެ. އެންމެ ބޮޑަށް ޚިޔާލު ތަފާތުވެގެންދިޔައީ، މޮސްކޯއާ ގާތްގުޅުމެއް ބެހެއްޓި، ޔުކްރޭނުގެ ކުރީގެ ރައީސް 2014 ވަނައަހަރު ވައްޓައިލައި، ހުޅަނގަށް ތާއީދުކުރާ ރައީސަކު ޔުކްރޭނުގެ ވެރިކަމަށް އައުމާގުޅިގެންނެވެ. ރަޝިއާގެ ފުރަތަމަ ޢަމަލަކަށްވީ، ޔުކްރޭނުގެ ބިމުގައި ދިރިއުޅޭ ރަޝިއާބަހުން ވާހަކަދައްކާ އެތައްބައެއްގެ ޙިމާޔަތުގައި އެބައިމީހުން ދިރިއުޅޭ ކްރީމާ ސަރަޙައްދު ރަޝިއާގެ ބާރުގެ ދަށަށް ގެނައެވެ. މިއީ ބައިނަލްއަޤްވާމީ ނުރުހުމުގެ ބަސްތައް ރަޝިއާއަށް އަމާޒުވިކަމެއްވެސް މެއެވެ.
ހަމައެއާއެކު، ޔުކްރޭނުގެ އުތުރުގައި އޮންނަ ޑޮންބަސް ސަރަޙައްދުން، ޑޮނެސްކް އަދި ލުހާންސްކްގައި ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާޢަތްތަކަށް ވާގިވެރިވާން ރަޝިއާއިން އިސްނެގިއެވެ. އެސަރަޙައްދުގައިވަނީ މިނިވަންކަން އިޢުލާން ކޮށްފައެވެ. މިކަން ރަޝިއާއާއި ޔުކްރޭނުންވެސް ވަނީ އަމިއްލަގޮތްތަކެއް އިޚުތިޔާރުކޮށް، އަމިއްލަ ނިންމުންތަކެއްގައި ވަންހަނާކޮށްފައެވެ. މިސަރަޙައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 14 ހާސްމީހުން މަރުވެފައި ވެއެވެ.
1991 ގައި ޔޫއެސްއެސްއާރ ރޫޅުމާއެކު، އެންމެ އަވަހަށް މިނިވަންކަން އިޢުލާންކުރި ޤައުމަކީ ޔުކްރޭނެވެ. ޔުކްރޭނަކީ ޔޫރަޕްގައި ދެވަނަޔަށް އެންމެ ބިންބޮޑު ޤައުމެވެ. އަދި ފުދޭވަރެއްގެ އާބާދީއަކާއެކު، ރަޝިޔާގެ އަސްލުމީހުންވެސް ގިނަ ޤައުމެކެވެ.
3 އެޕްރީލް 2008 ގައި ނޭޓޯގެ މެންބަރު ޤައުމުތައް ބައްދަލުކޮށް، ޔުކްރޭނަށް ނޭޓޯގެ މެމްބަރޝިޕް ދިނުމާމެދު ބަހުސްކޮށްފައި ވެއެވެ. ނޭޓޯގެ ގިނަ ޤައުމުތަކުން އެކަމާ ދެބަހެވެ. މެމްބަރަކަށްވުމުގެ ކުރިން، ޔުކްރޭނުން ފުރިހަމަކުރަންޖެހޭ ކަންތައްތަކެއް އެބަހުރިކަމުގައި ގިނަޤައުމުތަކުން ވަކާލާތު ކުރިއެވެ. ޔުކްރޭނަށް ނޭޓޯގެ މެންބަރުކަން ދިނުމާމެދު، ޕުޓިން ދެކޮޅުކަން ނޭޓޯގެ އިސްވެރިންނަށް ޕުޓިން އޮތީ ސާފުކޮށްދީފައެވެ. ނޭޓޯއިން ޔުކްރޭންގެ މެމްބަރޝިޕް މިހާތަނަށްވެސް ދީފައެއް ނުވެއެވެ.
ރިޔާސީ ވަޢުދެއްގެގޮތުގައި، ޔޫރަޕިއަން ޔުނިއަންގައި ބައިވެރިވާނެކަމަށް ކެމްޕޭންކޮށް، 2010 ގައި ދެވަނަފަހަރަށް ވެރިކަމަށްއައި ޔަނުކޮވިޗް، ދެވަނަ ދައުރުފެށުމާއެކު، އޭނާގެ ވަޢުދު ހަނދުމަ ނައްތައިލައި، ރަޝިޔާއާ ގުޅުން ބަދަހިކުރަން ފެށުމާގުޅިގެން، ދާޚިލީ މައްސަލަތައް އިތުރުވެ، ރައްޔިތުން މަގުމައްޗަށް ނުކުމެ، ޔަނުކޮވިޗާ ދެކޮޅަށް މުޒާހަރާކުރަން ފެއްޓެވެ. " ޔޫރޯ މައިދާން " ގެނަމުގައި، ޔުކްރޭންގެ އެކިހިސާބުތަކުގައި މިމުޒާހަރާކުރިޔަށް ގެންދިޔައެވެ. ޚާއްޞަކޮށް ކިއެވް ގައި ކުރެވެމުންދިޔަ މުޒާތައް ހޫނުވަމުންދިޔައެވެ. މިމުޒާހަރާތައް ނޮވެމްބަރ 2013 އިން ފެބްރުއަރީ 2014 އާހަމަޔަށް ކުރިޔަށް ދިޔައެވެ. އެންމެފަހުން، ޔަނުކޮވިޗަށް މަޖުބޫރުވީ ވެރިކަން ދޫކޮށްލުމަށެވެ. އަދި އޭނާ ފިލައިގެން ރަޝިޔާއަށް ދިޔައެވެ.
21 އެޕްރީލް 2019 ގައި، ކުރީގެ ހެއްވާބައިކުޅެން މަޝްހޫރު، ވޮލޮޑިމިޔަރ ޒެލެންސްކީ، ރިޔާސީ އިންތިޚާބުގައި ވާދަކޮށް، ރަޝިއާގެ ތާއީދުއޮތް ކެންޑިޑޭޓް ޕެޓްރޯ ޕޮރޮޝެންކޯ ބަލިކޮށް އިންތިޚާބު ކާމިޔާބު ކުރިއެވެ. ރަޝިއާއާ ގުޅުންއޮތް ޒެލެންސްކީގެ ޕާޓީން، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދައި ގިނަގޮނޑިތަކެއް ކާމިޔާބު ކުރިއެވެ. މިއީ، ޔުކްރޭންގެ ތާރީޚުގައި، ފުރަތަމަ ފަހަރަށް މިފަދަ ގޮތަކަށް، ރަޝިއާއަށް ތާއީދުކުރާ ކެންޑިޑޭޓަކަށް ނިސްބަތްވާ ޕާޓީއަކަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބުނު ފުރަތަމަ ފަހަރެވެ. ވަނައަހަރު ފެށުނުތަނާ، ކުރީގެ ރަޝިއާއަށް ނިސްބަތްވާ ވިޔަފާރިވެރިންކުރެ ރަޝިއާއަށް ތާއީދުކުރާ އެތައްބަޔެއްގެ ވިޔަފާރި، ޒެލެންސްކީ ހުއްޓުވައިލިއެވެ. އޭގެތެރޭގައި ޕުޓިންއާ ގާތް ރަޙުމަތްތެރިއެއްކަމުގައިވާ ވިކްޓަރ މެޑްވެޗަކްވެސް ހިމެނެއެވެ. މިކަމާގުޅިގެން، ޑީސެމްބަރ މަހުތެރޭ، ޔުކްރޭންގެ އިމާކައިރިޔަށް ރަޝިއާގެ ސިފައިން އެއްކުރެވުނެވެ. އަދި، ރޫސީންނާ ޔުކްރޭނުންނަކީ އެއްބައެއްކަމުގައި ބަޔާންކޮށް އިޢުލާން ކުރިއެވެ. ހަމައެއާއެކު، ޔުކްރޭން ނޭޓޯގައި ބައިވެރިނުކުރުމަށް އެދި ނޭޓޯއާއި އެމެރިކާއަށް އެންގިއެވެ. ޕުޓިންގެ މި އެދުން އެމެރިކާއިން ބޮލައިޖަހައި، އެކަމަށް ވަނީ ނޫނެކޭ ބުނެފައެވެ.
21 ފެބްރުއަރީ 2022 ގައި، ޔުކްރޭންގެ ޑޮނެސްކާއި ލުހާންސްކް އަކީ، މިނިވަން ދައުލަތުގެ ގޮތުގައި ރަޝިއާއިން ޤަބޫކުރިއެވެ. ޔުކްރޭނުން ޤަބޫލުކުރާގޮތުގައި، އެދެ ސަރަޙައްދަކީ، ރަޝިއާއަށް ތާއީދުކުރާ ޓެރަރިސްޓުންގެ ސަރަޙައްދެކެވެ. ފެބްރުއަރީ ނިމެމުންދަނިކޮށް، ނޭޓޯއާއި އެމެރިކާއާ އޮތް ގުޅުން ކަނޑާލައި، އެދެ ސަރަޙައްދަކީ މިނިވަން ދެދައުލަތެއްކަމުގައި އިޢުލާންކޮށް، އެދެ ސަރަޙައްދަށް، ޞުލްޙަ ބަލަހައްޓާ ސިފައިން ފޮނުވިއެވެ. 24 ފެބްރުއަރީ 2022 ގައި، ޔުކްރޭން ހިފުމުގެ މަސައްކަތް ރާވައި، ޙަމަލާތައްވަރުގަދަކޮށް، ހަނގުރާމަ ފެށިއެވެ.
ރަޝިއާއިން ޙަމަލާފެށީ، އިރުމަތީ ޔުކްރޭންގެ ޑޮންބަސް ސަރަޙައްދުންނެވެ. ހަނގުރާމަފެށުމާއެކު، ޔުކްރޭންގެ ރައީސް ޒެލެންސްކީ ވަނީ ޔުކްރޭނުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފައެވެ. އަދި ވަގުތުން ރަޝިއާއާ ގުޅުން ކަނޑައިލިއެވެ. ޔުކްރޭން ހިފުމަށް ޕުޓިން ފެށި ހަނގުރާމަޔަކީ، ދުނިޔެ ޤަބޫލުކުރާ ކަމެއްނޫނެވެ. ޚުދު، ރަޝިއާގައިވެސް މި ހަނގުރާމަޔާ ދެކޮޅަށް ރައްޔިތުން މުޒާހަރާ ކުރަމުން އެބަގެންދެއެވެ.
މަޝްރަޙު ހޫނުވެ، ހަނގުރާމަ ފެށިގެންދިއުމުގައި ފޮރުވިފައިވާ އިތުރު ޙަޤީޤަތެއްވެސް އެބަ އޮތެވެ. އެއީ ޔުކްރޭނާއި ރަޝިއާ އަދި އެމެރިކާއާއި އިނގިރޭސި ވިލާތުން، 5 ޑިސެމްބަރ 1994 ގައި ސޮއިކޮށްފައިވާ އެއްބަސްވުމެކެވެ. އެއެއްބަސްވުމަކީ، ޔުކްރޭނުގައިހުރި ނިއުކުލިއަރ ހަތިޔާރާބެހޭގޮތުން ސޮއި ކުރެވުނު އެއްބަސްވުމެކެވެ. ޔުކްރޭނުގައިހުރި ހުރިހައި ނިއުކްލިއަރ ހަތިޔާރެއް، ރަޝިއާއާ ޙަވާލުކުރުމަށް އެއްބަސްވެ ޔުކްރޭނާއެކު މި 3 ޤައުމުން އެއްބަސްވެ ސޮއިކޮށްފައި ވެއެވެ. އެއީ ނިއުކްލިއަރ ހަތިޔާރު ނެތް ޤައުމަކަށް ޔުކްރޭން ހެދުމަށްޓަކައެވެ. ޔުކްރޭނަކީ ދުނިޔޭގައި ތިންވަނަޔަށް ނިއުކްލިއަރ ހަތިޔާރު ރައްކާކޮށްފައިވާ ޤައުމެވެ. އެހަތިޔާރުތައް ޔުކްރޭނުން ރަޝިއާއާ ޙަވާލުކޮށްފައިވާކަން ސާފުކޮށް އެނގޭކަށެއްނެތެވެ. ޔުކްރޭނުގެ ޢަމަލުތަކަށްބަލާއިރު، ލަފާކުރެވެނީ ޔުކްރޭނުގައިހުރި ނިއުކުލިއަރ ހަތިޔާރު، ރަޝިއާ އާ ޙަވާލުކޮށްފައި ނުވާނެ ކަމަށެވެ. އެއީ ޔުކްރޭނުގައި މިހާރު އޮތީ ރަޝިއާ ދެކޮޅު ސަރުކާރެއްކަމަށް ވާތީއެވެ.
އެއްނަޒަރަކުން ބަލާއިރު، ޕުޓިންގެ މިއިސްނެގުމުގައި ރަޝިއާގެ މަޞްލަޙަތު އެބައޮތްކަމަށް އެއްބަޔަކު ޤަބޫލުކުރެއެވެ. ޔުކްރޭން ނޭޓޯގައި ބައިވެރިވުމާއި ޔުކްރޭނަށް އެމެރިކާ ތާއީދުކުރުމަކީ ރަޝިއާއަށް އެއްގޮތަށްވުރެ ގިނަގޮތުން ނުރައްކާތެރި ކަމެކެވެ. އަނެއްބަޔަކު ޤަބޫލުކުރާގޮތުގައި މިޒަމާނުގައި ހަނގުރާމައެއް ފެށުމަކީ ކުރަންޖެހޭކަމެއްނޫނެވެ. ރައްޔިތުން ޤަބޫލުކުރާގޮތާއި ޤައުމީ ފެންވަރުގައި ސަރުކާރުތަކުން ނިންމާ ނިންމުމަކީ ތަފާތު ކަމެކެވެ. މިފަދަ ޙާލަތްތަކުގައި ފައިދާއެއް ލިބުނިއްޔާ ލިބެނީ ސަރުކާރުތަކަށެވެ. އޭގެބަދަލުގައި ހުރިހައި ގެއްލުމެއް ލިބެނީ ރައްޔިތުންނަށެވެ.
ހޫނުވަމުންދިޔަ މަޝްރަޙު ފިނިކުރުމަށްޓަކައި، ދެޤައުމުންކުރެ އެއްޤައުމަކުންވެސް ވާހަކަދެއްކުމަށް ސަމާލުކަންދީފައެއް ނުވެއެވެ. ރުޅިވެރިކަމުގައި އަދި އަމިއްލަ ދިފާޢުގައި ކުރަމުންދިޔަކަމެއް ކޮށްކޮށް ތިބީއެވެ. ރަޝިއާއިން އެމީހުންގެ ޢަޝްކަރީ ޙަރަކާތްތައް ޔުކްރޭނުގެ ބޯޑަރުވަށައިގެން ރުކުރުވާލިއެވެ. ރަޝިއާގެ އެކުވެރި ޤައުމެއްކަމުގައިވާ، ޔުކްރޭނުގް އުތުރުން ގުޅިފައިއޮންނަ ބެލޫރަސް އާ ދިމާލުންވެސް ޔުކްރޭންގެ އިން ކައިރީ ޢަޝްކަރީ ލަޝްކަރުތައް ރުކުރުވައިލިއެވެ. ފައިބެ އަހަރު ނިމެމުންދަނިކޮށް، ރަޝިއާއިން އެބައިމީހުންގެ މަޤްޞަދު ޙާޞިލްކުރުމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އެޅިއެވެ. މުޅި ޔުކްރޭނުގެ ވަށައިގެން ރަޝިއާގެ ޢަޝްކަރީ ރުކުރުވައިލިއެވެ. މިކަމާގުޅިގެން އެމެރިކާގެ ރައީސް ބައިޑަން، ރަޝިއާގެ ރައީސް ޕުޓިންއަށް ފޯނުން ގުޅައި އެކަމާބެހޭ ވާހަކަ ދައްކައިފައި ވެއެވެ.
މަޝްރަޙު އެންމެ ބޮޑަށް ހޫނުވެގެންދިޔައީ، މިއަހަރު ފެށުނުތަނާހެން، ރަޝިއާގެ ލަޝްކަރު ބޮޑުކޮށް ޔުކްރޭނުގެ އިންކައިރިޔަށް ޖަމާކުރަން ފެށުމާއެކުގައެވެ. އެމެރިކާގެ ރައީސް ބައިޑަން ރަޝިއާގެ ރައީސް ޕުޓިންއާ ގުޅައި އިތުރަށް ވާހަކަ ދައްކާފައި ވެއެވެ. އދ ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމަކަށް ގޮވައިލެވުނެވެ. ކޮންމެވެސް ގޮތަކަށް، ޞުލްޙަވެރިކަމާއެކު މައްސަލަތައް ޙައްލުކުރުމަށް، ދުނިޔޭގެ ލީޑަރުންނާއި ނޭޓޯގެ އިސްވެރިން ޕުޓިންއާ ގުޅައި ވާހަކަދައްކާފައި ވެއެވެ. އެންމެފަހުގެ އަންދާޒާބުނާގޮތުގައި، ރަޝިއާގެ 2 ލައްކައެއްހާ ސިފައިން ޔުކްރޭނުގެ އިމާކައިރިޔަށް ޖަމާކޮށްފައި ވެއެވެ. އެއީ ޔުކްރޭނުގެ ސިފައިންނާ އެއްވަރުގެ ޢަދަދެކެވެ.
ނޭޓޯ – ރަޝިއާ އުފެއްދުމުގެ އެއްބަސްވުމާ ނޭޓޯއާއި ރަޝިއާއިންވެސް ޚިލާފު
ކަޅު ކަނޑުގައި ނޭޓޯއިން ފެށި ޢަޝްކަރީ ތަމްރީނަކީ، އެމެރިކާއާއި އެމެރިކާގެ ބައިވެރިން ރަޝިއާއާ ދެކޮޅަށް ތެދުވުމަށް ހިތްވަރުލިބިގެންދިޔަ ކަމެކެވެ. މިއީ ނޭޓޯ – ރަޝިއާ އުފެއްދުމަށް 1997 ގައި ނޭޓޯއާއި ރަޝިއާއާ ދެމެދު ވެފައިވާ އެއްބަސްވުމާޚިލާފަށް ނޭޓޯއިން ހިންގި ޢަމަލެކެވެ. ހުޅަނގުކޮޅުން، އައު މެންބަރު ޤައުމުތަކުގެ ސަރަޙައްދާ ކައިރީގައި ޢަޝްކަރީ އެއްވެސް ޙަރަކާތެއް ނުހިންގުމަށާއި، ނިއުކުލިއަރ އެއްވެސް އާލާތެއް އަދި ސާމާނެއް ބިނާކޮށް ޤާއިމް ނުކުރުމަށް ނޭޓޯއިން އަދި ނޭޓޯގެ މެންބަރުންވަނީ ވަޢުދުވެފައެވެ. ނޭޓޯ އާއި ނޭޓޯގެ މެންބަރުން، މިކަމުގައި ޢަމަލުކުރާނެގޮތް އެއްބަސްވުމުގެ 4 ވަނަ މާއްދާ ( ސިޔާސީ – ޢަޝްކަރީ ކަންކަމާބެހޭ ) މާއްދާގައި ވަނީ ވަރަށް ސާފުކޮށް ލިޔެފައެވެ. މިވަޢުދާ، ނޭޓޯއިން މިހާރު އެވަނީ ޚިލާފު ވެފައެވެ. ޔުކްރޭނުންވަނީ އީޔޫގައި ބައިވެރިވާން އެޕްލިކޭޝަން ހުށަހަޅާފައެވެ. އެހެންނަމަވެސް ޔުކްރޭނަށް މެންބަރުކަން ދިނުމާމެދު އީޔޫއިން ގޮތެއް ނިންމާފައެއް ނުވެއެވެ. އެހެންނަމަވެސް އެންމެ އަވަހަށް މެންބަރުކަންދޭ ޤައުމަކަށް ޔުކްރޭން ވެދާނެކަމަށް އީޔޫއިންވަނީ ހާމަކޮށްފައެވެ. މިއީ ރަޝިޔާއާ ދެކޮޅަށް އީޔޫއިން ނިންމާނެ ނިންމުމެކެވެ. އެހެނީ ޔުކްރޭނަށް އީޔޫގެ މެންބަރުކަން ދީފިނަމަ، ކުރިން ބަޔާންކުރެވުނު ނޭޓޯ – ރަޝިޔާގެ އެއްބަސްވުމުގައިވާގޮތާ ޚިލާފަށް، އީޔޫގެ ނިއުކުލިއަރ ހަތިޔާރު ރަޝީއާގެ ބޯޑަރު ސަރަޙައްދާ ކައިރިޔަށް އެ ގެނެވުނީއެވެ. ނޭޓޯއަކީ، ފެށުނީއްސުރެ، ހުޅަނގުގެ ޤައުމުތަކާ ބައިވެރިވެ ރަޝިއާއާ ދިމާކޮށް ދުޝްމަނެއްގެ ގޮތުގައި ބަލަމުން އަންނަ ޤައުމެކެވެ.
ހަމައެފަދައިން، ކްރީމާގެ ސަރަޙައްދު ރަޝިއާގެ ބައެއްގެ ގޮތުގައި ހަމަޖައްސައި އެކިއެކި ޙަރަކާތާއި ފިޔަވަޅުތައް އެސަރަޙައްދުގައި ހިންގުމަކީ، ނޭޓޯ – ރަޝިއާ އުފެއްދުމުގެ އެއްބަސްވުމާއި ބައިނަލްއަޤްވާމީ އެއްބަސްވުންތަކާޚިލާފަށް ރަޝިއާއިން ހިންގާފައިވާ ޢަމަލެކެވެ. އޭގެ ޖަވާބުގައި، ޔޫރަޕްގެ އިރުމަތީ ބިތުގެ ބައިވެރިންގެ އެހީތެރިކަމާއެކު ނޭޓޯއިންވަނީ ޕޮލޭންޑް، ލިތުއޭނިއާ އަދި ލެތުވިއާ އާއި އެސްޓޯނިއާގައި ދައުރުވާގޮތަށް، އެކިޤައުމުތަކުން ބައިވެރިވާ ހަނގުރާމަމަތީ ފައުޖުތަކެއް ޤާއިމްކޮށްފައެވެ. މިއީވެސް އެއްބަސްވުމާ ޚިލާފު ޢަމަލެކެވެ. އެހެންކަމުން ދެފަރާތުންވެސް ވަނީ ކުރިން ވެފައިވާ އެއްބަސްވުމާ ޚިލާފުވެފައެވެ.
މީގެއިތުރަށް، ޔޫއެސްއެސްއާރ ރޫޅިގެންދިޔައިރު، ރަޝިއާއަކީ، އެއިއްތިޙާދުގެ މައިޤައުމުކަމަށް މުޅިދުނިޔެވެސް ޤަބޫލުކުރެއެވެ. އެހެންނަމަވެސް، ޔުކްރޭނުން ޤަބޫލުކުރާގޮތުގައި، އެއިއްތިޙާދު ރޫޅުމުން، މިލްކުވެރިކަމުގެ ގޮތުން، ޔުކްރޭނަކީ، އެއިއްތިޙާދުގެ މައި ޤައުމެވެ. އަދި ޔުކްރޭނުންވަނީ، ޔޫއެސްއެސްއާރ ރޫޅުމުން، އޭރު ހުރި އެއިއްތިޙާދުގެ މިލްކިއްޔާތާމެދު ދަޢުވާކޮށްފައެވެ. މިފަދަ ސިޔާސީ އެތައްކަމެއްގައި ޔުކްރޭނުންވަނީ ރަޝިއާއާމެދު ހިތްހަމަނުޖެހުމުގެ ޝުޢޫރު ފައުޅުކޮށްފައެވެ.
ނޭޓޯއާއި ރަޝިއާއިން ވެފައިވާ އެއްބަސްވުންތަކުގައި، ޢަޝްކަރީ، އިޤްތިޞާދީ ކަންކަމާ ޚިލާފަށް ކުރެވިދާނެ ކަމެއް ޙައްލުކުރުމަށް، ވާހަކަ ދައްކައިގެން ގޮތެއްހޯދުމަށް އިސްކަންދީފައި ވެއެވެ. ނޭޓޯއަކީ، 27 ޤައުމުބައިވެރިވާ އިއްތިޙާދެކެވެ. ޔޫއެސްއެސްއާރގެ އިއްތިޙާދުގައި ބައިވެރިވި 14 ޤައުމުގެ ތެރެއިން 7 ޤައުމެއްވަނީ އީޔޫގެ މެންބަރުންނަށް ވެފައެވެ. ޔުކްރޭންވަނީ އީޔޫގެ މެންބަރަކަށްވާން ފޯމު ލާފައެވެ. ޔުކްރޭނަކީވެސް ރަޝިއާއަކީވެސް އީޔޫގެ މެންބަރުންނެއްނޫނެވެ. އެހެންކަމުން، އެއްޤައުމަކާ 27 ޤައުމުބައިވެރިވާ އިއްތިޙާދަކާ ދެމެދު އުފެދިފައިވާ ދުޝްމަންކަމުން، ޒަމާނުއްސުރެ އޮތް ރުޅިވެރިކަމެއް ފިލުވައިލަން އީޔޫއަށް ލިބިފައި އޮތް ފުރުޞަތު މިހާރު އެގެންދަނީ ބޭނުންކުރަމުންނެވެ. ޞުލްޙަވެރިކަމާއެކު ވާހަކަދައްކަން ލިބިފައިއޮތް ފުރުޞަތު އީޔޫއިން އިޚުތިޔާރު ކޮށްފައެއް ނުވެއެވެ. ހުޅަނގުގެ ޤައުމުތަކުގެ ވިސްނުމަށްދީލާލައި، އީޔޫއާއި ހުޅަނގާ ބައިވެރިވެގެން ރަޝިއާގެ ޢަމަލަށް ރައްދު ދިނުމަށް އެދަނީ ތައްޔާރުވަމުންނެވެ. ރަޝިއާގެ ޢަމަލަކީވެސް އެންމެ ރަނގަޅު ޢަމަލެއްނޫނެވެ. އެހެންނަމަވެސް، ރަޝިއާއަށް އެޢަމަލު ހިންގަން މަޖުބޫރުކުރީ އެމެރިކާއާއި އީޔޫއެވެ. ޒަމާނުއްސުރެ ރޭވިގެން، ދުރާލާ ތަރުތީބުކުރެވިގެން، ޔުކްރޭނުގެ ސިޔާސީ މަޝްރަޙުގެ ތެރެޔަށްވަދެ، މައްސަލަ އުފެއްދުމަށް ހުޅަނގުން މަސައްކަތްކޮށްފައި ވެއެވެ. އެއީ ހުޅަނގުން ޒަމާނުއްސުރެ ރަޝިއާގެ މައްޗަށް ބަލަމުން އަންނަ ނުރުހުންތެރިކަމުގެ ތެރެއިންނެވެ. އިއްތިޙާދު ރޫޅައިލުމަށްފަހު، އެވަރުންވެސް އަދި ފުއްދައެއް ނުލެވުނެވެ.
އެމެރިކާގެ މުނާފިޤު ޢަމަލުތައް
ޤައުމެއްގެ ނަޒަރުން، އަމިއްލަ ދިފާޢުގައި ފިޔަވަޅު އެޅުމުގެ ޙައްޤު އޮންނަންވާނީ ހަމައެކަނި އެމެރިކާއަކަށްނޫނެވެ. އެއީ ކޮންމެ ޤައުމަކަށްވެސް އޮންނަންޖެހޭ ޙައްޤެކެވެ. އެމެރިކާއިން ޢިރާޤަށް އަރައި، ޢިރާޤު ތަޅައި ސުންނާފަތިކޮށްލިއިރު، އަނގަހުޅުވާލާނެ ޤައުމެއް ނެތެވެ. ނޭޓޯވެސް އޮތެވެ. އެމެރިކާއިން ކިއުބާއަށް އަރައި ކިއުބާގެ ދުވަސް ދުއްވާލިއިރު ބަހެއްބުނާނެ ބަޔަކު ނެތެވެ. އަމިއްލަ ދިފާޢުގައިކަމަށްބުނެ،ދުނިޔޭގެ އެކިޤައުމުތަކުގައި އެމެރިކާއިން ހިންގާ ޢަޝްކަރީ ޙަރަކާތްތަކުގައި އެމެރިކާގެ މަޞްލަޙަތު އޮންނަފަދައިން، އެހެން ޤައުމުތަކަށްވެސް އެޙައްޤު އޮންނަންވާނެއެވެ. ފަލަސްތީނުގެ ބިން ގަދަކަމުން ފޭރި، ޤުދްސްގެ މައްޗަށް އިސްރާއީލުން ވެރިވެގަނެގެން އުޅޭއިރު، އެކަން ދިފާޢުކުރަނީ އެމެރިކާއެވެ. އިސްރާއީލުން މެދުނުކެނޑި، ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ޙަމަލާދީ މަރަމުންގެންދާއިރު، އެކަމަށް ވާގިވެރިވަނީ އެމެރިކާއެވެ. މިއީ މިހާރުވެސް އެމެރިކާއިން ވާގިވެރިވެގެން، އިސްރާއީލުން ހިންގަމުންގެންދާ ޢުދުވާނީ ޢަމަލުތަކެވެ.
ދުނިޔޭގައިވާ އެމެރިކާގެ ޢަޝްކަރީ މަރުކަޒުތައް
އެމެރިކާއިން ކުރަންވެއްޖިއްޔާ ކޮންމެކަމެއްވެސް ވަރިހަމައެވެ. ޤައުމުތަކުގެ ދާޚިލީކަންކަމަށް ނުފޫޒު ފޯރުވުމަކީ އެމެރިކާއަށް ހުއްދަ ކަމެކެވެ. އަމިއްލަ މަޞްލަޙަތު ރައްކައުތެރިކުރުމުގެ ނަމުގައި، ދުނިޔޭގެ 70 އަށްވުރެ ޤައުމުގައި، އެމެރިކާއިން ޤާއިމްކޮށްފައިވާ ޢަޝްކަރީ މަރުކަޒުތަކުގެ ޢަދަދު 800 އަށް އަރައެވެ. މިތަންތަން ބަލަހައްޓައި ހިންގުމަށް، 85 އާއި 100 ބިލިއަން ޑޮލަރު އަހަރެއްގެ މައްޗަށް އެމެރިކާގެ ބަޖެޓުން ޚަރަދު ކުރެއެވެ. ދުނިޔޭގެ އެކި ޤައުމުތަކުގައި އެމެރިކާއިން ޤާއިމްކޮށްގެން ހިންގާ ޢަޝްކަރީ މަރުކަޒާއި، ހަނގުރާމަ ހިނގާ ސަރަޙައްދުތަކަށް، އެމެރިކާގެ ބަޖެޓުންކުރާ ޚަރަދަށް ބަލާއިރު، 160 އާ 200 ބިލިއަން ޑޮލަރުގެ ޢަދަދެއް އެމެރިކާގެ ބަޖެޓުން ކޮންމެ އަހަރަކު ޚަރަދު ކުރެއެވެ. ހަމައެކަނި އިސްރާޢިލުގެ ސަލާމަތާއި ރައްކައުތެރިކަމަށޭ ބުނެ، ފަލަސްތީނުގެ ރައްޔިތުން މަރައި އަނިޔާކުރުމަށް، އެތައް ބިލިއަން ޑޮލަރެއް އެމެރިކާއިން އިސްރާއީލަށް ދެއެވެ. އެހެން ޤައުމުތަކުގެ ޢަޝްކަރީ މަރުކަޒުތަކަށް ބަލާއިރު، އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް އަދި ރަޝިޔާއިން ޤާއިމްކޮށްފައިވާ ޢަޝްކަރީ މަރުކަޒުގެ ޖުމްލަ ޢަދަދަކީ 30 އެވެ. އެމެރިކާއިން، ހަމައެކަނި އެމެރިކާގެ އެތެރޭގައި 59 ޢަޝްކަރީ ވައިގެ މަރުކަޒު ޤާއިމްކޮށް ހިންގައެވެ. ދުނިޔޭގެ 50 ޤައުމެއްގައި އިތުރު 44 ޢަޝްކަރީ ވައިގެ މަރުކަޒު ޤައިމްކޮށް ހިންގައެވެ.
އެމެރިކާގެ އަހަރީ ބަޖެޓްގެ 32 އިންސައްތަ ޚަރަދުކުރަނީ ދިފާޢަށެވެ. އެމެރިކާއިން ޢަޝްކަރީ ވައިގެ މަރުކަޒު ޤާއިމްކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި، އިޓަލީ، ޖަޕާން، ހޮންޑިއުރަސް، ބުރުކީނަފާސޯ، ޢިރާޤު، ތައިލޭންޑް އަދި އެފްރިކާއާއި ފިލިޕީންސް ހިމެނެއެވެ. އެމެރިކާގެ އެތެރޭގައި ޤާއިމްކޮށްފައިވާ އެންމެބޮޑު ޢަޝްކަރީ ވައިގެ މަރުކަޒަކީ ފްލޮރިޑާގެ އައްސޭރި ފަށުގައި ޤާއިމްކޮށްފައިވާ އެގްލިން އެއަރފޯސް ބޭހެވެ.
މިސާލަކަށް، ފްލޮރިޑާ އެމެރިކާގެ ބާރުގެދަށުން ވަކިވެ މިނިވަންކަން އިޢުލާންކޮށްފިނަމަ، އެމެރިކާއިން ފްލޮރިޑާ ނުހިފައި ހަނގުރާމަ ނުކޮށް އޮންނާނެ ބާވައެވެ ؟ ނުއޮންނާނެއެވެ. އެއީ އެމެރިކާއަށް އޮތް ނުރައްކަލަކަށްވާނެތީއެވެ. އެހެންކަމުން، އެހެންޤައުމަކަށް ނުރައްކަލަކަށްވެގެން އިސްނަގާ ޙަމަލާތަކަކީ، ނުރައްކަލަކަށްނުވާނެގޮތެއް އޮންނާނެތޯއެވެ ؟ އެމެރިކާއަށް ޙައްޤުކަމެއް އެހެން ޤައުމަކަށް ނުއޮތުމަށް ބައިނަލް އަޤްވާމީ ޤާނޫނުތައް ހުއްދައެއް ނުކުރެއެވެ. އެމެރިކާއާ ޚިޔާލުތަފާތުވާ ކޮންމެ ޤައުމެއްގައި ސަރުކާރާދެކޮޅަށްތިބޭ ބަޔަކަށް ވާގިވެރިވެ، އެޤައުމެއްގައި ދާޚިލީ ކޯޅުންތައް އުފައްދައި، ދާޚިލީ ހަނގުރާމަތަކަށް މަގުފަހިކޮށްދީ ސަރުކާރު ބަދަލުކުރުމަކީ، އެމެރިކާގެ އާދައެކެވެ. ލީބިއާއާއި މިޞްރު އަދި ޢިރާޤާއި ސޫރިޔާއަކީ މިކަމުގެ ފުރިހަމަ ހެކިތަކެވެ.
ޔުކްރޭނުގެ މިހާރުގެ ޙާލަތުގެ ޙަޤީޤަތަކީވެސް އެއީ ނޫންބާވައެވެ ؟ އަޅުގަނޑުގެ މަޤްޞަދަކީ، ރަޝިއާއިން ހަނގުރާމަކޮށް އެތައްބަޔަކު މަރައި ޔުކްރޭން ހިފުމަކީ، ކުރަން އެންމެ ރަނގަޅުކަމެއްކަމަށް ދަޢުވާކުރުމެއްނޫނެވެ. އެއީ ރަޝިއާއިންވެސް ކޮށްގެންވާނެ ކަމެއްނޫނެވެ. އެހެންނަމަވެސް، ޔުކްރޭންގެ ރައީސް ރަސްމީގޮތުން ރައްޔިތުންނަށް ހަތިޔާރުދީ، މަގުމައްޗަށް ނުކުތުމަށް ގޮވައި، ހަނގުރާމައިގެ ތެރެޔަށް، ހަތިޔާރަށް އަހުލުވެރިނޫން ރައްޔިތުންތަކެއް ނެރެ މަރުވާން ދަޢުވަތުދިނުމަކީވެސް ރަނގަޅުކަމެއްނޫންކަން ސާފުކޮށްދިނުމެވެ. އަދި ޔުކްރޭނުގެ ތާރީޚަށްބަލާއިރު، ހުޅަނގަށް ތާއީދުކުރާ، ހުޅަނގުންނާއި ނޭޓޯއިން ވާގިވެރިވާ ޔުކްރޭންގެ ސަރުކާރުން ރަޝިއާއާމެދު ޢަމަލުކޮށްފައިވަނީވެސް އެންމެ ރަނގަޅަށް ނޫންކަން ސާބިތުކޮށްދިނުމެވެ. ޔުކްރޭންގެ ކުށެއްނެތް އެތައްބަޔަކު މަރުވެދިއުމަކީ، އަދި ހަނގުރާމައިން ޔުކްރޭންގެ އިޤްތިޞާދު ހަލާކުވެދިއުމަކީ، ދެރަކަމެކެވެ. އެއީ 21 ވަނަ ޤަރުނުގައި ހިނގަންވާނެ ކަމެއްނޫނެވެ. ރާއްޖޭގައި އެކަނިވެސް ޔުކްރޭންގެ 300 ޓޫރިސްޓުން ތާށިވެފައި އެބަތިއްބެވެ.