ޣައްޒާގައި ހަލާކުވި ގެތައް އަލުން ބިނާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ: އަންރުވާ

ފާއިތުވި އަހަރުގެ މޭ މަހު އިސްރާއީލުން ޣައްޒާއަށް ދިން އުދުވާނީ ހަމަލާގައި ހަލާކުވެފައިވާ ގެތައް އަލުން ބިނާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމުގައި ފަލަސްޠީނު ރެފިއުޖީންގެ ކަންކަން ބަލަަހައްޓާ އދ. ގެ ޖަމްއިއްޔާ، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވާކްސް އެެޖެންސީ ފޯ ޕެލެސްޓައިން ރެފިއުޖީސް އިން ދަ ނިޔަރ އީސްޓް (އަންރުވާ) އިން ބުނެފިއެވެ.

އެ ޖަމްއިއްޔާގެ ފަރާތުން ޣައްޒާގައި ހުންނަވާ ޑިރެކްޓަރު ތޯމަސް ވައިޓް ވިދާޅުވިގޮތުގައި މިއަހަރު ނިމުމުގެ ކުރިން އެ ގެތައް ނިންމައިލެވޭނެކަމަށް އުއްމީދުކުރެވެއެވެ. އެހެންނަމަވެސް، އޭނާ ފާހަގަކުރެއްވި ގޮތުގައި، އެހީދޭ ފަރާތްތަކުން ދެކޮޅު ހަދަމުންދާތީ، 2014 ވަަނަ އަހަރުގެ ހަމަލާގައި ހަލާކުވި ގެތަކުގެ ތެރޭން އަލުން ބިނާނުކުރެވި ހުރި ގެތައް ބިނާނުކުރެވަޭނެއެވެ. އެހެންކަމުން، އެ ގެތަކުގެ މީހުން އަދިވެސް ތިބެން ޖެހޭނީ ބޯހިޔަލެއް ނެތިއެވެެ.

އަންރުވާގެ ފަރާތުން ޣައްޒާގައި ހިންގާ ހުރިހާ މަޝްރޫއެއް ބަލަހައްޓަވާ ވައިޓް ވިދާޅުވި ގޮތުގައިި، އިސްރާއީލުގެ އުދުވާނުގައި ކޮންމެވެސް ވަރަކަށް ގެއްލުންވި ގެތަކުގެ މީހުންނަށް އެ ގެތައް މަރާމާތުކުރުމަށް ބޭނުންވާ ފައިސާ ފާއިިތުވި ހަފުތާތަކުގައި ދީ ނިންމާފައިވާއިިރު، ގެތައް މުޅިން ހަލާކުވެގެން އެ ގެތައް ދޫކޮށް ދާން ޖެހުނު އާއިލާތަކަށް ވަރަށް އަވަހަށް ފައިސާ ދޭން ފަށާނެއެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މޭ މަހުގެ އުދުވާނުގައި ޣައްޒާގެ އެކި ހިސާބުތަކުން ގެއްލުންވި 6 ހާހަށްވުރެ ގިނަ ގޭގައި ދިރިއުޅޭ އާއިލާތަކަށް މިހާތަނަށް 15 މިލިއަން އެމެރިކާ ޑޮލަރު ވަނީ ދޫކޮށްފައެވެ.

ލަންޑަނުގައި ނެރޭ ފަލަސްޠީނުގެ ނޫހަކަށް މައުލޫމާތުދެއްވަމުން ވައިޓް ވިދާޅުވި ގޮތުގައި އިސްރާއީލުގެ އުުދުވާނުގައި މުޅިން ހަލާކުވެފައިވާ 700 ގެއެއްގެ މީހުންނާ މަޝްވަރާކޮށް، އެމީހުންގެ ގެތައް އަލުން ބިނާކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ ކަންތައް މިހާރު ކުރިއަށް އެބަދެއެެވެ.

ފާއިތުވި 2021 ވަނަ އަހަރުގެ މޭ މަހުގެ މެދުތެރޭގައި އިސްރާއީލުން ޣައްޒާއަށް ދިން 11 ދުވަހުގެ އުދުވާނީ ހަމަލާތައި ޣައްޒާގެ ރައްޔިތުން ދިރިއުޅޭ ގިނަ ގެތަކެއް މުޅިން ހަލާކުވެ، އެތައް ހާސް ގެއަކަށް ވަނީ ގެއްލުން ލިބިފައެވެ. އެ އުދުވާނުގައި 1335 ގެ މުޅިން ފުނޑުފުނޑުވެފައި ވާއިރު، 12800 އަށްވުރެ ގިނަ ގެއަށް  ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.