އެމްޑީޕީގެ ހިންގުން މިހާރު ޕާޓީގެ ސައިޒުގައި ނޫން ކަމަށް އެ ޕާޓީގެ ޗެއަރޕާރސަން ކަމަށް ވާދަކުރައްވާ ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ނ. މިލަންދޫގައި ފައްޔާޒްގެ ކެމްޕޭން އިފްތިތާޙް ކުރުމަށްޓަކައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީ މިހާރު އޮތީ މެންބަރުން ލަދުވެތިވާ ހިސާބަކަށް ގޮސްފައެވެ. މިހާރު އޮތް ހާލަތަކީ މެންބަރުން ލަދުވެތިވާން ޖެހޭ ފަދަ ހާލަތެކެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި އެމްޑީޕީއަކީ ރާއްޖެއަށް އެކަށިގެންވާ ހެޔޮ ބަދަލުތަކެއް ގެނައި ޕާޓީއެކެވެ. އެ ބަދަލުތަކުގެ ތެރޭގައި އޭނާ ފާހަގަ ކުރެއްވި އެންމެ މުހިއްމު ދެ ކަމަކީ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި ރައްޔިތުންގެ ކަންތައްތައް ފަހި ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ސީދާ މަޝްވަރާ ކުރުމުގެ ދޮރު ތަންމިނަށް ހުޅުވިފައި އޮތުމެވެ. މީގެ އިތުރަށް އޭރުގެ ސަރުކާރުގެ އަނިޔާވެރިކަން ހުއްޓުމަކަށް ގެނެވުނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި ޕާޓީގެ އެތެރޭގައި އޮތް ނުތަނަވަސްކަމެއްގެ ސަބަބުން ޕާޓީ ދާނެ ގޮތަކަށް ދާން ދޫކޮށްލުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެމްޑީޕީން ރާއްޖެއަށް ހެޔޮ ބަދަލުތަކެއް ގެނައި ކަމުގައި ވިޔަސް ރައްޔިތުންނަށް ގެއްލުންހުރި ކަންތައްތައް އިއާދަވުމުގެ ފުރުސަތު އެބައޮތެވެ. އެހެންވީމާ އެފަދަ ފުރުސަތުތައް ބަންދުކުރުމުގެ މަސައްކަތަކީ ކުރަން ޖެހޭނޭ މަސައްކަތެކެވެ.
"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އެ ވިލާގަނޑު އަންނަނީ ނަގަމުން. އަޅުގަނޑުމެން، އަޅުގަނޑުމެންގެ ކަންކަން ރަނގަޅަށް ރާވާލައި އަޅުގަނޑުމެން މަސައްކަތުގެ ސްޕީޑު ބާރުކޮށް، ޕާޓީގެ އަސާސްތައް ނަގަހައްޓަން އިތުރަށް މަސައްކަތްތަކެއް ނުކޮށްފި ނަމަ، އަޅުގަނޑަށް ފެންނަނީ އަޅުގަނޑުމެންނަށް މި ލިބުނު ކާމިޔާބުތައް ގެއްލި ފަހަތަށް ޖެހިގެން ދާ ތަން." ފައްޔާޒް ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއަރޕަރސަން ކަމަށް ދެން ކުރިމަތި ލައްވާފައި ވަނީ މާފަންނު އުތުރު ދާއުރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ. ސިޔާސީ މަސަރަހަށް ބަލާއިރު އިމްތިޔާޒަކީ ރައީސް ނަޝީދު ތާއީދުކުރައްވާ ކެންޑިޑޭޓެވެ. ފައްޔާޒަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތާއިދުކުރައްވާ ކެންޑިޑޭޓެވެ. އިންތިޚާބުގެ ކެމްޕޭން މިހާރު ވަނީ ވަރަށް ފޯރިގަދަ ވެފައެވެ. ދެކޮޅުންވެސް އެންޓި ކެމްޕޭން ކުރަމުން ގެންދަނީ ވަރަށް ވަރުގަދައަށެވެ.