ޗައިނާއާއި ރަޝިޔާއިން ދަނީ މިޔަންމާގެ އަސްކަރީ ސަރުކާރަށް ހަތިޔާރު ފޯރުކޮށްދެމުން: އދ.

މިޔަންމާ ސިފައިން ފާއިތުވި މާރިޗު މަހު ބޭއްވި އަސްކަރީ ޕެރޭޑެއްގައި

އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުން ކަމުގައިވާ ޗައިނާއާއި ރަޝިޔާގެ އިތުރަށް ސާބިޔާއިން ދަނީ މިޔަންމާގެ އަސްރީ ސަރުކާރަށް ހަތިޔާރު ފޯރުކޮށްދެމުން ކަމަށާއި، އެ ހަތިޔާރު ބޭނުންކުރަމުން ދަނީ އާއްމުންނަާ ދެކޮޅަށް ކަމުގައި އދ. އިންސާނީ ހައްގުތަކާ ބެހޭ ތަޖުރިބާކާރު ވިދާޅުވެއްޖެއެވެ.

މިޔަންމާގެ އިންސާނީ ހައްގުތަކާ ބެހޭ އދ. ގެ ޚާއްސަ ރެޕަޓުއަރ ޓޮމް އެންޑްރޫސް ވަނީ "މިޔަންމާގެ އަސްކަރިއްޔާއިން އާއްމުން މެރުމަށް ބޭނުންކުރަމުންދާކަން އެނގޭ ހަތިޔާރު ފޯރުކޮށްދިނުން، އެންމެ ކުޑަމިނުން، މަނާކުރުމަށް" ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ގޮވައިލައްވާފައެވެ.

ދިގު އިންތިޒާރަކަށް ފަހު، ޚާއްސަ ރެޕަޓުއާ އެންޑްރޫސް ނެރުއްވި ރިޕޯޓުގައި ވަނީ އަސްކަރީ ސަރުކާރަށް ހަތިޔާރު ލިބޭ ތަންތަން ބަޔާންކުރައްވާފައެވެ. އަދި އޭނާ ވަނީ ސަލާމަތީ މަޖިލީހުގައި ވީޓޯގެ ބާރު އޮތް ދާއިމީ ދެ މެންބަރަކު މިކަމުގައި ޝާމިލުވާކަން ޚާއްސަ ގޮތެއްގައި ފާހަގަކުރައްވާފައެވެ.

"ފާއިތުވި އަހަރު ގެނައި އިންގިލާބަށް ފަހު، އަސްކަރީވެރިން އަނިޔާވެރިކަން އިސްކުރަމުންދާކަމުގެ ހެކި ފެންނަން ހުރި އިރުވެސް، އދ. ގެ ސަލާމަތީ މަޖިލީހުގެ މެންބަރުން ކަމުގައިވާ ރަޝިޔާއާއި ޗައިނާއިން ދަނީ މިޔަންމާގެ އަސްކަރީ ވެރިންނަށް، ހަނގުރާމަމަތީ މަތިންދާބޯޓުތަކާއި، ހަތިޔާރުއެޅި އުޅަނދުތައް ފޯރުކޮށްދެމުންެ. އަދި ރަޝިޔާއަށް ބަލާއިރު، އެ ގައުމުން ވަނީ އިތުރު ހަތިޔާރު ފޯރުކޮށްދޭނެ ކަމަށް ވައުދުވަމުން." އެންޑްރޫސްގެ ބަޔާނުގައި ވެއެވެ.

"ހަމަ މި މުއްދަތުގެ ތެރޭގައި ސާބިިޔާއިން ވަނީ މިޔަންމާއަށް ރޮކެޓާއި، ބޮޑުބަޑި އެކްސްޕޯޓުކުރުމުގެ ހުއްދަދީފައި." ސަލާމަތީ މަޖިލީހުން އައްޔަންކޮށްފައިވާ ޚާއްސަ ރެޕަޓުއާ ވިދާޅުވިއެވެ.

"އަސްކަރީ ވެރިންނަށް ހަތިޔާރު ވިއްކުން ހުއްޓުވުމަށް މެންބަރު ގައުމުތަކުންނާއި، ސަލާމަތީ މަޖިލީހުން އަވަސް ގޮަތަކަށް ފިޔަވަޅުއެޅުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް." އަޭނާ ވިދާޅުވިއެވެ. " ކުށެއްނެތް މީހުން މަރަން ބޭނުންކުރާ ހަތިޔާރު ވިއްކުން މަނާކުރުމަށް، އެންމެ ކުޑަ މިނުން، ގަރާރެއް ފާސްކުރުމާމެދު ސަލާމަތީ މަޖިލީހުން ވިސްނަން ވެއްޖެ."

މިޔަންމާގެ ހާލަތު ދިރާސާކުރާ އެގައުމުގެ އަމިއްލަ ޖަަމާއަތްތަކުން ލަފާކުރާ ގޮތުގައި 2021 ވަނަ އަހަރުގެ ފެބުރުވަރީ މަހު ގެނައި އިންގިލާބަށް ފަހު އަސްކަރިއްޔާގެ އަނިޔާވެރިކަމުގައި 1500 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި ގައުމު ހަމަނުޖެހުމުގެ ތެރެއަށް ވެއްޓިފައިވާއިރު، އިގުތިސާދު ވަނީ ވަޅުޖެހިފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.