ފާއިތުވި ފެބުރުވަރީ މަހުގެ ފުރަތަމަ ދުވަހު މިޔަންމާގައި ގެނައި އަސްކަރީ އިންގިލާބާ ދެކޮޅަށް އިހުތިޖާޖުކުރަމުންދާ މީހުން ހުއްޓުވުމަށް ވެރިކަމުގައި މިހާރު ތިބި އަސްކަރީ ބާރުތަކުން އާދަޔާއި ޚިލާފަށް ބާރުގެ ބޭނުން ކޮށް ގިނަ އަދަދެއްގެ ބަޔަކު މަރާލައިފިއެވެ.
މިޔަންމާއިން ލިބޭ ޚަބަރުތައް ބުނާގޮތުން އިިއްޔެ އެ ގައުމުގެ ޔަންގޯން (ރެންގޫން) އާއި މަންޑެލޭ އަދި އިތުރު ރަށްތަކުގައި އިހުތިޖާޖުކުރަމުން ދިޔަ މީހުންގެ ގަޔަށް ބަޑިޖަހައި 100 އަށްވުރެ ގިނަ މީހުން މަރާލަފައި ވެއެވެ.
އޮންލައިން ނޫސް 'މިޔަންމާ ނައު' އިން ބުނެފައިވާ ގޮތުގައި އިއްޔެ މަރުވި މީހުންގެ އަދަދު 114 އަށް އަރައެވެ. އިހުތިޖާޖުތައް ފެށުނީއްސުރެ މަރުވާ މީހުންގެ އަދަދުތައް ބަލަހައްޓަމުންދާ އަމިއްލަ ފަރާތަކުން ބުނެފައިވާ ގޮތުގައި އިއްޔެ މަރުވި މީހުންގެ އަދަދު 107 އަށް އަަރައެވެ.
އިހުތިޖާޖަށް މީހުން ނުކުމެފައި ވަނީ، އިއްޔެ މިޔަންމާގެ އަސްކަރިއްޔާއިން 'ސިފައިންގެ ދުވަސް' ފާހަަގަކުރަމުން ދަނިކޮށް އިހުތިޖާޖުކުރަން ނުކުމެއްޖެ ނަމަ، "ބޮަލަށާއި، ބުރަކަށްޓަށް ބަޑިޖަހާނެ" ކަމުުގެ އިންޒާރު އަސްކަރިއްޔާއިން ދީފައި ނުވާނެއެެވެ.
"މިއަދަކީ ސިފައިން ލަދުގަންނަން ޖެހޭ ދުވަހެއް." އަސްކަރީ އިންގިލާބާ ދެކޮޅަށް މަސައްކަތްކުރާ ޖަމާއަށް 'ސީއާރްޕީއެޗް' ގެ ތަރުޖަމާނު ޑރ. ސާސާ ވިދާޅުވިއެވެ.
"އަސްކަރީ ޖެނެރަލުން ސިފައިިންގެ ދުވަސް ފާހަގަކުރަމުން އެދަނީ 300 އަށްވުރެ ގިނަ އާއްމުން މަރާލުމަށް ފަހު." އިހުތިޖާޖުތައް ފެށުނު ފަހުން މިހާތަނަށް މަރާފައިވާ މީހުންނަށް އިޝާރާތްކުރައްވަމުން އޭނާ ވިދާޅުވިއެވެ.
"މިޔަންމާ ސިފައިންގެ 76 ވަނަ އަހަރީ ދުވަސް ބިންވަޅު ނެގިގެން ދާނީ ބިރުވެރިކަމާއި، ލަދުވެތިކަމުގެ ދުވަހެއްގެ ގޮތުގައި." "ކުޑަކުދިވެސް ހިމެނޭހެން، ހަތިޔާރެއް ނެތް އާއްމުން މެރުމަކީ ދިފާއުކުރެވޭނޭ އަމަލެއް ނޫން." ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން މިޔަންމާއަށް ކަނޑައަޅާފައިވާ މަންދޫބުގެ އޮފީހުން ކުރި ޓުވީޓެއްގައި ވެއެވެ.
ސިފައިންގެ ދުވަސް ފާހަގަކުރަން އިއްޔެ ވެރިރަށް ނޭޕީޓާއުގައި ބޭއްވި ރަސްމިއްޔާތުގައި އަސްކަރީ ވެރިޔާ ޖެނެރަލް މިން އާންގް ލޭންގް ދެއްކި ވާހަކައިގައި އިހުތިޖާޖުތަކަށް އިޝާާރާތްކުރަމުން އޭނާ ވަނީ އަސްކަރީ އިންގިލާބު ދިފާއުކޮށްފައެެވެ.
"ޑިމޮކްރެސީ ހިމާޔަތް ކުރުމަށް ސިފައިން މުޅި ގަމުއާ އަތުގުޅާލަން." "ކަންމަކަށް އެދުމަށް ހަމަޖެހުމާއި އަމާންކަމަށް އަަސަރުކުރާ ފަދަ ހަރުކަށި އަމަލުތައް ހިންގުމަކީ ރަނގަޅު ގޮތެއް ނޫން." އޭނާ ބުނެފައި ވެއެވެ.
އަސްކަރިއްޔާގެ އަނިޔާވެރިކަމާއި، ހަރުކަށިކަމަށް ބެލުމެެއް ނެތި އާއްމުން ދަނީ ކޮންމެ ދުވަހަކު މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަމުންނެެވެ. އަދި ދުވަހެއް ދުވަހަށް ސިފައިންގެ ހަރުކަށިކަން ދަނީ އިތުރުވަމުންނެވެ.