ދުނިޔޭގެ ކަންކޮޅުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކުރަމުން އަންނަތާ ދެ ދަހަރު ވެއްޖެއެވެ. މާދަރީބަހުގެ ދުވަސް ފާހަގަކުރަން ފެށި މައިގަނޑު ބޭނުމަކީ އެކި ސަގާފަތްތަކުގެ މެދުގައި ހުންނަ ސަގާފީ ތަފާތާއި ބަހުގެ ތަފާތު ފާހަގަކުރުމާއި ބަހަވީ ސިންދަފާތު ކުރިއެރުވުމެވެ. 2000ވަނަ އަހަރުން ފެށިގެން މާދަރީ ބަހުގެ ދުވަސް ފާހަގަކުރާއިރު މިހާރު މާދަރީ ބަހުގެ މަފްހޫމާ މެދު ވެސް ގިނަ ބަހުސްތަކެއް ކުރެވެއެވެ.
ކުއްޖަކު އުފަންވާ ގައުމެއްގައި ވާހަކަ ދައްކައި އުޅޭ ބަހަކީ އޭނާގެ މާދަރީ ބަސް ކަމަށް ވަކާލާތު ކުރެވެއެވެ. ސްކޫލް މާހައުލުން އުނގެނޭ ބަހަކީ މާދަރީ ބަސް ކަމަށް ވަކާލާތު ކުރެވެއެވެ. ބަހަވީ ޢިލްމުގައި މާދަރީ ބަހަކީ ތުއްތުއިރުން ފެށިގެން ކުއްޖަކު ވާހަކަދައްކާ ބަހެވެ. ތުއްތުއިރުން ފެށިގެން ދިވެހި ބަހުން ވާހަކަދައްކާ ކުއްޖެއްގެ މާދަރީ ބަހަކީ ދިވެއްސެވެ. އިނގިރޭސިން ވާހަކަދައްކާ ކުއްޖެއްގެ މާދަރީ ބަހަކީ އިނގިރޭސިއެވެ. ބައެއް ހާލަތްތަކުގައި ކުދީން އެކުއެކީ ދެބަހުން ވާހަކަ ދައްކައެވެ. މި ހާލަތުގައި އެކުއްޖެއްގެ މާދަރީ ބަހަކީ އޭނާ ވާހަކަ ދައްކާ ދެބަހެކެވެ.
ޝައްކެއް ވެސް ނެތް ގޮތުގައި މާދަރީ ބަހަކީ މަވަންތަކަމާއި ސަގާފަތުގެ ބައެކެވެ. މައުލޫމާތާއި ދިރިއުޅުމުގެ އަގުތައް ޖީލުތަކަށް ފޯރުކޮށްދެނީ މާދަރީ ބަސް މެދުވެރިކޮށެވެ. ބައެއްގެ ސަގާފަތުގެ ތެރޭގައި ހިމެނޭ އެކިކަހަލަ މައުލޫމާތު ފަހަށް ރައްކާކުރެވެނީ ވެސް ބަހުގެ ޒަރީޢާއިންނެވެ. ޒަމާނަށް އަންނަ ބަދަލާއެކު ކުރިން އުޅެމުން އައި ގޮތްތައް ބަދަލުވެ ޓެކްނޮލޮޖީއަށް އަހުލުވެރިވުމުގެ ސަބަބުން ބަހަށް ނޭދެވޭ އަސަރު ކުރެއެވެ. ވައިގެބަނދަރު އަޅަން ބިން ހިއްކުމާއި ފަރުފަރާއި ފަޅުތަކާއި ކުޅިތައް ހިއްކުމުން އެތަންތަނުގައި ކުރިން ހުރި ދިރުންތައް ނެތިދެއެވެ. އެއާއެކު ބަސްކޮށާރުވެސް ނެތިދެއެވެ. މިފަދަ ބަހަވީ ގިރުން (ލިންގުއިސްޓިކް އިރޯޝަން) ތަކުގެ ސަބަބުން ބަހަށް ގެއްލުން ލިބެއެވެ. ނަމަވެސް ޓެކްނޮލޮޖީގެ ސަބަބުން ބަހަށް ކުރިއެރުން ވެސް ލިބެއެވެ.
މިއަހަރުގެ މާދަރީ ބަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ޔޫޒިންގ ޓެކްނޮލޮޖީ ފޯރ މަލްޓިލިންގުއަލް ލާރނިންގ: ޗެލެންޖެސް އެންޑް އޮޕޮޗުނިޓީސް" އެވެ. މި ސިޔާގުގައި މަލްޓިލިންގުއަލް ނުވަތަ ގިނަބައްސައިގެ މާނައަކީ ދަރިވަރުންތަކަކަށް ގިނަ ބަސްބަސް އުނގަންނައިދޭ ވާހަކައެއް ނޫނެވެ. ގިނަބައްސަ ތަޢުލީމު ކުރިއެރުވުމުގައި ޓެކްނޮލޮޖީ ނުވަތަ ފަންނިއްޔާތުގެ ދައުރު ފުޅާކުރާ ވާހަކައެވެ. ޓެކްނޮލޮޖީ މެދުވެރިކޮށް އުނގެނުމާއި އުންގަންނައިދިނުމުގެ ފެންވަރު މަތިކޮށް ތަރައްގީކުރާ ވާހަކައެވެ. މިދިޔަ ދަހަރެއްހައި ދުވަސްތެރޭ ޔުނެސްކޯއިން ވަނީ ތައުލީމީ ފެންވަރު ދަށްވާ ސަބަބު ހޯދައި ގިނަބައްސަ ތައުލީމަށް އަމާޒުކޮށް ގިނަގުނަ ޕްރޮގްރާމްތައް ރާވައިފައެވެ.
ދުނިޔޭގެ އެކި ގައުމުތަކަށް ބަލާއިރު މާދަރީބަހުން ތަޢުލީމު ފޯރުކޮށްނުދެވޭތީ އެތައް ކުދީންނެއް ވަނީ ތަޢުލީމުން މަހުރޫމު ވެފައެވެ. މީގެ ތެރޭގައި ގިނައީ މައިނޯރިޓީ ނުވަތަ އަގުލިއްޔަތު ބަހުގެ ވިލިވިލީގެ ކުދީންނެވެ. މިފަދަ ކުދީންނަށް ދިމާވެފައިވާ ބޮޑެތި ގޮންޖެހުން ހައްލުކުރުމުގެ ގާބިލުކަން ޓެކްނޮލޮޖީއަށް ވަނީ ލިބިފައެވެ. ވަކި ދީނެއް ނަސްލެއް ނުބަލައި ހުރިހާ ކުދީން ޝާމިލުކޮށް، ހަމަހަމަ ތަޢުލީމީ ފުރުސަތުތައް ހޯދައިދިނުމަށް ޓެކްނޮލޮޖީން މެދުވެރިކޮށް ބާރު އެޅޭނެއެވެ. މިފަދަ ފުރުސަތުތައް ފަހިކުރުމަށްޓަކައި ޝާމިލު ތަޢުލީމުގެ އަސާސީ އުސޫލުތައް ބޭނުން ކުރެވިދާނެއެވެ. އެހެނީ މާދަރީ ބަހުން ފޯރުކޮށްދެވޭ ގިނަބައްސަ ތަޢުލީމަކީ ދަރިވަރުން ތަޢުލީމުގައި ޝާމިލުކުރުމުގެ މައި އަސާސް ކަމަށްވާތީއެވެ.
ކޯވިޑް-19އާ ގުޅިގެން ގޭގައި ބަންދުވެ، އާއްމު ދިރިއުޅުން ހުއްޓުމަކަށް އައި ނަމަވެސް ދަރިވަރުންގެ ތަޢުލީމުގެ ކަންކަން ކުރިއަށް ދިޔައެވެ. ދުނިޔޭގެ ގިނަ ގައުމުތަކުން އުނގަންނައިދިނުން ކުރިއަށް ގެންގޮސްފައިވަނީ ޓެކްނޮލޮޖީ މެދުވެރިކޮށެވެ. ޔުނެސްކޯގެ ވެބްސައިޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ކޯވިޑާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުގެ ސްކޫލްތައް ބަންދުކުރިނަމަވެސް އޮންލައިން މަންސަތަކުގެ އެހީގައި އުނގަންނައިދިނުން ކުރިއަށް ގެންގޮސްފައިވެއެވެ.
އ.ދ. އިން ފާހަގަކޮށްފައިވާ ގޮތުގައި ދުނިޔޭގެ އާބާދީގެ 40 އިންސައްތަ ކުދީންނަކީ އެކުދީންގެ މާދަރީބަހުން އުނގެނުމުގެ ފުރުސަތުން މަހްރޫމުވެފައިވާ ކުދީންނެވެ. އެހެންކަމުން ބަހަވީ ސިންދަފާތު ވަނީ ނުރައްކަލަށް ހުށަހެޅިފައެވެ. އެހެން ނަމަވެސް ގިނަބައްސަ ތައުލީމުގެ ދަށުން މާދަރީ ބަހުން އުންގަންނައިދޭން ފެށުމުން މާދަރީބަހުގެ މުހިއްމުކަން އިތުރުވާން ފަށާފައިވާ ކަމަށް ޔުނެސްކޯއިން ފާހަގަކުރެއެވެ. ޚާއްސަކޮށް ފަށާ ތަޢުލީމުގެ މަރުހަލާގައްޔާއި އާއްމު ދިރިއުޅުމުގެ ކަންކަމުގައި މާދަރީ ބަސް އިސްކުރުމުގެ ތެރެއިން މާދަރީ ބަހަށް ކުރިއެރުން ލިބޭކަމަށް ފާހަގަކޮށްފައިވެއެވެ.
ޔުނެސްކޯގެ ޑިރެކްޓަރ ޖެނެރަލް އޯޑްރި އަޒޫލޭ ވިދާޅުވެފައިވާ ގޮތުގައި ބަހަވީ ސިންދަފާތު ރައްކާތެރިކުރާން ބޭނުންކުރާނޭ އާލަތްތައް ޓެކްނޮލޮޖީ ގެ ތެރެއިން ފަހިވާނެއެވެ. މީގެ މިސާލެއްގެ ގޮތުން އެކަމަނާ ފާހަގަކުރައްވާފައިވަނީ ބަސް ފެތުރުމަށާއި ބަހުގެ ތަޙްލީލުތައް ކުރުމަށް ޓެކްނޮލޮޖީގެ އާލާތްތައް ބޭނުންކުރާ ވާހަކައެވެ. މި މަސައްކަތުގެ ތެރެއިން މި އާލާތްތަކުން އެބަސްބަސް ރިކޯޑުކުރެވި ފަހަށް ރައްކާކުރެވެއެވެ. މީގެ ތެރޭގައި ހަމައެކަނި އަނގަބަހުން ވާހަކަދެއްކުމަށް ބޭނުންކުރާ ބަސްބަސް ހުރެއެވެ. އެހެންގޮތަކަށް ދަންނަވާނަމަ ރަށު ބަހުރުވަތަކަކީ ހިއްސާކުރެވޭ ތަރިކައަށް ވެދެއެވެ. ނަމަވެސް އިންޓަނެޓަކީ ދުނިޔޭގެ ހުރިހާ އެންމެން ބޭނުންކުރާ މަންސައަކަށް ވާއިރު ބަސްބަސް އެއްގޮތްވެދާނެ ކަމުގެ ބިރު އޮންނާނެއެވެ. އެހެންކަމުން ބަހަވީ ސިންދަފާތު ދެމެހެއްޓޭނީ އިންޓަނެޓުގައި ބަސް ބޭނުންކުރާއިރު އެކަމަށް ފަރުވާތެރިވެ އެހެން ބަސްބަހާއި މަސްހުނި ނުކުރުމަށް ހިތްވަރު ލައިގެންނެވެ.
ދިވެހިރާއްޖޭގެ ސްކޫލް ނިޒާމުގައި ކަން އޮތް ގޮތަށް ބަލާއިރު ތަޢުލީމީ ނިޒާމު ބިނާވެފައި އޮންނަނީ އިނގިރޭސި ބަހަށެވެ. ފަށާ ތަޢުލީމުގެ މަރުޙަލާގައި އިރުޝާދީ ބަހެއްގެ ގޮތުގައި ބޭނުންކުރާން އޮންނަނީ މާދަރީ ބަހެވެ. ނަމަވެސް މިއަދުގެ ޙާލަތަށް ވިސްނާލާއިރު މި މަރުޙަލާގައި ކިޔަވާ ކުދީންގެ މާދަރީ ބަހަކީ ދިވެހި ބަސް ކަމާމެދު ސުވާލު އުފެދެއެވެ. މިއަހަރުގެ މާދަރީ ބަހުގެ ދުވަހާ ގުޅިގެން ޔުނެސްކޯގެ ޑިރެކްޓަރ ޖެނެރަލް ދެއްވި ބަޔާނުގައި ވިދާޅުވި ގޮތުގައި "ބަހެއް ހަނދާން ނެތުމާއި ބަހެއް އުނގެނުމަކީ ބަހެއް އަށަގަތުމެއް ނޫނެވެ. ނޫނީ މުއާމަލާތްކުރުމުގެ އަސާސެއް ނެތިދިއުމެއް ވެސް ނޫނެވެ. އެއީ މުޅިން އައު ދުނިޔެއެއް ފައުޅުވުން ނޫނީ ދުނިޔެއެއް ފަނޑުވެގެން ދިއުމެވެ."
ބަހަވީ ސިންދަފާތަކީ އެންމެންނަށް އޭގެ ފައިދާ ލިބޭ އެއްޗަކަށް ވީހިނދު މާދަރީ ބަހާ ދުރުކުރުވަމަކީ އޭގެ ނޭދެވޭ އަސަރު މުޅި މުޖްތަމައަށް ކުރާނޭ ކަމެކެވެ. އެހެންކަމުން ބަހަވީ ސިންދަފާތު ރައްކާތެރިކުރުމަކީ ހުރިހާ އެންމެންގެ ޒިންމާއެކެވެ.