ޠާލިބާން ޖަމާއަތުން އަފްޣާނިސްތާނުގެ ވެރިކަން އަތުލުމުގެ ކުރިން އެގައުމުގައި އޮތް ސަރުކާރުން އެމެރިކާގައި ބަހައްޓާފައި ހުރި 7 ބިލިއަން އެމެރިކާ ޑޮލަރު ނެގުމަށް ރައީސު ޖޯ ބައިޑަން ނިންމަވައިފިއެވެ.
މައިގަނޑު ގޮތެއްގައި ކުރީގެ ރައީސު އަޝްރަފް ޣަނީގެ ސަރުކާރަށް ބޭރުގެ ގައުމުތަކުންނާއި ޖަމާއަތްތަކުން އެހީގެ ގޮތުގައި ލިބިފައިހުރި މިފައިސާ ހުރީ އެމެރިކާގެ ފެޑެރަލް ރިޒާވްގައެވެ. ޠާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާއެކު އެމެރިކާއިން މިފައިސާ ހިފެހެއްޓިއެވެ.
ރައީސު ބައިޑަން އިއްޔެ ނެރުއްވި ގަރާރަކުން މި ފައިސާ އެމެރިކާ ސަރުކާރަށް ނަގައި، މިފައިސާ ޚަރަދުކުރުމަށް ނިންމާފައި ވަނީ 2001 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު 11 ވަނަ ދުވަހު އެމެރިކާއަށް ދިން ވަރުގަދަ ޓެރަރިސްޓު ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ބަދަލުދިނުމަށާއި، އަފްޣާނިސްތާނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީގެ ގޮތުގައި ދިނުމަށެވެ.
ޠާލިބާނުން ވަނީ ރައީސު ބައިޑަންގެ ނިންމެވުމަށް ރުޅިވެރިކަމާއެކު ރައްދު ދީފައެވެ. ޠާލިބާން ސަރުކާރުން ސިފަކުރި ގޮތުގައި އެމެރިކާއިން ކުރީ ވައްކަމެކެވެ. އަދި އެއީ އަޚްލާގީ ގޮތުން ދަށް ފެންވަރުގެ އަމަލެކެވެ.
"ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގައި ގަނޑުކޮށްފައި/ހިފަހައްޓާފައި ހުރި އަފްޣާނިސްތާނުގެ ރައްޔިތުން ފައިސާ ވަގަށް ނެގުމަކީ އެ ގައުމު ގައުމެއްގެ ހައިސިއްޔަތުން އަޅްލާގީ އަދި އިންސާނީ އެންމެ ދަށު ދަރަޖައަށް ވެއްޓުން." ޠާލިބާން ޖަމާއަތުގެ ތަރުޖަމާނު މުޙައްމަދު ނަޢީމު ކުރި ޓުވީޓެއްގައި ވެއެވެ.
ވައިޓް ހައުސްއިން ބުނިގޮތުގައި އެމެރިކާއިން ނެގި ފައިސާގެ ތެރޭން 3.5 ބިލިއަން ޑޮލަރު ބޭނުންކުރާނީ "އަފްޣާނިސްތާނުގެ ރައްޔިތުންނާއި، އަފްޣާނިސްތާނުގެ މުސްތަގުބަލަށްޓަކައި" އެހީގެ ފަންޑެއް އުފެއްދުމަށެވެ. އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ފަންޑުން މަސައްކަތްކުރާނީ، ޠާލިބާން ސަރުކާރު މެދުވެރި ނުކޮށް، އަފްޣާނިސްތާނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށެވެ.
ސެޕްޓެންބަރު 11 ގެ ހަމަލާގައި، މަރުވި މީހުންނާއި، އަނިޔާވި މީހުން އާއިލާތަކުން އެމީހުންނަށް ލިބުނު ގެއްލުމުގެ ބަދަލުހޯދަން އެމެރިކާގެ ކޯޓުތަކަށް މައްސަލަ ހުށަހަޅައިގެ މަސައްކަތްކުރާތާ ގިނަ ދުވަސްތަކެއް ވެފައި ވީނަމަވެސް، އެ މީހުންނަށް ފައިސާ ލިބޭނެ ގޮތް އޮތީ ނުވެފައެވެ. ނަމަވެސް، ބައިޑަންގެ ގަރާރާއެކު، އަފްޣާނިސްތާނުގެ ފައިސާއިން ބަދަލު ހޯދަން ހުށަހެޅުމުގެ ފުރުސަތު އެއާއިލާތަކަށް ލިބޭނެއެވެ.