އެމެރިކާގެ ޔަހޫދީ ފައްޅިއެއްގައި ބަޔަކު ރަހީނުކޮށްފި

ޔަހޫދީ ފައްޅީގެ ބޭރުގައި ސްވޮޓް ޓީމުން ހަރަކާތްތެރި ވަނީ

އެމެރިކާގެ ޓެކްސާސް ސްޓޭޓްގެ ކޮލީވިލްގައި ހުންނަ ޔަހޫދީ ފައްޅިއެއްގައި ބަޑިހިފައިގެން ހުރި މީހަކު ބަޔަކު ރަހީނުކޮށްފިއެވެ. ޑަލަސްގެ ކޮލީވިލް އަވަށުގައި ބަޑިހިފައިގެން ހުރި މީހާ ވަނީ ފައްޅީގައި ފޭސްބުކުން ލައިވްކޮށްގެން ކުރިއަށް ދިޔަ އަޅުކަމެއްގައި ތިބި ފާދިރީއާއި އިތުރު ތިން މީހަކު ރަަހީނުކޮށްފައެވެ.

ކޮލީވިލް ޕޮލިސް ޑިޕާޓްމަންޓުން އިއްޔެ ހެނދުނު 11:30 ގައި (ރާއްޖޭ ގަޑިން ރޭ 10:30 ގައި) ކުރި ޓުވީޓެއްގައި ބުނި ގޮތުގައި އެވަށުގައި ހުންނަ ކޮންގެްރެގޭޝަން ބެތު އިސްރާއީލު ފައްޅީގެ ހާލަތާއި ކުރިމަތިލުމަށް ސްވޮޓް (ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް) ޓީމެއް ދަނީ ހަރަކާތްެތެރިވަމުންނެވެ. ފުލުހުން ބުނި ގޮތުގައި ރަހީނުކުރި 4 މީހުންގެ ތެރޭން އެކަކު މިހާރު ވަނީ ދޫކޮށްލާފައެވެ. އޭނާއަށް އެއްވެސް އަނިޔާއެއް ވެފައި ނުވެއެވެ.

މި އަމަލު ހިންގި މީހާގެ މަގުސަދަކީ ކޮބައިކަން ސާފުކުރުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތްކުރަމުން ދާއިރު، ބައެއް އޮފިޝަލުން ޚަބަރުފަތުރާ ވަސީލަތްތަކަށް މައުލޫމާތުދީފައި ވާގޮތުގައި މީހުން ރަހީނުކުރި މީހާ އެދެމުން ދަނީ ޕާކިސްތާނުގެ ސައިންސުވެރިއެއް ކަމުގައިވާ އާފިޔާ ޞިއްދީޤީ ދޫކޮށްލުމަށެވެ. އާފިޔާއަކީ އެމެރިކާ ސިފައިންގެ ބަޔަކަށް ހަމަލާދީ މަރާލިކަމުގެ ކުށުގައި 2010 ވަނަ އަހަރު އަފްޣާނިސްތާނުން ހައްޔަރުކުރުމަށް ފަހު، 86 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވާ މީހެކެވެ.

ޢާފިޔާ ޞިއްދީޤީ ދޫކޮށްލުމަށް ގޮވާލައި ފާއިތުވި އޮކްޓޯބަރު މަހު ޕާކިސްތާނުގައި މުޒާހަރާކުރަނީ

ވައިޓް ހައުސްގެ ތަރުޖަމާނު ޖެން ސާކީ ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި ރައީސު ޖޯ ބައިޑަންއަށް ރަހީނުކުރުމުގެ ހާދިސާގެ މައުލޫމާތު އެރުވިފައިވާއިރު، އޭނާ ގެންދަވަނީ އެތަނުގައި ހަރަކާތްތެރިވާ އިސްފަރާތްކާ ގުޅުއްވައި ހާލަތު ބައްލަވަމުންނެވެ.

އޭބީސީ ނިއުސް އިން ޚަބަރުދިން ގޮތުގައި ފައްޅީގެ އެކި ތަންތަނުގައި ގޮވާތަކެތި ފޮރުވާފައިކަމަށްވެސް ބަޑިން ބިރު ދައްކައިގެ މީހުން ރަހީނުކުރި މީހާ ދަނީ ބުނަމުންނެެވެ. އަދި މައުލޫމާތުހުރި މަސްދަރަކާ ހަވާލާދީ އެ ޗެނެލުން ބުނި ގޮތުގައި އޭނާއަކީ އާފިޔާ ސިއްދީޤީގެ ކޮއްެކޮއެއް ކަމަށްވެސް އޭނާ ދައުވާ ކުރެއެވެ. އަދި އޭނާ ދަނީ އޭނާގެ ދައްތަ ދޫކޮށްލުމަށް އެދެމުންނެވެ.

ފައްޅިން ފޭސްބުކް ލައިވް ކުރިއަށް ދިޔައިރު ހަރުއަޑުން މީހަކު ވާހަކަދައްކާ އަޑު އިވެއެވެ. އޭނާ ހުރީ ނުފެންނަ ހިސާބުގައެވެ.

"ދައްތައާ ފޯނުން ގުޅައިދީ"، "އަހަރެން މަރުވެގެންނާނަން" "އެމެރިކާގައި ކަންކަން ދަނީ ގޯސްކޮށް" ފޭސްބުކް ލައިވްގައި އެމީހާ ބުނާ އަޑު އިވެއެވެ.

ޔަހޫދީ ފައްޅިން ފޭސްބުކް ލައިވް ފަށާފައި ވަނީ އިއްޔެ ހެނދު 10 ޖެހިއިރު (ރާއްޖޭ ގަޑިން ރޭ 9 ޖެހިއިރު) އެވެ. އަދި ނިންމާލާފައި ވަނީ މެންދުރު ފަހު 2 ޖެހިއިރު އެެވެ.

އިއްޔެ ހަވީރު 5:20 ވީއިރު ވެސް އަދި މައްސަލަ ހައްލުކުރެވިފައި ނުވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.