އެމެރިކާގެ ސުޕަމާޓެއްގައި ބަޑިން ހަމަލާދީ 20 މީހުން މަރާލައިފި

އިއްޔެ ބަޑިން ހަމަލާދީ ގިނަ ބަޔަކު މަރާލި ސަރަހައްދުގައި ހަތިޔާރުއެޅި ފުލުހުން ހަރަކާތްތެރިވަނީ

އެމެރިކާގެ ޓެކްސާސް ސްޓޭޓުގެ އެލްޕާސޯގައި ހުންނަ ވޯލްމާޓް ފިހާރައާއި، އެފިހާރައިގެ ކައިރީގައި ހުރި ފިހާރަތަކުގައި ތިބި މީހުންނަށް އިއްޔެ ބަޑިން ހަމަލާދީ މަދުވެގެން 20 މީހުން މަރާލައިފިއެވެ. 32 އަށްވުރެ ގިނަ މީހުންނަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

"އެލްފާސޯގެ ކުށެއް ނެތް ވިހި މީހުންގެ ފުރާނަ ވަނީ ގެއްލިފައި." ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓެކްސާސަގެ ގަވަރުނަރު ގްރެގް އެބަޓް ވިދާޅުވިއެވެ.

އެލްފާސޯގެ ސިއެލޯ ވިސްޓާ މޯލްގައި ހުންނަ ވޯލްމާޓް ފިހާރައަށް މީހަކު އޭކޭ-47 ގެ ބަޑިއެއް ހަފައިގެން ވަދެ ބަޑިޖެހުމުގެ ސަބަބުން ޒަޚަމްވެގެން ފަރުވާ ދޭ މީހުންގެ ތެރޭގައި 4 މަހުގެ ތުއްތު ކުއްޖަކާއި، ދެ އަހަރާއި ނުވަ އަހަރުގެ ކުޑަ ދެ ކުދިންވެސް ހިމެނޭކަމަށް ވެއެވެ.

އިއްޔެ ހެނދުނު 10 (ރާއްޖޭ ގަޑިން ރޭ 8) ޖަހަން އުޅެނިކޮށް މި ހަމަލާ ދިން ވަގުތަކީ އަހަރީ ޗުއްޓީއަށް ފަހު އިސްކޫލުތައް ހުޅުވެން ވާއިރަށް ކުދިންނަށް ބޭނުންވާ ތަކެތި ގަންނަން ގޮސްފައި ތިބި މީހުންނެވެ.

އެލްޕާސޯ ޕޮލިސް ޑިޕާޓްމަންޓްގެ ތަރުޖަމާނު ސާޖެންޓް ރޮބަޓް ގޮމޭޒް މައުލޫމާތު ދިން ގޮތުގައި ހަމަލާދިން ވަގުތު ސުޕަމާޓު ތެރޭގައި 1000 އާ 3000 އާ ދެމެދުގެ އަދަދަކަށް ވިޔަފާރިކުރަން ތިބޭނެއެވެ. އަދި ފިހާރައިގެ މުވައްޒަފުންގެ 100 ވަރަކަށް މީހުން ތިބޭނެއެވެ.

ފުލުހުން ހާމަކުރި ގޮތުގައި ބަޑީގެ ހަމަލާދިން މީހާ މިހާރު ވަނީ ހައްޔަރުކުރެވިފައެވެ. އެއީ، ޓެކްސާސްގެ އެލެންގެ 21 އަހަރުގެ ޒުވާނެކެވެ. އޭނާގެ ނަމަކީ ޕެޓްރިކް ކުރޫސިއަސް ކަމަށްވެސް ފުލުހުންނާ ހަވަލާދީ ފައެއް ފަރާތްތަކުން ޚަބަރުދީފައި ވެއެވެ.

ފާއިތުވި ހަފުތާގައި ކެލިފޯނިޔާ ސްޓޭޓުގައި އޮތް ކާބޯތަކެތީގެ މައުރަޒެއްގެ ތެރެއަށް ބަޑިޖަހައި 19 އަހަރުގެ ޒުވާނަކު ވަނީ ތިން މީހުން މަރާލާފައެވެ.

އެމެރިކާގެ ޔުނިވަސިޓީތަކާއި، އިސްކޫލުތަކާއި، ވިޔަފާރިކުރާ ތަންތަނުގެ ތެރެއަށް ވަދެ ބަޑިޖަހައި މީހުން މެރުން އާއްމު ކަމަކަށް ވަމުން ދާއިރު، ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތު 2018 ވަނަ އަހަރު ބަޑީގެ ހަމަލާތަކުގައި 1200 ކުޑަކުދުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި 3 އަހަރަށްވުރެ ހަނގު 80 ކުދިން ހިމެނެއެވެ.

ބަޑިޖެހުން އާއްމުވަމުން ދާއިރުވެސް ބަޑި ގެންގުޅުން ކޮންޓުރޯލުކުރުމަށް ކުރެވޭ މަސައްކަތަށް ނުފޫޒުގަދަ ފަރާތްތަކުން ދަނީ ހުރަސްއަޅަމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.