މެލްކަމް އެކްސް މަރަައިގެން އުމުރަށް ޖަލަށްލި ދެ މީހުންނަކީ ކުށްވެރިން ނޫންކަމަށް 56 އަހަރު ފަހުން ނިންމައިފި

މެލްކަމް އެކްސް މަރާލުުމުގައި ބައިވެރިނުވާ ކަމަށް އިއްޔެ ކޯޓުން ނިންމި މުޙައްމަދު ޢަޒީޒު އޭނާގެ އާއިލާއާއެކު

އެމެރިކާގައި ކަޅު ނަސްލުގެ މީހުންގެ ހައްގުތަކަށް މަސައްކަތްކުރި މަޝްހޫރު ލީޑަރު މެލްކަމް އެކްސް 1965 ވަނަ އަހަރު މަރާލުމުގެ ކުށް ސާބިތުވެ ޖަލަށްލާން ހުކުމްކުރި ދެ މީހުންނަކީ އެކަންކުރި މީހުންނޫން ކަމަށް ނިންމައިފިއެެވެ.

ނިއުޔޯކް ސްޓޭޓްގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އެލެން ބައިބަންގެ ނިންމެވުމުގައި ވަނީ އެ މައްސަލައިގައި މިހާރު އުމުރުން 83 އަހަރުގެ މުޙައްމަދު ޢަޒީޒާއި، 2009 ވަނަ އަހަރު މި ދުނިޔެ ދޫކޮށްފައިވާ ޚަލީލު އިސްލާމްގެ މައްޗަށް ކޮށްފައި ވަނީ ނުބައި ހުކުމެކެވެ. ދެ މީހުންވެސް ވަނީ ޕެރޯލްގެ ދަށުން 1980 ގެ އަހަރުތަކުގެ ތެރޭގައި ޖަލުން ދޫކޮށްލާފައެވެ.

"މިއަަދު އަހަރުމެން ކޯޓަށް އަންނަން ޖެހުނު ކަން ފަދަ ކަމެއް ދެން ދުވަހަކުވެސް ހިނގައިގެން ނުވާނެ." ފަނޑިޔާރުގެ ނިންމުމަށް ފަހު ވާހަކަދައްކަމުން މުޙައްމަދު ޢަޒީޒު ބުންޏެވެ.

މުޙައްމަދު ޢަޒީޒާއި ޚަލީލު އިސްލާމް އަބަދުވެސް ބުނަމުން އައިސްފައި ވަނީ ނިއުޔޯކްގެ ހާލެމްގެ އޯޑަބޯން ބޯލްރޫމްގައި 1965 ވަނަ އަހަރު މެލްކަމް އެކްސް މަރާލުމުގައި ބައިވެރި ވެފައި ނުވާނެ ކަމުގައެެވެ. އެ ދެމީހުންގެ މައްޗަށް ހުކުމްކޮށްފައި ވަނީ ބޭއިންސާފުން ކަމުގައެވެ.

"އަހަރެންނަކީ މިއަދު 82 އަހަރުވެފައިވާ، ޖިނާއީ އަދުލުގެ ނިޒާމުގެ ޝިކާރައަކަށް ވެފައިވާ މީހެެއް. އަހަރެންގެ އުމުރުގައި ބާކީ އޮތީ ހަރަކާތްތެރި ކިތައް އަހަރުކަން އަހަންނަކަށް ނޭނގޭ. ފާއިތުވި 55-56 އަަހަރުގައި އަަހަރެންނަށް ވަނީ އޭގެ މިންވަރު ނޭނގޭވަރުގެ ބޮޑު އަނިޔާ ލިބިފައި." ޢަޒީޒު ބުންޏެވެ.

މެލްކަމް އެކްސް މަޝްހޫރުވެގެން ދިޔައީ ނޭޝަން އޮފް އިސްލާމްގެ އަޑުގެ ގޮތުގައެވެ. އޭނާ ވަނީ "ބޭނުންކުރެވެން އޮތް ކޮންމެ ވަސީލަތެއް ބޭނުންކޮށްގެން" ކަޅު މީހުންގެ ނަސްލުގެ ހައްގުތައް ހޯދުމަށް ނުކުތުމަށް ގޮވައިލާފައެެވެ. އޭނާ މަރާލިއިރު އޭނާ ދިޔައީ ނޭޝަން އޮފް އިސްލާމާ ވަކިވެ، އަމިއްލަގޮތުން މަދަނީ ހައްގުތަކަށް މަސައްކަތްކުރަމުންނެވެ.

1965 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 21 ވަނަ ދުވަހު އޭނާގެ ގަޔަށް ބަޑިޖަހައި މަރާލާފައި ވަނީ އޭނާ ތަގުރީރެއް ކުރަން ހުއްޓައެެވެ. އޭރު އޭނާގެ އުމުރުން 39 އަހަރެވެ.

އޭރު ނޯމަން 3އެކްސް ބަޓްލާގެ ނަމުން ނަންދެވިފައިވާ މުޙައްމަދު ޢަޒީޒާއި، ތޯމަސް 15އެކްސް ޖޯންސަންގެ ނަމުން ނަންދެވިފައިވާ ޚަލީލު އިސްލާާމާއި އިތުރު މީހެއްގެ މައްޗަށް މެލްކަމް އެކްސް މަރާލުމުގެ ކުށް ސާބިތުވެ ތިން މީހުން އުމުރަށް ޖަލަށްލާން 1966 ވަނަ އަހަރުގެ މާރިޗު މަހުގައެވެ.

މި މައްސަލައިގައި ކުށް ސާބިތުވި ތިންވަނަ މީހާ، މުޖާހިދު ޢަބްދުލް ޙަލީމު (ތޯމަސް ހަގާން) ވަނީ މެލްކަމް އެކްސް މަރާލުމުގައި ބައިވެރިވިކަަމަށް އެެއްބަސްވެފައެވެ. އޭނާވެސް ބުނަމުން އައިސްފައި ވަނީ ޢަޒީޒާއި އިސްލާމް އެކަމުގައި ބައިވެރިނުވާ ކަމަށެވެ. ޙަލީމުވެސް ވަނީ ޕެރޯލްގެ ދަށުން 2010 ވަނަ އަހަރު ޖަލުން މިނިވަންކޮށްފައެވެ.

"ގާނޫނާއި ރައްޔިތުންގެ އިތުބާރާ ޚިލާފަށް ކޮށްްފައިވާ ސީރިޔަސް އަމަލަށް އަހަރެެން މާފަށް އެދެން." އިއްޔެ ކޯޓުގައި ވާހަކަދައްކަވަމުން މެންހަޓަންގެ ޑިސްޓްރިކްޓް އެޓާނީ ސައިރަސް ވޭންސް ޖޫނިއަރ ވިދާޅުވިއެވެ.

ނިއުޔޯކްގެ ފުލުހުން މި މައްސަލަ އަލުން ތަހުގީގުކުރަން ނިންމީ 2020 ވަނަ އަހަރު ނެޓްފްލިކްސްއިން ދެއްކި 'ހޫ ކިލްޑް މެލްކަމް އެކްސް' ސިލްސިލާގައި ހާމަކުރި ބައެެއް ހަގީގަތްތަކުގެ ސަބަބުންނެެވެ.

ސުޕްރީމް ކޯޓުގެ އިއްޔެގެ ނިންމުމަށް ފަހު ވާހަކަފުޅުދައްކަވަމުން ނިއުޔޯކް ސިޓީގެ މޭޔަރު ބިލް ޑި ބްލާސިއޯ ވިދާޅުވީ މިމައްސަލަ އަދި ނުނިމޭކަަމަށާ، މެލްކަމް އެކްސްގެ ހަގީގީ ގާތިލުންނަކީ ކޮބައިކަމާއި، އެކަމުގެ ފަހަތުގައި ވަނީ ކޮން ބައެއްކަން އެނގެން އެމެރިކާގެ އެތައް މިލިއަން ބަޔަކު ބޭނުންވާ ކަމަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.