ޔުުކްރޭންގެ މައްސަލަ ފިނިކުރެވޭތޯ ބައިޑަންއާ ޕުޓިން އަނެއްކާވެސް މަޝްވަރާކުރައްވައިފި

އެެމެރިކާގެ ރައީސު ޖޯ ބައިޑަންއާއި ރަޝިޔާގެ ރައީސު ވްލާޑިމީރް ޕުޓިން ޖޫން މަހުގެ 16 ވަނަ ދުވަހު ސްވިޒަލޭންޑުގެ ޖެނީވާގައި

އެމެރިކާގެ ރައީސު ޖޯ ބައިޑަންއާއި ރަޝިޔާގެ ރައީސު ވްލާޑިމީރް ފުޓިން ފޯނުން ގުޅުއްވައިގެން މަޝްވަރާކުރައްވައިފިއެވެ.  މި މަޝްވަރާކުރައްވާފައި މިވަނީ ޔުކްރޭން ނޭޓޯ (ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން) ގެ މެންބަރަކަށް ވުމާ ދެކޮޅަށް ކުރިމަތިކުރާ ފިއެްތުމެއްގެ ގޮތުގައި ރަޝިޔާ ސިފައިން ގިނަ އަަދަދަކަށް ޔުކްރޭންގެ ސަރަހައްދީ ރޮނގު ކައިރިއަށް ޖަމާކުރުމާ ގުޅިގެން ހުޅަނގާ ރަޝިޔާއާ ދެމެދު ހޫނުވެފައިވާ މަސްރަހު ފިނިކުރެވޭތޯއެވެ.

ވޮޝިންޓަން ގަޑިން އިއްޔެ ހަވީރު 3:35 ގައި (ރާއްޖޭ ގަޑިން ރޭ ދަންވަރު 1:35) ގައި ފެށި މި މަޝްވަރާތައް 50 މިނިޓަށް ކުރިއަށް ދިޔައިރު ދެބޭފުޅުން ވެސް ވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅާއަށް ކަންތައްތަކެއް ހުށަހަޅުއްވާފައެވެ.

ރަޝިޔާ ސިފައިން ޔުކްރޭނަށް އަރައިގެންފިނަމަ، އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަންޖެހިދާނެކަމުގެ އިންޒާރު ރައީސު ބައިޑަން ދެއްވުމުން ރައްދުގައި ރައީސު ޕުޓިން ވިދާޅުވެފައި ވަނީ އެ ފަދަ ފިޔަަވަޅެއް ވަނީ އެމެރިކާއަށް ހެދޭ ވަރަށް ބޮޑު ގޯހަކަށެެވެ.

"އަހަރުމެން އުއްމީދުކުރަނީ އެކަން އެެހެން ނުވާނެކަމަށް (ހުޅަނގުން ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ނާޅާނެކަމަށް)" ދެ ރައީސުންގެ މަޝްވަރާތަކަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ކްރެމްލިންގެ އޮފިޝަލަކު ކަމުގައިވާ ޔޫރީ ޔުޝަކޯވް ވިދާޅުވިއެެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ރަޝިޔާ ސަލާމަތާބެހޭ ޖާމިނުވުންތަކެއް ރަޝިޔާއިން ބޭނުންވާކަށް މަޝްވަރާތަކުގައި ހުށަހަޅާފައިވާއިރު، މަޝްވަރާތައް ކުރިއަށް ދިޔަގޮތާމެދު ރަޝިޔާއިން ހިތްހަމަޖެހެއެވެ.

ވައިޓް ހައުސްއިން ބުނި ގޮތުގައި ރަޝިޔާގެ ސިފައިން ޔުކްރޭންގެ ސަރަހައްދީ ރޮނގު ކައިރިއަށް ޖަމާކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމުގައި ރައީސު ބައިޑަން ވަނީ ރައީސު ޕުޓިންއަށް ވިދާޅުވެފައެެވެ. އަދި ރަޝިޔާ ސިފައިން ޔުކްރޭނަށް އަރައިގެންފިނަމަ އެމެެރިކާއާއި އެގައުމުގެ އެކުވެރި ގައުމުތަކުގެ ރައްދު ވަރަށް ވަރުގަަދަ ވާނެކަންވެސް ބައިޑަން ވަނީ ޕުޓިންއަށް އަންްގަވާފައެވެ.

ރަޝިޔާއިން ދެކޭގޮތުގައި ޔުކްރޭންއާއި އިރުމަތީ ޔޫރަޕުގެ އެހެން ގައުމުތައް ނޭޓޯ މެންބަރުންނަށް ހަދައިގެން ނޭޓޯ އިރުމައްޗަށް ފުޅާކުރުމަކީ ރަޝިޔާގެ ސަލާމަތަށް އޮތް ނުރައްކަލެކެއެވެ. އަދި ބަލައިގަނެވޭނޭ ކަމެއް ނޫނެވެ. އަދި ރަޝިޔާގެ ވަށައިގެން އެގައުމުގެ އަސްކަރީ ނުފޫޒު އޮތްކަމަށް އެގައުމުން ގަބޫލުކުރާ ސަރަހައްދަށް ހުޅަނގުގެ އަސްކަރީ ނުފޫޒު ވަނުމަކީ ރަޝިޔާ ވަރަށް ބޮޑަށް ދެކޮޅުހަދާ ކަމެކެވެ. މީގެ އިތުރަށް ރަޝިޔާއިން ބޭނުންވަނީ މެދުތެރޭ އަދި އިރުމަތީ ޔޫރަޕުގައި ނޭޓޯއިން ހިންގާ އަސްކަރީ ހަރަކާތްތައް ހުއްޓާލުމެވެ.

ނޭޓޯއިން ބުނަނީ އެ ޖަމާއަތުގެ މެންބަރުންނަށް ހަދާނެ ގައުމުތައް ކަނޑައެޅުމަކީ އެޖަމާއަތުގެ ނިންމުމެއް ކަމަށާއި، އެހެން ގައުމަކުން އެނިންމުމަށް ބާރު ނުފޯރުވޭނެކަަމަށެވެ.

ޔުކްރޭންގަައި އޮތް ހުޅަނގަށް ތާއީދުކުރާ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ހިތިޔާރުއެޅި ޖަމާއަތްތަކަށް ރަޝިޔާއިން އެހީވާއިރު، އެގަމުގެ ސިނާއީ ސަރަހައްދު ޑޮންބާސްގައި ހިނގާ ކުރިމަތިލުންތަކުގައި މިހާތަނަށް 14 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.