(7 ޑިސެމްބަރު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އޭނާ ކުލިނިކުން ނުކުމެއްޖެއެވެ.
އޭގެ ފަހަކުން އޭނާ ކުލިނިކު ދޮށަކަށް ނުދެއެވެ. އުޅުމަށާއި ޚިޔާލަށްވެސް ބަދަލު ގެނެސްފިއެވެ. އޭނާއަށް ހަމަ ވިސްނުން އަތުވެއްޖެއެވެ. ފަރުޒާނާގެ ފަހަތުން އެ ގޮތަށް ދުވުމުގެ ސަބަބުން ހަމަނުޖެހުން އިތުރުވެގެން ދާނީ ކަމުގައި ގަބޫލު ކުރެވިއްޖެއެވެ. ދެމީހުންވެސް ތާއަބަދު ފިކުރުކުރުމާއި ހާސްކަންމަތީ ދިރިއުޅެން ޖެހޭފަދަ ހާލަތަކަށް ވެއްޓޭނީކަން އެނގިއްޖެއެވެ. ލޯބިވާނަމަ ޖެހޭނީ އެކަކު އަނެކަކަށް ދަތިކުރުމާއި ދުއްތުރާ ކުރުމުން ދުރުހެލިވެ ހަމަޖެހިގެން ދިރިއުޅުނަ ދޭށެވެ.
ކުރީގެ ހާލަތަށް އެނބުރި އައުމަށް ފަހު އެއް ފަހަރު އޭނާ ފަރުޒާނާއާ ބައްދަލު ކުރަން ދިޔައެވެ. އޭގެ ފަހުން އެ ކުލިނިކާ ކައިރިވެސް ނުވެއެވެ. އަމިއްލަ މަސައްކަތުގައި މަޝްޣޫލުވެގެންފިއެވެ. ހެނދުނު ކާރަށް އަރާ ގޮތަށް ފައިބަނީ ހަވީރުއެވެ. ދަރިފުޅު ދެކިލަން ދުވާލަކު ދެ ފަހަރު ދެއެވެ. ރުޚްސާނާގެ މަތީން ހަނދާން ކުރެއެވެ. ސިޓީ ފޮނުވައެވެ. މަހަކު އެއް ފަހަރު ނުވަތަ ދެ ފަހަރު ފޯނު ކުރެއެވެ.
ހަތަރުމަސް ދުވަސް ފަހުން ރުޚްސާނާ ބުނި ގޮތުގައި މޫނުގެ ސާޖަރީ ހައްދައިފިއެވެ. ހަމަސް ދުވަސް ފަހުން ބުނި ގޮތުގައި މޫނުގައި އަޅާފައި ހުރި ބޭސް ބައެއް ތަންތަނުން ނަގައިފިއެވެ. ނެގި ތަންތަން ފެންނަނީ ވަރަށް ރީތިކޮށެވެ.
ބާދްޝާ ވަރަށް ބޮޑަށް އުފާވިއެވެ. ރުޚްސާނާއަށް ހިތްވަރުވެސް ދިނެވެ. "ރުޚްސާނާ. އަހަރެން ރުޚްސާނާގެ އިންތިޒާރުގައި އެބަހުރިން."
އަނެއްކޮޅުން ފަރުޒާނާގެ ލޯބި ހަނދާން ނައްތައެއް ނުލެވުނެވެ. އޭނާ ގަސްތުކުރީ އެ ލޯބި ހިތުގެ އެންމެ ފުނުގައި ފޮރުވާފައި ބާއްވާށެވެ. ޖަޒުބާތު އޮބަހައްޓައި އެއް ރަށެއްގައި އުޅުމާ އެކުވެސް ބައްދަލު ނުކޮށް އުޅޭން އަމިއްލަ ނަފުސަށް މަޖުބޫރު ކުރުވައިފިއެވެ. އެކަމަކު ބައެއް ފަހަރު ގަދައަޅައި މަސައްކަތް ކުރުމާއެކުވެސް ކުރާން އުޅޭ ކަމެއް ނުކުރެވުމަކީ ދިމާވާ ކަމެކެވެ. އަމިއްލައަށް ކުރާ ކަމެއްގެ ތެރެއަށް ތަގުދީރުގެ ނިޔާ ވަނީމާ އިންސާނާގެ މާ ބޮޑު ބާރެއް ނޯވެއެވެ.
އެއް ދުވަހަކު ދިމާވީ ގޮތަކުން އޭނާގެ ކާރުގައި ކޮންމެވެސް މައްސަލައެއް ޖެހި، ނުދުއްވޭވަރު ވެއްޖެއެވެ. އެހެންވީމާ ކާރު މަރާމާތުކުރަން ގަރާޖުގައި ބާއްވާފައި ބަހުގައި ނިޒާމާއާބާދަށް ހިނގައްޖެއެވެ. ބޭނުމަކަށްވީ ދަރިފުޅާއެކު ކުޑަ ވަގުތުކޮޅެއް ހޭދަކުރުމެވެ. ރުޚްސާނާގެ ގެޔާ ހަމައަށް ފޯރިތަނާ އެގޭ ދޮށަށް ހުދުކުލައިގެ ކާރެއް މަޑުކޮށްލީތަން ފެނިއްޖެއެވެ. އޭނާ ކައިރިއަށް ޖެހިލިއެވެ. ކާރުން ފޭބީ ޒުވާން ފިރިހެނެކެވެ. އެ ޒުވާނާ ބާދްޝާއާ ސުވާލުކޮށްލިއެވެ. "މިތަނުން މިސްޓަރ ފަރީދް އަޙްމަދުގެ ގެޔަކީ ކޮބައިކަން ބުނެދީފާނަންތަ؟"
ބާދްޝާ އެ ޒުވާނާގެ ބޮލުން ފެށިގެން ފައިތިލަޔާ ހަމައަށް ނަޒަރު ހިންގައިލިއެވެ. "ބުނެދީފާނަން. ތިޔައީ ކޮން ބޭކަލެއްތޯ؟ ކޮން ތަނަކުން ދުރުވި ބޭކަލެއްތޯ؟"
"އަހަރެންގެ ނަމަކީ ޖަމްޝީދު ޢަލީ. އަހަރެން މި އައީ ލަންޑަނުން. ގެ ނުފެނިގެން މި އުޅެނީ ފަރީދް އަޙްމަދުގެ ދަރިފުޅު ފޮނުވި އެއްޗެއް ހަވާލު ކޮށްލާންވެގެން."
ޖަމްޝީދުގެ ނަން އިވުމާއެކު ބާދްޝާގެ ހަނދާން އައު ވެއްޖެއެވެ. ރުޚްސާނާ ލަންޑަނަށް ދިޔައީ އޭނާގެ ބޮޑުބޭބެ ޖަމްޝީދު ޢަލީގެ ގެއަށް ފައިބާށެވެ. އޭނާ ޖަމްޝީދުކުރެން އަހައިލިއެވެ. "ފަރީދް އަޙްމަދުގެ ދަރިފުޅު އެނގިލައްވަނީ ކިހިނެއްތޯ؟"
ޖަމްޝީދު ހިނިތުންވެލިއެވެ. "އެނގެނީ ކިހިނެއްހެއްޔޭ؟ އޭނާ ލަންޑަނަށް ދިޔައީ އަހަރެންގެ ގެއަށް ފައިބާންވެގެން. އަހަންނާ ތިޔަ ހުރިހައި ސުވާލެއް ކުރަނީ ކީއްވެގެން؟ އަހަރެން ސުވާލުކުރީ ފަރީދު އަޙްމަދުގެ ގެ އެނގޭތޯ."
ބާދްޝާ ބުންޏެވެ. "ތިޔަ ހުންނެވީ ރަނގަޅު ތާނގައި. ކުރިމަތީގައި އެހެރީ އެގެ."
މިހެން ބުނެފައި ބާދްޝާ ކުރިއަށް ހިނގައިގެންފިއެވެ. ޖެހިގެން އޮތް ގޯޅި އެޅުމަށް ފަހު ހުއްޓިއްޖެއެވެ. އަދި މަޑުމަޑުން އެނބުރިލައި މަގަށް ބޯދީ ބަލައިލިއެވެ. ޖަމްޝީދު އޭރު ދޮރުގައި ޓަކި ޖަހަނީއެވެ. މާގިނަ އިރުތަކެއް ނުވެ ދޮރު ހުޅުވިއްޖެއެވެ. ބޭރަށް ނުކުތީ ފަރީދު އަޙްމަދެވެ. ޖަމްޝީދު ކޮންމެވެސް ސުވާލެއް ކޮށްލިއެވެ. ދެމީހުން ކުޑަކޮށް ވަހަކަ ދައްކައިލީތަން ފެނުނެވެ. ދެން ފެނުނީ އެކަކު އަނެކަކާ ދިމާއަށް ހިނިތުންވެލީތަނެވެ. އެޔަށް ފަހު އެތެރެއަށް ވަންނާން ފަރީދު އަޙްމަދު އިޝާރާތް ކޮށްލިއެވެ.
ޖަމްޝީދު އެތެރެއަށް ވަނުމާއެކު ބާދްޝާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ޖެހިގެން އޮތް މަގަށް ނުކުމެއްޖެއެވެ. އެއީ ފަރީދު އަޙްމަދުގެ ގޭގެ ފުރަގަހުގައި އޮންނަ މަގެވެ. ގޭގެ ފުރަގަހު ދޮރު ހުރީ ހުޅުވައިފައެވެ. ރުޚްސާނާގެ މަންމަ ފުރަގަހު ފެންޑާ ކުނިކަހަން އޮތެވެ. ފަރީދު އަޙްމަދު އެ ވަގުތު އެތަނަށް ނުކުމެ ބުނެލިއެވެ. "ނިކަން އަވަހަށް ހިނގާބަލަ. ވަރަށް އުފާވެރި ޚަބަރެއް. އަހަރެމެންގެ ދަރިފުޅު ފޮނުވި ސާމާނު ހިފައިގެން ޖަމްޝީދު ޢަލީ އައިސް އެބަހުރި. އަވަސް ކުރޭ."
މައިދައިތަ އިލޮށިފަތި ބޭއްވުމަށް ފަހު ދޮރު ހުރި ގޮތަށް ހުޅުވައިފައި ބެހެއްޓުމަށް ފަހު އެތެރެއަށް ވަދެގެން ހިނގައްޖެއެވެ. ބާދްޝާ އަވަސްއަވަހަށް އައިސް ގޭތެރެއަށް ވަދެއްޖެއެވެ. އޭނާއަށް ގޭތެރެއިން ފެންނާން އެހެރަ ޒުވާނާއަކީ އެއްވެސް ހަމައަކުން ބަލާއިރު ރުޚްސާނާގެ ބޮޑުބޭބެއަކަށް ވާނޭ ކަމަކަށް އޭނާއަކަށް ގަބޫލެއް ނުކުރެވެއެވެ. ރުޚްސާނާ އެކަހަލަ ޒުވާނެއްގެ ކައިރީގައި ހުންނާން އެ ދިޔައީ ކީއްވެގެން ބާވައެވެ؟
ބާދްޝާ ސިއްރުސިއްރުން ވަގު ފިޔަވަޅު އަޅަމުން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ކޮޓަރި ތެރޭގައި އޭނާގެ ދަރިފުޅު ނިދާފައި އޮތެވެ. އޭނާ ދޮރު ކައިރިއަށް ޖެހިލިއެވެ. ފުރަތަމަ އިވުނީ މައިދައިތަގެ އަޑެވެ. "ދަރިފުޅާ ޖަމްޝީދު. ޖަމްޝީދަކީ ތިޔައީ ދޯ؟ ރުޚްސާނާ ދަރިފުޅަށް ވަރަށް ބޮޑަށް ތާރީފުކުރޭ. އެއީ ވަރަށް ރީތިކޮށް ލިޔާ ކުއްޖެއް. ވަރަށް ވިސްނުން ތޫނު ކުއްޖެއް. ކޮއިފުޅު އަހަރެމެންގެ ދަރިފުޅަށްޓަކައި ކޮށްދިން ކަންތައްތަކަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ތިޔަ އިހުސާންތެރިކަން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަން."
ދެން އިވުނީ ޖަމްޝީދުގެ އަޑެވެ. "ދައްތާ. އަޅުގަނޑު ލަދުނުގަންނަވާ... މަޑުކޮށްލައްވާ... ކާރުގެ ފަހަތުގައި އޮތް ހަންފޮށި ހިފައިގެން އެބަ އަންނަން. އެއީ ރުޚްސާނާ ފޮނުވި ފޮށްޓެއް."
މައިދައިތަ އުފަލުން ފޮޅިއްޖެއެވެ. "އެހެންތަ؟ އެ ފޮށީގައި ހުރީ ކޯނޗެއް؟"
"އޭގައި ހުރީ އަންނައުނާއި ބައެއް އެހެން ސާމާނު. ރުޚްސާނާ ފޮނުވި ހަދިޔާ. ހިފައިގެން އެބަ އަންނަން."
ޖަމްޝީދު ނުކުމެގެން ހިނގައްޖެއެވެ. ބާދްޝާ ދަތްކުނޑި ވިކައިލިއެވެ. ރުޚްސާނާ ލަންޑަނަށް ފޮނުވާ ސިޓީ ފޮނުވަނީ މި ޒުވާނާއަށްތާއެވެ. ޖަމްޝީދަކީ މި މައިހަންޑި ދުވަހަކުވެސް ނުދެކޭ މީހެއްތާއެވެ. މިއީ އެ ބުނާ ބޮޑުބޭބެއެއްވެސް ނޫނެވެ. އެންމެން ބައިވެރިވެގެން އަހަރެން މޮޔަހެއްދީއެވެ.
ބޭރުން ދެން އިވުނީ ފަރީދު އަޙްމަދުގެ އަޑެވެ. "ބަލަ މިތާނގައި އިނދެގެން ތިޔަ ކުރަނީ ކީއް؟ އޭނާ އެހައި ދުރުން އައީމާވެސް އެއްވެސް އެއްޗެއް ނުދެނީތަ؟ ސައި ހަދާބަލަ. ކާ އެއްޗެއް ގެނެސްބަލަ."
"އަދި މަޑުކޮށްލާ. ދަރިފުޅު ފޮނުވި އެއްޗެހި އިހަށް ބަލައިލާނީ. ބާޒާރަށް ގޮސް ކާ އެއްޗެއް ގަނެގެން އާދޭ."
"ތިޔަ ބުނަނީ އަހަރެން ބޭރަށް ނުކުމެ ފާރައަށް ހުންނާށޭ ދޯ؟ ޖާނީ އަތުވެދާނެތީ ބިރު ގަންނަނީނު؟ ޖަމްޝީދު ފެނުމާއެކު އެއީ އޭނާގެ ބޮޑުބޭބެއެއް ނޫންކަން ޖާނީއަށް އެނގިދާނެ. އެޔާއެކު އަހަރެމެން ދެމަފިރިން މަރައިލާނޭކަން ގައިމު."
މައިދައިތަ ބިރުގެންފައި ބުނެލިއެވެ. "އެކަލޭގެ މަތީން އަހަރެން ހަނދާނެއްވެސް ނެތް. އޭނާއަށް ޖަމްޝީދު ފެނިއްޖެއްޔާ ވަރަށް ގޯސްވާނެ. އެއްކޮޅުން އަހަރެމެން ޖަމްޝީދު ގާތު ބުނެފައި އޮތީ ރުޚްސާނާއަކީ ހުސްހަށިބައި ކުއްޖެކޭ. ޖަމްޝީދަށް އޭނާ އަހަރެމެންގެ ދަރިފުޅުގެ ފިރިއެއްގެ ގޮތުގައި ފެނިއްޖެއްޔާ ވާނީ ކިހިނެއް؟"
ބާދްޝާގެ ސިކުނޑީގައި ވަރުގަދަ ޠޫފާނެއް އުފެދިއްޖެއެވެ. ރުޅި އައިސްގެން ކެކޭން ފަށައިފިއެވެ. ހިތަށް އެރިއެވެ. "ރުޚްސާނާ ކަހަލަ އަނތްބަކު ބޭވަފާތެރި ވެދާނޭ ހެއްޔެވެ؟ އެއް ފަހަރު ދޮގު ހަދާފައި އެތައް ހާސް ފަހަރަކު މާފަށް އެދުމަށް ފަހު އަނެއްކާވެސް މިހައި ބޮޑު ދޮގެއް ހަދައިފާނޭ ހެއްޔެވެ؟ މީހަކާ އިނދެގެން ހުރެމެ ހުސްހަށިބައި މީހަކަށް ހެދިގެން އުޅުނީއެވެ. ލަންޑަނަށް ގޮސް މީހަކުގެ ކުރިމަތީގައި އަހަރެން މިއީ ތިމަންގެ ފިރިމީހާއޭ ބުނަން ނުކުރެވޭ ވަރުގެ ނިކަމެތި މީހަކަށް އަހަރެން ވީހެއްޔެވެ؟ އަހަރެން މިއީ ތިމަންގެ ފިރިމީހާއޭ ބުނެފިއްޔާ އޭނާގެ އަބުރަށް ހުތުރުވަނީ ބާވައެވެ؟"
(ނުނިމޭ)