ޅ. އޮޅުވެލިފުށީގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހުކޮށްފި

އެމްޑަބްލިޔުއެސްސީން ޅ.އޮޅުވެލިފުށީގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ ޢަމަލީ މަސައްކަތް އިފްތިތާހުކޮށްފިއެވެ. މި މަޝްރޫއުގެ މަސައްކަތް އިފްތިތާހުކޮށް ދެއްވީ އޮޅުވެލިފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހާއި ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލް ޙަކީމާއި ޅ. އަތޮޅު ކައުންސިލުގެ ރައީސް ޔާސީން އަބްދުﷲ އާއި އޮޅުވެލިފުށީ ކައުންސިލުގެ ރައީސް މުޙައްމަދު ޢާޒިމެވެ. މި ރަސްމިއްޔާތުގައި އެމްޑަބްލިޔޫއެސްސީގެ މެނޭޖްމެންޓްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫއުގައި ހިމެނޭ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި އޮޅުވެލިފުށްޓަށް ފޮނުވައި، ފެނާއި ނަރުދަމާ ނިޒާމުގެ ހޮޅިވަޅުލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ 53 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޑަބްލިޔޫއެސްސީން ހާމަކުރެއެވެ.

މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން އޮޅުވެލިފުށީގައި 9.72 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައ ވިއުގަ ގާއިމުކުރުމާއި އާރއޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާނގީ ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެން ގުޅައިދީ، ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެއެވެ.

މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން އޮޅުވެލިފުށީގައި 6.56 ކިލޯމީޓަރުގެ ދިގު ނަރުދަމާ މައި ވިއުގަ ގާއިމުކުރުމާއި 250 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، 3 ޕަންޕިންގ ސްޓޭޝަނާއި އަދ ި1 ސީ އައުޓްފޯލް ގާއިމުކުރުން ހިމެނެއެވެ. އަދި  ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ގުޅައިދީ ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރާއި އެއްގަމު އުޅަނދާއި ފެން ތަހުލީލުކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.