އެމެރިިކާގެ ދެކުނު ހަ ސްޓޭޓަކަށް އާދަޔާ ޚިލާފަށް ބާރުގަދަ ނަގޫރޯޅިތަކެއް އަރުމުގެ ސަބަބުން ގިނަ ބަޔަކު މަރުވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
އެންމެ ބޮޑަށް ގެއްލުންވި ކެންޓަކީ ސްޓޭޓްގައި ނަގޫރޯޅި ދަތުރުކުރި 322 މޭލު ދިގު ސަރަހައްދުގައި ގެތަކާއި، ފިހަރަތަކާއި، އެހެނިހެން އިމާރާތް ފުނޑުފުނޑުވެ 70 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ބައެއް ޚަބަރުތައް ބުނާގޮތުގައި މަރުވި މީހުންގެ އަދަދު 100 އަށް އަރައެވެ.
"ކެންޓަކީގައި 50 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ލަފާކުރެވޭ...... 70 އާ 100 އާ ދެމުދުގެ އަދަދަަކަށް ނުވަތަ އެއާ ގާތްކުރާ އަދަދަކަށް މަރުވެފައި ވުމަކީ ގާތް ކަމެއް." ނޫސްެވެރިންނަށް މައުލޫމާތު ދެއްވަމުން ކެންޓަކީގެ ގަވަރުނަރު އެންޑީ ބެޝިއަރ ވިދާޅުވިއެވެ.
"ލިބެމުންދަނީ ހިތް ހަލާކުވާފަދަ ހިތާމަވެރި ޚަބަރުތަކެއް." އޭނާ އިތުރަށް ވިދާޅުވިއެވެ. "ތަންތަން ސުންނާފަތި ވެފައި ވަނީ އަހަރެން މީގެ ކުރިން ދުވަހަކުވެސް ނުދެކޭ މިންވަރަށް."
ކެންޓަކީއަަށް ޖުމްލަ 6 ނަގޫރޯޅި އަރާފައި ވެއެވެ.
އިލިނޯއީ ސްޓޭޓުގައި އެމެޒޯންގެ ގުދަނެއްގެ ފުރާޅު ވެއްޓުމުގެ ސަބަބުން އެތައް ބަޔަކު ތާށިވެފައި ވާއިރު، 2 މީހަކު މަރުވެފައިވާ ކަމަށް ޚަބަރުލިބެއެވެ.
ނޯދަން އިލިނޯއީ ޔުނިވަސިޓީގެ ވިކްޓަރ ގެންސިނީ ވިދާޅުވިގޮތުގައި ނަގޫރޯޅިތަކުން ލިބުނު ގެއްލުމަކީ ފަހުގެ ތާރީޚެއްގައި ލިބުނު އެންމެ ބޮޑު ގެއްލުމެވެ. "އެ ދަތުރުކުރި މަގުގެ ދިގުމިނުގައި ގާތްގަނޑަކަށް 400 ކިލޯމީޓަރު ހުންނާނެ."
ޓެނެސީ ސްޓޭޓުގައި އިމާރާތްތަކަށް ބޮޑެތި ގެއްލުން ލިބިފައިވާއިރު، 3 މީހަކު ވަނީ މަރުވެފައެވެ. ޖެހިގެން އޮތް އާކަންސޯ ސްޓޭޓުގައި ނާސިންގ ހޯމަކަށް ނަގޫރޯޅި އެރުމުގެ ސަބަބުން އެތަން ހަލާކުވެ އެކަކު ވަނީ މަރުވެފައެވެ.
މިޒޫރީ ސްޓޭޓަށްވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، ވެއްޓުނު އިމާރާތެއްގެ ދަށުގައިވެ އެކަކު މަރުވެ 3 މީހަކު ވަނީ މަރުވެފައެވެ. މިސިސިޕީ ސްޓޭޓުން ބަޔަކު މަރުވިކަމުގެ ޚަބަރު ލިބިފައި ނުވިޔަސް އެ ސްޓޭޓަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އެންމެ ބޮޑަށް ގެއްލުންވި ކެންޓަކީ ސްޓޭޓުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވާއިރު، ރައީސު ޖޯ ބައިޑަން ވަނީ ގެއްލުންވި ސްޓޭޓްތަކަަށް މަރުކަޒީ ސަރުކާރުން އެހީވާނެކަން އަންގަވާފައެެެވެ.
"އަހަރެން ވައުދުވަން، ބޭނުންވާ ކޮންމެ އެެއްޗެއް.. ބޭނުންވާ ކޮންމެ އެއްޗެއް ހޯދައިދިނުމަށް ކުރެވެން ހުރިހާ މަސައްކަތެއް ފެޑެރަލް ސަރުކާރުން ކުރާނެ." ގެއްލުންވި ސްޓޭޓްތަކުގެ ރައްޔިތުންނާ މުޚާޠަބުކުރައްވަމުން ރައީސު ބައިޑަން ވިދާޅުވިއެވެ.