ޠޫފާން 'ލައުރާ' ލުއިޒިޔާނާއަށް އަރައި ބޮޑެތި ގެެއްލުންތަކެއް

ޠޫފާން 'ލައުރާ' ލުއިޒިޔާނާއަށް އެރުމުގެ ސަބަބުން އެ ސްޓޭޓުގައި ފެންބޮޑުވެފައި

ފާއިތުވި 164 އަހަރުގެ ތެރޭގައި އެމެރިކާގެ ލުއިޒިޔާނާ ސްޓޭޓަށް އެރި އެންމެ ބާރުގަދަ ޠޫފާން 'ލައުރާ' އެ ސްޓޭޓަށް އަރައިފިއެވެ.

ބުދަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ބޯ ވާރެއާއެކު ހުޅަނގު ދެކުނު ލުއިޒިޔާނާއަށް އެރީ ޠޫފާން ދަތުރުކުރި މަގު ވަނީ ސުންނާފަތިވެފައެވެ. އެ ސަރަަހައްދުގައި ފެންބޮޑުވެ، ގެތަކާއި އިމާރާތްތައް ހަލާކުވެފައި ވާއިރު، ގަސްތަކާއި، ކަރަންޓު މުޑިތައް ވަނީ ވެއްޓިފައެވެ.

ގަޑިއަކު 240 ކިލޯމީޓަރު ބާރުމިނުގެ ވަޔާއެކު އެރި ޠޫފާނުގެ ސަބަބުން މަދުވެގެން 6 މީހަކު ވަނީ މަރުވެފައެެވެ. އޭގެ ތެރޭގައި އުމުރުން 14 އަހަރުގެ ކުޑަކުއްޖަކާއި، ގޭގެ މައްޗަށް ގަހެއް ވެއްޓިގެން މަރުވި 68 އަހަރުގެ އަންހެނަކާއި، ގޭތެރޭގައި ހުރި ޖަނަރޭޓަރަކުން ބޭރުވި ކާބަން މޮނޮކްސައިޑުގެ ސަބަބުން މަރުވި 24 އަހަރުގެ ފިރިހެނަކު ހިމެނެއެެވެ.

އެންމެ ބޮޑަށް ގެއްލުންވި ލޭކް ޗާލްސް ސިޓީގެ ގިނަ އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުން ލިބިފައެވެ. އެ ރަށުގައި ހުންނަ ކެޕިޓަލް ވަންެގެ 22 ބުރީގެ އިމާރާތުގެ ބިއްލޫރިތައް ވަނީ ތަޅައިގެެން ގޮސް ބިން މައްޗަށް ފައިބާފައެެވެ. ކައިރީގައި ހުރި ސިޓްގޯ ތެޔޮ ސާފުކުރާ ކާރުޚާނާ ހަލާކުވެފައިވާއިރު، ކުރިއަށް އޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި އެތަނުގެ މަސައްކަތް އަލުން ފެށޭނެ ކަމަކަށް ނުބެލެވެއެވެ. ސަސޯލްެގެ ކެމިކަލް ޕްލާންޓެއްގައި ރޯވި ބޮޑު އަލިފާންގަނޑުގެ ސަަބަބުން އެ ސަރަހައްދަށް ވިހަ ގޭހުގެ އަސަރުކުރިއެވެ. އެހެންނަމަވެސް، ޠޫފާނުގެ ވައި ބާރުވުމުގެ ސަބަބުން ގޭހުގެ އަސަރު ވަނީ އަވަހަށް ފިލައިގެން ގޮސްފައެވެ.

ޠޫފާން ދަތުރުކުރި މަގުގައި ހުރި 6 ލައްކަ 50 ހާހަށްވެރެ ގެއާއި، އިމާރާތުން ވަނީ ކަރަންޓު ކެނޑިފައެވެ.

ލުއިޒިޔާނާއަކީ އެމެރިކާގެ ތެލުގެ ސިނާއަތުގެ މަރުކަޒަކަށް ވާއިރު، އެ ސިނާއަތަށް 'ލައުރާ'ގެ ސަބަބުން ވަނީ ބޮޑު އަސަރެއް ކޮށްފައެެވެ. ތެޔޮ ސާފުކުރާ ގިނަ ކާރުޚާނާތަކާއި، ކަނޑުގައި ހުރި ތެޔޮ ނަގާ ރިގްތައް ވަނީ ބަންދުކުރަން ޖެހިފައެވެ.

ނޭޝަނަލް ހަރިކޭން ސެންޓަރުން ބުނި ގޮތުގައި، 4 ވަނަ ދަރަަޖަައިގެ (ޠޫފާނުގެ އެންމެ މަތީ ދަރަޖައަކީ 5) ޠޫފާނެެއްގެ ގޮތުގައި ލުއިޒިޔާނާއަށް އެރި ނަމަވެސް، 'ލައުރާ' ގެ ބާރު ވަރަށް އަވަށް ދެރަވެ އެ ޠޫފާން އާކަސްންސޯ ސްޓޭޓާއި ހަމައަށް ދިޔައިރު ވަނީ 1 ވަނަ ދަރަޖައިގެ ޠޫފާނަކަށް ބަދަލުވެފައެވެ. އޭރު ޠޫފާނުގެ ވައި ވަނީ ގަޑިއަކު 120 ކިލޯމީޓަރަށް ބަދަލުވެފައެވެ.

ކައިރީގައި އޮތް ޓެކްސާސް ސްޓޭޓުވެސް ކުއްލި ހާލަތުގައި ތައްޔާރަށް އޮތް ނަަމަވެސް، އެ ސްޓޭޓަށް ޠޫފާނުގެ މާބޮޑު އަސަރެއް ކޮށްފައި ނުވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.