އިންޑިޔާގެ ނާގާލޭންޑް ސްޓޭޓުގައި އިހުތިޖާޖުކުރާ މީހުން ނުކުމެ ސިފައިންގެ ބައެެއް އުޅަނދުތަކުގައި ރޯކޮށްލައިފިއެެވެ. މި އިހުތިޖާޖުތައް ފެށިފައި ވަނީ އެ ސްޓޭޓުގައި ސިފައިން ބަޑިޖަހައި އާއްމުންގެ 13 މީހަކު މަރާލުމާ ގުޅިގެންނެވެ. ރޭ އިހުތިޖާޖަށް ނުކުތް މީހުން ވަނީ އެސަރަހައްދުގައި ހުންނަ ސިފައިންގެ ކޭނޕެއް ކައިރިއަށް އެއްވެ ގާއުކައި ބައެއް އުޅަނދުތަކުގައި ރޯކޮށްލާފައެވެ. ބައެއް ޚަބަރުތައް ބުނާ ގޮތުގައި އިހުތިޖާޖުކުރަމުން ދިޔަ މީހުންގެ ތެރެއަށް ސިފައިން ބަޑިޖެހުމުގެ ސަބަބުން އެކަކު މަރުވެފައި ވެއެވެ.
އިންޑިޔާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި އެ ގައުމުގެ އިރު އުތުރުގައި މިޔަންމާއާ ސަރަހައްދީ ރޮނގު ގުޅިފައި އޮންނަ ނާގާލޭންޑް ސްޓޭޓުގައި ސަލާމަތީ ބާރުތަކުން އާއްމުންގެ ބަޔަކު މަރާލާފައި ވަނީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އެ ސަރަހައްދުގައި ޕެޓްރޯލްކުރަމުން ދިޔަ ސިފަންގެ ބަަޔަކު ވަނީ ބޯޓުދެލި ނަގާ މައިނެއްގައި މަސައްކަތް ކުރުމަށް ފަހު ގެއަށް ދިޔަ ބަޔަކަށް ހަނގުރާވެރި ބައެއް ކަމަށް ހީކޮށް ހަމަލާދީ 6 މީހަކު މަރާލާފައެެވެ. އަދި އެކަމާ ރުޅިއައިސްގެން ސިފަންނާ ކުރިމަތިލީ މީހުންނަށް ހަމަލާދީ އިތުރު 7 މީހަކު މަރާލާފައެވެ. މިޔަންމާގެ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ މޮން ޑިސްޓްރިކްޓްގެ އޮޓިންގް އަވަށުގައި ހިނގި މިހާދިސާގައި ސިފައިންގެ އާސާމް ރައިފަލްސް ކިޔާ ޔުނިޓަކުން ބަޑިޖަހާފައިވާ މަސައްކަތްތެރިންގެ 30 މީހަކާއެކު ދަތުރުކުރި ލޮރީއަކަށެވެ.
"ސިފައިންނަށް ޖާސޫސީ މައުލޫމާތު ލިބިފައި އޮތީ އެ ސަރަހައްދުގައި ހަނގުރާމަވެރިންގެ ހަރަކާތްތަކެއްް ހިނގާކަމަަށް. އެހެންކަމުން ލޮރީ ފެނުމުން އެމީންނަށް އޮޅިގެން މަސައްކަތްތެރިން އެއީ ހަނގުރާމަވެރިންކަމަށް ބެލެވުނީ. އަދި ބަޑި ޖަަހައި 6 މީހަކު މަރާލީ." ނާގާލޭންޑް ފުލުހުންގެ އިސް އޮފިސަރަކު ވިދާޅުވިއެވެ.
ހޯމް މިނިސްޓަރު އަމިތު ޝާހު ވަނީ މިކަމާ މެދު ހިތާމަ ފާޅުކުރައްވައި މައްސަލަ ތަހުގީގުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
އިންޑިޔާގެ އެއްގަމު ސިފައިން ވަނީ މި މައްސަލަ ތަހުގީގުކުރުމަށް ނިންމައިި، މި ހާދިސާއާމެދު ހިތާމަކުރާކަން ހާމަކޮށްފައެވެ. އެއްގަމު ސިފައިންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ވަނީ "ނަސީބުދެރަ" ގޮތަކަށް ބައެއްގެ ފުރާނަ ގެއްލެން ދިމާވި ސަބަބު ކޯޓް އޮފް އިންކުޔަރީ އިން "އެންމެ މަތީ ފެންވަރުގައި" ތަހުގީގު ކުރަންމުންދާ ކަމަށާއި، ގާނޫނާ އެއްގޮތަށް އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށެވެ.
ނާގާލޭންޑުގައި ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރިންނާ ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުންތައް ހިނގާތާ އަހަރުތަކެއް ވެފައިވާއިރު، މިއީ ސިފައިން އޮޅިގެން ބަޑިޖަަހައިގެން އާއްމުންގެ ބަޔަކު މަރުވި ފުރަތަމަ ފަހަރެއް ނޫނެވެ.