ދައުލަތާ ދެކޮޅު އަމަލަކަށް ހިތްވަރުދިނުމުގެ ކުށުގައި އިންޑިޔާގެ ޔުނިއަން ޓެރިޓަރީއެއް ކަމުގައިވާ ލަކްޝަދްވީޕް (ލަކްޝަދީބު) ގެ ފިލްމު އުފެއްދުންތެރިޔާ ޢާއިޝާ ސުލްޠާނާ ފުލުހަށް ހާޒިރުކުރަން ނިންމައިފިއެވެ.
ލަކްޝަދީބުގެ ވެރިރަށް ކަވަރައްތީ (ކަވަރައްދޫ) ގެ ޕޮލިސް ސްޓޭޝަނުން އޭނާގެ މައްސަލަ ބަލަން ނިންމީ ޢާއިޝާ ސުލްޠާނާ ކޮވިޑް-19 އާ ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރަނީ ކަމަށް ބުނެ، އިންޑިޔާގައި ވެރިކަން ކުރާ ހިންދޫ ވަޠަނީ ބާރަތިޔާ ޖަަނަތާ ޕާޓީ (ބީޖޭޕީ) ގެ ލަކްޝަދީބު ގޮފީގެ ޢަބްދުލް ޤާދިރު އޭނާއާ ދެކޮޅަށް ހުށަހެޅި ޝަކުވާއާ ގުޅިގެންނެވެ.
މި ޝަކުވާ ހުށަހެޅީ މަލަޔާޅަމް ޓީވީ ޗެނަލެއްގައި ވާހަކަދައްކަމުން، މޯދީގެ ސަރުކާރުން ލަކްޝަދީބުގެ އެޑްމިނިސްޓްރޭޓަރު ޕްރަފުލް ޕަޓޭލް ލަކްޝަދީބުގެ ރައްޔިތުންނާ ދެކޮޅަށް ކޮވިޑް-19 ބޭނުންކުރަނީ 'ބަޔޯވެޕަން" (ބައިލޮޖިކަލް ހަތިޔާރެއް) ގެ ގޮތުގައިކަަމަށް ޢާއިޝާ ސުލްޠާނާ ބުނުމާ ގުޅިގެންނެވެ. އޭނާ މިހެން ބުނެފައި ވަނީ ސަބަބެއް ނެތިއެއް ނޫނެވެ. ކޮވިޑް-19 އިންޑިޔާއިން ފެނުުނު ފަހުން އެއް އަހަރު ވީއިރުވެސް ލަކްޝަދީބުގައި އެއްވެސް މީހަކު ޕޮޒިޓިވްވެފައި ނެތީސް، ޕްރަފުލް ޕަޓޭލް އެތަނުގެ އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގައި ގޮސް، އެތަނަށް ދާ ދަތުރުވެރިން މަޖުބޫރުކުރަން ކުރިން އޮތް އުސޫލު އުވާލުމާ ގުޅިގެން އެތަނުގައި ކޮވިޑް-19 ހަލުވިކޮށް ފެތުރެމުން ދާތީއެވެ.
ލަކްޝަދީބުގައި ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ފުރަތަމަ ފެނުނީ ފާއިތުވި ޖަނަވަރި މަހުގެ 17 ވަނަ ދުވަހުއެވެ. އިއްޔެއާއި ހަމައަށް އައިއިރު އެ ސަރަހައްދުގައި 9000 އަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ 40 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ޢާއިޝާ ސުލްޠާނާއަކީ ލަކްޝަދީބުގެ ޗެޓްލަތު (ކަތޮޅަސް) ގެ ރަށްވެއްސެކެެވެ.
ކަވަރައްތީ ޕޮލިސް ސްޓޭޝަނުގައި އޭނާއާއި ދެކޮޅަށް އެފްއައިއާރް (ފަސްޓް އިންފޯމޭޝަން ރިޕޯޓް) ފައިލްކޮށްފައި ވަނީ އިންޑިޔާގެ ގާނޫނުލް އުގޫބާތުގެ 124 ވަނަ މާއްދާގެ ހ. (ދައުލަތާ ދެކޮޅު އަމަލަކަށް ހިތްވަރުދިނުން) އަދި 153 ވަނަ މާއްދާގެ ށ. (ނަފުރަތު އުފެދޭ ފަދަ ވަހަކަދެއްކުން) ގެ ދަށުންނެވެ.
ޕަޓޭލްގެ ޝަކުވާގައި ވަނީ ޢާއިޝާ ސުލްޠާނާއާ ދެކޮޅަށް ގާނޫނީ ފިޔަަވަޅު އެޅުމަށް އެދިފައެވެ.
ދިވެހި ބަހުން ވާހަކަ ދައްކާ އަދި ދިވެހި އާދަކާދަ އޮންނަ މަލިކު (މިނިކޮއި) އަކީވެސް މީހުން ދިރިއުޅޭ 10 ރަށް އޮންނަ ލަކްޝަދީބުގައި ހިމެނޭ ރަށެކެވެ. 64 ހާހަށްވުރެ ގިނަ މީހުންެގެ އާބާދީއެއް އޮންނަ ލަކްޗަޝަދީބުގެ %93 މީހުންނަކީ މުސްލިމުންނެވެ. އިންޑިޔާ ސަަރުކާރުން މިހާތަނަށް އެ ސަރަހައްދުގެ އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގައި އައްޔަންކުރަމުން އައީ ސިޔާސީނޫން ބޭފުޅެކެވެ. ނަމަވެސް ބީޖޭޕީ ސަރުކާރުން އެ ސަރަަހައްދުގެ އެޑްމިނިސްްޓްރޭޓަރަކަށް އެ ޕާޓީގެ ސިޔާސީ އިސް މީހަކު އައްޔަންކުރި ހިސާބުން އޭނާވަނީ އެ ރަށްތަކުގެ ރައްޔިތުންގެ ދިރިއުޅުމަށް ދަތިވާ ފަދަ އެތައް ކަމެއް ކޮށްފައެެވެ.