ކެރެލާގައި ނުރައްކާތެރި ނިޕާހް ވައިރަހަށް ޕޮޒިޓިވްވި މީހަކު މަރުވެއްޖެ

އޭނާގެ ސީދާ ކޮންޓެކްޓުންގެ ގޮތުގައި 188 މީހުން

ކެރެލާގައި ނިޕާހް ވައިރަސް ޖެހިގެން މިއަދު މަރުވި ކުއްޖާ ވަޅުލަނީ

ނުރައްކާތެރި ނިޕާހް   (Nipah – NiV)ވައިރަސް ޖެހިގެން އިންޑީޔާގެ ކެރެލާ ސްޓޭޓުގައި މީހަކު މަރުވެއްޖެއެވެ. ކެރެލާގެ ކޯޅިކޯޑް (ކާލިކަޓް) ގައި މަރުވެފައި ވަނީ އުމުރުން 12 އަހަރުގެ ކުއްޖެކެވެ. ކަމާބެހޭ އިދާރާތަކުން އެކުއްޖާގެ ވަނަވަރު ހާމަކޮށްފައި ނުވެއެވެ.

މަރުވި ކުއްޖާ ކޯޅިކޯޑްގެ އަމިއްލަ ހޮސްޕިޓަލަކަށް މިމަހުގެ ފުރަތަމަ ދުވަހު ދެއްކުމުން ޓެސްޓްތައް ހެދިއިރު އޭނާގެ ސިކުނޑިއާއި ހިތް ވަނީ ދުޅަވެފައެވެ. މިއީ ނިޕާހް ވައިރަސްގެ އަލާމާތްތައް ކަމަށް ވާތީ ޕޫނާގައި ހުންނަ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީއަށް ފޮނުވައިގެން ޓެސްޓުކޮށް، އޭގެ ނަތީޖާ ހޮނިހިރު ދުވަހުގެރޭ ލިބުނުއިރު އެ ކުއްޖާ ވަނީ ނިޕާހް ވައިރަހަށް ޕޮޒިޓިވްވެފައެވެ. އޭނާ ވަނީ މިއަދު ފަތިހު 4:45 (ރާއްޖޭ ގަޑިން ފަތިހު 4:15) ގައި މަރުވެފައެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) ގެ މިންގަނޑުތަކާ އެެއްގޮތަށް އޭނާ ވަނީ ވަޅުލާފައެވެ.

ނިޕާހް ވައިރަހަކީ މައިގަނޑު ގޮތެއްގައި ވާލުގައި އުޅޭ ވައިރަހެކެވެ. ވާލުން އޫރުގެ ގަޔަށް ނުވަތަ އިންސާނުންގެ ގަޔަށް އެރުމަށް ފަހު، އެއް އިންސާނެއްގެ ގައިން އަނެއް އިންސާނެއްގެ ގަޔަށް އެ ވައިރަސް އަރައެވެ. ފުރަތަމަ މި ވައިރަސް ފެނުނީ 1999 ވަނަ އަހަރު މެެލޭޝިޔާއާއި ސިންގަޕޫރުން ކަމަށް ވިޔަސް އެއަހަރަށް ފަހު އެ ދެ ގައުމުން މި ވައިރަސް ފެނިފައި ނުވެއެެވެ. މިހާރު ކޮންމެ އަހަރަކުހެން މި ވައިރަސް ފެންނަނީ އިންޑިޔާއާއި ބަންގްލާދޭޝް ފަދަ ދެކުނު އޭޝިޔާގެ ގައުމުތަކުންނެވެ. ބަލި ޖެހުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި ސިކުނޑި ދުޅަވުމާއި، ހިތް ދުޅަވުމާއި، ނޭވާލާން އުނދަގޫވުން ފަދަ ކަންކަން ހިމެނެއެވެ. މި ބަލި ޖެހޭ މީހުންގެ %40 އާއި %75 އާ ދެމެދުގެ މީހުން މަރުވެއެވެ.

ނިޕާހް ޖެހިގެން މަރުވި ކުއްޖާގެ ކޮންޓެކްޓް ޓްރޭސިން ކަމާބެހޭ އިދާރާތަކުން ހަދަމުން ދާއިރު، ވައިރަސް ކޮންޓްރޯލްކުރަން އަމަލުކުރަންވީ ގޮތުގެ ޕްލޭނެއް އެކުލަވާލަން ކެރެލާ ސަރުކާރުގެ ހެލްތު މިނިސްޓަރު ވީނާ ޖޯޖް ވަނީ ސިއްހީ ދާއިރާގެ އިސް ބޭފުޅުންގެ ކުއްލި ބައްދަލުވުމެއް ބާއްވަވާފައެވެ.

މަރުވި ކުއްޖާގެ ސީދާ ކޮންޓެކްޓުންގެ ގޮތުގައި 188 މީހަކު މިހާތަނަށް ފާހަގަކުރެވިފައި ވާއިރު، އޭގެތެރޭން 20 މީހުންނަކީ ހައިރިސްކު މީހުންނެވެ. އަދި މަރުވި ކުއްޖާއަށް ފަރުވާދިން 2 ނަރުހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. ކޮންޓެކްޓް ޓްރޭސިންގެ ތެރޭގައި ފާހަގަކުރެވުނު ގޮތުގައި މަރުވި ކުއްޖާ ވަނީ އެންމެ ފަހުން އެކުއްޖާ ދެއްކި ހޮސްޕިޓަލަށް ދެއްކުމުގެ ކުރިން އެހެން ތިން ހޮސްޕިޓަލަކަށް ދައްކާފައެވެ.

އެ ކުއްޖާ ދިރިއުޅޭ ގެގޭ ވަށައިގެން 3 ކިލޯމީޓަރުގެ ސަރަހައްދެއް ބަލިފެތުރިފައިވާ ސަރަހައްދެއް ކަމުގައި ކަނޑައަޅައި އެ ސަރަހައްދަށް ވަދެނުކުމެ އުޅުން މިހާރު ވަނީ މަނާކޮށްފައެވެ. ފުލުހުން ދަނީ އެ ސަަރަހައްދަށް ވަދެވޭ ހުރިހާ މަގުތަކެއް ބަންދުކޮށް ފޯރިމަރަމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.