ނިއުކުލިޔާ މަޝްވަރާތައް އަލުން ފެށިއިރު އީރާނާއި އީޔޫއާއި ރަޝިޔާ އުއްމީދުގައި

އީރާނުގެ ނިއުކުލިޔާ އެއްބަސްވުމާ ބެހޭ މަޝްވަރާތައް އިއްޔެ ވިއެނާގައި ކުރިއަށްދަނީ

އިރާނާއެކު 2015 ވެފައިވާ ނިއުކުލިޔާ އެއްބަސްވުން 'ސަލާމަތްކުރުމުގެ' މަޝްވަރާތަައް ފަސް މަހުގެ މެދުކެނޑުމަކަށްފަހު ދުނިޔޭގެ ދުނިޔޭގެ ބާރުތަކުން އިއްުޔެ ފެށިއިރު، އިރާނާއި، ޔޫރަޕިއަން ޔުނިއަން (އީޔޫ) އަދި ރަޝިޔާގެ ޑިޕްލޮމޭޓުން ތިއްބެވީ މަޝްވަރާތައް ކާމިޔާބުވާނެކަމުގެ އުއްމީދުގައެވެ. ޚަބަރުފަތުރާ ވަސީލަތްތަކުގައި އީރާނުގެ ފަރާތުން ހަރުކަށިކަން ފެނުނު ނަމަވެސް އެކަން މަޝްވަރާތަކުގައި ނުފެންނާނެކަމަށް ޔޫރަޕްގެ ޑިޕްލޮމޭޓުން އުއްމީދުކުރައްވައެވެ.

މަޝްވަރާތަކަށްޓަކައި އީރާން، ޗައިނާ، ފްރާންސް، ޖަރުމަނު، ރަޝިޔާ އަދި އިނގިރޭސިވިލާތުގެ މަންދޫބުން އިއްޔެ ވަނީ އޮސްޓްރިއާގެ ވެރިރަށް ވިއެނާއަށް ވަޑައިގެންފައެވެ. ނިއުކުލިޔާ އެއްބަސްވުމުން އެމެރިކާ ވަކިވެފައި ވާތީ އެމެރިކާ ސީދާގޮތުން މަޝްވަަރާތަކުގައި ބައިވެރިވުމަށް އީރާން ދެކޮޅުހަދައެވެ. އެހެންކަމުން، އެމެރިކާއަށް މަޝްވަރާތަކުގައި ބައިވެރިވެވެނީ ނުސީދާ ގޮތުގައެވެ.

އިއްޔެ ފުރަތަމަ ބައްދަލުވުމުން ނިމުމަށްފަހު އެ ބައްދަލުވުުމުގެ ރިޔާސަތު ބެލެހެއްޓެވި، އީޔޫގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އޮފް އެކްސްޓާނަލް އެކްޝަން ސާވިސް އެންރީކޭ މޯރާ ހުންނެވީ އުއްމީދުގައެވެ.

"ކުރިއަށް އޮތް ހަފުތާތަކުގައި މުހިއްމު ކަންތައްތަކެއް ކުރެވޭނެކަމާމެދު އަހަރެންނަށް ކުރެވެނީ އީޖާބީ (ޕޮޒިޓިވް) އިހުސާސުތަކެއް." ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން މޯރާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވިގޮތުގައި ތަޖުރިބާކާރުން ކުރިއަަށް އޮތް ދުވަސްތަކުގެ ތެރޭގައި މަޝްވަރާތައް ކުރިއަށް ގެންދަވާނީ 2015 ވަނަ އަހަރުގެ އެއްބަސްވުން "އަލުން ދިރުވުމަށް ކޮންމެހެން ބޭނުންވާ ކަމުގެ ޝުޢޫރާއެކު"ގައެވެ. އެހެންނަމަވެސް، އޭނާ ވަނީ މަޝްވަަރާތް ނިމޭނެ ދުވަހެއް ވިދާޅުވުމަށް ދެކޮޅުހައްދަވާފައެވެ. އެއީ މަޝްވަރާތަކުގައި ހައްލުކުރަން ހުރި މައްސަލަތަކުގެ "އޮޅުންބޮޅުން" ބޮޑުކަމުންނެވެ.

އީރާނު ރުޅިއަރުވާލައި، އެހެން ބައިވެރިން މާޔޫސްކޮށްލުމަށް ފަހު ރައީސު ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގައި 2018 ވަނަ އަހަރު އެމެރިކާ ނިއުކުލިޔާ މުއާހަދާއިން ވަކިވުމަށް ފަހު، އެ މުއާހަދާ 'ސަލާމަތްކުރުމަށް' އޮތް ފުރުސަތު ކުޑަވަމުން ދާކަމަށް ޑިޕްލޮމޭޓުން އެއްބަސްވެވަޑައިގަންނަަވައެެވެ.

ނިއުކުލިޔާ މަޝްވަރާތައް ކުރިއަށް ދާނީ މުހިއްމު ދެކަމާމެދު އެއްބަސްވުމަކަށް އާދެވޭނެ ގޮތެއް ހޯދުމަށެވެ. ފުރަަތަމަ ކަމަކީ އެއްބަސްވުމުގައި ވާ ކަންކަމަށް އަމަލުކުރުމަށް އީރާނުން އެއްބަސްވުމެވެ. ދެވަނަ ކަމަކީ އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމެވެ.

މި މަޝްވަރާތަކާ ބެހޭގޮތުން އީރާނުގެ ސަރުކާރުން ބުނެފައި ވަނީ "އިންސާފުވެރި އެއްބަސްވުމަކާ ހަމައަށް އައުމަށް އީރާނު ވަނީ އަޒުމުކަނޑައަޅާފައި" ކަމުގައެވެ. އަދި މަޝްވަރާތަކުގެ ޖައްވު ފެންނަނީ "ވަރަށް ޕްރޮފެޝަނަލްކޮށް އަދި ސީރިޔަސްކޮަށް" ކަމުގައެވެ.

މިއަހަރުގެ އެޕްރީލް މަހުގައި ފެށުމަށްފަހު ޖޫން މަހުގައި މަޝްވަރާތައް މެދުކަނޑާލިއިރު، މަޝްވަރާތަކުގެ ހަ ބުރު ވަނީ ބާއްވާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.