ނިއުކުލިޔާ އެއްބަސްވުމަށް އަމަލުކުރަން ބޭނުންވާ ކަމުގައި އީރާނުން ބުނެފި

އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފު

ދުނިޔޭގެ ނިއުކުލިޔާ ބޮޑެތި ބާރުތަކާއެކު އީރާނުން ވެފައިވާ ނިއުކުލިޔާ އެއްބަސްވުން ދަމަހައްޓައި، އެ އެއްބަސްވުމަށް އަމަލުކުރަން އީރާނުން ބޭނޫންވާކަމުގައި އީރާނުން ބުނެފިއެވެ. މިކަން ހާމަކުރައްވަމުން އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފު ވަނީ އެއްބަސްވުމުގައި އެމެރިކާ އަލުން ބައިވެރިކުރުމުގެ ކަންކަން ވިލަރެސްކުރުމަށް ޔޫރަޕްގެ ގައުމުތަކަށް ގޮވައިލައްވާފައެވެ.

ޒަރީފު އިތުރަށް ވިދާޅުވީ، އެގައުމުގެ ދީނީ ޒައީމުން ފެށިގެން ހުރހާ ފަރާތަކުން ވެސް ތިބީ ނިއުކުލާ އެއްބަސްވުން ދަމަަހައްޓަންކަން ސާފުކޮށް ފެންނަން އޮތް ކަމުގައެެވެ. އަދި މި ކަމުގައި ޖޯ ބައިޑަންގެ ސަރުކާރުން އިޚްލާސްތެރިކަމާއެކު އަވަސް ފިޔަވަޅުތަކެއް އަޅައި، ވަގުތު ފާއިތު ނުވަނީސް އެެމެރިކާ އެއްބަސްވުމަށް އެނބުރިއައުމަށް  އެޭނާ ވަނީ ގޮވައިލައްވާފައެވެ.

"ނިއުކުލިޔާ އެއްބަސްވުމަށް އަމަލުކުރުމަށް ޝަރުޠު ކަނޑައަޅާނަަމަ އެ ހައްގު އޮތީ އީރާނަށް، އެމެރިކާއަކަށް ނޫން. އެއްބަސްވުމަށް އެނބުރިއައުމަށް އެމެރިކާ ޝަރުޠު ކަނޑައެޅުމަކި އެއްވެސް މާނައެެއް ހުރިކަމެެއް ނޫން." ޒަރީފު ވިދާޅުވިއެވެ.

އީރާނާ އެމެރިކާއާ ދެމެދު "ވިސްނުމުގެ ތަފާތު ކުޑަކުރަން" އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ސީއެންއެންއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޒަރީފު ވިދާޅުވީ "މި ފިޔަަވަޅުތައް އެެއް ވަގުތެއްގައި އެޅޭ ފަދަ އުސޫލެއް ނުވަަތަ ގުޅިގެން ފިޔަވަޅު އަަޅާފަދަ އުސޫލެއް ކަނޑައެޅިދާނެ" ކަމުގައެވެ.

އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި ނިއުކުލިިޔާ އެއްބަސްވުމުން ގުޅިފައިވާ ކޮމިޓީއެެއް އުފައްދާފައިވާއިރު، އެކޮމިޓީގެ ކޯޑިނޭޓަރަކީ ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ޚާރިޖީ ސިޔާސަތު ވިލަރެސް ކުރައްވާ ފަރާތްކަމުގައެެވެ. މިވަގުތު އެމަގާމުގައި ހުންނެވީ ޖޯސެޕް ބޮރެލް ކަމަށްވާއިރު، އެމެރިކާއިން ކުރަން ޖެހޭ ކަންކަމާ، އީރާނުން އަޅަން ޖެހޭ ފިޔަވަޅު އޭނާއަށް ވިލަރެސް ކުރެެއްވިދާނެ ކަމުގައެވެ.

2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ސޮއިކޮށް 2016 ވަނަ އަަަހަރުގެ ޖަނަވަރީ މަހު އަމަލުުކުރަން ފެށި ނިއުކުލިޔާ އެއްބަސްވުމުގައި އީރާނުގެ އިތުރަށް ހިމެނެނީ އެމެރިކާ، އިނގިރޭސިވިލާތް، ފްރާންސް، ޗައިނާ، ރަޝިޔާ އަދި އީޔޫއެވެ. ކުރީގެ ރައީސު ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގައި، 2018 ވަނަ އަަަހަރުގެ މޭ މަހު، އެެމެރިކާ ވަނީ މި އެއްބަސްވުމުން ވަކިވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.