އަޑުބަރޭއަކަށް ފިޔަވަޅެއް ނާޅާނަން: ޔޫތު މިނިސްޓަރު

ސްރީލަންކާގައި ކުރިއަށް ދިޔަ މަހިންދަ ރާޖަޕަކްސަ ޓްރޮފީ ފުޓުބޯޅަ މުބާރާތުގައި އިއްޔެ ސީޝެލްސްއާއި ދިވެހިރާއްޖެ ކުޅުނު މެޗުގައި ރާއްޖޭގެ ކުޅުންތެރިއަކު ކަމުގައިވާ އަސްހަދު ޢަލީ (އަޑުބަރޭ) ކުރި ފައުލާ ގުޅިގެން ޔޫތު މިނިސްޓްރީން އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަޚްލޫފު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އަޑުބަރޭގެ ފައުލާ ގުޅިގެން ރައްޔތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް (ދޮންބިލެތް) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އިއްޔެ މެޗު އެއްވަރު ވުމުގެ ސަބަބުން ރާއްޖެ ވަނީ މުބާރާތުން ކަޓައިފައެވެ. އަޑުބަރޭ ކުޅެން އެރީ މެޗު ނިމެން ގާތް ވެފައި ވަނިކޮށެވެ. އެރިތާ މިނިޓެއްހާއި އިރުގެ ތެރޭގައި އޭނާ ވަނީ ބޯޅަ ކައިރީގައި ނެތީސް ސީޝެލްސްގެ ކެޕްޓަނަށް އުޅަބޮށިން ހަމަލާ ދީފައެވެ. މި ހަމަލާ ދޭން މެދުވެރިވީ ސަބަބެއް އަދި ނޭނގެއެވެ.

ޔޫތު މިނބިސްޓަރު މަޖިލީހުގައި ވިދާޅުވި ގޮތުގައި އަޑުބަރޭގެ އަމަލަކީ ދެރަ އަމަލެކެވެ. އޭނާ ކުރީ ކޮށްގެން ވާނޭ ކަމެއް ނޫނެވެ. އެހެންނަމަވެސް އެކަމާ ގުޅިގެން ފިޔަވަޅު އަޅާނީ ޔޫތު މިނިސްޓްރީންނެއް ނޫނެވެ. އަޅަން ޖެހޭ ފިޔަވަޅެއް އަޅާނީ ފީފާއިންނެވެ. އޭނާއަށް ފިޔަވަޅެއް އަޅަން އެފްއޭމަށް ނާންގަވާނޭ ކަމަށާއި އަދި ޓީމުން ވަކިކޮށްލަން ނުވަތަ ޓީމުގައި ބަހައްޓަންވެސް ނާންގަވާނޭ ކަމަށް މަޚްލޫފް ވިދާޅުވިއެވެ. މިނިސްޓަރު ވަނީ އަޑުބަރޭގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފައެވެ. އޭނާއަކީ މޮޅަށް ކުޅުނު ކުޅުންތެރިއެއް ކަމަށާއި މިހާރުގެ ޒުވާން ކުޅުންތެރިންނަށްވުރެ ފިޓުކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަޑުބަރޭގެ އަމަލާ ގުޅިގެން ސޯޝަލް މީޑިއާގައި މީހުން ގެންދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރަމުންނެވެ. މާލޭގައި މިދިޔަ މަހު ބޭއްވި ސާފް ޗެމްޕިއަންޝިިޕް މުބާރާތު އަޚްލާގީ ގޮތުން އެންމެ ރަނގަޅު ޓީމަކަށް ހޮވުނީ ދިވެހިރާއްޖެއެވެ. އެފަދަ ޓީމެއްގެ ކުޅުންތެރިއެއްގެ ފަރާތުން ފެނުނު ހުތުރު އަމަލަކީ މުޅި ރާއެްޖެއަށް ލިބުނު ހުތުރެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.