
އިސްރާއީލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން އާބާދުކުރުމަށް އިސްރާއީލުން ކުރަމުންދާ މަސައްްކަތް އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) ގެ މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުން ކުށްެވެރިކޮށް، އެކަން ވަގުތުން ހުއްޓާލުމަށް ގޮވާލައިފިއެެވެ.
މިގޮތަށް ފާސްކޮށްފައި ވަނީ ހުޅަނގު އައްސޭރިއާއި، އިރުމަތީ ޤުދްސާއި، ސީރިޔާ (ސޫރިޔާ) ގެ ޖޫލާން (ގޯލާން) ގައި އިސްރާއީލުން ކުރިއަށް ގެންދާ ޔަހޫދީން އާބާދުކުރުގެ މަސައްކަތާމެދު އދ. ގެ އާއްމު މަޖިލީހުގެ ހަތަރުވަނަ ކޮމިޓީ (ސިޔާސީ ކަންކަމާ، އިސްތިއުމާރު ނިމުމަކަށް ގެނައުމާ ބެހޭ ކޮމިޓީ) ގައި ބަހުސްކުރުމަށް ފަހު ލީ ވޯޓުގައެވެ.
ޔަހޫދީން ވަޒަންވެރިކުރުން ކުށްވެރިކުރުމާ ބެހޭ ގަރާރަށް ތާއީދުކޮށް 143 ގައުމަކުން ވޯޓުލީއިރު، ގަރާރާ ދެކޮޅަށް ވޯޓު ލާފައި ވަނީ 7 ގައުމަކުންނެވެ. އޭގެ ތެރޭގައި އެމެރިކާވެސް ހިމެނެއެވެ. 16 ގައުމަކުން ވޯޓުުގައި ބައިވެރި ނުވެއެވެ.
ތުރުކީގެ އަނަޑޯލޫ އެޖެންސީއަށް ކޮޕީ ލިބިފައިވާ މި ގަރާރުގައި ވަނީ "ހިފާފައިވާ އިރުމަތީ ޤުދްސާއި އެރަށުގެ ވަށައިގެން އާބާދީތައް ބިނާކޮށް ފުޅާކޮށް...... އެ އާާބާދީތަކާއި އިރުމަތީ ޤުދްސުގެ ވަށައިގެން ބިނާކޮށްފައިވާ ޣައިރުގާނޫނީ އާބާދީތަކާއި ގުޅުވާލައި، އިިރުމަތީ ޤުދްސު އެކަހެރިކޮށްލުމަށް ކުރާ މަސައްކަތް" ކުށްވެރިކޮށްފައެވެ.
އަދި"ފަލަސްޠީނު މީހުންގެ ގެތައް ތަޅާލުމާއި، އިރުމަތީ ޤުދްސުން ފަލަސްޠީނު މީހުންގެ އާއިލާތައް ބޭރުކުރުމާއި، އެރަށުގައި ދިރިއުޅުމުގެ ހައްގު ފަލަސްޠީނު މީހުންގެ ކިބައިން ނިގުޅައިގަތުން" ވެސް އެ ގަރާރުގައި ކުށްވެރިކޮށްފައި ވެއެވެ.
އާއްމު މަޖިލީހުގެ ހަތަރުވަނަ ކޮމިޓީގެ ގަރާރު ނިންމާލަމުން އިސްރާއީލަށް ގޮވާލާފައި ވަނީ އިރުމަތީ ޤުދްސާއި ހިފާފައިވާ ފަލަސްޠީނުގެ އެެހެން ބިންތަކާއި ސޫރިޔާގެ ޖޫލާންގައި ހިންގާ ޔަހޫދީން އާބާދުކުރުމުގެ ހުރިހާ މަސައްކަތެއް ހުއްޓާލުމަށާއި 1967 ގައި ފަލަސްޠީނު އޮތް ސަރަހައްދުގައި ފަލަސްޠީނު ދައުލަތެއް ގާއިމުކުރުމަށް ހުރަސް ނޭޅުމަށެވެ.