ހިފާފައިވާ އިރުމަތީ ޤުދްސުގައި ޔަހޫދީން ވަޒަންވެރިކުރުމުގެ ބިޔަ މަޝްރޫއު ކުރިޔަށް

އިރުމަތީ ޤުދްސުގައި އަރަބި ބަދަވީން ދިރިއުޅޭ ގެއެއް

އިސްރާއީލުން އަޅުވެތިކޮށްފައިވާ އިރުމަތީ ޤުދްސުގައި ޔަހޫދީން ވަޒަންވެރިކުރުމުގެ ބިޔަ މަޝްރޫއެއް އެ ގައުމުގެ ސަރުކާރުން ފަށައިފި ކަމަށް، ޔަހޫދިން ވަޒަންވެރިކުރުމުގެ ކަންކަން ގާތުން ބަލަމުންދާ އެންޖީއޯ ޕީސް ނައުއިން ބުނެފިއެވެ.

ޕީސް ނައުން ނެރުުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެ ޖަމާއަތުން ވަނީ ކުރިންވެސް މި މަޝްރޫއާ ދެކޮޅުކަން ހާމަކޮށް އިސްރާއީލު ސަރުކާރަށް ލިޔެފައެެވެ. މި މަޝްރޫއުގެ ދަށުން ޤުދްސުގެ އިރުއުތުރުގައި އަރަަބި ބަދަވީންގެ ގާތްގަނޑަކަށް 10 ހާސް މީހުން ދިރިއުޅޭ ހިސާބު ކަމުގައިވާ އީ-1 ގެ 15 އަކަކިލޯމީޓަރު (6 އަަކަމޭލު) ގެ ސަރަހައްދެއްގައި ޔަހޫދީންނަށް ޚާއްސަކޮށްގެން 3412 ހައުސިން ޔުނިޓް އެޅުމަށްް ވަނީ ހަމަޖެހިފައެވެ. މަގްސަދަކީ ޤުދްސުގެ އިރުން 7 ކިލޯމީޓަރު ދުރުގައި އޮންނަ ޔަހޫދީ އާބާދީ، މައާލީ އަޑުމީމްއާ އިރުމަތީ ޤުދްސު ގުޅާލުމެެވެ.

"ހަޔާ ޕްލޭނިންގ ކައުންސިލް (އެޗްޕީސީ) އިން ވަނީ އީ-1 ގައި 3412 ހައުސިން ޔުނިޓް އެޅުމާ ދެކޮޅު ޕީސް ނައު، އިރް އަމީމް އަދި އެހެން ފަރާތްތަކަށް އޮކްޓޯބަރު 4 އަދި 18 ގައި އެތަނަށް ހާޒިރުވުމަށް އަންގައި މިއަދު ނޯޓިސް ފޮނުވާފައި." ޕީސް ނައުގެ ބަޔާނުގައި ވެއެވެ. އެޗްޕީސީއަކީ އާބާދީތައް ބިނާކުރުމުގެ ހުއްދަދޭ އިދާރާއެވެ.

އާބާދީތައް ބިނާކުރުމަކީ "ސުލްހައާއި، ދެ ދައުލަތުގެ ހައްލާއި ދެކޮޅަށް އެޅޭ މަރުގެ ފިޔަވަޅެއް. މިކަމުގެ ސަބަބުން ހުޅަނގު އައްސޭރި ހުރަހަށް ބައިވެ، ރާމަﷲ އާއި، އިރުމަތީ ޤުދްސާއި، ބައިތުލަޙްމް ގުޅުވާލުމަށް ކުރެވޭ މަސައްކަތަަށް ހުރަސްއެޅިގެން ދާނެ." ޕީސް ނައުއިން އިތުރަށް ބުނެފައި ވެއެވެ.

ފަލަސްޠީނު ސަރުކާރުވެސް ކުރިން ސަމާލުކަމަށް ގެނެސްފައިވާ ގޮތުގައި، އީ-1 ގައި ޔަހޫދީން ވަޒަންވެރިކުރުމަށް ހިންގާ މަޝްރޫއުގެ ސަބަބުން ހުޅަނގު އައްސޭރި އަމަލީގޮތުން ދެބައިވެ، 1967 ގެ ސަރަހައްދުގައި ފަލަސްޠީނުގެ ބިން ގުޅިފައިވާ ދައުލަތެއް ގާއިމުކުރުމަށް ހުރަސްއެޅޭނެއެވެ.

ބައިނަލްއަގުވާމީ މުޖުތަމައުން ދެކޭގޮތުގައި އިރުމަތީ ޤުދްސާއި ހުޅަނގު އައްސޭރިއަކީ ހިފާފައިވާ ބިންތަކެވެ. އެ ސަރަހައްދުގައި އާބާދީތައް ބިނާކުރުމަކީ ޣައިރުގާނޫނީ އަމަލެކެވެ.  

ޕީސް ނައު (ސަލާމް އަލްއާން) އަކީ އިސްރާއީލާއި ފަލަސްޠީނާއި ދެމެދު ސުލްހަ ގާއިމު ދެ ދައުލަތުގެ ހައްލަކަށް މަސައްކަތްކުރާ ޔަހޫދީންގެ ބަޔަކު އިސްވެ ތިބެ ހިންގާ ޖަމާއަތެކެވެ. އެ ޖަމާއަތުން ދަނީ ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދްސުގައި ޔަހޫދީން އާބާދުކުރުމަށް އިސްރާއީލުން ހިންގާ މަޝްރޫއުތަކާއި ފާޅުގައި ދެކޮޅުހަދައި އެކަން ހުއްޓުވުމަށް މަސައްކަތްކުރަމުންނެވެ.

އެ ޖަމާއަތުން ބުނި ގޮތުގައި އިސްރާއީލުން ދަނީ 1990 ގެ އަހަރުތަކުން ފެށިގެން އިރުމަތީ ޤުދްސުގައި ޔަހޫދީ އާބާދީތައް ބިނާކުރެވޭތޯ މަސައްކަތްކުރަމުންނެވެ. އެހެންނަމަވެސް، އިސްރާއީލުގެ ތެރެއިންނާއި، ބޭރު ދުނިޔެއިން އެކަމާ ދެކޮޅު ހަދާވަރުން އެކަން ކުރިއަަށް ނުގެންދެވިފައި އޮތީއެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް 2012 ވަނަ އަހަރު ހުއްދަދިނީ ކުރީގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއެވެ. އަދި މި މަޝްރޫގެ ވާހަކަ އަލުން ނަގާފައި ވަނީ 2020 ވަނަ އަހަރުގެ ފެބުރުވަރީ މަހު އޮތް އާއްމު އިންތިޚާބުގެ ދުވަސްވަރުއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.