ނޮވެމްބަރު ތިނެއްގައި ދިވެހި ސިފައިން ދެއްކީ މިއަދާއި މާދަމާގެ ޒުވާނުންނަށް ހުރި މަތިވެރި ނަމޫނާއެއް: ރައީސުލްޖުމްހޫރިއްޔާ

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ދިވެހި ސިފައިން މި ޤައުމަށް ދެއްކެވި ޤައުމީ ނަމޫނާއަކީ، މިއަދާއި މާދަމާގެ ދަރިންވެސް، ނަމޫނާއެއްގެ ގޮތުގައި ދެކެންޖެހޭނެ، އަދި އެ ބޭފުޅުންގެ ޒިކުރާ އަބަދުވެސް އާކުރަންޖެހޭނެ މަތިވެރި ނަމޫނާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހާއްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ މިއަދު ފާހަގަ ކުރާ 34 ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބެއްގައެވެ.

ނަޞްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި ދިވެހިންގެ ޚާއިނުންގެ ބަޔަކު ތަމަޅަ ހަނގުރާމަވެރި ބަޔަކު ގޮވައިގެން މާލެ އަރައި މާލެ ހިފަން ދިން ހަމަލާގައި ދިވެހި ސިފގައިންނާއި ރައްޔިތުންނަށް މާތް ﷲ ދެއްވި ނަޞްރު ފާހަގަ ކުރުމުގެ ގޮތުން ކޮންމެ އަހަރަކު ނޮވެމްބަރު މަހުގެ 3 ގައި ފާހަގަކުރާ ދުވަހެކެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ފޮނުއްވި ޚިޠާބުގައި ވަނީ ދިވެހިންގެ ތެރެއިން 3 ނޮވެމްނަރު 1988 ގައި ޝަހީދުވީ ބޭކަލުންގެ ޒިކުރާ އައު ކުރައްވައި އެ ބޭކަލުންނަށްޓަކައި ހެޔޮ ދުޢާ ކުރައްވައިފައެވެ.

"ދިވެހިރާއްޖޭގައި ފަޚުރުވެރިކަމާއެކު ނަޞްރުގެ ދުވަހެއް ފާހަގަކުރަމުންމި އަންނަނީ، ހިތްވަރުގަދަ ދިވެހި ސިފައިން ވެފައިވާ ވަރަށް މަތިވެރި ޤުރުބާނީއެއްގެ ހަނދާންތައް އައުކޮށްދެމުންނެވެ. ދީނާއި ޤައުމަށްޓަކައި ފުރާނައިން ފިދާވެދިޔަ އެތައް ސިފައިންނެއްގެ ޒިކުރާ އައުކޮށްދެމުންނެވެ. މިއީ، ދުޝްމަނުން ދެމުންދިޔަ ވަރުގަދަ ޙަމަލާތަކުގެ ކުރިމަތީގައި، ދިވެހި ޢަސްކަރިއްޔާގެ ހިތްވަރުގަދަ ކެރޭ ފަހުލަވާނުން، އަމާންނުދީ ސާބިތުކަމާއެކު ހަނގުރާމަކޮށް، ދިވެހި ޤައުމަށް ނަޞްރު ހޯދައިދިން ދުވަހެވެ. މިއަދު ދިވެހިރާއްޖޭގެ ކޯއްޓޭތަކުގައި، ފެއްސާއި ރަތާއި ހުދުގެ ޤައުމީ ދިދަ ވިހުރެމުން އެދަނީ، އެ ދުވަހު ދިވެހި ސިފައިން ވެފައިވާ މަތިވެރި ޤުރުބާނީގެ ސަބަބުންނެވެ." ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވެއެވެ.

އެމަނިކުފާނު ފާހަގަ ކުރައްވައިފައިވާ ގޮތުގައި 3 ނޮވެމްބަރުގެ ބިރުވެރި އަދި ނުރައްކާޓެރި ހަމަލާގެ ވަގުތުގައިވެސް ދިވެހި ރައްޔިތުން  އުއްމީދު ކަނޑައެއްނުލައެވެ. ދިވެހި ޢަސްކަރިއްޔާއަށް އޮތް އިތުބާރު ދެމެހެއްޓިއެވެ. ދިވެހި ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ސާބިތުކޮށްދިނެވެ. ޤާނޫނީ ސަރުކާރަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންތެރިވިއެވެ. އެންމެ ވަރުގަދަ ހަތިޔާރެއް ކަމުގައި ހެދީ، ހިތްތަކުގައި ބިންވަޅު ނެގިފައިވާ އިސްލާމީ މަތިވެރި ޢަޤީދާއެވެ.

ޚިޠާބު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވެއެވެ. "ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއިން ދިވެހިރާއްޖެ ސަލާމަތުގެ އައްސޭރިއަށް ފޯރުކޮށްދިނީ، ދިވެހި ދަރިންގެ ހިތްވަރާއި ހިންމަތާއި މިންނަތުންނެވެ. ދިވެހި ދަރީންތަކެއް ވެދިން މަތިވެރި ޤުރުބާނީގެ ސަބަބުންނެވެ. އެ ދުވަހު ބައިނަލްއަޤްވާމީ ދުނިޔެ ދިވެހިރާއްޖެއާއެކު ސާބިތުވެ އޮތް އޮތުމަކީ، ދިވެހިންނަށް ލިބުނު ވަރުގަދަ ހިތްވަރެކެވެ. ޚާއްޞަކޮށް، އަވަށްޓެރި އިންޑިއާއިން އެދުވަހު ފޯރުކޮށްދިން ޢަސްކަރީ އަވަސް އެހީގެ މަތީން ހަނދާންކޮށް، އެ ޤައުމުގެ އެކުވެރި ރައްޔިތުންނަށާއި ސަރުކާރަށް ޙައްޤު ޝުކުރު އަދާކުރަން ޖެހެއެވެ."

ޚިޠާބު ނިންމަވައިލައްވަމުން އެމަނިކުފާނު ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައި ވަނީ އެންމެން އެކަތިގަނޑަކަށް ވެގެން ތިބެ އެއް އަޒުމެއްގައި ބަދަލުވަމުންދާ ދުނިޔޭގައި ކުރިމަތިލާން ޖެހޭ ނުރައްކާތަކާ ކުރިމަތިލާށެވެ.

"ދިވެހިރާއްޖޭގެ ފަޚުރުވެރި ނަޞްރުގެ ދުވަސް ދިވެހިންނަށް ހަނދާން އާކޮށްދެނީ، ޤައުމީ މަޞްލަޙަތު ދެމެހެއްޓުމުގެ މުހިންމުކަމެވެ. އަމިއްލަ އެދުމުގެ ކުރިއަށް، ދީނާއި ޤައުމު ނެރެންޖެހޭކަމެވެ. ބަދަލުވަމުންދާ ދުނިޔޭގައި ކުރިމަތިލާންޖެހޭ ނުރައްކާތައް ދަނީ ތަފާތުވަމުންނެވެ. ނަމަވެސް ރައްޔިތުން، އެއް ޢަޒުމެއްގައި އެކަތިގަނޑެއްގެ ގޮތުގައި ތިބެ، އެފަދަ ކަންކަމާ ކުރިމަތިލައިފިނަމަ، މާތްﷲގެ ވާގިފުޅާއި މިންވަރުފުޅުން ކާމިޔާބާއި ނަޞްރު ލިބޭނެކަން ކަށަވަރެވެ. އިސްތިޢުމާރީ ބާރުތަކާ ދެކޮޅަށް، ކާބަފައިންނެކޭ އެއްފަދައިން ހަނގުރާމަކުރުމަށް ފަސްނުޖެހޭ، ޒުވާން ލޭ ހިނގާ ދަރިން، މި ޤައުމުގައި އާލާވެ އިތުރުވަމުން ދާންޖެހެއެވެ. ޝަހީދު ކޯޕްރަލް ޙުސައިން އާދަމާއި، ނޮވެންބަރު ތިނެއްގައި ޝަހީދުވެދިޔަ ޤައުމީ ބަޠަލުން އެ ސާބިތުކޮށްދެއްވީ އެކަމެވެ." ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.