މުޅި ދުނިޔޭގެ އެންމެ ބޮޑު ސިއްހީ މައްސަލަ ކަމުގައި ވެފައިވާ ކޮވިޑް-19 ކޮންޓުރޯލުކުުރުމަށް ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި 23.4 ބިލިއަން އެމެރިކާ ޑޮލަރު ބޭނުންވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ. މިފައިސާ ޚަރަދުވާނެކަމަށް އެޖަމްއިއްޔާއިން ލަފާކޮށްފައި މިވަނީ ކޮވިޑް-19 އާއި ހަނގުރާމަކުރުމުގެ ވަސީލަތްތައް ގައުމުތަކަށް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް އެ ޖަމްއިއްޔާއިން ހިންގާ 'އެކްސެސް ޓު ކޮވިޑް ޓޫލްސް- އެކްސެލެރޭޓަރ' ޕްރޮގްރާމަށެވެ.
"ދުނިޔޭގެ މައި ސިއްހީ ޖަމްއިއްޔާތައް ގުޅިގެން މަަސައްކަތްކުރުމަށް 23.4 ބިލިއަން ޑޮލަރު ބޭނުންވޭ. އެއީ ބައްޔަށް އެންެމެ ބޮޑަށް ހުށަހެޅިފައިވާ ގައުތަކަށް މިހާރުން ފެށިގެން ސެޕްޓެންބަރު 2022 އާ ހަަމައަށް ކޮވިޑް-19 އާ ހަނގުރާމަކުރާނެ ވަސީލަތްތައް ހޯދުމުގައި އެހީތެރިވެދިނުމަށް." ޑަބްލިޔުއެޗްއޯއިން ނެރުުނު ބަޔާނެއްގައި ވެއެވެ.
އެ ޖަމްއިއްޔާއިން ފާހަގަކުރި ގޮތުގައި ކޮވިޑް-19 ގެ ސަބަބުން ލިބުނު އެތައް ބިލިއަން ޑޮލަރުގެ ގެއްލުމާއި، އިގުތިސާދު ދިރުުވުމަށް އެކުލަވާލި އިގުތިސާދީ ޕެކޭޖްތަކަށް ކަނޑައެޅި އެތައް ބިލިއަން ޑޮލަރަށް ބަލާއިރު، އެ ޖަމްއިއްޔާއިން ހުށަހެޅީ ކުޑަ އަދަދެކެވެ.
ކޮވިޑް-19 ގެ އެންމެ ފަހުގެ އަދަދުތައް ދައްކާ ގޮތުން، ޗައިނާގައި ކޮރޯނާ ވައިރަސް ފެތުރެމުންދާކަން ފާއިތުވި 2019 ވަނަ އަހަރުގެ ޑިސެންބަރު މަހު ޑަބްލިޔުއެޗްއޯއިން ކަށަވަރުކޮށްދިން ފަހުން މިހާތަނަށް ކޮވިޑް-19 ގައި 4.9 މިލިއަން މީހުން ވަނީ މަރުވެފަައެވެ. މިއީ ރަސްމީ ހިސާބުތައް ބަލަހައްޓާ އިދާރާތަކުން އިއްޔެއާ ހަމައަށް ހާމަކޮށްފައިވާ އަދަދުތަކަށް ބަލައިގެން އޭއެފްޕީން އާއްމުކޮށްފައިވާ އަދަދެކެވެ.
އޭއެފްޕީން އިތުރަށް ބުނެފައިވާ ގޮތުގައި ދުނިޔޭގައި 245 މީހުންނަށް ކޮވިޑް-19 ޖެހި، އެމީހުން ބޮޑު ބައެއް މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ. އެެހެންނަމަވެސް، ރަނގަޅު ބައެއް މީހުންނަށް އެބަލީނގެ އުނދަގޫތައް އެތައް ހަފުތާއަކަށް އަދި ބައެއް ފަހަރު އެތައް މަހަކަށް ދެމިގެން ގޮސްފައި ވެއެވެ.
އެހެންނަމަވެސް، ޑަބްލިޔުއެޗްއޯއިން ބުނާގޮތުގައި ކޮވިޑް-19 ސީދާގޮތުންނާއި ނުސީދާގޮތުން ގުޅުން ހުރި މަރުތަކަށް ބަލާއިރު، އެބަލީގައި މަރުވި މީހުންގެ އަަދަދު ރަސްމީ އަދަދުތަކަށްވުރެ ދެ ގުނަ ނުވަތަ ތިން ގުނަ އިތުރުވުން އެކަށީގެން ވެއެވެ.
ޑަބްލިއުއެޗްއޭގެ އަމާޒަކީ އެ ޖަމްއިއްޔާގެ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، ދުނިޔޭގެ ހުރިހާ ގައުމެެއްގެ މަދުވެގެން %40 މީހުންނަށް މިއަހަރު ނިމުުމުގެ ކުރިން ކޮވިޑް-19 ވެކްސިން ޖެހެމެވެ.
އެެހެންނަމަވެސް، އެމެރިކާއާއި އިނގިރޭސިވިލާތް ފަދަ މުއްސަނދި ގައުމުތަކުގައި ތިންވަނަ ޑޯޒެއް ޖަހަން ފަށާފައި ވާއިރު، އެފްރިކާގެ 1.4 ބިލިއަން މީހުންގެ ތެރޭން ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރެވިފައި ވަނީ އެންމެ %5 މީހުންނަށެވެ.