ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން އެކުަލަވާލާފައި އޮންނަ ކުއްލި ހާލަތުގައި ބޭނުންކުރަން ހުއްދަކުރާ ބޭހުގެ ލިސްޓު، އެމަޖެންސީ ޔޫޒް ލިސްޓު (އީޔޫއެލް) ގައި ކޮވިޑް-19 އަށް ފައިޒާއާއި ބަޔޯންޓެކް އުފެއްދި ވެކްސިން ހިމަނައިފިއެވެ. މިކަމުގެ ސަބަބުން ފަގީރު ގައުމުތަކުގައި މި ވެކްސިން ބޭނުންކުރުމަށް މަގުފަހިވެގެން ދާނެއެވެ.
ޑަބްލިޔުއެޗްްއޯއިން ބުނީ އެ ޖަމްއިއްޔާގެ ސަރަހައްދީ އޮފީސްތަކާ ގުޅިގެން ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކަށް ދެ ޑޯޒް ޖަހަންޖެހޭ މި ވެކްސިނާ ބެހޭ މައުލޫމާތު ފޯރުކޮށްދޭނެ ކަމުގައެވެ.
އީޔޫއެލްއަކީ، ބޭހުގެ ގެއްލުމާއި ފައިދާއާއި ގެއްލުން އަމިއްލައަށް ބަލައި އެއީ ބޭނުންކުރަން ކަމުދާ ބޭހެއްތޯ ކަނޑައަޅާ ފެންވަރުގެ އަމިއްލަ އިދާރާތައް ނުހުންނަ ފަގީރު ގައުމުތަކަށް އިތުރު ހުއްދައަކާއި ނުލައި ބޭސް ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދިނުުމުގެ ބޭނުމުގައި ޑަބްލިޔުއެޗްއޯއިން އެކުލަވާލާފައި އޮންނަ ލިސްޓެކެވެ. އެހެންކަމުން، ފައިޒާ-ބަޔޯކްޓެކްގެ ކޮވިޑް-19 ވެކްސިން މި ލިސްޓުގައި ހިމެނުމާއެކު ކޮންމެ ގައުމަކަށްވެސް އިތުރު ހުއްދައަކާއި ނުލައި އެ ވެކްސިން ބޭނުންކުރުމުގެ މަގު ފަހިވީއެވެ.
މިވެކްސިިން އީޔޫއެލްގައި ހިމެނުމުގެ ސަބަބުން "ގައުމުތަކަށް ވެކްސިން އެތެރެކޮށް ބޭނުންކުރުމުގެ ހުއްދަދޭ އަމިއްލަ އިދާރާތަކަށް އެކަންކުރުމަށް ފަސޭހަވެގެން ދާނެ" ކަމަށް ޑަބްލިޔުއެޗްއޯއިން ނެރުނު ބަޔާނެއްގައި ވެއެވެ.
ޑަބްލިޔުއެޗްއޯއިން ބުނެފައިވާ ގޮތުގައި އެ ޖަމްއިއްޔާގެ އަމިއްލަ ތަހުލީލުތަކުން އެގުނު ގޮތުގައި ރައްކާތެރިކަމާއި، ނަތީޖާއަށް ބަލާއިރު ފައިޒާ ވެކްސިން ކުރިމަތިވެދާނެ ސިއްހީ ނުރައްކަލަކަށް ވުރެ އޭގައި ހުރި "ކޮންމެހެން ހުންނަން ޖެހޭ ސިފަތައް" މާ ފުރިހަމައެވެ.
"މިއީ ކޮވިޑް-19 ވެކްސިން ދުނިޔޭގެ ހުރިހާ ހިސާބަކަށް ލިބިދިނުމަށް އެޅުނު ވަރަށް އީޖާބީ (ޕޮޒިޓިވް) ފިޔަވަޅެއް." ޑަބްލިޔުއެޗްއޯގެ ބޭހާ ބެހޭ ޕްރޮގްރާމް ލީޑަރެެއް ކަމުގައިވާ މެރިއަންޖެލާ ސިމާއޯ ވިދާޅުވިއެވެ.
ޑަބްލިޔުއެޗްއޯގެ ބައިވެރިވުމާއެކު އުފައްދާފައިވާ ކޮވެކްްސް އެލާޔަންސުން ވަނީ ވެކްސިން އުފައްދާ ތަފާތު ކުންފުނިތަކާއެކު ކޮވިޑް-19 ވެކްސިންގެ 2 ބިލިއަން ޑޯޒް ގަތުމަށް އެއްބަަސްވުން ހަދާފައެވެ. މިއީ ފަގީރު އަދި ތަރައްގީވަމުން އަންނަ ގައުމުތަކަށް ބޭނުންވާ ވެކްސިން ހޯދައިދިނުމަށް އުފައްދާފައިވާ އިއްތިހާދެކެވެ.
ފައިޒާގެ ކޮވިޑް-19 ވެކްސިން އީޔޫއެލް ލިސްޓުގައި ހިމެނިއިރު، ކުރިއަރާފައިވާ އެތައް ގައުމެއްގެ އިދާރާތަކުގެ ހުއްދަ ލިބިގެން އެ ވެކްސިން މިހާރު ދަނީ ޖަަހަމުންނެވެ.
ފައިޒާގެ ކޮވިޑް-19 ވެކްސިން އެއްތަނުން އެނެއްތަނަށް އުފުލައި ރައްކާކުރުމުގައި ގެންގުޅޭ ފިނިހޫނުމިނުގެ ސަބަބުން ކުރިއަރާފައިވާ ގައުމުތަކަށްވެެސް ދަތިތައް ކުރިމަތިވަމުން ދާއިރު، ތަަރައްގީވަމުން އަންނަ، ވަސީލަތްތައް މަދު ގައުމުތަކަށް އެއީ ބޮޑު ގޮންޖެހުމަކަށް ވާނެއެވެ. އެ ވެކްސިން ގެންގުޅެން ޖެހެނީ 70- ޑިގްރީ ސެލްސިއަސްގައެވެ. މިފެންވަރަށް ގަނޑުކުރާ ވަސިަލަތް އަދި ހުރީ މަދު ގައުމެއްގައެވެ.