ޕާކިސްތާނުގައި މަނާކޮށްފައިވާ ދީނީ ޕާޓީއެއްގެ ލީޑަރު މިނިވަންކުރުމަށް ގޮވާލައި ވަރުގަދަ އިހުތިޖާޖުތަކެއް

ޓީއެލްޕީއަށް ތާއީދުކުރާ މީހުން ލާހޯރުގައި އިހުތިޖާޖުކުރަނީ

ޕާކިސްތާނުގައި މިހާރު މަނާކޮށްފައިވާ ދީނީ ޕާޓީ، ތަޙްރީކެ ލައްބައިކަ ޕާކިސްތާން (ޓީއެލްޕީ) ލީޑަރު ސަޢުދު ޙުސައިން ރިޒްވީ މިނިވަންކުރުމަށް ގޮވާލައި އެ ޕާޓީއަށް ތާއީދުކުރާ މީހުން ވަރުގަދަ އިހުތިޖާޖުތަކެއް ބާއްވައިފިއެވެ.

ފާއިތުވި އެޕްރީލް މަހު ޕާކިސްތާނު ފުލުހުން ރިޒްވީ ހައްޔަރުކުރީ، ކީރިތީ ރަސޫލާ ގެ ކާޓޫނުކުރެހި ފަރާތްތައް ދިފާއުކުރައްވައި ފްރާންސުގެ ރައީސު އިމާނުއެލް މެކްރޯން ވާހަކަފުޅުދެއްކެވުމާ ގުޅިގެން، ދީނަށް ފުރައްސާރަކުރިކަމުގެ ކުށުގައި ފްރާންސުގެ އެމްބެސެޑަރު ޕާކިސްތާނުން ބޭރުކުރުމަށް ގޮވާލައި މުޅި ޕާކިސްތާނުގައި ކުރި ހަަމަނުޖެހުން ބޮޑު އިހުތިޖާޖުތަކަށް ފަހުގައެވެ. ހަފުތާއެެއްހާ ދުވަހަށް ދެމިގެން ދިޔަ އެ އިހުތިޖާޖުތަކުގައިި ފުލުހުންގެ 6 މީހުން މަރުވެ، 800 އެއްހާ މީހުން ޒަޚަމްވެފައި ވެއެވެ.

ޓީއެލްޕީން މިފަހަރުގެ އިހުތިޖާޖު ފަށާފައި މިވަނީ ފްރާންސުގެ އެމްބެސެޑަރު ފޮނުވާލުމުގެ އިތުރަށް، އެ ޖަމާއަތުގެ ލީޑަރު ރިޒްވީ މިނިވަންކުރުމަށް ޕާކިސްތާނު ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުމަށެވެ. ލާހޯރުގައި އިއްޔެ ކުރިއަށް ދިޔަ އިހުތިޖާޖު  ހަމަނުޖެހުމަަކަށް ބަދަލުވެ ފުލުހުންނާ އިހުތިޖާޖުކުރާ މީހުންނާ ދެމެދު ވަނީ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފައެެވެ. މި ކުރިމަތިލުންތަކުގައި ފުލުހުން 3 މީހަކު މަރުވެ އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.

ހަރުކަށި ދީނީ ޖަމާއަތް، ޓީއެެލްޕީން ތައްޔާރުވަމުން ދިޔައީ އެ ޖަމާއަތުގެ މައި މަރުކަޒު ކަމުގައި ބެލެވޭ ލާހޯރުން ޕާކިސްތާނުގެ ވެރިރަށް 'ދިގު ހިނގާލުމެއް' ބޭއްވުމަށެެވެ. އެހެންނަމަވެސް، ފުލުހުން ވަނީ މި ހިނގާލުމަށް ހުރަސް އެޅުމަށް ބެރިކޭޑް ޖަހާފައެވެ. ހަމަނުޖެހުމަކަށް އިހުތިޖާޖު ބަދަލުވީ ބެރިކޭޑްތައް ފަޅާލައި ހިނގާލުން ކުރިއަށް ގެންދަން އުޅުމާ ގުޅިގެންނެވެ.

އާއްމު ގޮތެއްގައި ގިނަ ބަޔަކު މަގު މައްޗަށް ނެރުމުގެ ގާބިލުކަން ލިބިފަވާކަން މާޒީގައި ދައްކާފައިވާ ޓީއެލްޕީގެ 'ދިގު ހިނގާލުން' ފެށުމާއެކު ވެރިރަށް އިސްލާމްއާބާދުގައި ވަނީ ދުރާލައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އިސްލާމްއާބާދަށް ވަދެވޭ މައިމަގުތައް ބަންދުކޮށް އެރަށުގެ ގިނަ ސަރަހައްދުތަކެއްވެސް ވަނީ ބަންދުކޮށްފައެވެ.

"އަހަރުމެންގެ އިހުތިޖާޖު މިވަނީ ފަށާފައި. އަހަރުމެންނާއެކު އެތައް ހާސް ބަޔަކު އެބަތިބި. އަހަރުމެން އެދޭ ކަންތައް ސަރުކާރާ ހަމައަށް ގެންދިއުމަށް އަހަރުމެންގެ އަހަރުމެން އިސްލާމްއާބާދަށް ދާނަން." ޓީއެލްޕީގެ ތަރުޖަމާނު ޞައްދާމް ބުޚާރީ ބުނެފައި ވެއެވެ.

ހަރުކަށި އިސްލާމީ ފިކުރަށް ތާއީދުކުރާ، ޝީޢާއިންނާ ދެކޮޅުވެރި ތަޙްރީކެ ލައްބައިކަ ޕާކިސްތާން (ޓީއެލްޕީ) އުފައްދާފައި ވަނީ 2015 ވަނަ އަހަރުއެވެ. އޭރުއްސުރެ އެ ޖަމާއަތުން ވަނީ ސަރުކާރާ ދެކޮޅަށް ގިނަ ބަޔަކު އެއްކޮށް އިހުތިޖާޖުތައް ބާއްވާފައެވެ. ޓީއެލްޕީގެ ބާނީ ޚާދިމް ޙުސައިން ރިޒްވީ 2020 ވަނަ އަަހަރު މަރުވުމާ ގުޅިގެން އެ ޖަމާއަތާ ހަވާލުވީ އޭނާގެ ދަރިފުޅު ސަޢުދު ޙުސައިން ރިޒްވީއެވެ. އޭނާ މިހާރު ހުރީ ބަންދުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.