ޔަމަނުގެ ހަނގުރާމައިގައި މަރުވި ކުޑަކުދިންގެ އަދަދު ދިހަ ހާހަށް

ޙޫޘީން މައުރިބަށް ދިން ހަމަލާއެއްގައި ގޮވާފައިވާ ރޮކެޓެއްގެ ބައެއް ނަގައިގެން ޔަމަނުގެ ކުޑަކުއްޖަކު

ޔަމަނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި މަރުވި ކުޑަކުދިންގެ އަދަދު 10 ހާހަށް އަރައިފި ކަމުގައި އެގައުމަށް އދ.ގެ ކުޑަކުދިންނާ ބެހޭ ޖަމްއިއްޔާ (ޔުނިސެފް) ގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ. މިއަދު ޔަމަނަކީ ހަނގުރާމައިގެ ސަބަބުން ސުންނާފަތި ވެފައިވާ، ދުނިޔޭގައި އޮތް އެންމެ ފަގީރު އެއް ގައުމެވެ.

އދ. ން ޔަމަނުގައި ހިންގާ ހަނގުރާމައިގެ ކަންކަން ބަލައި ދިރާސާކުރާ މިޝަންއިން ލަފާކުރާ ގޮތުގައި މަރުވި ކުޑަކުދިންގެ އަދަދު މިއަށްވުރެ މަދު ނުވާނެއެވެ. ވިއްޔާ ވާނީ އިތުރެވެ. އެއީ، ނޫސްވެރިންނާ ވާހަކަދައްކަވަމުން ޔުނިސެފްގެ ތަރުޖަމާނު ޖޭމްސް އެލްޑާ ވިދާޅުވިގޮތުގައި، މަރުވި ކިތަންމެ ކުދިންނެއްގެ މައުލޫމާތު ރިކޯޑުނުކުރެވި ހުންނާނެތީއެވެ.

2015 ގައި ސައޫދީ ކޯލިޝަނުން ޔަމަނަށް އެރި ފަހުން، ދުވާލެއްގެ މައްޗަށް 4 ކުދިން މަރުވެފައި، ނުވަތަ ނުކުޅެދޭ ކުދިންނަށް ވެފައިވެއެވެ. މިއީ އޭނާ ސިފަކުރެއްވި ގޮތުގައި "ލަދުވެތި ލަނޑުދަނޑި" އެކެވެ.

އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) އިން ކުރިއްސުރެ ބުނަމުން އައިސްފައިވާ ގޮތުގައި ޔަމަނަށް މިވަގުތު ކުރިމަތިވެފައިވަނީ އަދުގެ ދުނިޔޭގެ އެންމެ ބޮޑު އިންސާނީ ކާރިސާއެވެ. ޝިބްހު ޖަޒީރަތިލް ޢަރަބް (އަރަބް ޕެނިންސިއުލާ) ގެ ދެކުނުގައި އޮންނަ ޔަމަނު ވަނީ ދާޚިލީ ހަނގުރާމައާއި، އިގްތިސާދު ވަޅުޖެހުމާއި، އިޖްތިމާއީ އަދި ސިއްހީ ޚިދުމަތުގެ ވިއުގަ ހަލާކުވުމާއި، އދ.ން ފޯރުކޮށްދެވޭ އިންސާނީ އެހީ ދަށްވުމުގެ ސަބަބުން އަރައިނުގަނެވޭ ވަރުގެ މައްސަލަތަކެއްގެ ތެރެއަށް ވެއްޓިފައެވެ.

ޔުނިސެފުން ބުނެފައިވާ ގޮތުގައި ޔަމަނުގެ ކޮންމެ 5 ކުއްޖަކުން 4 ކުއްޖަކީ އިންސާނީ އެހީ ބޭނުންވާ ކުދިންނެވެ. އެއީ އެ ގައުމުގެ ކުޑަކުދިންގެ އާބާދީއަށް ބަލާއިރު، 11 މިލިއަން ކުޑަކުދިންނެވެ.

އދ.ގެ ހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ މާރިޗު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށް ޔަަމަނުގެ ހަނގުރާމައިގައި 3455 ކުޑަކުދިން މަރުވެ، 6600 އަށްވުރެ ގިނަ ކުދިން ޒަޚަމްވެފައި ވެއެވެ.

އެލްޑާ އިތުރަށް ވިދާޅުވި ގޮތުގައި ހަނގުރާމައިގެ ތެރޭގައި މަރުވުގެ އިތުރަށް އެ ގައުމުގެ ގިނަ ކުޑަކުދިންތަކެއް ދަނީ ބަނޑަށް ޖެހެމުންނެވެ. ކާބޯތަކެތި ނެތިގެންނެއް ނޫނެވެ. އެ ގަންނާނެ ފައިސާ އަތުގައި ނެތިގެންނެވެ.

"އެކުދިން ބަނޑަށް ޖެހެނީ ބޮޑެތި މީހުން ކުރިއަށް ގެންދާ ހަނގުރާމައިގެ އެންމެ ބޮޑު ގެއްލުމެއް ލިބޭ ބަޔަކީ ކުޑަކުދިން ކަމަށް ވާތީ." ޔުނިސެފްގެ ތަރުޖަމާނު އެލްޑާ ވިދާޅުވިއެވެ. "ޔަމަނަކީ ކުޑަކުއްޖެއްގެ ގޮތުގައި ދިރިއުޅެން އެންމެ އުނދަގޫ ތަން... އެކަން ދަނީ އަދި އިތުރަށް ގޯސްވަމުން." އޭނާ އިތުރަށް ވިދާޅުވިއެވެ.

އާމްޑް ކޮންފްލިކްޓް ލޮކޭޝަން އެންޑް އިވެންޓް ޑާޓާ ޕްރޮޖެކްޓް (އޭސީއެލްއީޑީ) އިން ލަފާކޮށްފައިވާ ގޮތުގައި 2014 ވަނަ އަހަރު ޔަމަނުގައި ފެށުނު ދާޚިލީ ހަނގުރާމައިގައި މިހާތަނަށް 1 ލައްކަ 30 ހާސް މީހުން މަރުވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.