ދުނިޔޭގެ އެންމެ ބޮޑު ހިއްސާގެ ބާޒާރު ކަމުގައިވާ އެމެރިކާގެ ހިއްސާގެ ބާޒާރު ވެފައި ވަނީ މަހުޖަނުން އެމީހުންގެ މުއްސަނދިކަން އިތުރުކުރަން ބޭނުންކުރާ ވަސީލަތަކަށެވެ. ކޮވިޑް1-9 ގެ ސަބަބުން ހިއްސާގެ ބާޒާރު ދަށަށް ދިއުމަށް ފަހު މިހާރު އޭގެ ދެގުނައަށް ހިއްސާގެ ބާޒާރު ފުޅާވެފައި ވާއިރު، މިއަހަރުގެ ޖަނަވަރީ މަހަށް ފަހު މިހާތަނަށް %40 އިތުރުވެފައި ވެއެވެ.
ސިއެންބީސީން އާއްމުކުރި ރިޕޯޓެއްގައި ވާގޮތުން އެމެރިކާގައި މުއްސަނދިންނާއި ފަގީރުންގެ ފަރަގަ ބޮޑުވަމުން ދިއުމުގައި އެންމެ ބޮޑު ހިއްސާއެއްއޮތީ އެމެރިކާގެ ހިއްސާގެ ބާޒާރުގައެެވެ. އެ ގޮތުން މިހާރު އެމެރިިގެ ހިއްސާގެ ބާޒާރުގައި ދައުރުވާ ހިއްސާތަކުގެ 89% ވަނީ އެގައުމުގެ އެންމެ މުއްސަނދި %10 ވިޔަފާރިވެރިންގެ އަތުގައެވެ.
ރިޕޯޓުގައި ވާގޮތުން ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ވިޔަފާރި ކުންފުނިތަކަށް ލިބުނު ފައިސާގެ ތެރޭން 6.5 ޓްރިލިއަން ޑޮލަރު އެންމެ މުއްސަނދި މަހުޖަހުންނަށް ލިބުނު އިރު، %90 މީހުންނަށް ލިބިފައި ވަނީ 1.2 ޓްރިލިއަން ޑޮލަރެވެ.
މިއަހަރުގެ ދެވަނަ ހަތަރު މަސް ނިމުނު އިރު، އެމެރިކާގެ އެންމެ މުއްސަނދި މަހުޖަނުން ދިޔައީ ރެކޯޑް އަދަދަކަށް ކުންފުނިތަކުގެ ސްޓޮކާއި، މިއުޗުއަލް ފަންޑުތަކުގެ ފައިސާ ކޮންޓުރޯލުކުރަމުން ދިޔައިރު، ދަށް އާމްދަނީ ލިބޭ %90 މީހުންގެ ކޮންޓުރޯލުގެ ދަށުގައި ވަނީ އެ ފައިސާގެ %11 އެވެ. މިއީ އޭގެ ކުރީ ހަތަރު މަސް ދުވަހު %12 ގައި ހުރި އަދަދެކެވެ.
އެ ރިޕޯޓުގައިވާ އަދަދުތަކުން ހާމަވާ ގޮތުގައި އެމެރިކާގެ ހިއްސާގެ ބާޒާރުގައި ދައުރުވާ ފައިސާގެ %32 ކޮންޓުރޯލު ކުރަނީ އެގައުމުގެ އެންމެ މުއްސަނދި %1 މީހުންނެވެ.
ކޮވިޑް-19 އަށް ފަހު އެންމެ މުއްސަނދި މަހުޖަނުންގެ މުއްސަނދިކަން ދަނީ ހައްތަހާ އިތުރުވަމުންނެވެ. ޖަނަވަރީ 2020 އާއި ޖުލައި 2021 އާ ދެމެދުގެ ހިސާބުތަކަށް ބަލާއިރު، އެންމެ މުއްސަނދި %10 ގެ މުއްސަނދިކަން ވަނީ %43 އިތުރުވެފައެވެ. އާމްދަނީ ދަށް %90 ގެ މުއްސަނދިކަން އިތުރުވީ %33 އެވެ.
ބަލިމަޑުކަމުން އަރައިގަތުމަށް އެމެރިކާ ސަރުކާރުން ތަފާތު ޕެކޭޖްގެ ސިފައިގައި އެތައް ޓްރިލިއަން ޑޮލަރެއް އިގްތިސާދުގެ ތެރެއަށް ދޫކޮށްލާފައި ވެއެެވެ. މަރުކަޒީ ބޭންކް ފެޑެރަލް ރިޒާވްގެ ބެލެންސް 3 ޓްރިލިއަން ޑޮލަރަށް އިތުރުވިއިރު، ސަރުކާރުން ވަނީ 5 ޓްރިލިއަން ޑޮލަރު އިގްތިސާދުގެ ތެރެއަށް ދޫކޮށްލާފައެވެ. މީގެ ސަބަބުން ތަކެތީގެ އަގު އުފުލި އިންފްލޭޝަން މައްޗަށް ޖެހިފައި ވެއެވެ. އާމްދަނީ ދަށް ފަރާތްތަކުގެ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބީ މިއީއެވެ.