މައްކާގެ ޙަރަމްފުޅުގައި ނަމާދަށް ސަފުހަދާއިރު ދުރުދުރުގައި ތިބުން ނިމުމަކަށް ގެނެސްފި

މައްކާގެ ޙަރަމްފުޅުގައި ސަފު ހަދަންވީ ގޮތް އަންގައިދޭން ތަތްކޮށްފައި ހުރި ސްޓިކާއެއް އެތަނުގެ މުވައްޒަފަކު ނައްޓަނީ

ކޮވިޑް-19 އާއި ގުޅިގެން މައްކާގެ އަލްމަސްޖިދުލް ޙަރާމް (މައްކާގެ ޙަރަމްފުޅު) ގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެއްކަމުގައިވާ ތިން ފޫޓު ދުރުގައި ތިބެ ނަމާދަށް ސަފުހެދުން ނިމުމަކަށް ގެނެސްފިއެވެ. މިކަން އުވާލާފައި އުވާލާފައި މިވަނީ މިކަމަށް އަމަލުކުރާތާ ދެއަަހަރެއްހާ ދުވަސް ފަހުންނެވެ.

ދުރުދުރުގައި ސަފު ހަދަން އަންގާ ސްޓިތާއް ޙަރަމްފުޅުގައި މަސައްކަތްކުރާ މީހުންގެ ރޭގެ ވަގުތެެއްގައި ނައްޓާތަން ފެނިފައި ވެއެެވެ. މިއަދުގެ ފަތިސްް ނަމާދަށް މީހުން އައި އިރު އެ ސްޓިކާތައް ވަނީ ނައްޓާފައެވެ. އަދި ފަތިސް ނަމާދު ކުރިއިރު ސަފު ހަަދާފައި ވަނީ ނަމާދުގެ ޖަމާއަތަށް އާއްމުކޮށް ސަފު ހަދާ ގޮތަށް ކައިރިކައިރީގައި ތިބެގެންނެވެ.

މީގެ އިތުރަށް ގެފުޅުގެ ވަަަށައިގެން ޖަހާފައި ހުރި ބެރިކޭޑްތައްވެސް ނަގާފައެވެ. ބެރިކޭޑްގެ ބަދަލުގައި މިހާރު ވަނީ ވާފަށެއް ދަމާފައެވެ. ޙަރަމްފުޅު ބަލަހައްޓާ އިދާރާގެ ވަކީލު އުސާމާ ބިން މަންޞޫރު އަލްޙުޖައިލީ ވިދާޅުވި ގޮތުގައި ބެރިކޭޑްތައް ނެގުމުގެ އެންމެ މުހިއްމު ބޭނުމަކީ ގެފުޅުގެ މަންޒަރު ރީތިކުރުމުވެ.

ޙަރަމްފުޅު ބަލަހައްޓާ އިދާރާގެ ސެކްރެޓަރީ ޖެނެރަލް ޑރ. ސަޢުދު ބިން މުޙައްމަދު އަލްމުޙައިމިދް ވިދާޅުވިގޮތުގައި، ޙަރަމްފުޅުގެ ޖާގައިގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ކޮށް، ރައްކާތެރިކަމާއެކު ވީހާ ގިނަ ބަޔަށް ނަމާދުކުރެވޭނޭ ޕްލޭނެއްް ތައްޔާރުކޮށް މިއަދުން ފެށިގެން އެއަށް އަމަލުކުރަން ފަށާނެެއެވެ.

ޙަަރަމްފުޅުގައި ދުރުގައި ތިބުން ނިމުމަކަށް ގެނައިއިރު، ސައޫދީ އަރަބިއްޔާގައި އާއްމު ތަންތަނުގައްޔާއި، ރޭލާއި، ބަސްފަދަ އާއްމު ދަތުރުފަތުރުގެ ނިޒާމުގައި ހިމެނޭ އުޅަނދުތަކާއި، ހޮޓާ ރެސްޓޯރަންޓްތަކާއި، ސިނަމާތަކާއި، އާއްމު އެއްވުންތަކުގައި ދުރުގައި ތިބުންވެސް މިއަދުންފެށިގެން ލާޒިމުނޫންކަމަށް ވަނީ ނިންމާފައެވެ.

އެހެންނަމަވެސް، މިިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ހާމަކުރި ގޮތުގައި އާއްމު މިސްކިތްތަކުގައި އަދިވެސް ސަފު ހަދާނީ ދުރުދުރުގައި ތިބެގެންނެވެ. އަދި މިސްކިތްތަކަށް ވަދެވޭނީ މާސްކު އަޅައިގެންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.